ފުޓުބޯޅައިގެ ޝައުގު އައްޑޫ ސިޓީއިން ފަނޑުވަނީބާ؟

އައްޑޫ ސިޓީއަކީ މީގެ ކުރިން ފުޓްބޯޅައިގެ ރަސްކަން ކުރި މީހުން ކަމުގައި ވީނަމަވެސް ފެންނަ މަންޒަރަށް ބަލާއިރު ފުޓުބޯޅާއިގެ ޝައުގު އައްޑޫ ސިޓީއިން ފަނޑުވަމުން އެބަދެއެވެ.

ފުޓު ބޯޅައަށް ލޯބިކުރާ މީހުން ކިތައްމެ ގިނަ ނަމަވެސް އެކުޅިވަރު ކުޅުމުގައި އުޅޭމީހުންގެ ނިސްބަތް މަދުވާން ފަށާފައިވާ ކަމަށް ބެލެވެއެވެ. މިގޮތަށް ބުނަން ޖެހޭ ސަބަބަކީ އައްޑޫ ސިޓީ މަރަދޫގައި ކޮންމެ އަހަރަކު ރޯދަމަހު ބާއްވަމުން އަންނަ ގޯދިއްޔާ ބުޓްސަލް މުބާރާތުގެ ފޯރި ވަރަށް ބޮޑަށް ދަށްވެފައިވާތީ އެވެ.

އެކަމުގައި ހަރަކާތްތެރިވާ އޮފިޝަލަކު ބުނީ، މިފަހަރު މުބާރާތުގައި ބައިވެރިވެފައިވާ ޓީމު ތަކުގެ އަދަދު ގާތްގަނޑަކަށް ފަންސާސްއިން ސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ. އެހެން ކަމުން މުބާރާތުގައި ކުޅަންޖެހޭ މެޗްތައް މަދުވުމުގެ ސަބަބުން މުބާރާތް ފަށަން ރާވާފައި އޮތީވެސް ރޯދަމަހު ފަނަރަ ހާތާނގައެވެ.

މުބާރާތުގެ ފޯރި ދަށްވީ ހަގީގަތުގައިވެސް ފުޓުބޯޅައިގެ ޝައުގު މީހުންގެ ތެރޭ ފަނޑުވަމުން ދާތީ ބާވައެވެ؟ މިއީ ވަރަށް ބޮޑަށް މިހާރު ވިސްނާލަން ޖެހޭ ކަމެކެވެ. ގޯދިއްޔާ މުބާރާތަށް މީގެ ކުރިން ޓީމުތައް ތައްޔާރު ވަމުން އައިސްފައިވަނީ ވަރަށް ފޯރިއާއި ޖޯޝާ އެކީގައެވެ.

މިކަމުގެ ހަގީގަތް ދިރާސާކޮށްލުމުން އެނގިގެން ދިޔައީ ތަފާތު ކަންތައްތަކެއް ކުރިމަތި ވެފައިވާކަމެވެ. އެންމެ ފުރަތަމަ ކަމަކީ އެމުބާރާތުގައި ބައިވެރިވެ ވަނަލިބޭ ޓީމުތަކަށް އެމުބާރާތް އިންތިޒާމުކުރާ ފަރާތުން ދޭން ކަނޑައަޅާ ފައިސާގެ އިނާމު ދިނުން ލަސްވުމެވެ. އެންމެ ފަހުން މިދިޔަ އަހަރު ރޯދަމަހު ބޭއްވި މުބާރާތުގެ ފައިސާގެ އިނާމުތައް ބައެއް ޓީމުތަކާއި ހަވާލު ވެފައިވަނީ މިފަހަރުގެ މުބާރާތް އިޢުލާން ކުރަން ކުޑަތަން ވެފައި ވަނިކޮށްކަމަށް ޓީމުތަކުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލުން ބުނައެވެ.

މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު ބުނީ، ފައިސާގެ އިނާމު ދިނުން ހަގީގަތުގައިވެސް ވަރަށް ބޮޑަށް ލަސްވާ ކަމަށެވެ. އެގޮތަށް އެހެން ދިމާވަނީ މުބާރާތް ސްޕޮންސާ ކުރާ ބޮޑަތި ވިޔަފާރި ކުންފުނިތަކުން ދޭން އެއްބަސްވާ ފައިސާ ނުދީ ލަސްކުރާތީ ކަމަށް އޮފިޝަލު ބުނައެވެ. އެހެނަނަސް ބައިވެރިވާ ޓީމުތަކުން އެކަމެއް ގަބޫލެއް ނުކުރާނެ ކަމަށާއި އެހެންވުމުގެ ސަބަބުން މުބާރާތުގެ ފޯރި ދައްވާކަމަށެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި މިމުބާރާތުގެ ފޯރިދަށްވާ އަނެއް ސަބަބަކީ، މުބާރާތަށް ތައްޔާރު ވުމަށް ފުރަތަމަ ޓީމު އެކުލަވާލާ، ރަށްރަށުން ކުޅިންތެރިން ނަގާ ޕްރެކްޓިސްކޮށް މުބާރާތް ކުޅޭ ވަގުތު މުބާރާތް ކުޅުމަށް ފުރުސަތު މިލިބެނީ މާލެއިން ބޮޑުއަގުގައި ގެންނަ ކުޅުން ތެރިންނަށެވެ. މުބާރާތުގައި ކުޅުމަށް ފުރުސަތު ލިބޭނެކަމަށް ހުރިހާ ވަގުތެއް ހުސްކޮށް ޕްރެކްޓިސް ކުރުމުންވެސް އެފުރުސަތު ނުލިބޭކަމަށް ޒުވާން ކުޅުންތެރިއަކު ބުންޏެވެ. “އަހަރުމެން ވަރަށް މަސައްކަތް ކޮށްގެން ޓީމު އެކުލަވާލަނީ. ބޭނުންވަނީ މުބާރާތުގައި ކުޅެން. ތަޖުރިބާ ހޯދާ، މޮޅު ކުޅުން ތެރިއަކަށްވާން. އެކަމަކު ޓީމުގެ އިސްމީހުން އެފުރުސަތު އަހަރުމެންނަށް ގެއްލުވާލާ. އަސްލު ވަރަށް ދެރަވޭ. އެހެންވެ ދެން ކުޅޭ ހިތެއް ނުވޭ.” ޒުވާން ކުޅުންތެރިޔާ ބުންޏެވެ.

ފުޓްބޯޅައަށް ލޯބިކުރާ ގިނަމީހުން ބުނާގޮތުން އައްޑޫ ސިޓީގެ ފުޓްބޯޅައިގެ ފޯރި ދަށްވާ އެންމެ ބޮޑު ސަބަބަކީ ހަގީގީ ފުޓްބޯޅަ ކުޅުން މިހާރު ހުއްޓާލާފައިވާތީ ކަމަށެވެ. “ފުޓްސަލްއަކީ ހަގީގަތުގައި ރިޓަޔާ ކޮށްފަ ތިބޭ މީހުން މަޖަލަކަށް ކުޅޭ ކުޅިވަރެއް. އެހެނަސް މިހާރު ފުޓްސަލް އެއްޗަކީ. މީގެ ސަބަބުން ހަގީގީ ފުޓްބޯޅަ މިދަނީ ގެއްލެމުން. ‘ޔޫތް ސޮކާކަޕް’ ބޭއްވުން ހުއްޓާލިފަހުން މިހާތަނަށް އެފަދަ ފޯރިގަދަ މުބާރާތެއް ބޭއްވިފައި ނެތް. އެބަޖެހޭ ވަރުގަދަ ފުޓްބޯޅަ މުބާރާތެއް ކޮންމެވެސް ބަޔަކު އިސްނަގައިގެން އައްޑޫގަ ބާއްވަން. އެހެންނޫނީ ފުޓްބޯޅަ ނެތިގެން ހިނގައިދާނެ.” ފުޓްބޯޅައިގައި ހަރަކާތްތެރިވާ މީހަކު ބުންޏެވެ.

އެހެނިހެން ކަންތައްތައް ކުރުމަށް ފައިސާ ޚަރަދުވާ އުސޫލުން ފުޓްބޯޅަ ކުރިއަރުވާ އާލާކުރުމަށްވެސް ފައިސާ ބޭނުންވާނެ އެވެ. އެހެނަސް އެފަދަ ގޮތަކަށް އައްޑޫ ސިޓީގައި ޓީމުތަކެއް ހިންގާނެ ބަޔަކު ނެތެވެ. ފުންނާބުއުސް ވިޔަފާރިވެރިން އައްޑުއަށް ނިސްބަތްވި ނަމަވެސް އެމީހުންވެސް އެކަމަށް ޚަރަދު ކުރާކަށް ބޭނުމެއް ނޫނެވެ. އެއީ އެމީހުންގެ ވިޔަފާރިއަށް އެކަމުގެ ސަބަބުން ހިޔަނިއެޅިދާނެ ކަމަށް އެމީހުން ގަބޫލު ކުރާތީ ކަމަށް ވެދާނެއެވެ. ހަގީގަތަކީ އައްޑޫގައި ޕްރޮފެޝަނަލް ފުޓްބޯޅައެއް ގާއިމު ވެފައިނެތެވެ. އެކަމަކީ މުހިއްމު ކަމެއްކަން އެނގޭ މީހަކުވެސް ފަހަރުގައި ނެތީއެވެ. ނުވަތަ އެފަދަ ކަމަކުން ލިބޭނެ ރަނގަޅު ނަފާވެރިކަމެއްވެސް ނެތީއެވެ.

މާލޭގައި ފުޓްބޯޅަ ކުރިއެރުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ބަޔަކީ ފުޓްބޯޅައިން ރިޓަޔާވެފަ ތިބި އޭރުގެ މޮޅު ކުޅުންތެރިން ނެވެ. ނަމަވެސް މިކަމެއް އައްޑޫ ސިޓީއަކުން ނުފެނެއެވެ. އައްޑޫ ސިޓީއިން އެންމެ ގަދައަށް ވިދާލި ކުޅުން ތެރިޔަކީ ‘ޑީއެންސީ’ ގެ މަޝްހޫރު ކުޅުންތެރިޔާ އުދުހޭ މުފީދެވެ. ނަމަވެސް ފުޓްބޯޅައިގެ ޒުވާން ޖީލެއް އުފެއްދުމަށް އެބޭފުޅާ ކޮށްފައިވާ ކަމެއް ފެންނާކަށް ނެތެވެ. އޭގެ ފަހުން ދެން އެންމެ ބޮޑަށް ވިދާލި ކުޅުން ތެރިޔަކީ ފޭދޫގެ މަޝްހޫރު ފުޓްބޯޅަ އަލިބެ (އަލީ އިބްރާހިމް) އެވެ. އެބޭފުޅާގެ ފަރާތުންވެސް ޒުވާން ޖީލެއް އުފެއްދުމަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ. މިފަދަ ކިތައްމެ ކުޅުންތެރިންނަށް އައްޑޫގައި އުފެދުނެވެ. ނަމަވެސް ފުޓްބޯޅައިގެ ޒުވާން ޖީލެއް އުފެއްދުމަށް އެއްވެސް މީހަކަށް ކުރެވުނު ކަމެއް ނެތެވެ. ތިމާއަށް ލިބިފައި ހުންނަ ޢިލްމާއި ހުނަރު މުޖުތަޢުގެ އެހެން މީހުންނަށް ފޯރުކޮށް ނުދޭނަމަ މުޖުތަމަޢުގެ ހާލަތު ދާނީ އެއްދުވަހުން އަނެއް ދުވަހަށް ގޯސް ވަމުންކަން އެއީ ދުނިޔެ ދައްކާ ހަގީގަތެވެ.

އައްޑޫގައި ދިރިއުޅެމުން އަންނަ، މިފަދަ ކުޅުންތެރިން އިސްވެ އައްޑޫގެ ފުޓްބޯޅަ ކުރިއެރުވުމަށް ކޮންމެވެސް ވަރެއްގެ މަސައްކަތެއް ކުރެވުނު ނަމަ މިއަދު އައްޑޫ ސަޓީގައި މޮޅެތި ކުޅުން ތެރިން ތިބޭނެއެވެ.

ފުޓްބޯޅަ ކުޅުމުގައި ހަރަކާތްތެރިވާ ޒުވާނަކު ބުނީ، ބައްޕައާއި ދަރިފުޅު އެއްޓީމަކަށް ކުޅުމުން ދޭހަވަނީ އައްޑޫގައި ފުޓްބޯޅަ ދަށަށް ގޮސްފައިވާ މިންވަރު ކަމަށެވެ. “އެއީ ނަންމަޝްހޫރު ކުޅުންތެރިއެއް. މިހާރު އެހެރީ ރިޓަޔާ އުމުރުގައި. އެހެނަސް ޒުވާން ޖީލެއް އުފެއްދުމަށް މަސައްކަތެއް ނުކުރޭ. މިބަލަނީ އަމިއްލައަށް، ދަރިފުޅާއެކު ޓީމަށް އެރޭތޯ.” އޭނާ ނުންޏެވެ.

އައްޑޫ ސިޓީގައި ކޯޗުންގެ ގޮތުގައި ބައެއް ކުޅުންތެރިން ހަރަކާތްތެރި ވެއެވެ. ނަމަވެސް އެއީ އެފްއޭއެމްގެ ޕްރޮގްރާމެއްގެ ދަށުން ހަރަކާތްތެރިވާ ކޯޗުންނެވެ. އެފަދަ ކޯޗުން މަސައްކަތް ކުރާއިރުވެސް އެކޯޗުންނަށްވެސް ކުރީގެ މަޝްހޫރު ކުޅުންތެރިންގެ އިރުޝާދު ލިބިފައި ނެތެވެ. “އަހަރުމެން މިކުރަނީދޯ. މިކަން ތަރައްގީ ވޭތޯ. އެހެނަސް ކުރީގެ ސީނިއާ ކުޅުންތެރިންގެ ބައިވެރިވުމެއް ނުލިބޭ. އެމީހުން ގޮތްކިޔަނީ ގޯޅިގޯޅި ކަންމަތިން. ހިތްވަރުވެސް ދެނީކީނޫން. އެމީހުންގެ ޓެކްނިކްސް ހޯދަން އުޅުމުންވެސް ގިނަފަހަރު މިވަނީ ގޯސް. ދެންކިހިނެއްދޯ.” ކޯޗަކު އޭނަގަ އިހްސާސްތަކާއި ކަންބޮޑުވުން ޙިއްސާ ކޮށްލިއެވެ.

މިހުރިހާ ކަމަކަށް ވިސްނާލުމުން ހަމަ އުފެދޭ ސުވާލަކީ ހަގީގަތުގައިވެސް އައްޑޫ ސިޓީގައި ފުޓްބޯޅައިގެ ޝައުގު ފަނޑުވަނީ ބާއެވެ؟