މާދަރީބަސް

މި ހަފްތާގައި އަޅުގަނޑުމެން ދުނިޔޭގެ މާދަރީ ބަހުގެ ދުވަސް ފާހަގަ ކޮށްފީމެވެ. އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް ރަސްމީ ގޮތުން ކަންތައްތަކެއް ކުރެވުނެވެ. ރަސްމީ ގޮތުން ތޯއެވެ؟ ނުވަތަ ރަމްޒީ ގޮތުން ތޯއެވެ؟ މިހެން ދަންނަވާލަން ޖެހެނީ އެއްދުވަހަކު މުންޑެއް އަނދެގެން އިހު ޒަމާނުގައި ފިރިހެނުން ލާ ވައްތަރުގެ ލިބާހެއް ލައިގެން ހަރަކާތްތަކެއް ހިންގުމަކުން އެ އިން ބަސް ކުރިއެރުވުމަށް ނުވަތަ ބަސް ދިރުވުމަށް މާ ބޮޑު އަސަރެއް ކުރާނެ ކަމަށް ނުފެންނާތީ ވެ އެވެ.

ދިވެހި ބަހާ ބެހޭ ދުވަސް ދުވަހު ބޭއްވޭ ރަސްމިއްޔާތުތަކުގައި ވާހަކަ ދައްކަވާ ގިނަ ބޭފުޅުން ވިދާޅުވަނީ ދިވެހި ބަހަކީ ވަރަށް މުއްސަނދި ބަހެއް ކަމަށެވެ. އެކަމަކު ބައެއް ފަންނީ ލިޔުންތަކާއި އާދައިގެ ލިޔުންތައް ލިޔުމަށް ވެސް ވަރަށް ގިނަ ފަހަރު އަޅުގަނޑުމެންނަށް އޮންނަނީ އެއް ލަފްޒުން އަޅުގަނޑުމެން ނެރެން ބޭނުންވާ މާނަ ނެރެވޭނެ ދިވެހި ބަހެއް ނޭނގުމުން، ނުވަތަ އެ ފަދަ ދިވެހި ބަސް ތަދު ކަމުން ބޭރު ބަހެއްގެ ލަފްޒެއް ބޭނުން ކުރަން ޖެހިފަ އެވެ. ގިނަ ދިވެހިންނަށް އެނގޭނެ ބޭރު ބަހަކުންނެވެ. ކޮންމެހެން ދިވެހި ބަހުން ލިޔަން ބޭނުން ނަމަ ލިޔަން ޖެހެނީ ދިގު ޖުމްލަ އެއް ބޭނުން ކޮށްގެންނެވެ. ނުވަތަ އެއް ޖުމުލަ އަށް ވުރެ ގިނަ ޖުމުލަ ބޭނުން ކޮށްގެންނެވެ. މަޢާފް ކުރައްވާށެވެ! ދިވެހި ބަސް މުއްސަންޖެއް ނޫނެވެ. ދިވެހި ބަސް ވަނީ މުއްސަނދި ކުރަން ވެފަ އެވެ. މިކަން ކުރެވިދާނެ އެވެ. އަދި މި ކަމަށް ދިވެހިން އަހުލުވެރި ވެސް ކުރެވިދާނެ އެވެ. ޢަމަލީ ގޮތުން ތަފާތު ގޮތްގޮތަށް މަސައްކަތް ކުރެވިގެންނެވެ. އިޝްތިހާރު ވުމަށް ވުރެ ބޮޑަށް ނަތީޖާ ނެރުމަށެވެ.

ދިވެހި ބަސް ކުރިއަރުވަން މަސައްކަތް ކުރާ އޮފީހުން ބަސް ކުރި އެރުވުމަށް، އެ ބޭފުޅުންގެ ނަޒަރުގައި ވަރަށް ގިނަ ކަންތައްތަކެއް ކުރައްވާ ކަމަށް ވެސް ވެދާނެ އެވެ. ޔަޤީނުން ވެސް ރާއްޖޭގެ ޚަބަރުތަކުން އެ ތަންތަނުން ހިންގާ ކަންތައްތަކުގެ ވާހަކައިގެ އަޑު އިވެ އެވެ. ތެދުފުޅެކެވެ. އެއީ ކަމެކެވެ. ނަމެކެވެ. ބޭނުންވާ ވަރުގެ ނަތީޖާއެއް ނެރެވޭ ހެން އަޅުގަނޑަށް ހީއެއް ނުވެ އެވެ.

އެއް ޒަމާނެެއްގައި ރީތިކޮށް، މޮޅަށް ދިވެހި ބަހުން ލިޔެވޭ ކަމަށް ބެލެވިފައި އޮންނަނީ ނުވަތަ ގިނަ ބަޔަކު ޤަބޫލު ކުރަނީ ދިވެހި ބަހުން ލިޔެފައި އޮންނަ ލިޔުމުގައި ޢަރަބި ބަސް ބޭނުން ކުރުމުންނެވެ. ނުވަތަ އުރުދޫ ބަސް ބޭނުން ކުރުމުންނެވެ. އެ ގޮތަށް ލިޔުމުން އެފަދަ ލިޔުންތަކަކީ ދަންނަ މީހުން ލިޔެފައި ހުންނަ ލިޔުންތައް ކަމަށް ޤަބޫލު ކުރުމުގެ ބާރަކަށް ވެސް ވެފައި އޮވެ އެވެ. އެ ޒަމާނުގަ އެވެ. ފަހަކަށް އައިސް ދިވެހި ބަހުން ލިޔާއިރު ބޭރު ބަހުގެ ލަފްޒުތައް ގިނަ ފަހަރު ލިޔެފައި ހުންނަނީ ދިވެހި ބަހުން އެ ލަފްޒުތައް ލިބެން ނުހުންނާތީ ވެ އެވެ. ނޫން ނަމަ އެ ލަފްޒުތައް ދިވެހި ބަހުން ލިޔަން ނޭގުމުންނެވެ. އެންމެ ކުރީ ޒަމާނާ އެއްގޮތަށް މިހާރު އަނެއްކާ ވެސް ޢަރަބި ލަފްޒުތައް ކުރިއަށް ވުރެ ގިނަ އިން ދިވެހި ލިޔުމުގައި ބޭނުން ކުރާ ތަން ފެނެ އެވެ. އިސްލާމީ ގޮތްގަނޑު ދެއްކުމުގެ ނިޔަތުގައި ކަމަށް ވެސް ވެދާނެ އެވެ. ޚާއްޞަކޮށް އިސްލާމީ ގޮތަށް މާލީ ކަންތައްތައް ހިންގާ ތަންތަނުގަ އެވެ. ގިނަ ބަޔަކަށް އެނގޭ ބަހެއްގެ ލަފްޒަކުން މުއާމަލާތު ކުރެވެން އޮއްވައި ބޭނުން ކުރެވެނީ ޢަރަބި ބަހުގެ ލަފްޒެކެވެ. ދިވެހިންނަށް ބިދޭސީ ލަފްޒެކެވެ. އޭގެ ބަދަލުގައި އެ އެއްޗަކަށް ކިޔާނެ ދިވެހި ލަފްޒެއް އުފެއްދުމަށް ފަހު އެ ކަމެއް ތަޢާރަފް ކުރުމުން އެ ކަމުގެ ފައިދާ އެންމެނަށް ކުރާނެ އެވެ.

އަޅުގަނޑުގެ ނަޒަރު ގައި ދިވެހި ބަސް ކުރިއެރުވުމަށް، ރީތި ދިވެހިން ވާހަކަ ދެއްކުން އާދަ ކުރުވުމަށް ކުރެވިދާނެ، ރަގަޅު ނަތީޖާ ނެރެވިދާނެ ބައިވަރު ކަންތައްތައް އެބަހުއްޓެވެ. އެހެން ނަމަވެސް އެއީ ނަމެއް ނެތް ކަންތައްތަކެވެ. ރާއްޖޭގެ އެންމެން ވެސް ޓެލެވިޒަންގެ ޒަރީޢާ އިން ފޮނުވާ ތަފާތު ޕްރޮގްރާމްތައް ބަލަ އެވެ. އަދި ޓެލެވިޒަން ބެލެން ނުއޮންނަ ހުސް ވަގުތު ތަކުގައި ރޭޑިއޯ އިން ފޮނުވާ ޕްރޮގްރާމްތައް އަޑު އަހާ މީހުން ވެސް ތިބެ އެވެ. އެ ޕްރޮގްރާމްތައް ހުށަހަޅާ ފަރާތްތަކުގެ ނުފޫޒު އެހުންތެރިންނާއި ބެލުންތެރިންނަށް ވަރަށް ބޮޑަށް ފޯރަ އެވެ. ރައްޔިތުންގެ ފައިސާ އިން ހިންގާ މަޢުލޫމާތު ފެތުރުމުގެ އިދާރާ ތަކަށް ބަލާލަމާ ތޯއެވެ؟ އެ ތަންތަނުން ކޮންމެ މަޢުލޫމާތެއް ފެތުރިއަސް އެ މަޢުލޫމާތެއް ވާން ވާނީ ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ސައްޙަ މަޢުލޫމާތަށެވެ. ދިވެހި ބަހުން ފޮނުވާ ޕްރޮގްރާމްތައް ފޮނުވެން ވާނީ މުޖުތަމަޢު ޢާއްމުކޮށް ޤަބޫލުކުރާ ރީތި ބަހުރުވަ ބޭނުން ކޮށްގެންނެވެ.

ދިވެހި ބަސް ކުރިއަރުވަން މަސައްކަތް ކުރާ ފަރާތްތަކުން ކުރިން ދެންނެވުނު ފަދަ ތަންތަނުގައި މަސައްކަތް ކުރާ މީހުންނަށް މި ބާވަތުގެ ކަންތައްތަކަށް އިރުޝާދު ދިނުމަށް ތާޒާކުރުމުގެ ކުރު ކޯސްތައް ބޭއްވި ދާނެ އެވެ. އަދި އެ ފަދަ ޕްރޮގްރާމް ތަކުގައި ބޭނުންކުރެވޭ ނުބައި ބަސްތައް ރަގަޅު ކުރުމަށް ވަގުތުން އިރުޝާދު ދޭނޭ ނިޒާމެއް ވެސް ގާއިމް ކުރެވިދާނެ އެވެ. ދުނިޔޭގެ އެހެން ޤައުމު ތަކުގައި މި ފަދަ ކަންތައްތައް ބެލެހެއްޓޭނޭ ރަގަޅު ނިޒާމެއް ގާއިމް ކުރެވިފައި އޮންނައިރު އެ ފަދަ ނިޒާމެއް ރާއްޖޭގައި ގާއިމް ނުކުރެވެން ވީ މަޤްބޫލު ސަބަބެއް ނެތެވެ. މަޢުލޫމާތު ފެތުރުމުގެ ދާއިރާގައި މިހާރު ވެސް ތާޒާކުރުމުގެ ތަފާތު ކޯސްތައް ހިންގާ ކަމުގައި ވެދާނެ އެވެ. އެހެން ކަމަށް ވާ ނަމަ އެ ފަދަ ކޯސްތަކުން ލިބޭ މަޢުލޫމާތުން ރަގަޅު ނަތީޖާއެއް، ދިވެހި ބަސް ބޭނުން ކުރުމާ ބެހޭ ގޮތުން ނުކުންނަ ކަމަކަށް ފޮނުވޭ ޕްރޮގްރާމްތަކަކުން ނުދައްކަ އެވެ.

ރަސްމީ ފަރާތަކުން ފޮނުވާ ޕްރޮގްރާމެއް ގައި “ވޯޓުކުރާ” ވާހަކައެއްގެ އަޑު އަހާތާ މިހާރު ދެ އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އަދި ވެސް “ވޯޓުކުރަނީ” އެވެ. މިހާރު އަޅުގަނޑުމެން މި ތައްޔާރު ވަނީ ބޮޑު “ވޯޓުކުރާ”ށެވެ. އެ ލަފުޒު ބޭނުން ކުރެވެނީ ރަގަޅަށް ނޫން ކަން ބުނެދޭން އެނގުނު، ނުވަތަ ކެރުނު ފަރާތެއް ވާ ކަމަކަށް ނުދައްކަ އެވެ.

ކުރީ ޒަމާނުގައި ސަޅި، މި ލަފުޒު ބޭނުން ކުރެވުނީ ފޮނި މީހުންނަށެވެ. ނޫން ނަމަ އެއްޗެއް ރީތި ވެގެން ގާތް ރަޙުމަތްތެރިންގެ މެދުގަ އެވެ. އެ އިރު ވެސް ބައެއް މީހުންގެ ބަސްފޮތުގައި އެ ލަފްޒެއް ނުއޮވެ އެވެ. ޒަމާން ބަދަލުވުމާ އެކު ސަޅި، މި ލަފުޒު މިހާރު ގިނަ މީހުން ބޭނުން ކުރަނީ ރީތި، ވަރަށް ރީތި، ނަލަ، ހިތްގައިމު ފަދަ ލަފުޒުތަކުގެ މާނަ ގެނައުމަށެވެ. ދިވެހި ބަހުގެ ފުންނާބު އުސްބޭފުޅުންގެ ނިންމެވުމެއް ދަންނަވާކަށް ނޭނގެ އެވެ. “ސަޅި” މި ލަފުޒު ބޭނުން ކުރެވޭ ވަރު ގިނަ ކަމުން އަޅުގަނޑުގެ އަތުގައި އޮތް ގުނާ އެއްޗަކުން ޕްރޮގްރާމެއްގައި މި ލަފްޒު ބޭނުން ކުރެވުނު ވަރު ގުނާލީމެވެ. ދެ ގަޑި އެއްހާ އިރުގެ ޕްރޮގްރާމެއް ގައި “ސަޅި”މި ލަފުޒު ފަންސާސް ހަތަރު ފަހަރު ބޭނުން ކުރެވުނެވެ. އޭގެ ތެރެއިން ފަންސާސް ފަހަރު، މި ލަފުޒު ބޭނުން ކުރީ ޕްރޮގްރާމް ކުރިއަށް ދާނެ މަގު ދައްކައިދޭ މީހުންނެވެ. ހަތަރު ފަހަރު އެހެން މީހުންނެވެ. ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މަގު ދައްކައިދޭ މީހުންނަށް ލިބިފައި އޮތް ވަގުތުގައި ޖުމްލަކޮށް ވާހަކަ ދައްކަން ވިއްސަކަށް މިނިޓް ވެސް ލިބޭނެ ކަމަކަށް ނުފެނެ އެވެ. އެހެން ފަހަރެކެވެ. ” ސަޅި” މި ލަފުޒު ބޭނުން ކުރި އަދަދު ފަސްދޮޅަސް ހަތަރަކަށް އެރި ކަމަށް އަޅުގަނޑު ގުނަން ގެންގުޅޭ އެތިން ދެއްކުމުން އަޅުގަނޑު ހުއްޓާލީ މެވެ. އަޅުގަނޑުގެ ހިތަށް އެރި އެވެ. ފުދިއްޖެ އެެވެ. މި ވަރުން ފުދިއްޖެ އެވެ. މިހާރު އަޅުގަނޑުގެ ހުވަފެނަކީ ރިޔާސީ ބަޔާނުގައި ވަރަށް “ސަޅި” ފާލަމެއް އަޅާފައި އޮތް ވާހަކަ އިއްވާލާ އަޑު އިވޭނެ ދުވަހަކަށެވެ

މަސްދަރު: މިހާރު