ރެކޯޑާއި ރަން ބޫޓަށް ވުރެ މުހިއްމީ ކްލަބް: ސަލާހު

ލިވަޕޫލް (އޭޕްރީލް 20) – މި ސީޒަނުގައި ލިވަޕޫލާ އެކު ގިނަ ރެކޯޑްތަކެއް މުގުރާލުމާއި ރަން ބޫޓު ހޯދުމަށް ވުރެ ބޮޑަށް އިސްކަންދޭނީ މުޅި ޓީމަށް ކާމިޔާބު ހޯދައިދިނުމަށް ކަމަށް ލިވަޕޫލަށް މި އަހަރު ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ މިސްރުގެ މުހައްމަދު ސަލާހު ބުނެފި އެވެ.

ސަލާހު ވަނީ މި ސީޒަނުގައި 40 ގޯލު ޖަަހައިފަ އެވެ. އޭގެ ތެރެއިން 30 ގޯލު ޖެހީ އިނގިރޭސި ޕްރިމިއާ ލީގުގަ އެވެ. އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގެ އެންމެ ގިނަ މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑާއި މި ލީގުގައި އެންމެ ގިނަ ލަނޑު ޖެހި އެފްރިކާ އަށް ނިސްބަތްވާ ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ.

ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލުމުގެ ފުރުސަތު ވެސް ސަލާހަށް އެބައޮތެވެ. ލީގުގައި ބާކީ ހަތަރު މެޗު އޮތްއިރު، އެ ރެކޯޑް މުގުރާލަން ސަލާހަށް ބޭނުންވަނީ އެންމެ ދެ ލަނޑެވެ. އަދި އެއް ސީޒަނެއްގައި ލިވަޕޫލަށް އެންމެ ގިނަ ލަނޑު ޖަހައިގެން އިއާން ރަޝް ހަދާފައި އޮތް ރެކޯޑަކީ ވެސް ސަލާހަށް މުގުރާލެވިދާނެ ރެކޯޑެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ރަޝް ރެކޯޑް ހަދާފައި ވަނީ 47 ލަނޑު ޖަަހައިގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގާއި ޔޫރަޕްގެ ރަން ބޫޓު ރޭހުގެ ކުރީގައި މި ވަގުތު އޮތީ ވެސް ސަލާހެވެ. އެކަމަކު މި ހުރިހާ ކަމަކަށް ވުރެން ބޮޑަށް އޭނާގެ ފޯކަސް ހުރީ ޗެމްޕިއަންސް ލީގުގައި ލިވަޕޫލަށް ކާމިޔާބު ހޯދައިދިނުމަށެވެ.

“ރެކޯޑާއި ރަން ބޫޓު ވެސް މުހިއްމުވާނެ. އެކަމަކު އެ އަށް ވުރެ ބޮޑަށް އަހަރެން ބޭނުންވަނީ ލިވަޕޫލަށް ކާމިޔާބު ހޯދައިދޭން. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އަހަރެމެންނަށް އެކަން ކުރެވިދާނެ،” ސަލާހު ބުންޏެވެ.

އޭނާ ބުނީ ސީޒަން ނިންމާލަން ބޭނުންވަނީ ރަނގަޅު ފޯމެއްގައި ކަމަށާއި ބާކީ އޮތް ކޮންމެ މެޗެއްގައި އަރާމްކުރުމެއް ނެތި ކުޅެން ބޭނުންވާ ކަމަށެވެ.

“ލިވަޕޫލްގެ ނަމްބަރު އެކަކަށް ވާން ވެސް އަހަރެން ބޭނުން. އެއީ މި ފަދަ ތާރީހު މުއްސަނދި ކްލަބެއްގެ ރެކޯޑެއް އަަހަރެންގެ ނަމުގައި އޮތުމަކީ ލިބޭނެ ބޮޑު ޝަރަފެއް،” ސަލާހު ބުންޏެވެ.

ސަލާހު ބުނީ ޗެމްޕިއަންސް ލީގުގެ އިތުރުން ލިވަޕޫލުން އަމާޒުހިފާފައިވާ އަނެއް ކަމަކީ ލީގުގެ ދެ ވަަނަ މަގާމަށް އެރުން ކަމަށެވެ.