އައްޑޫ މީހުންނަށް އިނގިރޭސިން ކުރި ގަދަރު!

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން 1977 އާއި ހަމައަށް އިނގިރޭސިން އައްޑޫ ސިޓީގެ ގަމުގައި އެމީހުންގެ މިލިޓަރީ ބޭހެއް ހަދައިގެން ހިންގި ކަންތައްތަކަށް ފަޚުރުވެރިވާ ވަރަށް ގިނަ އައްޑޫ ރައްޔިތުން އުޅޭކަމީ ދެބަސްވެވޭނެ ކަމެއް ނޫނެވެ.

“އަފިރިން މީ އިނގިރޭސިންނޭ” މިމޭރުމުން ބުނެ އެކަމުގެ ފަޚުރުވެރިވާ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް ހަގީގަތަކީ އިނގިރޭސިންގެ ފަރާތުން އައްޑޫ ރައްޔިތުންނަށް މިފަދަ ގަދަރު ވެރިކަމެއް ލިބުނު ބާއެވެ. މިއީ މިހާރު އުފެދޭ ސުވާލެކެވެ. ހަގީގަތުގައިވެސް އައްޑޫ މީހުންގެ ޙައްގުގައި އެމީހުން އެއްވެސް ކަމެއް ކުރިބާއެވެ.

ގަމުގެ އިނގިރޭސިން ތިބިދުވަސްވަރު އައްޑޫ ރައްޔިތުންނަށް ލިބުނު މޮޅުކަމުގެ ވާހަކައަށް ނަޒަރު ހިންގާލާއިރު އެފަދަ ގަދަރުވެރި ކަމެއް އައްޑޫގެ ރައްޔިތުންނަށް އިނގިރޭސިން ދީފައިވާ ކަމަށް ބެލޭނެ އެއްވެސް ހުއްޖަތެއް ނެތެވެ.

އިނގިރޭސިން މިލިޓާރީ ޕޯސްޓެއް ހަދައިގެން އައްޑޫގައި ތިބީ އެމީހުންގެ ބާރުވެރިވެރި ކަމާއި ގަދަބާރު ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރުމަށެވެ. އޭރު ދުނިޔޭގެ ގައުމުތައް އެމީހުންގެ އަޅުވެތިކަމަށް ގެނައީ އެއްވެސް އިންސާނިއްޔަތު ކަމެއްގެ ތެރެއިންނޭ ތާރީޚު ބަލާލުމުން އެނގޭކަށް ނެތެވެ. އިންޑިއާ ކަނޑުގެ ބާރުވެރިކަން ދެމެހެއްޓުމަށް އެމީހުން ގާއިމުކުރި ތަންތަނުގެ ތެރޭ ގަންވެސް ހިމެނިގެން ދިޔައީއެވެ.

އެމީހުން ބޭނުންވާ ގޮތަށް ގަމުގައި މަސައްކަތް ކުރުމަށް އޭރުގެ ދިވެހި ދައުލަތުން ހުއްދަ  ނުލިބުމުން އެމީހުން އައްޑޫ މީހުންގެ ބޮލަށް ސަވާރުވެގެން އެމީހުންގެ ސިއްރު އެޖެންޑާއެއް ޙާސިލު ކުރުމަށް 1959 ވަނައަހަރު ވަކިސަރުކާރެއް އުފެއްދި އެވެ. އެސަރުކާރުގެ ވެރިއަކަށް ހިތަދުއަށް ނިސްބަތްވާ ޢަބުދު ﷲ އަފީފު ދީދީ ހުރި ނަމަވެސް މުޅި ދައުލަތުގެ ހުރިހާ ކޮންޓްރޯލެއް އޮތީ އިނގިރޭސިންގެ އަތްމަތީގައެވެ. ސުވާދީބޭ ކިޔުން ސަރުކާރަކީ އެމީހުންގެ މޫނުމަތި ރީތިކުރުމަށް ދެވުނު ނަމަކެވެ.

އައްޑޫ ރައްޔިތުން ގަމުގައި މަސައްކަތް ކުރި ދުވަސްވަރު ގިނަ މަސައްކަތު މީހުން އުޅެން ޖެހުނީ ވަރަށް ނިކަމެތި ގޮތަކަށެވެ. އައްޑޫ ރައްޔިތުން އުޅުނީ ގަމުގައި އުޅުނު ޕާކިސްތާނު މީހުންނަށްވުރެވެސް ނިކަމެތި ދަރަޖައެއްގަ އެވެ. އޭރު ގަމުގައި ކުއްތާ ހުރެއެވެ. ކުއްތާތަކަށް ތަށިތައްޓަށް ކާންދޭއިރުވެސް އައްޑޫ ރައްޔިތުން، މަސައްކަތު އަންނަން ޖެހޭނީ އެމީހުންގެ ކޮއްތު ހިފައިގެންނެވެ. އަދި ކާންޖެހޭނީ ކޮންމެވެސް ގަހެއްގެ ބުޑުގައި ތިބެގެން އިނގިރޭސިންނަށާއި ޕާކިސްތާނު މީހުނަށްވެސް ފޮރުވައިގެންނެވެ. އަދި ޚާއްސަކޮށް ކުއްތާ ތަކަށް ފިލަން ގަހެއްގެ ނިވަލުގައި ތިބެގެންނެވެ. ކާންޖެހެނީ ކަރުދާސް ގަނޑަކަށް ނުވަތަ ފަތެއްގެ މައްޗަށް ކާއެއްޗެހި އަޅައިގެންނެވެ. މިއީ ހަގީގަތްކަން ދަންނަ ކިތައްމެ މީހުނެއް މިހާރުވެސް ދުނިޔޭގައި އެބަތިއްބެވެ.

ބައެއް މީހުންނަށް ޕާކިސްތާނު ކޭމްޕުން ނުގަވާއިދުން ކާންލިބެ އެވެ. އެވެސް ޕާކިސްތާނު މީހުން ކާއެތިކޮޅެއް ދިނިއްޔާއެވެ. އަދި ލިބޭނީ ބާކީވާ ކާއެތި ކޮޅެވެ. މިފަދަ ކިތައްމެ ކަމެއް އައްޑޫ ރައްޔިތުން ތަޙައްމަލު ކުރިއެވެ.

އައްޑޫ ރައްޔިތުން އެންމެ ގަދައަށް ދައްކާވާހަކައަކީ އޭރުހެ ސިއްޙީ ނިޒާމުގެ ވާހަކައެވެ. ނަމަވެސް އެކަމަކީ ސީދާ އައްޑޫ ރައްޔިތުންނަށް އަމާޒުކޮށްގެން ދެމުންއައި ޚިދުމަތެއް ނޫނެވެ. އިނގިރޭސިން އެކަން ކުރީ އެމީހުނެގެ ސިއްޙީ ދުޅަހެޔޮ ކަމަށެވެ. ތަފާތު އެކި ބަލިތައް އައްޑޫ މީހުންގެ ފަރާތުން އިނގިރޭސިންނަށް ފޯރާފާނެ ކަމަށް އެމީހުންނަށް ގަބޫލު ކުރެވޭތީ ސިއްޙީ ޚިދުމަތް ކޮންމެވެސް މިންވަރަކަށް އެމީހުން ފޯރުކޮށް ދީފައި ވެއެވެ.

މުޅި މުޖުތަމަޢުގައި ބަލިމަޑުކަމެއް ފެތުރިއްޖެ ނަމަ އެކަމުގެ އަސަރު އޭމީހުންނަށް ވެސްކުރާނެ ކަމީ ޔަގީން ކަމަކެވެ. އެހެން ކަމުން އެފަދަ ކަމަކުން ސަލާމަތް ވުމަށް އެމީހުން ގޭބިސީތަކުގެ ހުރިހާ ފެން ވަޅުތައް ކްލޮރިނޭޓް ކޮށް އަދި މަދިރި ނައްތާލުމަށް ޑީޑީޓީ ކިޔާ ކެމިކަލްއެއް ދުމުގެ ސިފައިގައި މުޅި އަތޮޅަށް ޖެހިއެވެ. ޑީޑީޓީ އަކީ ސިއްޙަތައް އެހާރައްކާތެރި އެއްޗެއް ނޫންނަމަވެސް އެއްވެސް ބެލުމެއް ނެތި އެމީހުން އެދުންޖެހީ އައްޑޫ ރައޔިތުންގެ ތެރެއަށެވެ. މީގެ ސަބަބުން ނުރައްކާތެރި ބަލިތަކުން އެމީހުން ސަލާމަތް ވުމަށް މަގުފަހިވިއެވެ. ނަމަވެސް އައްޑޫގެ ބައެއް ރައްޔިތުންނަށް މީގެ ސަބަބަބުން ނޭވާލާ ނިޒާމަށް ގެއްލުން ލިބުނެވެ. އަސްތްމާގެ ބަލިމީހުން ގިނަވިއެވެ.

އައްޑޫ ރައްޔިތުންނަށް ގަމުގައި ގާއިމުކޮށްފައި އިން މިލިޓަރީ ސިއްޙީ ޕޯސްޓަށް ދެއްކޭނީ ވަކި އުސޫލެއްގެ ދަށުންނެވެ. އެއީ ރަށުއޮފީގެ ހުއްދަ އާއި އެކު ވަކި މިންވަރެއްގެ ކޯޓާއެއްގެ ތެރެއިންނެވެ. ސީއްޙީ ޕޯސްޓުގެ ޑޮކްޓަރުންނަށް ދެއްކުމަށް އަބަދުވެސް ރަށުގެ އޮފީސް ދޮށަށް މީހުން އެއްވެއެވެ. ނަމަވެސް ކޮންމެ ހަފްތާއަކުވެސް ސިއްޙީ ޕޯސްޓަށް ދައްކަން ފުރުސަތު ލިބޭނީ ވަކި މިންވަރަކަށެވެ. އެހެނަސް އެމާޖެންސީ ކަންކަމުގައި ދޯނީގައި ފަލިޖަހާފަ ދިޔުމުން އެކަން ކުރެވުނެވެ.

މަސައްކަތު މީހުންނަށް މުސާރަ ލިބޭނީ ކޮންމެ ދެހަފްތާއިން އެއްހަފްތާގެ ބުދަ ދުވަހުގައެވެ. އެދުވަހު ލިބޭ ޕައުންޑު ކޮޅުވެސް ދަމާއި ގަންނާނެ ގޮތެއް އިނގިރޭސިން އޮންނަނީ ރާވާފައެވެ. ގަމުގައި މަސައްކަތް ކުރި އޭރުގެ ޒުވާނަކު ބުނީ، “އަހަންނަށް ދެހަފްތާ މަސައްކަތް ކުރީމަ ލިބޭނީ ދެ ޕައުންޑް. އެލިބުނީމަ މިދަނީ ‘ނަފީ’ ކިޔާ ފިހާރައަކަށް. އެތަނަށް ގޮސް އެއްޗެހި ގަތީމަ އެޕައުޑްކޮޅު ހުސްވީ. މާސް ޗޮކްލެޓަކާ ގަމީހެއް ގަތީމަ އެއްކޮށް ހުސްވީ” މިހެންނެވެ. މިކަމުން ދޭހަވާ އެއްޗަކީ މަސައަކަތް ކޮށްފަ ލިބޭ މަދު ޕައުންޑު ކޮޅު ހުސްކޮށްލާނެ ރޭވުންތައް އެމީހުން ރާވާފައި އޮތްކަމެވެ.

ގިނަ މީހުން މަސަކަތް ކުރަނީ 12 ގަޑި އިރުއެވެ. މަސައްކަތްތެރިންގެ ހައްގު އެއްވެސް މިންވަރަކަށް އިނގިރޭސިން ހިމާޔަތް ކޮށްދީފައެއް ހަމަޔަގީނުންވެސް ނެތެވެ.

އިނގިރޭސިން އައްޑޫ ރައްޔިތުންނަށް ހެޔޮއެދިގެން ކަމެއް ކުރިނަމަ އައްޑޫގެ ތަޢުލީމީ ނިޒާމަށް ކަމެއް ކުރީހެވެ. މަދު ބަޔަކު އެމީހުންގެ އެހީތެރި ކަމުގައި ޖީސީއީ އޯލެވެލް ހެދިއެއް ކަމަކު އެފަދަ ތަޢުލީމީ ނިޒާމެއް އައްޑޫ ރައްޔިތުންނަށް ނުލިބެއެވެ. އިނގިރޭސިން ތަޢުލީމު ދިނުމުގެ ބަދަލުގައި އައްޑޫގައި އާލާ ކުރީ ކުޅިވަރެވެ. ޚާއްސަކޮށް ފުޓުބޯޅައެވެ. އެހެނަސް އެކުޅިވަރުގެ ސަބަބުން އައްޑޫ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ނެތި ފިތުނަ ވެރިކަމާއި ހަސަދަވެރިކަން މުޅި މުޖުތަމަޢުއަށް ފެތުރިގެން ދިޔައެވެ. އެފިތުނަ ވެރިކަން މިއަދާއި ހަމަޔަށްވެސް އެބައޮތެވެ.

ޢުމުރާނީ ގޮތުން އައްޑޫގެ ރައްޔިތުންނަށް ފައިދާ ކުރާނެ އެއްވެސް ކަމެއް އިނގިރޭސިން އައްޑޫގައި ކޮށްފައި ނެތެވެ. ގަމުގަ ރައްޔިތުން ގަމުން ބޭލީވެސް ވަރަށް އާދައިގެ ގެތައް ފޭދޫގައި ހަދާފައެވެ. ކޮންމެ ގެއެއްގައި ހުންނަނީ އެންމެ ކޮޓަރިއެކެވެ. ގޭގަ މެދުގައި ހޯލެއް ހުރެއެވެ. އެއީ ކުދިވެރިން ނިދާލަން އެމީހުން ހަދާފަ ހުންނަ ހޯލެކެވެ. ދެން ގެޔަށް ވަންނައިރު ހަނި ދިގު ސިޓިން އޭރިއާއެއް ހުރެއެވެ. ގެތައް ހަދާފަ ހުންނަނީ އެމީހުން ގެނައި ޒާތެއްގެ ބްލޮކްތަކަކުންނެވެ. ފައުންޑޭޝަނެއް އަޅާފަ ނޯވެއެވެ. ތަޅުމެއް އަޅާފަ އޭގެ މަތީ އެބްލޮކްތަކުން ގެތަށް ރާވާލަނީއެވެ. ބައެއް މީހުންނަށް ދަނގަޑު އެނދެއް ލިބުނެވެ. އެވެސް މަދު ބަޔަކަށެވެ. ފާޚާނާ ކުރެވޭނެ ނިޒާމެއް ގާއިމު ކޮށްދީފައި ނެތެވެ.

ފާޚާނާކުރުމާއި ފެންވެރުމަށް ހުންނަނީ އެންމެ ގިފިއްޔަކެވެ. ގިފިލި ހަދާދިނީކީ އިނގިރޭސިންނެއް ނޫނެވެ. އުވަދަވައިގެން އެބަޔަކު އަމިއްލައަށެވެ. ނުވަތަ އިނގިރޭސިން އެއްލާލާ ސިމިންތި ބޭނުންކޮށްގެންނެވެ. ބޮޑުކަމު ދާންޖެހެނީ ވަޅުކޮނެގެން ގިފިލިތެރެއަށެވެ. ގިފިއްޔަކީ ހަފޫޓުގެ އުސް ފާރެއް ރާނާ ހާމައަށް ހުންނަ ތަނެކެވެ. އެހެން ކަމުން ނަރުދަމާގެ ނުވަތަ ފަޚާނާ ކުރުމުގެ އެއްވެސް ފަސޭހަކަމެއް އިނގިރޭސިންގެ ފަރާތުން އައްޑޫ ރައްޔިތަކަށް ފޯރުކޮށެއް ނުދެއެވެ.

އިނގިރޭސިން އައްޑޫ މީހުންނާމެދު އޭރު ދެކޭގޮތް ބަޔާން ކުރުމަށް ރައްޓިއްސަކު ބުނެލީ، “ވިސްނާ މިދަނީ ބަންގާޅުގެ އެންމެ ފަގީރު ހިސާބަށް ކަމަށް. އެތަނުގެ މީހުން ފެނުނީމަ އެހާ ގަޔާއެއް ނުވާނެދޯ. އަދި އެމީހުންނާ ވާހަކައެއްވެސް ދައްކާ ހިތެއް ނުވާނެ. ބެލޭނީ ވަރަށް ދަށުދަރަޖައިގެ މީހުންގެ ގޮތުގަ. މުޑުދާރުކޮށް ވަރަށް ނިކަމެތިކޮށް ތިބޭނީ. މިއީ އޭރު އިނގިރޭސިން އައްޑޫ މީހުންނާއި މެދު ދެކުނުގޮތް.” ކަމަށް ބުނެ އޭނާ ވަރަށް ރަނގަޅަށް އިނގިރޭސިން އައްޑޫ މީހުންނަށް ދިން ދަރަޖަ ބަޔާން ކޮށްލަ ދިނެވެ.

އެހެންކަމަށް ވާނަމަ އިނގިރޭސިން އައްޑޫ ރައްޔިތުންނަށް މާމޮޅުކަމެއް ކޮންދިން ބާއެވެ؟ މިހަރަ ކަންކަމަށް ނަޒަރު ހިންގާލުމުން އެނގޭ ކަމަކީ އިނގިރޭސިން އައްޑޫ މީހުން ގެންގުޅުނީ އަޅުންގެ ގޮތުގައި ކަމެވެ. އެހެނަސް އެކަމަށް ފަޚުރުވެރިވާ މީހުން ގިނައެވެ.

އޭރު ބުރަމަސައްކަތް ކޮށްގެން ލިބުނު ފައިސާ ކޮޅު ރައްކާ ކޮށްގެން އައްޑޫގެ ގިނަމީހުން މާލެއަށް އައިސް ވިޔަފާރި ފެށިއެވެ. ޕާޓްނާޝިޕް އުސޫލުން ވިޔަފާރި ފެށިއެވެ. ނަމަވެސް އެއިން އެއްވެސް ޕާޓްނާޝިޕް ވިޔަފާރިއެއް ރަނގަޅު ގޮތުގައި ކުރި އަރައިގެން ނުދިޔައެވެ. ސަބަބަކީ އެހާ ރަނގަޅު ތަޢުލީމީ ފެންވަރެއް ނެތީމައެވެ.

ވިޔަފާރިތައް ރޫޅި އޭގެތެރެއިން ފައިމައްޗަށް ތެދުވެވުނީ މަދު ބަޔަކަށެވެ. ގިނަމީހުން ބިކަވެގެން ދިޔައީ ހަމަޔަގީނުންވެސް އިނގިރޭސިންގެ ފަރާތުން އެކަށޭނެ ތަޢުލީމެއް ނުލިބުގެ ނަތީޖާ އެވެ.

އިނގިރޭސި ކެބިނަޓަށް ހުށަހެޅި ސިއްރު ލިއުމުގެ ބައެއް

އިނގިރޭސިން ދެކުނުގެ ތިން އަތޮޅު ވަކިކޮށް، ވަކި ދައުލަތެއް ހަދާފައިވަނީ އެމީހުންގެ ސިއްރު އެޖެންޑާއެއް އޮވެގެން ކަން ވަރަށް ސާފުކޮށް އެނގެނީ އެމީހުން ޖޫން 20، 1959 ވީދުވަހު އިނގިރޭސި ކެބިނަޓަށް ހުށަހެޅި “ރިލޭޝަންސް ވިތް ދަ މޯލްޑިވްސް” ކިޔާ ސިއްރު ލިޔުން ކިޔާލުމުންނެވެ. އެމީހުންގެ ރޭވުން ތެރިކަމުގައި އޮތީ ހީލަތްތެރި ކަމާއި މަކަރުވެރި ކަމެވެ. މިފަދަ ބަޔަކު އެހެން މީހުންނަށް ކުރާނެ އެއްވެސް ގަދަރެއް ނޮއޮންނާނެ އެވެ.