ނުބައި މީހުން ގިނަވެއްޖެ ނަމަ ވެރިޔާވެސް ނުބައި ވާނެ!

“ނުބައި މީހުން ގިނަވެއްޖެ ތަނެއްގެ ވެރިޔަކަށްވެސް ހުންނާނީ ހަމަ އެފަދަ ނުބައި މީހެއް” މިއީ ވަރަށް ގިނަ ޢިލްމީ ބޭފުޅުން ވިދާޅުވާ ވާހަކަ އެކެވެ. އަދި މިއީ މުޅިދުނިޔެވެސް ދައްކަމުންދާ މިސާލުކަމީ އެއްވެސް މީހަކު ދެބަސް ވާނެ ކަމެއް ނޫނެވެ.

ރާއްޖޭގެ މާޙައުލުގައި މިހާރު ކަންތައް ހިނގާ ގޮތުން ރަނގަޅީ އަދި ނުބައީ ކޮން ބައެއްކަން ބުނެދޭން ވަރަށް އުނދަގުލެވެ. ސަބަބަކީ އިއްޔެގެ ރަނގަޅު މީހާ މިއަދު ހަމަ ކުއްލިއަކަށް ގޯސް ވަނީއެވެ. މިއަދު ގޯސްމީހާ މާދަމާ އެންމެންގެ ހައްގުގައި މަސައްކަތް ކުރާ ރައްޔިތުންގެ ހަމްދަރުދާރަކަށް ވަނީއެވެ.

“މުޖުތަމައެއް ފަސާދަ ވުމުގެ އަސްލަކީ ހަމަހަމަ އިންސާފުވެރި ޝަރުއީ ނިޒާމެއް ނެތުން” މިއީވެސް ޢިލްމުވެރިން ބުނެއުޅޭ ވާހަކަ އެކެވެ. ހަގީގަތަކީވެސް ހަމަ މިއެވެ. އަދިވެސް އެއްވާހަކައެއް އެބައޮތެވެ. އެއީ “އަމިއްލަ އެދުމާއި މާއްދީއަތަށް ތަބާ ވުމަކީ އެބަޔަކު ހަލާކުވެ ދިއުމުގެ އަސްލު” މިއެވެ.

ދިވެހިން މިހާތަނަށް ދެކެފައިވާ ހުރިހާ ވެރިކަމެއްގައި ކަންކަން ތަރުތީބު ވެފައި އޮތީ ހަމަހަމަ އިންސާފުވެރި ޝަރީއަތެއްގެ މައްޗަށް ކަމަށް ބެލެވޭކަށް ނެތެވެ. މިއީ ދިވެހި ތާރީޚަށް ބަލާލުމުން އެނގެގިގެން ދާނެ ކަމެކެވެ.

އަމިއްލަ އެދުމާއި މާއްދީއަތުގެ ދަހިވެތި ކަމުގައި ރެހެންދި ޚަދީޖާ އެކަމަނާގެ ފިރިކަލުން އަވަހާރަ ކޮށްލުމަށް ފަހު ވެރިކަމަށް އައި ވާހަކަ ތާރީޚުގައި އެބަ އޮތެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި އަތިރީގޭ އާއިލާއާއި އެއްގަމުގޭ އާއިލާގެ ކޯޅުން ގަނޑު ތެރެއިން މާލޭގައި ހުޅުޖެހި އެވެ. ތަރީޚީ ފޮތްފޮތުން މިހުޅުޖެހުމަށް ކިޔާފައިވަނީ ބޮޑުހުޅެވެ.

މިހުޅު ޖެހުމުގެ ކުރިންވެސް އަދި ފަހުންވެސް ރައްޔިތުންގެ ޙައްގުގައި ވެރިކަން ކުރި ވެރިޔަކު މިގައުމުގައި ވެރިކަން ކޮށްފައިވާ ކަމަކަށް އެނގޭ އެއްވެސް ދަލީލެއް ތާރީޚީ ފޮތްތަކަކުން ފެންނާކަށް ނެތެވެ. ހަމަގައިމުވެސް އެފަދަ ވެރިޔަކު ހުރިނަމަ މިއަދު ދިވެހި ރައްޔިތުން މިދިކޭ ފަސާދައާ ނޭއްގާނީ ކަން ފެނިގެން ނުދިޔައީހެވެ.

އެއްދުވަހަކު ރައްޓެއްސަކު ބުނެފައިވާ އެއްޗެއް ޙިއްސާކޮށްލާނަމެވެ. “ދިވެހިންނަކީ ފޭރޭ މީހުން. އަސްލު ރާއްޖެއަށް މީހުން އައިސް ވަޒަންވެރިވީ ކަނޑު ފޭރުމުގެ މަސައްކަތުގައި އުޅުމުގެ ތެރޭ ބެހިގެން އައި މީސް މީހުން. މިމީހުންގެ ލޭގައި ހުރީ މަކަރުވެރިކަމުން ފޭރިގަތުން. މިހާރުވެސް ކަންކަން ހިނގަނީ ހަމަ އެގޮތަށް” އޭނާ ދިވެހިން ބަޔާންކޮށް ދިނުމަށް ބުނެލީ މިހެންނެވެ. އޭނާ އެގޮތަށް ބުނީ އޭނާވެސް ހިމަނައިގެން ކަމަށް ބުންޏެވެ.

ރާއްޖޭގެ އާބާދީ އުމުރުން 40 ން ފެށިގެން މަތީގެ މީހުންނަށް ކުރީގެ ރައީސް މައުމޫނުގެ ވެރިކަން ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައި ހުންނާނެއެވެ. އެމަނިކުފާނު ވެރިކަމަށް އައީ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމާއި އެކުގައެވެ. ވެރިކަމަށް އެމަނިކުފާނު ވަޑައިގެންނެވި އިރު ރަށްރަށުގައި މުޒާހަރާ ކުރުމަކީ އޮންނަ ކަމެއް ކަމުގައި ރަށްފުށުގެ ގިނަމީހުންނަށް އެނގިފައި ނެތެވެ.

ރައީސް މައުމޫނު ވެރިކަމަށް ވަޑައިގެން އެކަން ކުރެއްވީ ވަރަށްވެސް ފޯރިއާއި ޖޯޝާއެކީގައެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް ނާސިރުއާއި ދެކޮޅަށް ކުރެއްވި މުޒާހިރާ ތަކެވެ. ރައީސް ނާސިރަކީ ޚާއިނެއް ކަމަށް ބުނެ ތަފާތު އިބާރާތުގެ ބެނާތަކާއި ކާޓޫނު ކުރަހާ ރާއްޖޭގެ ހުރިހާ ރަށެއްގައި މިކަން ކުރެއްވީ ރައީސް މައުމޫނުގެ އާނ ބަސް ލިބިގެން ކަމީ ހުރިހާ އެންމެން ދަންނަ ބޮޑު ހަގީގަތަކެވެ. ނާސިރުގެ އަބުރަށް ހުތުރު އަރާފަދަ އެތަކެއް ލަވަތަކެއް ހަދާ ގޭގޭގެ ލަވަސެޓުން އެލަވަތައް ޖަހަމުން ދިޔައީ ބާރަށެވެ. އެލަވަތަކުގެ ބަސްތައް ހުރީ އާއްމު ބަހުރުވައަށް ވުރެން ހަޑިހުތުރު ބަހުރުވައިން ކަމީ މިހާރުވެސް އެލަވަތައް އަޑުއަހާލުމުން އެގެން އޮތް ހަގީގަތަކެވެ. ސިޔާސީ މީހުންގެ ނަފްސު ކަތިލާލުމުގެ ސިލްސިލާ ފެށިގަތީ އެހާހިސާބުންނެވެ.

މިހާރު ކަތިލެވެމުން ދަނީ މުޅި ދިވެހި އުއްމަތެވެ. މިހުރިހާ ކަމެއް މެދުވެރިވުމުގެ އެންމެ ބޮޑު އަސްލެއް ކަމަށް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ އިޖްތިމާއީ ފޭރާން ވީދުމެވެ. މިކަންކަން ދިވެހިންގެ ތެރެއަށް ހަލުއިކަމާއެކު ފަތުރާލުމުގެ އިސްމީހަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދޭ ބުނާމީހުންވެސް މަދެއް ނޫނެވެ. ބިރުފަހަނަޅާ ދިއުމަށް ހިތްމަރުދީ މުޖުތަމަޢުގެ އަޚުލާގީ މިންގަނޑު މުޅިންހެން ނެތިކޮށްލެވިފައިވާ ކަމީ ހަގީގަތެވެ. އިމާންތެރި ކަމާއި އިޙްސާން ތެރިކަމުގެ ފޭރާން ބާލާ މަކަރާއި ހީލަތުގެ ފޭރާން މިހާރު މިވަނީ ނޭގި ނަމަވެސް ތުރުކުރެވި ފައެވެ.

ޚަބަރާއި މައުލޫމާތު ފަތުރާ މީހުންގެ މަސައްކަތަކީވެސް އެބަޔަކު ގަބޫލުކުރާ ނުވަތަ އެބަޔަކަށް މަންފާ ލިބޭފަރާތަކުން ބޭނުންވާ ގޮތަކަށް ޚަބަރާއި މައުލޫމާތު ފެތުރުމެވެ. އޭގެ ސަބަބުން، ޖުމުލަކޮށް މުޅި މުޖުތަމަޢުއަށް ލިބިދާނެ ދެރައަކަށް ބަލާލާނެ އެކަކުވެސް ނެތްކަމީ ހިތާމަ ކުރަން ޖެހޭކަމަކެވެ. މުޖުތަމައުގެ އެންމެހާ އަފުރާދުން މިވަނީ ނުބައި ގޯޅި އެޅިފައެވެ. ދީނީ ޢިލްމުވެރިންގެ ހާލަތަކީވެސް ވަކިކޮޅެއް ބުރަވެ ތިބުމެވެ. ތިމާމީހާ ބުނާ ބަހަކުން ނުވަތަ ފަތުރާލާ ރިވާއަކުން މުޖުތަމައުއަށް ކުރާނެ ނޭދެވޭ އަސަރަކަށް ބެލުމެއް ނެތެވެ.

މޭޑޭގައި އެއްވި އެއްވުމުގައި ޝޭޚު އިމްރާން ދެއްކެވި ވާހަކައިގައި ބޮޑެތި ދޮގުތަށް ހިމެނިފައިވުމަކީ މީގެ އެއް ހެއްކެވެ. ދީނީ ޝޭޚޫންގެ މަގާމުގައި ތިއްބެވި ބައެއް ބޭފުޅުން އެއްވާހަކައެއް ދެފަހަރު އެއްގޮތަކަށް ނުބުނެއެވެ. ތިމާމީހާ ގަބޫލު ކުރާ ވެރިޔަކު ވެރިކަމުގައި ހުރެއްޖެނަމަ އެވެރިމީހާ މުންކަރާތަކަށް އަމުރު ނުކުރާހާ ހިނދަކު ވެރިކަމުން ބޭލުމަކީ ހަރާމް ކަމެއް ކަމުގައި ބުނެއެވެ. އެހެނަސް ތިމާ މީހާ ހިތްނޭދޭ މީހަކުނަމަ، މުންކަރާތަކަށް އަމުރު ނުކުރިނަމަވެސް އޭނައާއި ދެކޮޅަށް ތެދުވު އަޑުއުފުލާ ވެރިކަމުން ދުރުކުރުމަކީ ހުއްދަކަމެކޭ އެބަ ބުނެއެވެ.

މިއީ ދިވެހިންގެ ހާލަތު މިހާރު ގޮސްފައިވާ ހިސާބެވެ. ފަރުދުންގެ ނުބައިކަން އިންތިހާއަށް މިއޮތީ ގޮސްފައެވެ. މުޖުތަމަޢުގައި ގިނައީ ނުބައި މީހުންނެވެ. އެހެންކަމުން ވެރިޔަކަށް ހުންނަމީހާ ވަކި ލަފާވާކަށް ލާޒިމެއް ނޫނެވެ. އެފަދަ ވެރިޔަކަށް ނޫނީ ނުބައި ކަމުގެ ތެރޭ ވެރިކަމެއް ނުކުރެވޭނެއެވެ. ދަނގަނޑު ކެނޑޭނީ ހަމަ ދަނގަނޑުންނެވެ.