މީދޫގެ އަމިއްލަފަރާތަކުން ޓެންޓެއް ހަދިޔާކުރައްވައިފި

ކޯގަންނު ޤަބުރުސްތާނުގައި މީހުންވަޅުލާއިރު، ޖަނާޒާގައި ބައިވެރިވާ ފަރާތްތަކަށް ހިޔާ ލިބިދިނުމައްޓަކައި، ބޭނުންކުރުމަށް، ޓެންޓެއް މީދޫގެ ޒުވާން ބޭފުޅެއްކަމުގައިވާ އަޙްމަދު އަހްނިސާއު ހަދިޔާކުރައްވައިފިއެވެ. އަވަށުއޮފީހުގެ ފަރާތުން މިހަދިޔާއާ ރަމްޒީގޮތުން ޙަވާލުވެލެއްވީ ކުރީގެ ކަތީބު އަދި މިހާރު އަވަށު އޮފީހުގެ އިސްވެރިއެއް ކަމުގައިވާ ޢަބްދުﷲ ރަޝީދު އެވެ. ދިގުމިނުގައި ވިހި ފޫޓު އަދި ފުޅާމިނުގައި ދިހަ ފޫޓު ހުންނަ މި ޓެންޓް ޙަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ 5 މޭ 2018 ވީ ހޮނިހިރު ދުވަހު ހަވީރު މީދޫ ގަނޑޮވަރިފަންނު ގައި މީދޫގެ މަންމައިންގެ ފަރާތުން ބޭއްވި މާހެފުމުގެ ރަސްމިއްޔާތެއްގައެވެ.

އަޙްމަދު އަހްނިސާއު، އޭނާގެ ބައްޕަ، އަލްމަރްޙޫމް ޢަބްދﷲ ލުޠުފީގެ މައްޗަށް ކުރެވޭ ޞަދަޤާތެއްގެ ގޮތުގައި ހަދިޔާ ކުރެއްވި މި ޓެންޓަކީ، އައްޑޫ ސިޓީކައުންސިލުން ދެއްވައިގެން މިހާރު ބޭނުންކުރަމުންދާ ސަތަރިޓެންޓް ހަލާކުވަމުންދާތީ އޭގެ ބަދަލުގައި ބޭނުންކުރުމަށް ވަރަށް އެކަށީގެންވާ ޒަމާނީ ޓެންޓެކެވެ.

މި ޓެންޓް ހަދިޔާކުރުމުގައި އަޙްމަދު އަޙްނިސާއު އާއެކު ޙަރަކާތްތެރިވި ބޭފުޅެއް ކަމުގައިވާ އަޙްމަދު މަޢުޞޫމް އައްޑޫ އޮބްޒާވަރ އަށް މައުލޫމާތު ދެއްވިގޮތުގައި މީދޫ އަކީ ކުރީގައިވެސް ހޭލުންތެރި ރައްޔިތެއް އުޅެމުން އައިރަށެއް ނަމަވެސް މިހާރު ވަނީ މިގޮތަށް އިޖުތިމާޢީ ކަންކަމުގައި އެކިއެކި ފަރުދުން ބައިވެރިވުމުގެ އާ ރޫޙެއް އުފެދިފައެވެ. މިކަމުގެ މިސާލެއްގެ ގޮތުން ރަށުގެ އެކި ހިސާބުތަކުގައި ހެދިފައިވާ ފަންނުތަކާއި، ރަށުގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ގުޅިގެން ރަށުތެރެ ސާފުކޮށް ބަލަހައްޓަމުން ދާދިއުން ފާހަގަކޮށްލެއްވިއެވެ.

އަދިވެސް މީދޫގެ ޒުވާން ފަރުދަކު މީދޫ މިސްކިތެއްގައި ބަހައްޓާފައި ހުރި އޭސީ އަށް ހިނގާ އެންމެހައި ޚަރަދުތައް ބަލަހައްޓަމުންދާކަމާއި، މިއަހަރު ރޯދަމަހަށް އަމިއްލަފަރުދުންގެ އެހީތެރިކަމާއެކު މީދޫ މާމިސްކިތުގެ އާބާތުރަ ފިލުވައި ކާޕެޓް މުޅިން އާކޮށް މިސްކިތް ޒީނަތްތެރި ކުރުމުގެ މަސައްކަތްތައް ވެސް ވަރަށްހަލުއިކޮށް ކުރެވުމުންދާ ކަމަށް ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވިގޮތުގައި ހުރިހާ މިސްކިތް ތަކެެއްގައި ހަރު ކުރެވިފައިވާ ސައުންޑް ސިސްޓަމް ތަކަކީ ވެސް ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް މީދޫގެ އަމިއްލަ ފަރުދުންގެ ފަރާތުން ލިބޭ އެހީތަކެވެ. މިކަމުގައި އަވައްޓެރި ހުޅުދޫގެ ފަރާތްތަކުގެ އެހީތެރިކަން ވެސް ލިބެމުންދާކަމަށް ވިދާޅުވިއެވެ.