ގުޑްގަވަރނަންސް އަކީ ހެޔޮވެރިކަމެއް ނޫނެވެ. އެއީ ރަނގަޅުވެރިކަމެވެ.

ސަރުކާރެއް ހިނގާގޮތް ރަނގަޅު ވުމަކީ އެ ސަރުކާރަކުން ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމެއް ނޫނެވެ. އަދިކިއެއްތަ، އެއީ ސަރުކާރުން އެކިދާއިރާތަކަށް ގިނަ ހޭދަތަކެއް ކުރުމެއް ވެސް ނޫނެވެ. ރަނގަޅު ވެރިކަމަކީ “ގުޑް ގަވަރނަންސް” ގެ އުސޫލުން ސަރުކާރު ހިންގުމެވެ. ގުޑް ގަވަރނަންސްއާ ނުލައި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކާއި ކުރާ ހޭދަތައް އެ ކުރެވެނީ އެންމެ ރަނގަޅުގޮތުގައި ކަމަކަށް ނުވާނެއެވެ. ގުޑް ގަވަރނަންސްގެ އެންމެ މުހިއްމު ސިފައަކީ ހުރިހާ ކަމެއް ކުރުމުގައި ވެސް ރަނގަޅު އިޖްރާއާތުތަކެއް ހަމަޖެހިފެއި ހުރުމާއެކު އެ އިޖްރާއާތުތަކާ އެއްގޮތަށް އަމަލުކުރުމެވެ. ގުޑް ގަވަރނަންސްގެ ޝަރުޠުތަކަކީ ޖަވާބުދާރީވުމާއި، ދެފުށްފެނުމާއި، ޤާނޫނީ ޙުކޫމަތު ނެގެހެއްޓުމާއި، ރައްޔިތުންގެ ގޮވާލުންތަކަށް އިޖާބަދިނުމާއި، ހުރިހާ ރައްޔިތުން ޝާމިލުކުރުމާއި، ހިންގުންތެރިކަމާއި، ކަންކަން ނިންމުމުގައި އެކަންތައްތަކުން އަސަރުކުރާނެ ފަރާތްތަކުގެ ރައުޔާއި ޚިޔާލުހޯދުމެވެ.

 ޙަޤީޤީ ރަނގަޅުވެރިކަން ނުވަތަ ގުޑް ގަވަރނަންސް އަކީ ކޮބައިތޯއެވެ؟

“ގުޑް ގަވަރނަންސް” އަކީ ސަރުކާރުކާރު ހިންގުމުގެ ދާއިރާގައި ކަންކަން ނިންމުމާއި ފައިސަލާ ކުރުމާ ބެހޭގޮތުން ބޭނުންކުރެވޭ އިސްޠިލާހެކެވެ. އެއީ ކޮންމެހެން “ރަނގަޅު” ފައިސަލާތައް ކުރުމަށް ބޭނުންކުރެވޭ ބަހެއް ނޫނެވެ. އެކަމަކު، އެއީ އެ ފައިސަލާތައް ކުރުމުގެ ކަމާކެމި (ޕްރޮސެސް) ވީއެންމެ ފުރިހަމައަކަށް ކުރުމަށް ބޭނުންކުރެވޭ ބަހެކެވެ.

ކަންކަން ނިންމުމުގެ ރަނގަޅު އިޖްރާއާތުތައް، ނުވަތަ އޭގެ ސަބަބުން ޤާއިމުކުރެވޭ ގުޑް ގަވަރނަންސް ގައި ތަފާތު ސިފަތަކެއް ހުރެއެވެ. އެ ހުރިހާ ސިފަތަކެއްގެ ސަބަބުންވެސް، ސަރުކާރު ހިންގުމުގެ އެކިއެކި ދާއިރާތަކަށް ރަނގަޅު އަދި އީޖާބީ އަސަރުތައް ފޯރުވައި ދެއެވެ. މަޝްވަރާކުރުމުގައި ޢަމަލުކުރާ ގޮތްތަކާއި އެކަމުގެ ސިޔާސަތު ހިމެނޭ ގޮތުންނެވެ. އަދި ބައްދަލުވުންތައް ބާއްވާނެ އުސޫލުތަކާއި، ޚިދުމަތްތަކުގެ ފެންވަރު ހިފަހައްޓާނެ ޤަވާޢިދުތަކާއި، އިންތިޚާބުތަކުން ހޮވޭ މުވައްޒަފުންނާއި އިދާރީ މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި، މަސްއޫލިއްޔަތު ސާފުކޮށް ބަޔާންވެފައިވުމާއި މަސައްކަތު މާޙައުލުގެ ގުޅުން ރަނގަޅުވެފައިވުން ހިމެނެއެވެ.

ރަނގަޅުވެރިކަން ނުވަތަ ގުޑް ގަވަރނަންސްގެ މައިގަނޑު ސިފަތައް

(ހ) ޖަވާބުދާރީވުން

ޖަވާބުދާރީވުމަކީ ގުޑް ގަވަރނަންސްގައި ހިމެނޭ އެންމެ އަސާސީ އެއް ޝަރުޠެކެވެ. ސަރުކާރަކުން، އެ ސަރުކާރެއް ތަމްސީލުކުރާ ރައްޔިތުންގެ ނަމުގައި، ނިންމާ ނިންމުންތަކުގެ ނަތީޖާތަކާ ބެހޭ މަޢުލޫމާތުދީ، އޮޅުންފިލުވައިދީ، ޖަވާބުދާރީވުމަކީ އެ ސަރުކާރެއްގެ ވާޖިބެކެވެ.

(ށ) ދެފުށްފެނުން

ކަންކަން ނިންމާގޮތް، ރައްޔިތުންނަށް، ބަލައި އޮޅުންފިލުވެން ވާނެއެވެ. މީގެ މާނައަކީ ކަމެއްގައި ނިންމި ގޮތަކީ، ކީއްވެ އަދި ކޮންގޮތަކުން ނިންމި ކަމެއްކަން، ރައްޔިތުންނަށް ސާފުކޮށް އެނގެން އޮންނާންވާނެ އެވެ. ކަމެއްގައި ސަރުކާރުން ވަކިގޮތެއް ކަނޑައެޅީ ކޮން މަޢުލޫމާތުތަކަކާއި، ކޮން އިރުޝާދުތަކަކާއި، ކޮން މަޝްވަރާތަކަކަށްފަހު ކަން، އަދި އެކަމެއްގައި ޤާނޫނީ ގޮތުން ލާޒިމްކުރާ ކަންތައްތަކެއް ވާނަމަ، ޢަމަލުކުރީ ކޮން ޤާނޫނެއްގެ ދަށުން ކަން އެނގެން ވާނެއެވެ.

(ނ) ޤާނޫނީ ޙުކޫމަތަށް ޢަމަލުކުރުން

މީގެ މާނައަކީ ސަރުކާރުގެ ނިންމުންތައް ހުންނާން ވާނީ ކަމާގުޅޭ ޤާނޫނުތަކާއި، ޤަވާޢިދުތަކާއި، އިސްލާމީ ޝަރީޢަތާއި، އާދަކާދަ ނުވަތަ ކޮމަން ލޯގެ އުސޫލުތަކާ ތަޢާރުޒުނުވާ ގޮތުގެ މަތީން، އަދި ސަރުކާރުގެ އިޚްތިޞާޞުން ބޭރުނުވެއެވެ.

(ރ) އިޖާބަ ދިނުން

ސަރުކާރުން އަބަދުވެސް މަސައްކަތްކުރާން ވާނީ ވާދަކުރަމުންދާ އެހެނިހެން މަސްލަހަތުތަކާ ތިލަފަތްހަމަކޮށް މުޅި މުޖްތަމަޢުގެ ބޭނުންތައް ފުއްދައިދިނުމުގައި އަވަސްކަމާއެކު އެކަށީގެންވާގޮތެއްގައި އިޖާބަދީ ޚިދުމަތްކުރުމަށެވެ.

(ބ) ހަމަހަމަކަމާއި ޝާމިލުވުން

ޖަމާޢަތަކަށް އުފާވެރިކަމާއި ސުލްޙަވެރިކަން ގެނެސްދޭނީ ސަރުކާރުން ކަންކަން ނިންމުމުގެ މަރުޙަލާތަކުގައި، އެ ޖަމާޢަތުގެ އަފްރާދުންގެ މަސްލަޙަތުތަކަށް ރިޢާޔަތްކުރާކަމުގެ އިޙްސާސް އެ އަފްރާދުންގެ މެދުގައި އުފެދިފައި އޮތުމުންނެވެ. މީގެ މާނައަކީ ހުރިހާ ޖަމާޢަތްތަކެއްގެ މީހުންނަށް ވެސް، ޚާއްޞަކޮށް، އެންމެ ބަލިކަށި ގިންތިތަކުގެ މީހުންނަށް، އެ މަރުޙަލާތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮތުމުންނެވެ.

(ޅ) ނަތީޖާނެރެވުމާއި ޤާބިލު ހިންގުންތެރިކަން

ޖަމާޢަތުގެ ކުރިއެރުމަށްޓަކައި ޙާޞިލުކުރެވެން އޮތް އެންމެރަނގަޅު ނަތީޖާއެއް ކަށަވަރުކުރުމަށްޓަކައި، ސަރުކާރުން، އޭރަކު ލިބެން ހުރި ވަސީލަތްތަކާއި، ވަގުތާއި، މީހުންގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ގޮތުގެމަތީން އަމަލުކޮށް، ނިންމުންތައް ނިންމައި، ތަންފީޒުކުރާން ވާނެއެވެ.

(ކ) ބައިވެރިވުން

ސަރުކާރުގެ ނިންމުމަކުން އަސަރުކޮށްފާނެ، ނުވަތަ އެފަދަ ކަމެއްގައި މަސްލަޙަތު އޮވެދާނެ ކޮންމެމީހަކަށް، އެ ނިންމުމެއްގެ އެކިއެކި މަރުޙަލާތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާންވާނެއެވެ. މިކަންތައް، ތަފާތު އެތައްގޮތަކަށް ކުރެވިދާނެއެވެ. ޖަމާޢަތުގެ އެކިއެކި ފަރުދުންގެ ކިބައިން ކަންކަމުގެ މަޢުލޫމާތު ހޯދިދާނެއެވެ. އެބައިމީހުންގެ ރައުޔު ތަކަށް އެދެވިދާނެއެވެ. އަދި އެބައިމީހުންނަށް ކަންކަމުގައި ޚިޔާލާއި މަޝްވަރާ ދެވިދާނެއެވެ. ނުވަތަ ބައެއްކަހަލަ މައްސަލަތަކުގައި ކަންކަން ނިންމުމުގެ ޙަޤީޤީ މަރުޙަލާތަކުގައި ޢަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު އެބައިމީހުންނަށް ދެވިދާނެއެވެ.