ހަގީގަތުގައިވެސް ވަކިވާންވީ ހެއްޔެވެ؟

ފޮޓޯ: އައްޑޫ ލައިވް

ކުރީގެ ރައީސް ނަޝީދާ އެކު އައްޑޫގެ ބަޔަކު، އައްޑޫ ސިޓީގައި ވަކި ދައުލަތެއް އުފައްދަން މަޝްވަރާ ކުރި އޯޑިއޯ އެއްގެ ވާހަކަ މިހާރު އެއްވާމަކަށް ދައްކާއިރު ހަގީގަތުގައިވެސް ވަކިވާންވީ ހެއްޔޭ މިއީ މިހާރު އުފެދޭ ސުވާލަކެވެ.

މިއޯޑިއޯގެ ވާހަކަ ސޯޝަލް މީޑިއާގައި ހިލިގަތުމާއެކު އެތައްބައެއްގެ ޝުޢޫރު އުތުރި އެރީ އެކި ރާގަށެވެ. މިކަމަށް ތާއީދު ކުރާމީހުން ތިބިއިރު މިކަމާ ދެކޮޅު މީހުން ގިނައެވެ. އަދި ހަމަ އެއާއެކު އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ބާޣީންނޭ ގޮވާމީހުންވެސް މަދެކޭ ދެންނެވޭކަށް ނެތެވެ.

މިފަދަ މަޝްވަރާއެއް ރައީސް ނަޝީދުއާއި ޙިއްސާ ކުރެވުނުއިރު މިބައްދަލު ވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރަކުވެސް ހިމެނޭ ކަމަށް ބެލެވެއެވެ. އެގޮތުން އައްޑޫ ސިޓީ ކައުންސިލްގެ މީދޫ ދާއިރާގެ ކައުންސިލަރު ހުސައިން ހިޔާޒު ވީއެފްޕީއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، އެ ވާހަކަތަކަކީ އޭނާ އާއި އެހެން ބަޔަކާ އެކު ދާދިފަހުން ސްރީލަންކާގައި ރައީސް ނަޝީދާއި ކުރެއްވި ބައްދަލުވުމެއްގައި ދެކެވުނު ވާހަކަތަކެއް އޮޅުވާލައިގެން ބަޔަކު ފަތުރާ އޯޑިއޯއެއް ކަމަށެވެ.

މީގެ އިތުރުން ހިޔާޒު ވިދާޅުވިކަމަށް ވީއެފްޕީގައި ބުނެފައިވަނީ، އެއްވެސް ހާލެއްގައި އެމަޝްވަރާ ކުރެވުނީ ސީރިއަސް ކަމެއްގެ ގޮތުގައި ނޫންކަމަށެވެ. އެކަން އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެހެން ކައުންސިލަރުންނާއި އެހެން ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެކަމަށް ހިޔާޒް ވިދާޅުވިއެވެ.

މިގޮތަށް ހިޔާޒު ވިދާޅުވުމުން ދޭހަވަނީ ހިޔާޒުގެ އިތުރުންވެސް އެހެން ކައުންސިލަރު މިމަޝްވަރާގައި ބައިވެރި ވެފައިވާ ކަމެވެ. އަދި ކޮންމެ ސިފައެއްގައި މަޝްވަރާ ކުރެވުނު ނަމަވެސް މިވާހަކަ މިއޮތީ ދެކެވިފައެވެ. ކައުންސިލަރުން މިގޮތަށް ވާހަކަ ދެއްކުމުން ގަބޫލު ކުރަންޖެހޭ ހަގީގަތަކީ އައްޑޫގެ ގިނަ ރައްޔިތުން މިކަމަށް ތާއީދު ކުރާނެ ކަމެވެ. ނަމަވެސް އުފެދޭ ސުވާލަކީ މިކަމަށް ތާއީދު ކުރާނެ ވަކި ޚާއްސަ ސަބަބެއް އެބައޮތް ހެއްޔެވެ؟

އައްޑޫ، ފުވައްމުލަށް އަދި ހުވަދޫގެ ދެބުރި ހިމެނޭގޮތަށް 1950 ވަނަ އަހަރުގެ ތެރޭގައިވަނީ އިނގިރޭސިން އަޑީގައި ތިބެގެން “ސުވާދީވް” ގެ ނަމުގައި ވަކިދައުލަތެއް ހިންގާފައެވެ. ނަމަވެސް ރާއްޖޭގެ ތާރީޚުގައި މިވާހަކަ ލިޔެވިފައި އޮތީ ބަޣާވާތެއްގެ ގޮތުގައެވެ. އައްޑޫ ރައްޔިތުން މިކަމަށް ފަޚުރުވެރިވާއިރު މިއީ އެހާރީތިނަމެއް ދުވަހަކުވެސް ލިބޭނެ ކަމެއްކަމުގައި ނުބެލެވެއެވެ. މިދައުލަތުގެ މުއްދަތުގައިވެސް ސުވާދީވު ހިމެނޭ އެއްވެސް ހިސާބަކަށް ތަރައްގީއަށް އެއްވެސް ކަމެއް ކުރެވިފައި ނެތްއިރު އައްޑޫއަށް މިއަދާއި ހަމައަށް ލިބިފައިވަނީ ނިކަމެތި ކަމެވެ. ލޭބަލް ވެވެނީ ސަރުކާރު ވައްޓާލަން ބަޣާވާތް ކުރާ މީހުންގެ ގޮތުގައެވެ.

ކުރީގެ ރައީސް ނަޝީދާއެކު ކުރެވުން މިމަޝްވަރާގެ ސަބަބުން އައްޑޫ މީހުންނާ ދިމާލަށް ބަޣާވާތުގެ އިނގިލި އަނެއްކާވެސް ދިގުވާން ފަށައިފި އެވެ. މިވާހަކަ އަޑު ފެތުރުމާއެކު އެކިފާޑުގެ ޝުޢޫރުތައް އަންނަނީ އުތުރި އަރަމުންނެވެ. އެގޮތުން މިކަމަށް އިޝާރާތްކޮށް މީހަކު އާއްމުކޮށްފައިވާ ޝުޢޫރަކީ، “ދިވެހި ޓައިގަރުންގެ ވެރިޔާ އަފީފު ބޮލަށް އިނގިރޭސިން އެރިގެން ތަރައްޤީއޭ، ތަހުޒީބޭ އަދި މުއްސަނދިކަމޭކިޔާ ދަޅަދައްކައިގެން އައްޑޫގަ ވަކި ދަޢުލަތެއް ޤާއިމުކުރަންޖެހި ގުއި ރޯނު މާތްﷲގެ ރަޙްމަތްފުޅުން ނާކާމިޔާބުވީމަ، އެކަމުގެ ހިތި ނުފިލައިގެން ތިޔަ އުޅެނީ.. އެކަން ވިނަމަ ޑިއޭގޯގާސިޔާގެ އަސްލުވަޒަންވެރިން އެތަނުން ބޭރުކުރި ބީދައިން އައްޑޫއިންވެސް މީހުން ބޭރުކޮށް ޑިއޭގޯގާސިއާއާއެކު ބޮޑު އަސްކަރީ ބޭސްއެއް ހެދުން އެމީހުންގެ ޕުލޭނަކީ. އަދި އައްޑޫ އިން އުފެދުނު މޮޅެތި އިލްމުވެރިންގެ މަންފާ ނުލިބި ނަސާރާ ފާދިރީންތަކެއް އުފެދުނީސް އެކަންވީނަމަ..” މިއެވެ.

މިކަމާއި އެއްކޮޅަށް ކޮށްފައިވާ ޝުޢޫރަކީ، “އައްޑޫގައިވެސް ވަކިން ސަރުކާރެއް ހެދުމަކުން މައްސަލައެއް ނެތެއްނު. މިހާރުވެސް މުޅި ރާއްޖެއަށް ލިބޭ އެއްޗެއް މާލެއަށް ބައްކޮށްގެން މާލެ ތޮއްޖައްސައިގެން ރައްޔިތުން އަތުން ޖިޒީ ނަގައިގެން އަތޮޅު ތަކުގެ ރައްޔިތުން ތި ގަނޑަތަޅުވަނީ. އެހެންވީމަ އައްޑޫގަ ސަރުކާރެއް ހެދީމަ މިއަށްވުރެ ރަނގަޅުވެސް ވެދާނެ… ކޮންމެހެން ނުޖެހޭ މާލޭ ސަރުކާރަށް އަޅުވެތިވެގެން ތިބޭކަށް.” މިއެވެ.

ހަގީގަތަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެއްވެސް ސަރުކާރަކުން އައްޑޫގެ ތަރައްގީއަށް އެކަށީގެންވާ ކަމެއް ކޮށްދީފައި ނުވާކަމެވެ. ބައެއް ސިޔާސީ ވެރިންނަށް ގަބޫލުވަނީ އައްޑޫއަށް އެއްވެސް ވަރަކަށް ތަރައްގީ ގެނެސްދީފިނަމަ އެބައިމީހުން ވަކިދައުލަތެއް ހަދާ ވަކިވެގަންނާނެ ކަމަށެވެ. އެހެން ކަމުން އައްޑޫގައި އަބަދުވެސް އޮންނަނީ ފިތުނަ ވެރިކާއި ހަސަދަ އާލާ ކުރުވާފައެވެ. މިކަން އައްޑޫ މީހުންނަށް އިޙްސާސް ނުވިޔަސް މިއީ ހަގީގަތްކަމަށް ގަބޫލުކުރާ ބަޔަކުވެސް އައްޑޫގައި އުޅެއެވެ.

ކުރީގެ ރައީސް ނަޝީދު މިކަމަށް ހިތްވަރު ދެއްވާ ވާހަކަ ދެއްކެވި ނަމަވެސް މިއީ އެހާ ފަސޭހައިންވާނެ ކަމެއް ނޫނެވެ. އަދި މިކަން ކުރުމަން އައްޑޫއަށާއި އައްޑޫގެ ރައްޔިތުންނަށް ލިބޭނީ ނިކަމެތި ކަމެވެ. އާދައުލަތް ހިންގަން އެކަކު އަނެކަކަށް އޮންނަ ވާދަވެރި ކަމުގެ ތެރެއިން މުޅި އައްޑޫ އެއްކޮށް ސުންނާފަތި ވުން ގާތެވެ. ކުރީގެ ރައީސް ނަޝީދުވެސް ވިދާޅުވިފަދައިން އައްޑޫގައި އަސްކަރީ ބާރުވެރި ކަމެއް ނެތެވެ. އެހެން ކަމުން އެފަދަ ބާރުވެރިކަމެއް އެންމެ ފުރަތަމަވެސް ބޭނުންވާނެ އެވެ. އެފަދަ ކަމެއް ކުރެވޭނީ ބޮޑުގައުމެއްގެ އެހީތެރިކަން ލިބިގެންނެވެ. އެއީ ހަމަޔަގީނުންވެސް ފަހުން އޭގެ އަގުއަދާކުރަން ޖެހޭނެ ކަމެކެވެ.

އެހެންކަމުން އައްޑޫ މީހުންނަށް ރަނގަޅީ ހަމަ ވަކި ދައުލަތެއް އުފައްދާ ދިވެހިސަރުކާރުން ވަކިވެގަތުން ބާއެވެ؟ ނުވަތަ އައްޑޫގެ ތަރައްގީއަށް ގުޅިގެން މަސައްކަތް ކުރުން ބާއެވެ؟