ބޮޑު ތަފާތަކުން ވެލެންސިއާ ބަލިކޮށް، ގްރީން ގަދަ ހައެއްގެ ތެރެއަށް

އެސްޓީއޯ މާލޭ ލީގުގައި ބޮޑު ތަފާތަކުން ކްލަބު ވެލެންސިއާ ބަލިކޮށް، ކްލަބު ގްރީން ސްޓްރީޓްސްއިން ތާވަލުގެ ހަ ވަނަ މަގާމަށް ޖެހިލައިފިއެވެ.

މިއަދު ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗު ގްރީނުން ކާމިޔާބުކުރީ 5-0ގެ ނަތީޖައަކުންނެވެ.

މި ހަފްތާއަކީ މާލޭ ލީގުގެ ފުރަތަމަ ބުރުގެ ފަހު ހަފްތާއެވެ. މިއަދު ކުޅުނު މެޗުން މޮޅުވެ ގްރީން ވަނީ ލީގުގައި ކުޅުނު ހަތް މެޗުން އަށް ޕޮއިންޓް ހޯދައިފައެވެ. ކުޅުނު ހަ މެޗުން ވެލެންސިއާއަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.

ގްރީން މިވަގުތު ގަދަ ހައެއްގައި އޮތް ނަމަވެސް މާލޭ ލީގުގައި މާދަމާ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗު ޔުނައިޓެޑް ވިކްޓަރީން ކާމިޔާބުކޮށްފި ނަމަ ޔޫވީ އަނެއްކާވެސް ހަވައަށް ޖެހިލާނެއެވެ. ލީގުގައި މިރޭ އޮންނާނީ ވިކްޓަރީއާއި ނިއުރޭޑިއަންޓް ސްޕޯޓްސް ވާދަކުރާ މެޗެވެ. ވިކްޓަރީ އޮތީ ލީގު ތާވަލުގެ ފަސް ވަނައިގައެވެ.

މިއަދުގެ މެޗުގެ ކުރީ ކޮޅުގައި އާދަމް އިމްރާންގެ ގޯލާއެކު ގްރީން ލީޑު ނެގިއެވެ. އަދި މެޗުގެ 36 ވަނަ މިނެޓުގައި އެޓީމު ވަނީ ލީޑު ފުޅާކޮށްފައެވެ. ވެލެންސިއާގެ ޑިފެންސް ތެރެއިން ހެދި ގޯހެއްގެ ބޭނުންހިފައި ގްރީންއަށް ލީޑު ފުޅާކޮށްދިނީ ބިދޭސީ ފޯވަޑް ރޮލެންޑް ރަސެލްއެވެ.

ފުރަތަމަ ހާފް ނިމެން ދަނިކޮށް ގްރީންގެ ރަސެލް އަދި ސޮބުލް އިލިއާގެ ހަމާލައެއް ވެލެންސިއާގެ ކީޕަރު ޖުން ކޮޗީ މަތަކުރި ނަމަވެސް މެޗުގެ 39 ވަނަ މިނެޓުގައި ސަމްދޫހު މުހައްމަދު ވަނީ ގްރީންގެ ތިންވަނަ ގޯލް ޖަހައި ލީޑުގެ ފަރަގު ބޮޑުކޮށްފައެވެ.

ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށީ ގްރީނުންނެވެ. އެގޮތުން ރަސެލްއަށް ލިބުނު ދެ ފުރުސަތެއްގެ އިތުރުން މުހައްމަދު ޝަފްރާޒް ފޮނުވާލި ހަމަލާތައް ފާހަގަ ކޮށްލެވުނެވެ.

މެޗުގެ 80 ވަނަ މިނެޓުގައި ގްރީންގެ ހަތަރު ވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުން ނުކުތް އިބްރާހީމް ރިޒުހާން (ރިޒުއްކޮ) އެވެ. އަދި އޭގެ ފަސް މިނެޓް ފަހުން ރަސެލްގެ ދެވަނަ ގޯލާއެކު ގްރީންއިން ތަފާތު ބޮޑުކުރިއެވެ.

މެޗުގެ ފަހު ކޮޅުގައި ވެލެންސިއާއިން ދެ ހަމަލާއެއް އުފެއްދި ނަމަވެސް އެޓީމަށް ގްރީންގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒުކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް މެޗު ނިމެން ދަނިކޮށް ވެލެންސިއާގެ އަންސަރު އިބްރީމް (އަންކޮ) ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.

މާލޭ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. ނިއު ރޭޑިއަންޓާއި ވިކްޓަރީ ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.

މަސްދަރު: ސަން.އެމްވީ