އުފާވެރި ދިރިއުޅުމަކަށް މިކަންތައްތައް ކޮށްލާށެވެ.

ކޮންމެ ދެމެފިރިއެއްގެ ދެމެދުގައިވެސް ދެބަސްވުންތަކާއި އަރައިރުން އުޅޭކަމީ ގަބޫލު ކުރަންޖެހޭ ހަގީގަތަކެވެ. އެހެނަސް އެކަންކަމަކީ ތާއަބަދު ތަކުރާރު ކުރެވެންޖެހޭ ކަންތައްތައް ކަމުގައި ދެކިގެން ނުވާނެއެވެ. އެއީ މީގެ ސަބަބުން އުފާވެރި ދިރިއުޅުން ހިތި ޒަހަރަކަށް ބަދަލު ވެދާނެތީ އެވެ.

މިފަދަ މާޙައުލެއް އުފެދުމުގެ ކުރިން ދުރުހެލިވުމަށް ކުރެވިދާނެ ކަންތައްތަކަށް ބަލައިލަމާ ހިނގާވެ.

ހިތްހަމަ ނުޖެހޭ ވާހަކަތަކަށް ރައްދު ނުދޭށެވެ.

ކޮންމެ ދެމަފިރިއަކީވެސް ތަފާތު ދެމިޒާޖެއްގެ ދެމީހުންނެވެ. ވާހަކަ ދެއްކުމާއި މީހުންނާއި އޮންނަ ގުޅުންވެސް ތަފާތު ވާނެއެވެ. އެކަކު އަނެކަކަށް ބައެއް     ފަހަރު ވާހަކަ ދެކެވޭ ގޮތުން ނުވަތަ ބޭނުން ކުރެވޭ ޢިބާރާތްތަކުގެ ސަބަބުން ރުޅިވެރިކަމާއި ދެބަސްވުން އުފެދެއެވެ. މިފަދަ މުއާމަލާތެއް ނަމަ އަވަހަށް އެކަމަކުން ފެޔަށް ޖެހިލާށެވެ. ސަބަބަކީ އެފަދަ މުޢާމަލާތަކުން ލިބޭނެ ހަމަޖެހުމެއްވެސް އަދި އުފަލެއްވެސް ނޮއޮންނާނެވެ. އެފަދަ މުއާމަލާތެއް މެދުވެރިވާއިރަށް އެވާހަކަތައް މެދުކަނޑާލާފަ، އަވަހަށް މަޑުމައިތިރި ކަމާއެކު ދުރަށް ދާށެވެ.

ކުރީގެ ހަމަނުޖެހުން ތަކުގެ ވާހަކަ ތަކުރާރު ނުކުރާށެވެ.

އިންސާނީ ތަބީއަތުގައި ވަރަށް ގިނަ ނޭދެވޭ ސިފަތައް ހުންނަކަމީ ހަގީގަތަކެވެ. އެފަދަ އެއް ސިފައަކީ ކުރީގަ ކުރެވިފައި ހުންނަ ނެދެވޭ ކަންކަމުގެ ވާހަކަ ތަކުރާރުކޮށް ދައްކުމެވެ. މިގޮތަށް ވާހަކަ ދެކެވެމުން މިވާގޮތަކީ އެއްވެސް އަސާސެއް ނެތި ދެމީހުންގެ މެދުގައި ދެބަސްވެ، ރުޅިވެރިކަން އިންތިހާއަށް ދިއުމެވެ. އޭގެ ބަދަލުގައި މުސްތަގުބަލަށް ވިސްނައި ދެމީހުންގެ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރުން މުހިއްމެވެ. ކުރީގަ ކުރެވިފަ ހުންނަ ގޯސްތަކުގެ ވާހަކަ ދެއްކުމަކުން ކުރިމަތި ވެފައިވާ ހިތްދަތި ކަމަކަށް ލިބޭނެ ޝިފާއެއް ނޮއޮންނާނެވެ. އޭގެ ބަދަލުގައި އެދެވެނީ އަނިޔާއެވެ. އުފެދޭނީ ރުޅިވެރިކަމާއި ހަސަދައެވެ.

އިހްސާސްތައް ޙިއްސާކުރާށެވެ.

އަމިއްލަ އިޙްސާސް ތަކުގެ ވާހަކަ ޙިއްސާ ކުރުމާއެކު އަނެކާގެ އިޙްސާސްތައްވެސް ދަނެގަންނާށެވެ. ހިތްދަތި ކަމާއި ދެރަކަމެއް ދިމާވުން އެކަމުގައި ބައިވެރި ވާށެވެ. އަދި ތިމާ ހިތްދަތި ވަނީ ކަންކަން ކިހިނެއް ކުރެވުނީމަ ކަމަށް އަނެކާއަށް ތަފްސީލުކޮށް ބުނެދޭށެވެ. ދެމީހުންވެސް އެކަކު އަނެކަކަށް އެފަދަ ކަންތައްތަކަށް އިޙްތިރާމު ކުރާށެވެ. އަދި ހިތްހަމަ ނުޖެހޭ، ޚިޔާލު ތަފާތުވެ ރުޅިވެރިކަން މެދުވެރިވާ މުޢާމަލާތްތަކުން ދުރުހެލިވާށެވެ.

ފާޑު ކިޔުމަކީ އާއްމު ކަމެއް ކަމުގައި ނުހަދާށެވެ.

އެކަކު އަނެކަކަށް ކަންކަމުގައި މާ ބޮޑަށް ފާޑުކިޔާ، ދެމީހުން ރުޅިއަންނަ ގޮތް މެދުވެރި ނުކުރުވާށެވެ. ކޮންމެ ކަމެއްގައި ހިތްހަމަ ނުޖެހޭ ގޮތްގޮތަށް ފާޑު ނުކިޔާށެވެ. އެނެކާގެ އަގުވައްޓާ ނުލާ، ތިމާ ހިތްހަމަ ނުޖެހޭ ކަމެއް އޮތްނަމަ ރީތިކޮށް ބުނެލާށެވެ. މަޑުމައިތިރި ކަމާއެކު ރީތި ބަހުން ވާހަކަ ދައްކާށެވެ. ރީތި ބަހުރުވައިން މުޚާތަބު ކުރުމަކީ ދެމީހުންގެ ގުޅުން ވަރުގަދަ ވާކަމެކެވެ. ކަންކަމުގައި ހިތްހަމަ ނުޖެހުނަސް ހަޅޭލަވާ ހިތްބުރަވާ ގޮތަށް އަމަލުތައް އެކަކުވެސް ނުބަހައްޓާށެވެ.

ކޮންމެ މީހަކީވެސް ތަފާތު މިޒާޖެއްގެ މީހެއްކަން ދަންނާށެވެ.

އަބަދުވެސް ދެކޮޅުވެރި ވާންޖެހެނީ ދެމީހުންގެ ޚިޔާލު ތަފާތު ވުމުންނެވެ. ނަމަވެސް ދެމީހަކީ އެއްވެސް ހާލެއްގައި އެއްމިޒާޖެއްގެ ދެމީހުންނަށް ވާކަށް ލާޒިމެއް ނޫނެވެ. އެއީ ގުތުރަތީ ހަމައެވެ. މިޒާޖު ތަފާތުވެ ދެބަސް ވުމަކާއި ހަމައަށް ދެވޭއިރަށް އެވާހަކައެއް މަޑުޖައްސާލާށެވެ. އަދި އަނެކާ ދައްކާ ވާހަކަ ރަނގަޅަށް ކަނުލާ އަޑުއަހާށެވެ. ގޯސް ކިތައްމެ ވާހަކައެއް ދެއްކިނަމަވެސް ކެތްތެރިކަމާއި އެކު ފުރަތަމަ އަޑުއަހާށެވެ. ހިތުގައި އުފެދޭ ހުރިހާ ޝުޢޫރެއް ބޭރު ކުރުމަށް ފުރުސަތު ދޭށެވެ. އޭގެ ފަހުން މަޑުމައިތިރ ކަމާއެކު ތިމާގެ އިޙްސާސްތައް ކިޔާލަދޭށެވެ.

ހުރިހިސާބުން ދުރަށް ޖެހިލުމަށް ދުވަހަކުވެސް ލަހެއްނުމެވާނެއެވެ.

ޒުވާބަކަށް މިދާންޖެހެނީ ޚިޔާލު ތަފާތު ވުމާއެކު ރުޅިއިސް ކުރެވެމުންނެވެ. ބައެއް މީހުން ވަރަށް ކުދިކަންތައްތަކުގައި ހަމަ ގަދައަށް ރުޅިއައިސް ގަޔަށް އަތްލާ މާރާމާރީވެސް ހިންގައެވެ. ދެމީހުންގެ ވާހަކަ ބިނާކުރެނިވި ގޮތަކަށް ކުރިއަށް ނުދާނަމަ އަވަހަށް ހުރިހިސާބު ދޫކޮށް އެހެން ތަނަކަށް ދިއުމަށް އަވަސް ވެގަންނާށެވެ. ކަންކަތައްތައް ބޮއްސުންލާ ދެމީހުންގެ ގުޅުން ގޯހުން ގޯހަށް ދިޔުމުގެ ކުރިން ދުރަށް ޖެހިލުމަށް އަވަސްވެގަންނާށެވެ. ރުޅިއަކީ ވަކި ވަގުތަކުން ހަމަޔަކަށް އެޅޭނެ ސިފައެކެވެ. ނަމަވެސް އެކަމަށް ތާއަބަދު ފުރުސަތު ދޭނަމަ އެކަން ބަދަލުވެގެންދާނީ ހަސަދަވެރި ކަމަށެވެ. އެއީ ދުރުހެލިވުމަށް އުނދަގޫ ކަމެކެވެ. އެހެން ކަމުން އެހާހިސާބަށް ނުދަނީސް ތަންކޮޅަށް ދުރަށް ޖެހިލާށެވެ.

ކަންކަން ހަމަޔަކަށް އެޅުމުން އެނބުރި އަންނާށެވެ. ދެމީހުންގެ ގުޅުން މިގޮތުގައި ކުރިއަށް ގެންގޮސް އުފާވެރި ދިރިއުޅުމެއް ހޯދާށެވެ.