ކައިވެނީގެ ހަޔާތް އުފަލުގައި ދެމެހެއްޓުމަށް މިފަސްކަމަށް ސަމާލުވާށެވެ!

ކައިވެންޏަކީ މާތް މަގުސަދެއްގައި އަންހެނަކާއި ފިރިހެނަކާ ދެމީހުން، އެކަކު އަނެކަކަށް ގުޅާލެވޭ ގުޅުމަކަށް ކިޔާ ނަމަކެވެ. އެގުޅުމަކީ މާތް މަގުސަދެއްގައި ގާއިމު ކުރެވޭ ގުޅުމެއް ނަމަވެސް މިހާރަކަށް އައިސް މިގުޅުމަށް ބުރޫއަރާ ދެމީހުންގެ ދޭތެރޭ ގިނަ މައްސަލަތައް އުފެދެއެވެ. ގިނަފަހަރު މިފަދަ މައްސަލަތައް އުފެދެނީ ވަރަށް އާދައިގެ ކުދިކުދި ކަންތައްތަކުގެ ސަބަބުންނެވެ. މީގެ ހަގީގީ އަސްލަކީ، އެކަކު އަނެކަކަށް އަދާ ކުރަންޖެހޭ ހައްގުތަކަށް އިހުމާލު ވުމެވެ. މާތްމަގުސަދެއްގައި ގާއިމު ކުރެވޭ ގުޅުމަށް ރައްކާތެރި ނުވެމެވެ.

އިސްލާމީ މުޖުތަމަޢުގައި ދެމަފިރިންގެ ހައްގުތަށް ވަރަށް ތަފްސީލުކޮށް ބަޔާންކޮށް ދީފައި އެބައޮތެވެ. ފިރިމީހާ އަނބިމީހާއަށް އަދާކުރަން ޖެހޭ ޙާއްޤުތަކާއި އަދި އަނބިމީހާ ފިރިމީހާއަށް އަދާކުރަން ޖެހޭ ޙައްގުތައްވެސް ކީރިތި ޤުރުއާނުގައި ވަރަށް ސަރީޙަކޮށް ބަޔާންކޮށްދީފައި އެބައޮތެވެ.

އެގޮތުން ނިސާ ސޫރަތު ފުރަތަމަ އާޔަތުގެ މާނާގައި ވަނީ، “އޭ މީސްތަކުންނެވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤުވާވެރި ވާށެވެ! އެކަލާނގެއީ، އެންމެ ނަފްސަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެނަފްސުގެ ކިބައިން އޭގެ އަނެއް ޖިންސް ހެއްދެވިއެވެ. އަދި، އެދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރެއްވިއެވެ. އަދި، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން  އެކަކު އަނެކަކާއި ސުވާލުކޮށް، ކަންކަމަށް އެދި އުޅޭ ރަސްކަލާނގެއެވެ. އަދި، ތިމާގެ ކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާ ވޮޑިގެންވާ ކަލަކު ކަމުގައި، ﷲ ވޮޑިގެން ވެއެވެ.” މިހެންނެވެ.

ބައެއް ދެމަފިރިން އެމީހުންގެ ކައިވެނި ރައްކާތެރިކުރުމަށް އެކަށޭނެ މަސައްކަތް ކުރެއެވެ. ހަމަ މިބީދައިން ކޮންމެ ދެމަފިރިއަކުވެސް މިފަދަ ގޮތަކަށް މަސައްކަތް ކުރާނަމަ މުޖުތަމަޢުގެ ހަމަޖެހުންވެސް ރައްކާތެރި ކުރެވޭނެއެވެ. ޒަވާޖީ ހާޔާތް ރޫޅި ދެމީހުން ވަކިވާކަށް ހަގީގަތުގައި އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. އެގޮތުން ޒަވާޖީހަޔާތް ދެމެހެއްޓުމަށް ކުރެވިދާނެ ފަސްކަމަކަށް ބަލާލަމާ ހިނގާށެވެ.

  1. ގޮތް ދޫކުރުން

ބައެއްގެ ތެރޭ އޮންނަ އެއްވެސް ގުޅުމެއް ދެމިއޮންނާނީ އެކަކު އަނެކަކަށް ގޮތްދޫކޮށް، ދެމީހުންގެ ޚިޔާލާއި ފިކުރަށްވެސް އިޙްތިރާމު ކޮށްގެންނެވެ. އެއީ މަންމަ އާއި ދަރިންކަމުގައި ވިނަމަވެސް އަދި ދެރައްޓެހިން ކަމުގައިވި ނަމަވެސް މެއެވެ. ބައެއް މީހުންނަށް ގަބޫލު ކުރެވެނީ ތިމާ ގޮތްދޫކޮށްފިނަމަ ތިމާގެ ކޮޅު ބަލިވަނީ ކަމަށެވެ. ނުވަތަ ތިމާގެ މައްޗަށް އަނެކާ ބާރުފޯރުވާ ބިރުވެރި ކުރުވަފާނަ ކަމަށެވެ.

ދެމީހަކު އެކަކު އަނެކަކުދެކެ ލޯބިވާނަމަ، އެކަކު އަނެކަކަށް ގޮތްދޫކުރާނެ އެވެ. ކޮންމެ ކައިވެންޏެއްގެ ގުޅުންވެސް މިބަނދެވެނީ ލޯބީގެ ގުޅުމަކުންނެވެ. އެހެންކަމުން ތިމާ ލޯބިވާ ފަރާތަށް، ގޮތްދޫކޮށް ދޫދޭނީ ތިމާގެ ދެމީހުންގެ ލޯބީގެ ހައްގުގައެވެ. ދެފަރާތުންވެސް މިފަދައިން ގޮތްދޫކުރަން ޖެހޭނެއެވެ. ހަމައެކަނި އެއްފަރާތުން ތާއަބަދު ގޮތްދޫކުރާނަމަ ކޮންމެވެސް ހިސާބަކުން މައްސަލަތައް ކުރިމަތިވާން ފަށާނެއެވެ. އެހެން ކަމުން އެއްވެސް ކަމެއްގައި އަރައިރުން ނުވެ ދެފަރާތުންވެސް ގޮތްދޫކުރުމަކީ ޒަވާޖީ ހަޔާތެއްގައި އުފާވެރި ކަންމަތީ އުޅުމަށް އެޅޭނެ އެންމެ ހަރުދަނާ ބިންގަލެވެ.

  1. އިޙްތިރާމު ކުރުން

ކޮންމެ އިންސާނަކީވެސް އިޙްތިރާމު ބޭނުންވާނެ މީހެކެވެ. އެއީ އިންސާނާގެ ތަބީއަތުގައި ހުންނަ ރީތި ސިފައެކެވެ. ތިމާއަށް އަނެކާގެ އިޙްތިރާމު ލިބޭނީ ތިމާ އަނެކާއަށް އިޙްތިރާމު ކޮށްގެންނެވެ. ކައިވެނީގެ ގުޅުން އުފަލުގައި ވޭތުކުރުމަށް އެކަކު އަނެކަކަށް އިޙްތިރާމު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ތިމާގެ އަމިއްލަ ނަފްސަށް ތިމާ ލިބެން ބޭނުންވާ އިޙްތިރާމާއި އިތްޒަތް އަނެކާއަށްވެސް ދޭށެވެ. އެއީ ފިރިމީހާ އަދި އަނބިމީހާ ކަމުގައިވީ ނަމަވެސް މެއެވެ. އިޙްތިރާމު ކުރާށެވެ. އެމީހުން ކުރާކަންކަމަށް ހިތްވަރުދީ އިޙްތިރާމު ކުރާށެވެ. އެކަކު އަނެކެއްގެ ޒާތީ ކަންތައްތަކަށްވެސް އިޙްތިރާމު ކުރާށެވެ. އެކަކު އަނެކަކަށް ފެންނަ ހިސާބުގައި އިޙްތިރާމު ކުރާ ބީދައިން ނެތްތަންތަނުގައިވެސް އިޙްތިރާމު ކުރާށެވެ.

  1. އަޅާލުން

ތިމާގެ އިޝާރާތުންވެސް ތިމާ އަނެކާއާއި ދޭތެރޭ އަޅާލާކަން ދެއްކިދާނެއެވެ. މިފަދަ ކުދިކުދި ކަންތައްތަކުން ދުވަހުގެ އުފާވެރިކަން ހިތްހަމަ ޖެހުމާއެކު ހާސިލު ކުރެވިދާނެއެވެ. ހިނިތުން ވެލާށެވެ. ކުރާކަންކަމަށް ހިތްވަރުގެ ބަސްތަކުން ހިނުތުންވުން ހޯދާށެވެ. ކޮންމެ ދުވަހެއްގެވެސް އެދުވަހެއްގެ ކަންތަކާއި ދެމީހުން މަޝްވަރާކުރާށެވެ. ދިމާވާ އުނދަގޫތައް ގިރާކުރުމަށް ދެމީހުން އެދޭ ގޮތަކަށް ކަންތައް ހައްލުކުރާށެވެ. ތިމާ ބުނެލާ އެއްވެސް ލަފުޒަކީ އަނެކާއަށް އޭގެއިން ހިތްހަމަ ނުޖެހުން ގެނުވަދޭ ލަފްޒެއް ކަމުގައި ނަހަދާށެވެ. އޯގާތެރި ކަމާއިއެކު ރީތި ބަހުން މުއާމަލާތު ކުރާށެވެ.

ކީރިތި ޤުރުއާނުގެ އައްރޫމު ސޫރަތުގެ 21 ވަނަ އާޔަތުގެ މާނާގައި ވަނީ، “ތިޔަބައި މީހުންނަށްޓަކައި ހަމަ ތިޔަބައި މީހުންގެ ނަފްސު ތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމަކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމައްޓަކައެވެ. އަދި، އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާބަޔަކަށް އެކަމުގައި ހެކިތަކެއް ވާކަން ކަށަވަރެވެ.” މިފަދައިން ނެވެ.

  1. ބާރުތައް ހަމަހަމަ ކުރުން

ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް ކަންކަމުގެ ބާރު އޮންނަންވާނީ ދެފަރާތަށްވެސް ހަމަހަމަވާ އުސޫލެއްގެ މަތިންނެވެ. އެކަކު މާ ބާރުގަދަވެ އަނެކާއަށް އެބާރުގެ ސަބަބުން ބިރުވެރިކަމެއް އޮވެގެން ނުވާނެއެވެ. އެކަކު އަނެކެއްގެ މައްޗަށް ބާރުގަދަވެ ބިރުވެރިކަން އުފައްދާނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އެހިސާބުން ދެމީހުންގެ މެދުގައި މައްސަލަ ޖެހި އުފާވެރި ދިރިއުޅުން ހަނގުރާމައަކަށް ބަދަލުވެދާނެއެވެ.

  1. މާތް ﷲ ހަނދުމަކުރުން

ކޮންމެ ކަމެއްގައިވެސް މާތް ﷲ ހަދުމަކުރުމާއެކު އެކަލާނގެއަށް ދުޢާދެންނެވުމަކީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭ މުހިއްމު ކަމެކެވެ. ތިމާގެ ޒަވާޖީ ހަޔާތް ބާއްޖަވެރި ކުރައްވާ، ޝައިތާނާގެ ނުބައި ވަސްވާސްތަކުން ދުރުކޮށް ދެމީހުން އެކުގައި ހިތްހަމަ ޖެހުމާއެކު އުޅެވޭނެ މާޙައުލެއް މިންވަރު ކުރެއްވުން އެދި މާތް ﷲ ގެ ޙަޒުރަތުގައި ދުޢާދެންނެވުމަކީ ކޮންމެ ދުވަހަކުވެސް ކުރަން ޖެހޭ ކަމެކެވެ. އޭގެ ސަބަބުން ދެމީހުންގެ މެދުގައި ހިތްހަމަ ޖެހުން އުފެދި، ލޯތަބާއި އަޅާލުން އިތުރުވާނެ ކަމީ ޔަގީން ކަމެކެވެ.

ކައިވެންޏަކީ އަންހެނަކާއި ފިރިހެނަކު ޒަވާޖީގޮތުން ދެމީހުން ގުޅުވާލުމަށް ޖަހާލެވޭ ގޮށެކެވެ. މިގުޅުން ތާއަބަދަށް ހިތްހަމަޖެހުމާއެކު ކުރިއަށް ގެންދިއުމަށް އެކަކު އަނެކަކަށް، ގަދައަޅާ މަސައްކަތް ކުރަން ޖެހޭނެއެވެ. އިންސާނުންނަކީ ހުރިހާ ކަމެއްގައި ޚިޔާލު ތަފާތު ވާނެ ބައެކެވެ. ދިރިއުޅުމުގެ ދަތުރުގައި ތަފާތު ގޮންޖެހުން ތަކާއި ކުރިމަތިވާނެއެވެ. މިހުރިހާ ކަމަކާއެކުވެސް ކޮންމެ ގުޅުމެއް ދެމިއޮތުމަށް ދެފަރާތުންވެސް މަސައްކަތް ކުރަން ޖެހޭނެއެވެ.

މިލިޔުމުގައި ގެނެސްދީފައި އެވާ 5 ކަމަށް ސަމާލުވެ ދިރިއުޅުން ބާއްޖަވެރި ކުރުމަށް މަސައްކަތް ކުރައްވާށެވެ. ތިމާގެ އަމިއްލަ ނަފްސު މި 5 ކަމުގެ މައްޗަށް ފުރަތަމަ ތަރުތީބު ކުރާށެވެ. އަނެކާ އެކަން ކުރޭތޯ ބަލާނީ ތިމާ އެކަންކަން ފުރިހަމަ ކުރުމަށް ފަހުގައެވެ. ފުރަތަމަ އިސަލާހު ކުރަންވީ ތިމާގެ އަމިއްލަ ނަފުސެވެ. މިގޮތުގައި މަސައްކަތް ކޮށްފިނަމަ ޒަވާޖީ ހަޔާތް ބާއްޖަވެރި ވާނެ ކަމީ ޔަގީންކަމަކެވެ. އެކަކު އަނެކަކަށް އެއްބާރުލުންދީ އުފާވެރި ހަޔާތެއް ވޭތު ކުރުމަށް ގަދައަޅާ މަސައްކަތް ކުރާށެވެ.

މާތް ﷲ ކީރިތި ޤުރުއާނުގެ އަލްބަޤަރާ ސޫރަތުގެ 187 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވަނީ، “… އެކަނބަލުންނީ ތިޔަބައި މީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ. ..” މިފަދައިންނެވެ.