އިނގިރޭސީން އިންޑިއާގައި ގެންގުޅުނު ފައިސާފޮތި

އިނގިރޭސީން ވިޔަފާރި ކުރުމަށްޓަކައި އިންޑިޔާގައި މަރުކަޒުތަކެއް ފުރަތަމަ ގާއިމްކުރީ އީސްޓް އިންޑިއާ ކުންފުނީގެ ފަރާތުން ސަތާރަވަނަ ގަރުނުގެ ކުރީކޮޅު އެވެ. މި މަރުކަޒުތަކުގެ މަސައްކަތް ފުޅާވެ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ސަބްކޮންޓިނެންޓްގެ ބޮޑު ބައެއްގައި އިނގިރޭސީންގެ ބޮޑެތި ކޮލޯނީ ތަކެއް އުފެދިގެން ދިޔައެވެ. އިންޑިއާގެ ދެކުނު ސަރަހައްދުގައި އެންމެ ފުރަތަމައަށް އިނގިރޭސީންގެ ކާރުޚާނާތައް ގާއިމްކުރީ މިހާރުގެ އަންދުރަޕްރަދޭޝް ސްޓޭޓް ގައި އޮންނަ ޤަދީމީ އަދި ބަނދަރުމަތީ ރަށެއް ކަމުގައިވާ މަޗިލިޕަޓްނަމް ގައެވެ. އެއީ މީލާދީ ސަނަތުން 1611 ވަނަ އަހަރުއެވެ. މެޑްރާސް ގައި ކާރުޚާނާތައް އުފެއްދީ 1640 ވަނަ އަހަރުއެވެ. ހުޅަނގުން ގުޖުރާތު ސްޓޭޓްގެ ސޫރަތުގައި ކާރުޚާނާތައް ބިނާކުރީ 1612 ވަނަ އަހަރުއެވެ. އިރުމަތީން މިހާރުގެ ކޮލްކަޓާ ގައި ގާއިމްކުރީ 1698 ވަނަ އަހަރުއެވެ. މި ކޮލޯނީތައް ފުޅާވެ “މެޑްރާސް ޕްރެޒިޑެންސީ” އަކާއި “ބޮމްބޭ ޕްރެޒިޑެންސީ” އަކާއި “ބެންގޯލް ޕްރެޒިޑެންސީ” އެއް އުފެދުނެވެ. މިއިން ކޮންމެ ޕްރެޒިޑެންސީ އެއްގައި އެބައިމީހުންގެ އަމިއްލަ ވަކި ކޮއިނޭޖް އަދި މަނިޓަރީ ނިޒާމެއް ހިންގަމުން އައިސްފައިވެއެވެ. އެކަމަކު މީލާދީން 1835 ގައި އީސްޓް އިންޑިއާ ކުންފުނިން، އިންޑިއާގައި ގާއިމްކޮށްފައިހުރި ހުރިހާ އިނގިރޭސ މިލްކިއްޔާތުތަކެއްގައި ބޭނުންކުރުމަށް، އެއް ފައިސާފޮއްޗެއް ތައާރަފުކޮަށް، މުސްކުޅި ޕްރެޒިޑެންސީ ސިސްޓަމް އުވައިލިއެވެ. އެއަށްފަހު، 1857 ގެ ހަމަނުޖެހުމުގެ ފަހުން، އީސްޓް އިންޑިއާ ކުންފުނިން ކޮންޓްރޯލްކުރަމުން އައި ސަރަހައްދުތައް އިނގިރޭސި ތާޖުގެ ދަށަށް ގެނެވުނެވެ. އެހެންކަމުން އިންޑިއާ އަކީ އިނގިރޭސީ އެމްޕައަރގެ ބަޔަކަށް ވެފައި ވާތީ، 1857 ގެ ފަހުން ނެރެވުނު ކޮއިންތައް ނެރެވިފައިވަނީ އިނގިރޭސި ރަސްގެފާނުގެ ނަމުގައި އޭނާގެ ބާރުގެ ދަށުންނެވެ. 15 އޮގަސްޓް 1947 ގައި އިންޑިއާ މިނިވަންވެ، އިންތިޤާލީ ކުޑަދުވަސްކޮޅެއް ފާއިތުވެ ދިއުމަށްފަހު މިނިވަން އިންޑިއާގެ ފުރަތަމަ ފައިސާފޮތީގެ ސެޓް ނެރެވުނީ 1950 ގައެވެ.

ދާދިފަހުން ދިވެހިރާއްޖޭގެ ސަލްޓަން ޕާކުގައި ރަސްރަނި ބަގީޗާ ހެދުމުގެ މަސައްކަތުގެ ތެރެއިން، ކޮންނަނިކޮށް، ފެނުނު ފައިސާ ފޮތިތަކަކީ 1835 ގައި އީސްޓް އިންޑިއާ ކުންފުނިން ތައާރަފްކޮށް، މުޅި އިންޑިއާގައި ބޭނުންކުރަމުން ގެންދިޔަ ފައިސާފޮތިތަކުގެ ތެރެއިން ފައިސާފޮތިތަކެކެވެ. މިބާވަތުގެ ފައިސާފޮތިތަކެއް ހއ. މަތީރަށްފުޅުގައި ހުންނަ ޒިޔާރަތުގައި ބޭނުންކޮށްފައި ވަނިކޮށް ވެސް ފެނެއެވެ. ބުނެވޭގޮތުގައި އެއީ އިހަވަންދިއްޕޮޅުގެ އިންނަފިނޮޅު ނަމަކަށް ކިޔާ ފަޅުރަށަށް އުރުނު އާގުބޯޓެއްގައި ހުރި ކޮއިންތަކެކެވެ.