ގަދަފަދަ ނިއު އަތުން ވިކްޓަރީ މޮޅުވެއްޖެ

އެސްޓީއޯ މާލޭ ލީގުގައި މިރޭ ގަދަފަދަ ނިއު ރޭޑިއަންޓް އަތުން 2-1 އިން ވިކްޓަރީ މޮޅުވެއްޖެ އެވެ. މިއީ މި ސީޒަނުގައި ރާއްޖޭގެ ޓީމެއް އަތުން ނިއު ބަލިވި ފުރަތަމަ ފަހަރެވެ.

ނިއު އިން ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 22 މެޗުން ބަލިވެފައިނުވެ އެވެ. އެ ޓީމު އަތުން އެންމެ ފަހުން މޮޅުވި ރާއްޖޭގެ ކްލަބަކީ މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި މޮޅުވި މާޒިޔާ އެވެ.

“މިއީ ކުޑަ ވިކްޓަރީ ޓީމެއް ބޮޑު ނިއު ރޭޑިއަންޓް އަތުން މޮޅުވި މެޗެއް. 2-1 މިއީ ވަރަށް ރަނގަޅު ނަތީޖާއެއް އަހަރެން ވަރަށް އުފަލުން މިހުރީ. މިއީ ހިތްހަމަ ޖެހޭ ނަތީޖާއެއް،” މެޗަށް ފަހު ވިކްޓަރީގެ ކޯޗު ލާޒްލޯ ކިސް ބުންޏެވެ.

މިއީ ނިއުގެ ޒަމާންވީ ވާދަވެރިން ކަމަށްވާ ވިކްޓަރީ 2012 ގެ ފަހުން ނިއު އަތުން މޮޅުވި ދެ ވަނަ ފަހަރެވެ. ދެ ފަހަރު ވެސް ނިއު ބަލިކުރިއިރު ވިކްޓަރީގެ ކޯޗަކީ ކިސް އެވެ. ކިސް މީގެ ކުރިން ނިއު ބަލިކުރީ 2016 ވަނަ އަހަރު އެވެ. އެ ފަހަރު މޮޅުވީ ވެސް 2-1 އިންނެވެ.

މިރޭގެ މެޗުން ބަލިވުމުން ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންުޓުގެ ލީޑެއް ނަަގަން ލިބުނު ފުރުސަތު ނިއު އަށް ވަނީ ގެއްލިފަ އެވެ. ނިއު އަށް ހަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. ލީގުގައި މާދަމާރޭ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އީގަލްސް އަށް ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

މި މޮޅާ އެކު ވިކްޓަރީ ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމުން ފުރަތަމަ ބުރު ނިންމާލީ ހަތް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. މާދަމާ ކުޅޭ މެޗުތަކުން ޓީސީ އާއި އީގަލްސް މޮޅުވެއްޖެނަމަ ވިކްޓަރީ އަށް ދެ ވަނަ ގެއްލޭނެ އެވެ.

މި މެޗަށް ނުކުތްއިރު އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުވެގެން ވިކްޓަރީ އޮތީ ރަނގަޅު ފޯމެއްގަ އެވެ. ނިއު ވެސް ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސް އަތުން ތަފާތު ބޮޑު މޮޅަކާ އެކު އަލުން ޓްރެކަށް އައިސްފަ އެވެ.

ނިއު އިން މި މެޗު ފެށީ ސްޕެއިނުގެ ޑިފެންޑަރު ޖޯޖް ގޯތޯރު ފުރަތަމަ 11 ގައި ނުހިމަނަ އެވެ. އޭނާގެ ބަދަލުގައި އެންމެ ފަހަތަށް ކުޅެމުން ދިޔައީ އަފްގާނިސްތާނުގެ ހާރޫން އަމީރީ އެވެ. ގޯތޯރު ނޭރުވީ ބުދަ ދުވަހު އޭއެފްސީ ކަޕްގައި ބެންގަލޫރާ ކުޅޭ މެޗަށް އޭނާ ސަސްޕެންޑްވެފައި ހުރުމުން އޭނާ ނުލާ ކުޅެން ތައްޔާރުވުމުގެ ގޮތުންނެވެ.

މެޗު ފަށައިގެން ފުރަތަމަ ފަސް މިނިޓް ތެރޭ ނިއު އިން ވަނީ ނުރައްކާތެރި ތިން ހަމަލާއެއް ފޮނުވާލައިފަ އެވެ. ސްޕެއިނުގެ ފޯވާޑް ގުއިލެމް މާޓީ އާއި މުހައްމަދު އުމެއިރު ފޮނުވާލި ދެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ގުއިލެމް ބޮލުން ފޮނުވާލި ބޯޅަ އަރިމަތީ ދަނޑީގައި ޖެހުނުއިރު، އުމެއިރު ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ހުރަސް ދަނޑިއަށެވެ. އޭގެ ފަހުން އަމީރީ ބޮލުން ފޮނުވާލި ބޯޅަ ވިކްޓަރީ ކީޕަރު މުހައްމަދު އިމްރާން ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ 15 މިނިޓަށް ފަހު ނިއު އިން މެޗުގެ ކޮންޓްރޯލް ހޯދި ނަމަވެސް އެ ޓީމުގެ އެޓޭކްތައް ވިކްޓަރީން ހުއްޓުވި އެވެ. އަދި ނިއު އިން ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައިރު، ވިކްޓަރީން ދިޔައީ ލިބޭ ފުރުސަތުތަކުގައި އެޓޭކް އުފައްދަން މަސައްކަތްކުރަމުންނެވެ.

މެޗުގެ 27 ވަނަ މިނިޓްގައި ނިއުގެ އަލީ ފާސިރު (ސެންޓޭ) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން އަލީ އަޝްފާގު (ދަގަނޑޭ) ދިން ބޯޅަ ސެންޓޭ ފޮނުވާލި ނަމަވެސް ދިޔައީ ބޭރުންނެވެ.

ވިކްޓަރީން ވަނީ ލިބުނު ފުރަތަމަ ފުރުސަތުގެ ބޭނުން ހިފައި މެޗުގެ 31 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. ނިއުގެ އޮފްސައިޑް މަޅިން ސަލާމަތްވުމަށް ފަހު ވިކްޓަރީގެ ހަންގޭރީ ފޯވާޑް ސައިމަން ޓީބޯ އޭރިއާ ތެރެއިން ހަނި އޭންގަލަކުން ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނުގައި ތަތްކޮށްލިއިރު، ނިއުގެ ކީޕަރު އިމްރާން މުހައްމަދު ހުރީ ހަރަކާތް ހުއްޓިފަ އެވެ. ނިއުގެ ކުޅުންތެރިން ވިސްނައިގެން ތިބީ ސައިމަން ހުރަސްކުރާނެ ކަމަށެވެ.

ވިކްޓަރީން ލީޑުނެގުމާ އެކު ނިއު އިން ކުޅުން އަވަސްކޮށް ލަނޑު ޖަހަން ފުރުސަތުތަށް ތަނަވަސްކުރަން މަސައްކަތްކުރަން ފެށި އެެވެ. އަދި މެޗުގެ 41 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ތެެރެއިން އުމެއިރު ފޮނުވާލި ބޯޅަ ވިކްޓަރީގެ ޝާފިއު އަހުމަދު (ޝާފީ) ފައިގައި ޖެހިފައި އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ނިއު އިން ވަނީ ދެ ވަަނަ ހާފް ފަށައިގެން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެން ފަށައިފަ އެވެ. އަދި ފުރަތަމަ 15 މިނިޓަށް ފަހު ވަނީ އުމެއިރު އާއި ގުއިލެމްގެ ބަދަލުގައި ރިހާމް އަބްދުލް ގަނީ (ބޮބީ) އާއި އިބްރާހިމް އަތީގް ކުޅެން އަރުވައިފަ އެވެ.