ޖަރުމަނާއި ތުރުކީންވެސް 2024 ވަނަ އަހަރުގެ ޔޫރޯ ބާއްވަން ހުށަހަޅައިފި

ޔޫރޯ 2016ގެ ތަށި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އުފުލާލަނީ --- ފޮޓޯ/ އޭޕީ

ޖަރުމަނުވިލާތާއި ތުރުކީންވެސް 2024 ވަނަ އަހަރުގެ ޔޫރޯ ބާއްވަން ބިޑް ހުށަހަޅައިފިއެވެ.

Sheesha

އެ ދެ ގައުމުންވެސް ޔޫރޯ ބޭއްވުމަށް ބިޑް ކުރިކަން ޔަގީންވެފައިވާ އިރު، ޖަރުމަނުން ބިޑް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހުއެވެ. ތުރުކީން ބިޑް ހުށަހެޅީއިއްޔެއެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އޮންނަ ޔޫރޯ މުބާރާތް ދެން އޮންނާނީ 2020 ވަނަ އަހަރުގައެވެ. އެ އަހަރު ޔޫރޯ މުބާރާތް ހޯސްޓް ކުރުމަށް ހަމަޖެހިފައި ވަނީ 12 ގައުމެއްގެ 12 ސިޓީގައެވެ.

އެހެން ނަމަވެސް 2024 ވަނަ އަހަރުގެ ޔޫރޯ އޮންނާނެ ކަމަށް ބެލެވެނީ އެއް ގައުމެއްގައެވެ. ޖަރުމަނާއި ތުރުކީގެ އިތުރުން ޑެންމާކާއި ނޯވޭ، ސްވިޑެން އަދި ފިންލޭންޑް ގުޅިގެން ޔޫރޯ ބޭއްވުމަށް މަސައްކަތް ކުރާ ކަމަށް ކުރިން އަޑު ފެތުރު ނަމަވެސް، އެ ގައުމުތަކުން ބިޑް ހުށަހަޅާފައެއް ނުވެއެވެ.

ބިޑް ހުށަހެޅުމަށް މުއްދަތު ހަމަވާ ތާރީހަކީ މިއަދެވެ.

ޖަރުމަނުން 2020 ވަނަ އަހަރުގެ ޔޫރޯގެ ސެމީއާއި ފައިނަލް ބޭއްވުމަށް ކުރިން ބިޑް ކުރިނަމަވެސް، އެ ގައުމުން ފަހުން ވަނީ ބިޑް ނަގައިފައެވެ. ބެލެވޭ ގޮތުގައި އެއީ 2024 ވަނަ އަހަރުގެ ޔޫރޯގެ ބިޑަށް ތައްޔާރު ވުމަށެވެ.

މީގެ ކުރިންވެސް ޖަރުމަނުގައި ވަނީ ދުނިޔޭގެ ބޮޑެތި މުބާރާތްތަކެއް ބާއްވައިފައެވެ. އެގޮތުން 1974 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 1988 ވަނަ އަހަރުގެ ޔޫރޯގެ އިތުރުން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ބާއްވައިފައި ވަނީ ޖަރުމަނުގައެވެ.

ތުރުކީން މިފަހަރުގެ ޔޫރޯ ބޭއްވުމަށްް ބިޑް ކޮށްފައިވާ އިރު، އެ ގައުމުގައި މީގެ ކުރިން ވަރުގަދަ މުބާރާތެއް ބާއްވައިފައެއް ނުވެއެވެ.