މުރަކަ ބަގީޗާގެ ގެއްލިފައިވާ ރީތިވިހާ ކުލަތައް ފެންނަ ގޮތް ސައެންސްވެރިން ހޯދައިފި

ދުނިޔޭގެ ކަނޑު އަޑީގެ އެންމެ ހިތްގައިމު މަންޒަރަކީ ކޯރަލް ގާޑަން ނުވަތަ މުރަކަ ބަގީޗާ އާއި އެބަގީޗާގައި އުޅޭ ރީތި ކުލަކުލައިގެ މަސްމަހާމެއްސެވެ. މިފަދަ ކޮރަލް ގާޑަން ދުނިޔޭގެ ބައެއް ގައުމު ތަކުގެ ކަނޑުގެ ސަރަހައްދުގައި އަޖައިބުވާހައި ރީއްޗެވެ. ދިވެހިރާއްޖެ އަކީވެސް މީގެ ތެރޭގައި ހިމެނޭ އެންމެ ރީތި ކޮރަލް ގާޑަން ފެންނަ އެއް މަންޒިލެވެ. ދިވެހިރާއްޖެ އަށް ޒިޔާރަތް ކުރާ ގިނަ ފަތުރުވެރިން އާޝޯޚްވާހާވެސް ރީއްޗެވެ. މިދެންނެވި މުރަކަ ބަގީޗާ އާއި މުޅި އެމާހައުލުގައި އުޅޭ މަސްމަހާމެހި ހަމަ ލޮލަށް ފެންނަ އިރު ރީތިވެފައި ހިތްގައިމު ނަމަވެސް އަދި އެއަށްވުރެން މާރީތި އުޖާލާ ކުލަތަކުން ކޮރަލް ގާޑަން އާއި އެއިގެ ދިރުން ފެންނަ ޚާއްސަ ޓެކްނިކެއް މެރިން ސައެންޓިސްޓުން ވަނީ ތަޖްރިބާ ކޮށްފައެވެ. ފުލަރޯ ޑައިވިން ނުވަތަ ފުލަރޯ ސްނޯރކްލިން އަކީ މިދެންނެވި ޓެކްނިކަލް ޑައިވިން އާއި ސްނޯރކްލިން އަށް އަށް އާއްމުކޮށް ކިޔާ ނަމެވެ.

ދާދިފަހުން ރާއްޖޭގެ މަދު ރިސޯޓް ތަކެއްގައި ނަމަވެސް މިޚާއްސަ ޓެކްނިކަލް ޑައިވިން އާއި ސްނޯކްލިން ދަތުރުތައް ވަނީ އެރިސޯޓް ތަކަށް ޗުއްޓީ ހޭދަ ކޮށްލުމަށްދާ ފަތުރުވެރިންނަށް ތަޢާރަފު ކޮށްފައެވެ. މިއީ ރާއްޖޭގެ ކަނޑު އަނޑީ މުރަކަ ބަގީޗާގެ އަޖައިބު ކުރުވަނިވި ރީތިކަން ފެނިގެންދާ މުޅިން ތަފާތު އެކްސްޕީރިއެންސްއެކެވެ. އެހެން ކަމުން ފުލަރޯ ޑައިވިން އާއި ފްލަރޯ ސްނޯރކްލިން ކުރުމަށް ޝައުގުވެރިވާ ފަތުރުވެރިން ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. މިއީ ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމު މާހައުލުގެ އުޖާލާ ރީތި ކަން ތަފާތު އެހެން ލެވެލް އެއްގައި ފަތުރުވެރިންނަށް ދައްކާލުމަށް ވަރަށް މުހިއްމު ކަމެކެވެ.

ކަނޑު އަނޑީގެ ދިރުން ތަކުގައި އެއިގެ އަމިއްލަ ޒާތުގައި ތަފާތު އުޖާލާ ކުލަކުލައިގެ ވިދުން އުފައްދާދޭ ތިބީޢީ ސިފަތަކެއް ހުރެއެވެ. މިކުލަތަކަށް އިނގިރޭސި ބަހުން ކިޔަނީ ނިއޯން ކަލަރސް އެވެ. އެއީ ބައޯލުމިނަސް ނުވަތަ ޚާއްސަ ޕްލޭންކްޓަން ތަކެކެވެ. އެހެން ނަމަވެސް ކަނޑުގެ ފަނަރ މީޓަރަށް ވުރެން އަޑިން މިދެންނެވި ނިއޯން ކުލަތަކުގެ ހުރިހާ ކުލަތަކެއް އިންސާނުންގެ ހަމަ ލޮލަށް ރަނގަޅަށް ފެންނަ ގޮތެއް ނުވެއެވެ. އެއީ އެކުލަތައް ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް ފުރޭނިގެން ދާތީއެވެ. ފެންނަނީ އެކުލަތަކުގެ ތެރެއިން ދުރުން ފެންނަ މަދު ކުލަ ތަކެކެވެ.

މިދެންނެވި ނިއޯންގެ ހުރިހާ ކުލަތައް ފެންނަ ފަދަ ޑައިވިން ޓެކްނޮލޮޖީ އެއް މިހާރު ވަނީ ފައްކާ ކުރެވިފައެވެ. އެއީ ފުލަރޯ ޓޯރޗެވެ. މިބައްތީގެ ތަފާތު ވައްތަރު ތައް މިހާރު މާރކެޓުގައި ލިބެން ހުރެއެވެ. އާދައިގެ ޑައިވިން ބައްތީގެ ސިފަ އަށް ހުންނަ ބައްތި އާއި ޑައިވިން މާސްކުގެ މަތީ ކައިރީގައި ހަރު ކޮށްލެވޭ ގޮތައް ހުންނަ ބައްތި ހިމެނެއެވެ.