އައްޑޫ މީހުންގެ ސިޔާސީ ޕެޓާން އެނގެނީ ކިހާވަރަކަށް؟

ސިޔާސީ ގޮތުން އައްޑޫ މީހުންނަކީ ވަރަށް ފުންނާބުއުސް ބައެއް ކަމަށް އެންމެނަށްވެސް ގަބޫލު ކުރެވެނީ އައްޑޫ މީހުން “ސުވާދީވް” ގެ ނަމުގައި ވަކި ސަރުކާރެއް އުފެއްދުމާއި ގުޅިގެންނެވެ. ނަމަވެސް އެސަރުކާރަކީ އައްޑޫ ރައްޔިތުންގެ މާބޮޑު ބާރެއް އޮވެގެން އުފެދުނު ސަރުކާރެއް ނޫނެވެ.

“ސުވާދީވް” އޭ ކިޔުނު ސަރުކާރެއް ދެކުނުގެ ހަތަރު އަތޮޅު ހިމެނޭގޮތަށް އުފަން ކުރުވީ އޭރު އައްޑޫ ގަމުގައި މިލިޓަރީ ޕޯސްޓެއް ޖަހައިގެން ތިބި އިނގިރޭސިން އަޑީގައި ތިބެގެންނެވެ. އައްޑޫގެ ކަމުވޮށިގެންވާ މަދު ބައެއްގެ ބޮލަށް ވަދެގެން އޮޅުވާލުމެއްގެ ތެރެއިން އިނގިރޭސިން އެކަން ކުރީ އެމީހުންގެ ފައިދާއާއި މަންފާގެ މިންވަރަށް ރިއާޔަތް ކޮށްފައެވެ. އޭގެ ހެއްކަކީ އެސަރުކާރުގެ ފައިދާ އިނގިރޭސިންނަށް ނުކުރާނެކަން އެނގުނު ހިސާބުން އެސަރުކާރު އުވާލުމެވެ. އިނގިރޭސިން އިސްކޮށް ތިބެގެން އޭރުގެ ދިވެހި ސަރުކާރާއި ވެވުނު އެއްބަސް ވުމެއްގެ ދަށުން “ސުވާދީވް” ސަރުކާރު އުވާލާ ދިވެހި ދިދަ ދެކުނު ހަތަރު އަތޮޅުގައި ވިހުރަވާ ލިއެވެ.

ހަގީގަތަށް ބުނަންޏާ އައްޑޫ ރައްޔިތުންގެ ސިޔާސީ ފިކުރެއް އެހާވަރަށް އޮތްކަމަކަށް ނުބުނެވޭނެ އެވެ. އޭގެ ސަބަބު ކިތައްމެހައިވެސް ބައިވަރެވެ. ފުރަތަމަ ކަމަކީ އެސަރުކާރުގެ ހުރިހާ ކަމެއް ކޮންޓްރޯ ކުރީ ޚުދު އިނގިރޭސިން ކަމެވެ. އިނގޭސިން ނުބުނާ އެއްވެސް ގޮތަކަށް އެސަރުކާރު ނުހިނގައެވެ. ހުރިހާ ކަމެއްގެ ފަހުބަސް ކިޔަން ތިބީ ހަމަ އިނގިރޭސި މިލިޓަރީ ސިފައިންނެވެ. ދެން ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލުގައިވެސް އައްޑޫ މީހުންނަށް އެހާ އެކަށީގެންވާ ރޯލެއް ކުޅުމުގެ ފުރުސަތެއް ފަހިވެފައި ނެތަވެ. އެކަމުގައި އިސްކޮށް ހަރަކާތްތެރިވި އައްޑޫގެ ތަޢުލީމީ މީހުން ފެޔައްޖައްސާލީ އައްޑޫމީހުން ބަލަން ތިއްބައި ސިޔާސީ ސްޓަންޓަކުން ކަމީ ހަގީގަތެވެ. މިހެން ކިތައްމެ ސަބަބުތަކެއް ލިޔެވިދާނެ އެވެ.

އައްޑޫ މީހުންގެ ސިޔާސީ ފިކުރެއް އޮތްނަމަ ދެކުނު ހަތަރު އަތޮޅުގައި އުފެދުނު ވެރިކަން އަދިވެސް ދެމިއޮތީހެވެ. އަދި އޭގެ ފަހުންވެސް ސިޔާސީ ގޮތުން މާބޮޑު ކަމެއް އައްޑޫ ރައްޔިތުންނަށް ކުރެވިފައި ނެތެވެ. ސިޔާސީ މީހުން އައްޑޫ މީހުން ގުނބޯ ހައްދަން މިކަޔަނީ އައްޑޫ މީހުންނަކި ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ ކުޅަދާނަ ބައެއް ކަމަށެވެ. ނަމަވެސް އެއީ ހަމަ އިނގިރޭސިން ކަންތައް ކުރިބީދައިން އޮޅުވާލުމެއްގެ ތެރެއިން އެމީހުން ބޭނުންވާ ވަގުތީ ފައިދާ ހޯދުމަށް ދައްކާ ޚިޔާލީ ވާހަކަ އެކެވެ.

“ސްވާދީވް” ސަރުކާރު އުފަންކުރީ ދެކުނުގެ ހަތަރު އަތޮޅު ބައިވެރި ކޮށްގެންނެވެ. އެހެނަސް އެސަރުކާރު ހިންގުމުގެ އެއްވެސް ރޯލެއް އައްޑޫ މީހުން ނޫން ބަޔަކު ކޮށްފައި ނެތެވެ. އަނެއް ތިން އަތޮޅުގަ ރައްޔިތުންނަށް ކުރި އެއްވެސް ފައިދާއެއް ނެތެވެ. އެއީ އިނގިރޭސިން ބޭނުންވި ގޮތެވެ. ސަރުކާރެއް ހިންގުމުގެ އެއްވެސް ސިފައެއް ހުރިނަމަކަ މިއަދު އައްޑޫ ރައްޔިތުން ތިބޭނީ ދުނިޔޭގެ ކުދި ގައުމު ތަކުގެ އިސްބައެއްގެ ގޮތުގައި ފިޔަޖަހާލަ ޖަހާލައެވެ.

އެހެނަސް އައްޑޫ މީހުންނަކީ މީހުންނަށް ހެޔޮ އަދި އެއަތޮޅަށް ޒިޔާރަތް ކުރާ މީހުންނަށް ކަމޭހިތާ ބައެކެވެ. އެކަން އެހެން އޮތްނަމަވެސް އައްޑޫ މީހުން ލޭބަލް ވެފައި އޮންނަނީ ވަރަށް ނުލަފާ ބިރުވެރި ބައެއްގެ ގޮތުގައެވެ. އެވެސް ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ފަތުރާފައިވާ ޚިޔާލީ ބަދުނާމެކެވެ.

އައްޑޫ މީހުންގެ ސިޔާސީ ފިކުރު ނުވަތަ ސިޔާސީ ޕެޓާނަކީ ކްލަބް ސްޓައިލެވެ. އެއީ އިނގިރޭސިން ދަސްކޮށްދިން ސްޓައިލެކެވެ. ކުޅިވަރު ކުލަބުތައް ހަދާ އެއްކުލަބާ އަނެއް ކުލަބު ވާދަވެރި ކަމެއްގެ ތެރެއަށް ފޮނުވާލީ އިނގިރޭސިންގެ ހީލަތްތެރި ރޭވުމަކުންނެވެ. އެކަމުގައި އައްޑޫ ރައްޔިތުން އަވެދިނެތި އުޅެން މަޖުބޫރު ކުރުވީ ހަމަ އިނގިރޭސިންނެވެ.

ކްލަބްތައް އުފައްދާ މުޅި އައްޑޫ ފިތުނަވެރި ކޮށްލިއެވެ. އޭގެ އެއްމެ ބޮޑު ހެއްކަކީ އައްޑޫ ފޭދޫގައި އުފެދުނު ޑީއެންސީ އަދި ސީއެންސީ ކްލަބެވެ. އެފަދަ ކުޅިވަރު ކުލަބްތައް އެމީހުން ފޭދޫގައި އުފެއްދީ އެމީހުންނާ އެންމެ ގާތުގައި ފޭދޫ އޮތުމުންނެވެ.

މިދެކްލަބުގެ ފޯރިއާއި އެކު މުޅި އަތޮޅު އެފަދަ ފިކުރުތަކަށް ހެއްލި ހުރިހާ ރަށެއް ބައިބައިވެ ފިތުނަވެރިކަން ފެތުރިގެން ދިޔައެވެ. އޭގެ ފަހުން މިއަދާއި ހަމަޔަށްވެސް އައްޑޫ މީހުންގެ ވިސްނުމާއި ފިކުރު މިހުންނަނީ އެމީހުންގެ ވަޒަނަށް މަންފާތެރި ކަމެއް ނެތަސް އެބަޔަކަށް ސަޕޯޓު ކުރުމުގައި ދެމިތިބުމެވެ. އޭގެ ސަބަބުން މަދުބަޔަކަށް އެމީހުންގެ ކަންތަކަށް ބޭނުންވާ މަންފާ ނުލިބެއެކޭ ނުބުނަމެވެ. އެފަދަ މަންފާގައި މިހާރުވެސް ހިފަމުންދާ އައްޑޫ މީހުން މަދެއް ނޫނެވެ. މިއީ އިޤްތިސާދީ ގޮތުން އައްޑޫ ތަރައްގީ ނުވާ އެންމެ ބޮޑު އެއްހަގީގަތެވެ. މިހެން ބުނުމުން މިލިއުމާއި މެދު ހިތްހަމަ ނުޖެހޭނެ ބަޔަކު ތިބޭނެކަމީ ޔަގީންވާ ކަމެކެވެ. އެވެސް އެފަދަ ފިތުނަވެރި ކަމެއްގެ ތެރޭ ތިބި ބައެއް ކަމާއި މެދު ޝައްކެއް ނުކުރަމެވެ.

ކްލަބް ފޯރީގައި އައްޑޫގެ އެއްރަށާއި އަނެއްރަށުގެ މީހުންވެސް ނަފްރަތުގެ ތެރެއަށް ގެނބުނެވެ. ފޭދޫ އަކީ ފުޓްބޯޅައިގައި އެންމެ ކުރީގައި އުޅޭ މީހުންކަމުން އެމީހުން ބަލި ކުރުމަށް އެހެން ހުރިހާ ރަށެއްގެ މީހުން ބޭނުމެވެ. އެފަދަ ވާދަވެރިކަމަށް ކުޅިވަރުގައި އޮތުމަކީ މައްސަލައެއް ނޫނެވެ. އެހެނަސް އޭގެއިން އަތޮޅަށާއި އަމިއްލަ ރަށަށް ލިބެންވާ ކުރިއެރުން ފަހަތަށް ޖައްސާލިއެވެ.

ކުޅިވަރުގެ މިފޯރި މުޅި ދިވެހިރާއްޖޭގެ ކަންކޮޅުތަކަށް ފެތުރުނެވެ. އެންމެ ބާރަށް މީގެ ފޯރި ފެތުރުނީ ވެރިރަށް މާލެއަށެވެ. ނަމަވެސް މާލޭގައި ކުޅިވަރު ފޯރި ފިތުނަޔަކަށް ނުވެއެވެ. އަދި އެކަންކަމުން މާލޭއަށް ކުރިއެރުން ލިބުން ލަސްވުން އަންނަކަން އިޙްސާސްވުމުން އެކަމުގައި އިސްކޮށް ތިބި މީހުން އެފޯރި އެހެން ޕެޓާނަކަށް ބަދަލުކޮށް އެމީހުންނަށް މަންފާ ލިބޭގޮތަކަށް ތަރުތީބު ކޮށްލިއެވެ. ކުޅިވަރުގައި އޭރު އުޅުނު ބޮޑިތި ކްލަބްތަކުގެ ވެރިން އެމީހުންގެ ޖީބުން ޚަރަދު ކުރުން މަދުކޮށް އަމިއްލަ ރަށުގެ ކުރިއެރުމަށާއި އެމީހުންގެ ވިޔަފާރި ފުޅާކުރުމަށް އަތްއޮޅާލާ އެކަމަށް ފަށައިގަތެވެ. މީގެ އެންމެ ބޮޑު ދަލީލަކީ ސިޔާސީގޮތުން މާލޭމީހުން ޕޯޑިއަމް ތަކުގައި އެކަކު އަނެކަކަށް ކިތައްމެ ފާޑެއް ކިޔެއް ކަމަކު އެމީހުން އެކުއެކީ އުޅޭތަން ފެންނާނެ އެވެ. ވިޔަފާރި ޕާޓުނަރުންގެ ގޮތުގައިވެސް އެބަތިއްބެވެ.

ނަމަވެސް ކުޅިވަރުގެ ވާދަވެރިކަން ހަސަދަވެރި ކަމަށް ބަދަލުވެ އެކަން ފިލައިގެން ނުދިޔައީ އައްޑޫ މީހުންގެ މެދުގައެވެ. ކޮންމެ ފަދަ ކުޅިވަރެއް އައްޑޫގައި ކުޅުނަސް މިއަދާއި ހަމައަށް އަދި މިހާރުވެސް އޮތީ އެއްބަޔަކު އަނެއްބަޔަކަށް ޖަދަލު ކުރުމާއި ފިތުނަ އުފެއްދުމާއި އަދި ނުވިތާކަށް އެނެކާއަށް ލަނޑުދިނުމުގެ ރޫޙެވެ.

އައްޑޫގެ ސިޔާސީ ވާދަވެރިންގެ މެދުގައިވެސް އޮތީ ހަމަ މިޒާތުގެ ވާދަވެރި ކަމެކެވެ. އެކަން ގަބޫލު ކުރަން ގިނަމީހުންނަށް އެހާ ފަސޭހައެއް ނުވާނެއެވެ. ސަބަބަކީ އެމީހުން ގަބޫލު ކުރާ އެގޮތަކީ ސިޔާސީ އެންމެ ރަނގަޅު ގޮތެވެ.

ސިޔާސީ މީހުން ސިޔާސީ ގޮތުން ކަންކަން ހާސިލު ކުރުމަށް އަތްއޮޅާލާ މަސައްކަތް ކުރާނެއެވެ. ނަމަވެސް ނިކަމެތި ރައްޔިތުމީހާ ކުރިއަށް ނެރެ އެމީހުން އެކަމުގެ ތެރޭ ގަނޑަތަޅުވާކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ކޮންމެ ސަރުކާރެއް އޮތަސް އެސަރުކާރު ވައްޓާ ލުމަށް ނުވަތަ އެސަރުކާރު ދަމަހައްޓަން ސިޔާސީ މީހުން އެންމެ ކުރިއަށް ނެރޭނީ އައްޑޫ މީހުންނެވެ. މިހާތަނަށް ރާއްޖޭގައި ހިނގާފައިވާ ސިޔާސީ ނުރައްކާތަކުގެ އެންމެ ކުރީސަފުން އަދިވެސް ފެންނަނީ ހަމަ މިމަންޒަރެވެ.

އައްޑޫ އާބާދީގެ ބޮޑުބައެއް ސަޕޯޓު ކުރަނީ ކުރީގެ ރައީސް ނަޝީދަށެވެ. އެއީ އެއްވެސް ހާލެއްގައި މައްސަލައެއް ނޫނެވެ. އެހެނަސް ސަޕޯޓް ކުރުމުގެ ޕެޓާނަކީ އަދިވެސް ކްލަބް ސްޓައިލެވެ. އަތޮޅަށް ނުވަތަ ރަށަށް ފައިދާވާ ގޮތަށް އައްޑޫ މީހުން ވިސްނުން ބަދަލު ކުރަން މިހާރު އެބަޖެހެއެވެ. މީގެ މާނައަކީ މިހާރުގެ ސަރުކާރު ކޮނޑަށްލައިގެން ދުވުމެއް ނޫނެވެ. އަދި އިދިކޮޅު ފަރާތްތަކުން ޖަހާ ހުރިހާ ބެރަކަށް ނެށުމެއްވެސް ނޫނެވެ. އައްޑޫ މީހުންގެ ސިޔާސީ ފިކުރު ވާންވީ އެއްވެސް ބަޔަކަށް ބޭނުންހާ ގޮތަކަށް ކުޅެނުލެވޭ ފިކުރަކަށެވެ.

ބުރުމާ ގާސިމުގެ މަސްލަހަތު އޮންނަ ކުންފުންޏެއްގައި މަސައްކަތް ކުރާނަމަ ކޮންމެހެން ބުރުމާ އެނބުރޭހާ ގޮތަކަށް އައްޑޫ މީހުންގެ ފިކުރު އެނބުރިގެން ނުވާނެއެވެ. ރައީސް ނަޝީދު ކަމުނުގޮސް އޭނައާއި ދެކޮޅަށްވެސް ގާސިމު ނިކުތުމުން އޭނަގެ މަސްލަހަތު އޮންނަ ތަންތަނުގެ މުވައްޒަފުން އޭނައާއި އެއްކޮށް ނިކުތީއެވެ. އަދި މިހާރު ރައީސް ނަޝީދު ރަނގަޅުކަމަށް ގާސިމު ބުނާއިރަށް ހަމަ އެމުވައްޒަފުން ނުވަތަ ގާސިމުގެ ފަރާތުން ކޮންމެވެސް ނަފާވެރިކަމެއް ލިބޭމީހުން އެގޮތަށް އެނބުރިގަތީ އެވެ. މިގޮތަށް ކަންތައް ވުމުން ހުރިހާ ސިޔާސީ ފަރާތްތަކުން މިބަލަނީ އައްޑޫ މީހުން ބޭނުންހާ ގޮތަކަށް ތަޅުވާލެވޭނެ ކަމަށެވެ. ހަގީގަތުގައި މިހާރު ކަން ހިނގާބީދައަކީވެސް ހަމައެގޮތެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާ ފުޅާވެގެން އާއިރު، ކުރީގެ ރައީސް ނަޝީދުގެ އާއިލީ ވިޔަފާރީގައި ނަޝީދުވެސް އިސްރޯލެއް އަދާކުރިއެވެ. އޭރު އައްޑޫ މީހަކަށް ވީތީ އެކުންފުނިން ވަޒީފާ ނުދެއެވެ. ވަޒީފާތަކަށް މީހުން ހޯދަން އޮފީސް ބޭރު ދޮރުގައި އިއުލާން ކޮށްފަ އިންނައިރު އައްޑޫ މީހަކަށް ވަޒީފާ ނުލިބޭނެ ކަމަށް ލިޔެފާއި އޮތްވާ ފެނުނު މީހުން އައްޑޫގައިވެސް މަދެއް ނުވާނެއެވެ. އެހެން ކަމަށްވާނަމަ ވަކި ރައީސް ނަޝީދުވެސް އައްޑުއަކަށް އެހާ ހެވެއް އެދޭނެ ކަމަކަށް ބެލުމުގެ ބޭނުމެއް ނެތެވެ. މިހެން ލިޔުމުން ހިތްހަމަ ނުޖެހޭނެ ކިތައްމެ ބަޔަކު ތިއްބަސް މިއީ ހަގީގަތެވެ.

މިފަލްސަފާ ދޫކޮށް އައްޑޫ މީހުން، އައްޑޫގެ އިގްތިސާދީ ތަރައްގީއަށް ގުޅިގެން މަސައްކަތް ކުރަން އެބަޖެހެ އެވެ. ވެރިކަމުގައި ކޮންމެ މީހަކު ހުރިނަމަވެސް އައްޑުއަށް މަންފާއޮތް ގޮތަކަށް އަހަރުމެން ބަދަލުވާން އެބަޖެހެ އެވެ. އެހެނަސް އެމީހަކަށްވެސް އައްޑޫ ރައްޔިތުންނާއި ބޭނުންހާ ގޮތަކަށް ކުޅެލެވޭނެ ފުރުސަތު ދީގެން ނުވާނެ އެވެ.

ޕޯޑިއަމް ތަކަށް އަރާ ކަރުބުޑުން ހަޅޭލެވިއެއް ކަމަކު އިގްތިސާދީ ނަފާވެރި އަލިކަމެއް އައްޑުއަކަށް ނުވިލޭނެއެވެ. އެކަން ކުރަން ޖެހެނީ އެކުގައި ގުޅިގެން ސިކުނޑީގެ ބޭނުން ކޮށްގެންނެވެ. މާލޭ މީހުންނަށް ނަފާވެރި ކަމުގެ ރަހަލިބިގަތީ އައްޑޫ މީހުންގެ ސިޔާސީ ވައްޓަފާޅީގެ ސަބަބުންނެވެ. ކްލަބް ސްޓައިލްގެ ވާދަވެރިކަން ދޫކޮށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ފަށައި ގަންނަން ވީއެވެ.

ކޮންމެ ސިޔާސީ ޕާޓީއަކުންވެސް ވެރިކަމުގެ ތަޚުތައް އައުމަށް ގޮތްކަނޑައަޅާ ބަޔަކަށް އައްޑޫގެ ބޮޑު އާބާދީ ހަދަން ވީއެވެ. ވެރިކަމުގެ ނަތީޖާ ބަދަލު ކޮށްލާ ބަޔަކަށް އައްޑޫ މީހުން ވާންވީއެވެ. މިކަން ކުރުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިގްތިސާދީ ފުދުން ތެރިކަން ހޯދުމެވެ.

އެކަމުގެ ހުނަރު އައްޑޫ މީހުންގެ ކިބައިގައި އެބަހުއްޓެވެ. ކޮށްލަންޖެހޭ ކަމަކީ ކްލަބް ސްޓައިލް ދޫކޮށް ގުޅިގެން މަސައްކަތް ކުރުމެވެ. ނަޝީދަކަށް، ގާސިމަކަށް، ޔާމީނަކަށް، މައުމޫނަކަށް އަދި އިމްރާނަކަށް ބަލާނެ ކަމެއް ނެތެވެ. އެމީހުންގެ ސިޔާސީ ހަޔާތްވެސް ބައްޓަން ކުރެވޭނީ އައްޑޫ އިގްތިސާދީ ގޮތުން ތަރައްގީ ވެގެން ކަމަށް އެންމެން ކިޔަމާ ހިނގާށެވެ.

އިނގިރޭސިންވެސް އައްޑޫ މީހުން ބޭނުން ކުރީ އެމީހުންގެ އެޖެންޑާ ހާސިލް ކުރުމަށެވެ. އެމީހުން އައްޑޫގެ ތަރައްގީއަށް ކުރި އެއްކަމެއްވެސް ނެތެވެ. އަދި މިހާރު ސިޔާސީ ފަރާތްތަކުންވެސް އެކުރާ ކަމަކީ ހަމަ އެމީހުންގެ އެޖެންޑާ ހާސިލު ކުރުމަށް އައްޑޫ މީހުން ގުނބޯ ހެއްދުމެވެ. ނަފާވެރިކަން ލިބޭ އެއްކަމެއްވެސް އަދި މިހާތަނަށް އައްޑުއަކަށް އެކަށީގެންވާ ގޮތެއްގައި ލިބިފައި ނެތެވެ.

ހަގީގަތް ގަބޫލު ކޮށް އަދިވެސް ސިޔާސީ މީހުންގެ ހަތިޔާރަކަށް ނުވެ، ވިސްނާ ފިކުރުކޮށް އަތޮޅުގެ ތަރައްގީއަށް މަސައްކަތް ކުރާށެވެ.