ހޯމަ ދުވަހުން ފެށިގެން އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް އައްޑޫގައި ވިއްކަން ފަށައިފި

ރޯދަމަހާ ދިމާކޮށް ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮކޮށް ހިފެހެއްޓުމަށްތަކައި އެސްޓީއޯއިން ފުރަތަމަ ޝިޕްމަންޓް ގެނެސް ވިއްކަން ފަށާފައިވާއިރު އައްޑޫ ސިޓީގައި އެސްޓީއޯ ފިހާރަތަކުން މިހަފްތާގެ ހޯމަދުވަހުން ފެށިގެން އަންނަނީ މިބާވަތްތައް އާއްމުކޮށް ވިއްކަމުންނެވެ.

އައްޑޫ ސިޓީގައި އެސްޓީއޯއިން މިބާވަތްތައް ވިއްކަމުން ދަނީ މަލެއާއި އެއް އަގެއްގައެވެ.

ފިޔާ ކިލޯއެއް ވަކިން 8 ރުފިޔާއަށް ވިއްކާ އިރު ބަސްތާއެއްގެ އަގު އުޅެނީ 170 ރުފިޔާއަށެވެ. އަދި 50 ބަސްތާއަށްވުރެން ގިނައިން ނަގާނަމަ ވިއްކާ އަގަކީ 160 ރުފިޔާއަށް ބަސްތާ ރޭޓުންނެވެ.

އަލުވި ކިލޯއެއް ވަކިން 9 ރުފިޔާއަށް ވިއްކާ އިރު ބަސްތާއެއްގެ އަގު އުޅެނީ 200 ރުފިޔާއަށެވެ. އަދި 50 ބަސްތާއަށްވުރެން ގިނައިން ނަގާނަމަ ވިއްކާ އަގަކީ 190 ރުފިޔާއަށް ބަސްތާ ރޭޓުންނެވެ.

ބިހެއް ވަކިން ދޮޅު ރުފިޔާއަށް ވިއްކާ އިރު ބިސްކޭހެއްގެ އަގު އުޅެނީ 270 ރުފިޔާއަށެވެ. އަދި 50 ކޭހަށްވުރެން ގިނައިން ނަގާނަމަ ވިއްކާ އަގަކީ 260 ރުފިޔާއަށް ކޭސް ރޭޓުންނެވެ.

އެސްޓީއޯއިން ބުނީ، މިބާވަތުގެ ދެވަނަ ޝިޕްމަންޓް މިމަހުގެ 8 ނުވަތަ 10 ވަނަދުވަހު މާލެ އަންނާނެ ކަމަށެވެ.

އަދި ފިޔާ، ބިސް، އަލުވީގެ އިތުރުން ގޭތެރެއަށް ބޭނުންވާ ސާމާނާއި ތެލާއި، ގެރިކިރާއި ބާސްމަތީ ހަނޑޫވެސް ހެޔޮ އަގުގައި ވިއްކުމަށް އެސްޓީއޯއިން ގަނޑުކޮށް ޝިޕްމަންޓް ގެނެސްފައިވާ ކަމަށް އެސްޓީއޯއިން ބުނައެވެ.