ކޮވެލި ކޮލަމް: އަގު

މަޝްހޫރު ވާހަކަދެއްކުންތެރިއަކު ސެމިނާރެއް ހުޅުވައިދިނުމުގެ ގޮތުން ތަޤުރީރުކުރަން ހުއްޓިހުރެ 20 ޑޮލަރުގެ ނޫޓެއް އޭނާގެ ޖީބުން ނަގައި ޙާޟިރުވެ ތިބި މީހުންނަށް ދައްކައިލިއެވެ. “މި 20 ޑޮލަރުގެ ނޫޓު ބޭނުމީ ކާކުހެއްޔެވެ؟” އެ ހޯލަށް ޙާޟިރުވެ ތިބި 200 އެއްހާ މީހުންކުރެން އޭނާ އެހިއެވެ. އެތާނގައި ތިބި އެންމެންވެސް ބޭނުންކަމަށް ބުނެ އަތްމައްޗަށް ނެގިއެވެ.

“އަހަރެން ތިޔައިން ކޮންމެވެސް އެކަކަށް މި ނޫޓު ދޭނަމެވެ. އެކަމަކު ދިނުމުގެ ކުރިން އަހަރެން މިޔަށް ކޮންމެވެސް ގޮތެއް ހަދާނަމެވެ.” މިހެންބުނުމަށްފަހު އެ ނޫޓު އޭނާގެ މުށުތެރެއަށްލައި ރޫޖެހޭވަރަށް ބޮނޑިކޮށްލިއެވެ. މިހެން ހެދުމަށްފަހު އަނެއްކާވެސް އޭނާއެހިއެވެ. “މިހާރުވެސް މިނޫޓު ބޭނުން ހެއްޔެވެ؟” ދެންވެސް ބޭނުންކަމަށް ބުނެ ހުރިހާމީހުން އަތް މައްޗަށް ނެގިއެވެ.

“އެންމެރަނގަޅެވެ” އޭނާ ބުންޏެވެ. “މިގޮތަށް އަހަރެން ހަދައިފިއްޔާ ކިހިނެތްވާނެ ހެއްޔެވެ.” މިހެން ބުނެފައި އޭނާ ނޫޓު ބިންމައްޗަށް ވައްޓާލިއެވެ. ދެން އޭގެ މައްޗަށް ފައިންއަރައި ބޫޓުން އިތުރަށް ގުޅަކޮށްލިއެވެ. މިހެން ހެދުމުން ވަރަށް ބޮޑަށް ހަޑިވެ ރޫޖެހިފައި ވަނިކޮށް އޭނާ ބިންމަތިން އެ ނޫޓު ނެގިއެވެ. “އަދިވެސް މި ނޫޓު ބޭނުން ބަޔަކު ވޭހެއްޔެވެ؟” މިހެން ހެދުމުންވެސް ބޭނުންކަމަށްބުނެ ހުރިހާ މީހުންވެސް އަތް މައްޗަށް ނެގިއެވެ.

ދެން މިހައި ހިސާބުން ސެމިނާރުގެ ބައިވެރީންނާ މުޚާޠަބުކޮށް އޭނާ ބުންޏެވެ. “އަހަރެންގެ ރަޙްމަތްތެރީންނެވެ. ތިޔަބައިމީހުންނަށް މިހާރު ތިޔަ ދަސްވީ ވަރަށް މުހިއްމު ފިލާވަޅެކެވެ. ފައިސާގެ އެނޫޓަށް އަހަރެން ކޮންމެކަމެއް ކުރި ކަމުގައިވިޔަސް، ތިޔަބައިމީހުން އޭތި ބޭނުން އެވަނީ އޭގެ އަގު ދަށް ވެގެން ނުދާތީއެވެ. ކޮންމެކަމެއް ކުރި ކަމުގައިވިޔަސް ހަމަ އޭގެ އަގަކީ 20 ޑޮލަރުގެ އަގެވެ.”

އަހަރުމެންގެ ޙަޔާތުގައިވެސް ވަރަށްގިނަ ފަހަރު އަޑިގުޑަންތަކަށް އަހަރުމެން ވެއްޓެއެވެ. ބޮނޑިވެ ރޫ ވެސް ޖެހެއެވެ. އަދި އަހަރުމެން ނިންމާ ބައެއް ނިންމުމުގެ ސަބަބުން، ނުވަތަ ޙާލަތު ދިމާވާ ގޮތަކުން އަހަރުމެން ވެސް ކިލަނބުވެ، ހަޑިއެއްޗެހިތަކުގައި ހޭކެއެވެ.

އަހަރުމެންނަށް ވެސް އަހަރުމެންގެ އަގު ވެއްޓިއްޖެހެން ހީވެއެވެ. އެކަމަކު ޙަޤީޤަތަކީ ކޮންމެކަމެއް ވިޔަސް، ނުވަތަ ވާން އުޅުނަސް، ތިޔަބައިމީހުންގެ އަގު ކުޑަވެގެނެއް ނުދާނެކަމެވެ. ތިޔައިން ކޮންމެ މީހަކީވެސް ވަރަށް ޚާއްޞަ މީހެކެވެ. މިކަން ދުވަހަކުވެސް ތިޔަބައިމީހުން ހަނދުމަ ނައްތައިނުލާށެވެ.