ގެސްޓް ހައުސް ބިޔަ މަޝްރޫޢު ބިލާހަކަށް!

އަމިއްލަ ފަރާތަކުން ތަރައްގީ ކޮށްފައިވާ ގެސްޓް ހައުސް އެއް! ފޮޓޯ: ތްރީއެސް ގެސްޓްހައުސް

އައްޑޫ ސިޓީގެ ރައްޔިތުން ތާއަބަދު އުއްމީދުކުރާ އެންމެ މުހިއްމު އެއް މަޝްރޫޢުއަކީ ގެސްޓް ހައުސް މަޝްރޫޢު އެވެ. ނަމަވެސް އެމީހުން އެދެކޭ ހުވަފެން މިހާރު ބިލާހަކަށް ވެ ނިމުނީ ކަމަށް ބުނަމާ ބަހީއެވެ.

ޕީޕީއެމްގެ ވަރުގަދަ މެނިފެސްޓޯގައިވެސް އައްޑޫގެ ފަތުރުވެރިކަމުގެ ވާހަކަ ލިޔެވިފައި އޮވެމެ، އަދި އެޕާޓީ ވެރިކަމަށް އައުމަށް އައްޑޫގައި ކެމްޕެއި ކުރި ދުވަސްވަރު އެންމެ ގިނައިން ދެކެވުނު ވާހަކައަކީ އެއީ ކަމާއިމެދު ދެބަސްވެވޭކަށް ނެތެވެ. އެއީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު ބުނަމުން ދިޔައީ އައްޑޫގައި ބިންހިއްކައިގެން ނަމަވެސް ފަތުރުވެރި ކަމުގެ 5000 އެނދު އުފައްދާނެ ވާހަކައެވެ.

އެ ކެމްޕެއިންގެ އުއްމީދީ މޮޅު ވާހަކަ ތަކާއި އެކު އައްޑޫގެ ގިނަބަޔަކު ތިބީ އުފަލުން ފޮޅިފައެވެ. ދުވާލު މެންދުރު ގަޑީގަވެސް އެބައި މީހުން ދިޔައީ ހުވަފެން ބަލަމުންނެވެ. ކޮފީ މޭޒުތަކުގައި ގެސްޓްހައުސްގެ މަޝްވަރާކުރެވި އަދި ގެސްޓްހައުސްގެ ޑްރާފްޓް ޕްލޭންވެސް ތައްޔާރު ކުރިކަމީ ހަގީގަތަކެވެ. ނަމަވެސް މިހާރު އެކަމުގެ އެއްވެސް ވާހަކައެއް ދައްކާކަށްވެސް އެކަކުވެސް ބޭނުމެއް ނޫނެވެ. ބިރުވެރި ހުވަފެނެއް ފެނިގެން އެވާހަކަ ދައްކަން ބޭނުން ނުވާ ބީދައިން އައްޑޫ ފަތުރުވެރި ކަމުގެ ހުވެފެނީ ވާހަކަ ދައްކަން މިހާރު ޖެހިލުން ވެއެވެ.

އައްޑޫ ސިޓީގެ އިސްމެހެލާ ހެރަ ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް 2015 ވަނަ އަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހު ވަރަށް ޚާއްސަ މަޝްރޫޢުއެއް ސަރުކާރުގެ ފަރާތުން އިފްތިތާޙު ކުރިއެވެ. އެތަކެއް ދުވަސް ފަހުން އެތަނުގައި ކޮންމެވެސް މަސައްކަތެއް މިހާރު ކުރެވެމުން އެބަދެއެވެ. ނަމަވެސް މިހާރު އެތަނުގެ މަސައްކަތް ކުރިއަށް ދަނީ ކުރިން ޕްލޭން ކުރެވުނު ގޮތާއި މުޅިން ތަފާތު ގޮތަކަށެވެ. އަދި މަސައްކަތް ކުރިއަށް ދަނީ ރޮކެޓް ސްޕީޑުގައި ނޫންކަމީ އެންމެނަށް އެނގޭ ކަމަކެވެ. އެވާހަކަ ދައްކާ ބަޔަކުވެސް އުޅޭހެނެއް ހީއެއް ނުވެއެވެ.

މިހާރުގެ ޓޫރިޒަމް މިނިސްޓަރ ޒަމީރު މަގާމާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި އައްޑޫ ސިޓީއަށް ވަޑައިގެން މަހެއް ހާ ދުވަހުގެ ތެރޭގައި “އިސްމެހެލާ މަޝްރޫޢު މޮބިލައިޒް ކުރާނެ” ކަމުގެ ޔަޤީންކަން ދެއްވިއެވެ.

އިސްމެހެލާގެ މަޝްރޫގެ ވާހަކަ އެހެން އޮތްވާ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އައްޑޫގައި އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް 3،000 އެނދު ފައްކާ ކުރުމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބިޔަ މަޝްރޫއެއް އަނެއްކާވެސް އިޢުލާން ކުރިއެވެ. އެވާހަކަ ދެކެވުނު ދުވަސްވަރަކީ ކައުންސިލް އިންތިޚާބުގެ ދުވަސްވަރު ކަމުން، އެވާހަކައިގެ އެހާ އޮޓަރެއް ނުހުންނާނެ ކަމަށް ގިނަބަޔަކު ބުނަމުން ދިޔައެވެ.

އެ މަޝްރޫޢު އިއުލާންކުރުމަށް ފަހު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ “ކުރިއަށް އޮތް ދެމަހެއްގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ” ކަމަށެވެ. ކުރިންވެސް އައްޑޫ މީހުން ގަބޫލު ކުރިގޮތަށް އޭގެ ފަހުން އެ މަޝްރޫޢު އަށް ވާނުވާ އެނގޭ ބަޔަކު ހަމަގައިމުވެސް އައްޑޫ ސިޓީއަކު ނެތެވެ. އެވާހަކަވެސް ވީ ހަމަ ބިލާހަކަށެވެ.

އައްޑޫގައި އެމްއައިޓީޑީސީން އިއުލާންކުރި ގެސްޓް ހައުސް މަޝްރޫއާ ބެހޭ ގޮތުން، އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވެސް ވަރަށް އުއްމީދީ ވާހަކަތަކެއް ދެއްކެވި އެވެ. އޭރު ޝާހިދު ވިދާޅުވެފައި ވަނީ، “ބޭރުން ގެނެސް ރާވާލާ ކޮޓަރިތައް” ގެނެސްގެން 18 މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު އެއްކޮށް ނިންމަން ޕްލޭން ކޮށްފައިވާ ކަމަށެވެ.

އެޕްލޭންގެ ދަށުން އޭރު އިޢުލާން ކުރެވުނީ، އައްޑޫގެ ކޮންމެ އަވަށެއްގައި 25 ކޮޓަރީގެ 20 ގެސްޓްހައުސް އެޅުމަށެވެ. އެގޮތުން އެމަޝްރޫޢު ނިމޭއިރު 3000 އެނދު އައްޑޫއަށް އިތުރުވެގެން ދާނެއެވެ. ސަރުކާރުން ހުރިހާ ކަމެއް ކުރާގޮތަށް އިޢުލާން ކުރެވުން މިމަޝްރޫޢުގެ ގެސްޓްހައުސްއެއްގެ އަގު އޭރު ބުނަމުން ދިޔައީ 3.8 މިލިއަން ރުފިޔާއެވެ. ގެސްޓްހައުސް ތަރައްގީ ކުރުމުގެ އިތުރުން އެތަންތަން މާކެޓް ކުރުންވެސް އޮތީ އެމްއައިޓީޑީސީގެ ބެލުމުގެ ދަށުންނެވެ. ރޭވިފައި އޮތްގޮތުން ގެސްޓް ހައުސްތައް ބޭރުން ގެނަސް ޖެހެނީ ހަމައެކަނީ ރާވާލާށެވެ. މަޝްރޫޢުގެ މަސައްކަތް ރޭވިފައި އޮތީ ވަރަށް ފަސޭހައިން ނިންމާލެވޭ ގޮތަށެވެ.

އެހެން ނަމަވެސް ޕީޕީއެމްގެ ސަރުކާރުގެ ދައުރު ހަމަވާން 7 މަހަށް ވެފައި ވާއިރު މިހާތަނަށް މި ސަރުކާރުން އިއުލާން ކުރި ޕްރޮޖެކްޓަކުން އައްޑޫގައި ފަތުރުވެރި ކަމުގެ އެންމެ އެނދެއް ވެސް ޤާއިމްކުރެވިފައެއް ނުވެއެވެ.

އެހެންވެ އައްޑޫ ރައްޔިތުން އުއްމީދު ކުރި ގެސްހައުސް މަޝްރޫޢު މިއޮތީ ބިލާހަކަށް ވެފައޭ ނުބުނެވޭނެ ތޯއެވެ.