ޓޫރިސްޓް އޮކިއުޕަންސީ މަތިވެ، 73 ޕަސެންޓްގައި

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަށް ބަލާއިރު، އޮކިއުޕެންސީ ހުރީ 73 ޕަސެންޓްގައި ކަމަށާއި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ލިބުނު ކުރިއެރުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ މަހުގެ ނިޔަލަށް އެއްކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖޭގެ އެވްރެޖް އޮކިއުޕެންސީ 73.9 ޕަސެންޓްގައި ހުރި ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އޮކިއުޕެންސީ ހުރީ 69 ޕަސެންޓްގަ އެވެ. އެހެންވެ މިއީ 4.9 ޕަސެންޓްގެ ކުރިއެރުމެއް ކަމަށާއި މިއީ ހެޔޮފާލެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މި ކުރިއެރުން ލިބިފައި މި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ގައުމުތަކުން ޓްރެވަލް އެޑްވައިޒަރީތައް ނެރެފައި ވަނިކޮށެވެ.

މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އަށް 420,103 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިދިޔަ އަހަރު އައީ 359,053 ޓޫރިސްޓުންނެވެ. އެހެންވެ މިއީ އަދަދުގެ ގޮތުން ބަލާއިރު 17 ޕަސެންޓުގެ އިތުރުވުމެކެވެ.

މި އަހަރު އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. ޔޫރަޕުން ޒިޔާރަތް ކުރި ޓޫރިސްޓުންގެ ނިސްބަތް މިދިޔަ މަހާ ހަމައަށް އުޅެނީ 56.8 ޕަސެންޓުގަ އެވެ. އެއީ 238،696 ޓޫރިސްޓުންނެވެ. ދެން އެންމެ ގިނައިން އައިސްފައި ވަނީ އޭޝިއާ ޕެސިފިކްގެ ގައުމުތަކުންނެވެ. އެ ގައުމުތަކުން ޒިޔާރަތްކުރި ޓޫރިސްޓުންގެ ނިސްބަތަކީ 35.1 ޕަސެންޓެވެ. އެއީ 147،466 ޓޫރިސްޓުންނެވެ. އެމެރިކާ އިން މިދިޔަ މަހުގެ ނިޔަލާ ހަމައަށް ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ 19،107 ޓޫރިސްޓުންނެވެ. އަދި މެދުއިރުމަތީގެ ގައުމުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދަކީ 11،898 އެވެ. އެފްރިކާގެ ގައުމުތަކުން ޒިޔާރަތް ކުރީ 2،880 ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ 758 ތަނެއްގައި އަންނަނީ ޓޫރިސްޓުންނަށް ހިދުމަތް ދެމުންނެވެ. އެ ތަންތަނުގެ އެނދުގެ އަދަދު 41,894 އަށް އަރަ އެވެ.

އެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި 710 ތަނާއި 38,719 އެނދާ ބަލާއިރު 8.2 ޕަސެންޓް އިތުރުވުމެކެވެ.