ނެތި މޮށުމަކީ ފާފައެއް! މިކަމުން ދުރުހެލިވާން ޖެހޭ!

ނެތިމޮށުން ނުވަތަ ޢީބަ ބުނުމަކީ ކަނޑައެޅިގެން މާތް ﷲ ނަޙީ ކުރައްވާފައިވާ ކަމެކެވެ. އެހެނަސް މިހާރަކަށް އައިސް މުޖުތަމަޢު ތެރޭ އެންމެ ޢާއްމު ކަމަކީ ނެތިމޮށުމެވެ. ނުވަތަ އެމީހަކު ނެތްތަނެއްގައި އެމީހެއްގެ ވާހަކަ ދެއްކުމެވެ. އެއްވެސް ބިރެއް ނެތި ޣީބައިގެ ބަސްތައް މީހުންނަށް ރައްދުކުރުމެވެ. ސާބިތު ނުހިފޭ ވާހަކަ އާއްމުކޮށް، އެނެއް އަޚާގެ ނުވަތަ އުޚުތާގެ ނަފްސް ކަތިލާލުމެވެ.

ނަމަވެސް މިކަންކަމަކީ އެކަންކަން ކުރުމުން ކަނޑައެޅީގެން ފާފަވެރިވާ ކަންކަމެވެ. ނެތިމޮށުމާއި، ޣީބަ ބުނުމާއި، ސާބިތު ނުހިފޭވާހަކަ ދައްކާ ހެދުމަކީ އިސްލާމްދީނުގައި ހަރާން ކަމަކެވެ.

ކީރިތި ޤުރުއާނުގެ އަލް ޙުޖަރާތު ސޫރަތުގެ 12 ވަނަ އާޔަތުގައި މާތް ﷲ ވާޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ، “އޭ އީމާންވެއްޖެ މީސްތަކުންނެވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސު ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބި ކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވާ ރަޙީމުވަންތަ ރަސްކަލާނގެ އެވެ.” މިހެންނެވެ.

އެހެންކަމުން އަހަރުމެން ނެތިމޮށުމުންނާއި ޢީބަބުނުމުންނާއި އަދި ސާބިތު ނުހިފޭ ވާހަކަ ދެއްކުމުން ދުރުހެލިވާން ޖެހޭނެއެވެ. އެކަންކަމުން ދުރުހެލި ވުމަށް ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަންކަމަށް ބަލާލަމާ ހިނގާށެވެ.

މާތް ﷲ އަށް ބިރުވެތިވުން

މާތް ﷲ އީ ހުރިހާކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތެވެ. އެފަރާތަށް ނޭގި އެއްވެސް މަޚްލޫގަކަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ހުރިހާ ކަމެއް އެފަރާތުން ބައްލަވައެވެ. މިފަދަ އަމަލު ތަކަކީ (ޣީބަ ބުނުމާއި ނެތިމޮށުމާއި އަދި ސާބިތު ނުހިފޭވާހަކަ ދެއްކުމަކީ) ހަމަ ޔަގީނުންވެސް ފާފަވެރިވާނެ އަދި އެކަމުގެ ޢަޒާބު ލިބޭނެ ކަންކަމެވެ. އެހެންކަމުން މިފަދަ އަމަލު ތަކުން ދުރުވެ ތިބުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. މިފަދަ އަމަލު ތަކާއި ކައިރިވާ ވަރަކަށް ތިމާ ހެއްދެވި ފަރާތާއި ދުރުހެލިވެވޭކަން ދަންނަން ޖެހެއެވެ. އެހިސާބުން އެކަލާނގެ ހެޔޮރަޙުމަތުން ބާކީވެ އެކަހެރިވަނީއެވެ. ބިރުވެތި ވާށެވެ. އެނގިހުރެ ހަލާކުގެ ތެރެއަށް އެއްލި ނުގަންނާށެވެ.

ހެޔޮބަހެއް ނޫނީ ނުބުނާށެވެ. އެހެންނޫނީ ހަނުހުންނާށެވެ.

އެހެން މީހުންގެ ވާހަކަ ދައްކާއިރު ތިމާއަށް ދެއްކޭ ވާހަކައިގައި އަނެކާއާއި ބެހޭގޮތުން ހެޔޮބަސް ނުބުނެވޭ ނަމަ އެފަދަ ވާހަކަ ނުދައްކާ ހަނުހުންނާށެވެ. ނުވަތަ އެކަމަކަށް އެއްވެސް އެއްޗެއް ނުބުނެ ހުންނާށެވެ. ހެޔޮލަފާ މުސްލިމުންނަކީ ތިމާއާއި ނުބެހޭ ކަންކަމުގައި ބަސްބުނެ އުޅޭނެ މީހެއް ނޫނެވެ. މީހުންގެ ވާހަކަ ދައްކާއިރު ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ. ނެތި މޮށުމާއި ޣީބަ ބުނުމަކީ ވަރަށް ވެސް ނޭދެވޭ ނުރަނގަޅު، އަދި ގެއްލުމާއި ހަލާކުން ފުރިގެންވާ ކަންކަމެވެ.

ކޮންމެ މަޚުލޫގަކާއި އެންމެ ގާތުގައި ވާނީ މަރެވެ.

އެއްވެސް މީހަކަށް ތިމާގެ އަޖަލު ހަމަވެ، މަރުވާނެ ދުވަހެއް ނޭގޭނެއެވެ. ކޮންމެ މީހަކުވެސް ކޮންމެ ވަގުތަކުވެސް މަރުވެދާނެއެވެ. ދުނިޔެވީ މިހަޔާތަކީ ކުޑަހިނދުކޮޅެކެވެ. މިވަގުތުކޮޅުގައި ހެއްދެވިފަރާތުގެ ރުހުމާއި ސަވާބަށް އެދި އެކަލާނގެ އަށް ހުރިހާކަމެއް ޚާލިސް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އޭގެ ބަދަލުގައި، އަބަދުމެ ބޭކާރު ވާހަކަ ދައްކާ، ތިމާއަށް ކަމެއް ނޭގުނަސް އެނގޭކަމުގައި ހެދިގެން ވާހަކަ ދައްކާ އަހަރުމެނަށް މިތިބެވެނީއެވެ. މީގެ ސަބަބުން ދޭދޭމީހުންގެ މެދުގައި ފިތުނަ އުފެދި އެކަކު އަނެކަކަށް ހަސަދައިގެ ފުންކަނޑަށް ޣަރަގުވެވެނީ އެވެ. މީގެއިން އޮތީ ހަމައެކަނީ ގެއްލުމާއި ހަލާކެވެ. ދެދުނިޔޭގެ ގެއްލުމާއި ހަލާކެވެ. ކޮންމެ ވަގުތެއްގައިވެސް ތިމާއާއި މަރުއައިސް ބައްދަލު ކޮށްފާނެއެވެ. ތިމާއާއި މަރުއައިސް ބައްދަލު ކުރާ ވަގުތަކީ ތިމާހެއްދެވި ފަރާތުން ނަހީކޮށްފައިވާ ކެމެއް ކުރެވޭ ވަގުތު ކަމުގައި ވުމަކީ ތިމާއަށް ލިބޭނެ އެންމެ ބިރުވެރި، ނާމާން ކަމެވެ. މަރުއައިސް ބައްދަލު ކުރާ ވަގުތަކީ ތިމާއަށް އެކަލާނގެ ރުހުމާއި ފުއްސެވުން ލިބޭ ވަގުތެއް ކަމުގައި ހަދާށެވެ.

ޣީބައިގެ ބަސް ބުނެއުޅޭ މީހުންނާއި އަދި އެފަދަ ތަންތަނާއި ދުރުހެލި ވާށެވެ.

ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް އެކަމަކުން ލިބިދާނެ ގެއްލުމަށް ރައްކާތެރިވެ ތިބެން ޖެހެއެވެ. ނެތި މޮށުމާއި ޣީބަ ބުނުމަކީ ތިމާއަށް ގެއްލުމާއި ހަލާކު ލިބޭކަމެއްކަން ޔަގީންވާ ހާލު އެފަދަ ބަސްތަކުން މުޚާތަބު ކުރާމީހުންނާއި އަދި އެފަދަ ތަންތަނާއި ތިމާ ދުރުހެލިވާށެވެ. ރަނގަޅު ބަސްތަކާއި އޯގާތެރި ބަސްތަކުން ވާހަކަ ދައްކާ މީހުން ދަނެގަނެ އެފަދަމީހުންނާއި އެކު އުޅުމަށް އިޚްތިޔާރު ކުރާށެވެ. ނެތިމޮށުމާއި ޢީބަ ބުނުމަކީ މުޖުތަމަޢު ބައިބައި ކުރުވާ، ފިތުނައާއި ހަސަދަވެރިކަން އާލާކުރުވާ ވަރަށްވެސް ނުބައި ސިފައެކެވެ. އެހެންކަމުން ޣީބަ ބުނާމީހުންނާއި އަދި ނެތިމޮށެ، ސާބިތު ނުހިފޭ ވާހަކަ ފަތުރާ މީހުންނާއި ދުރުހެލިވާށެވެ. އެފަދަ ވަސީލަތަކާއިވެސް ދުރުހެލިވާށެވެ.

ޣީބަ ބުނުމުގެ ނުބައިކަން އެހެންމީހުންނަށް ބުނަދޭށެވެ.

ނެތިމޮށުމާއި ޣީބަ ބުނެ އަދި ސާބިތު ނުހިފޭ ވާހަކަ ދައްކާމީހުން އެފަދަ ވާހަކަ ދައްކާނަމަ އެކަމުގެ ނުބައިކަން އެމީހުންނަށް ކިޔައިދޭށެވެ. އެއީ ކޮންމެ މުސްލިމެއްގައި ހުންނަން ޖެހޭ ސިފައެކެވެ. އަދި ހެޔޮލަފާ ބަސްތައް ބުނެއުޅުމަށް އެމީހުންނަށް ހިތްވަރުދޭށެވެ. އެހެންމީހުން އެފަދަ ނޭދެވޭ ބަސްތަކުން ދުރުކުރުމަށް ވާހަކަ ދައްކާއިރު ތިމާ ދައްކާ ވާހަކައިން އަނެކާއަށް ހިތްހަމަ ނުޖެހުން ގެނެވޭފަދަ ބަސްތައް ބޭނުން ނުކުރާށެވެ. އެހެނަސް އޭގެ ނުބައި ކަމާއި އާޚިރުގައި ލިބިގެންދާނެ އަޒާބު އެމީހުންނަށް ހަދުމަ ކޮށްލަދޭށެވެ. އެއީ ދެދުނިޔޭގެ އުފާވެރިގެން ގެނުވައިދޭނެ އެންމެ މުހިއްމު ކަންކަމުގައި ބުނެދޭށެވެ. ޙައްގު ބަސް ބުނުމަށް އެއްވެސް ހާލެއްގައި ޖެހިލުން ވާކަށް ނުޖެހެއެވެ. އަދި ޣީބަ ބުނުމާއި ނެތިމޮށުމުގެ ނުބައިކަން ގަބޫލު ނުކޮށް އެކަމަށް ރުޅިއިސްކޮށް ހަދާ މީހުންނާއި ދުރުހެލިވާށެވެ.

އެހެން މީހުން ތިމާގެ ވާހަކަ ދައްކާ، އަބުރުކަތިލަމުން ދާނަމަ ތިމާއަށް އެކަމުން ކުރެވޭނެ އިޙްސާސް ހިތަށް ގެންނާށެވެ.

ޣީބަ ބުނުމާއި ނެތިމޮށުމާއި އަދި ސާބިތު ނުހިފޭ ވާހަކައެއް ދެކެވޭ ތަނެއްގައި ތިމާއަށް ހުރެވޭނަމަ އެންމެ ފުރަތަމަ ތިމާގެ ނަފްސާއި ކޮށްލަންވީ ސުވާލަކީ އެފަދަ ވާހަކައެއް ތިމަންނާއާއި ބެހޭގޮތުން ދެކެވޭނެމަ އޭގައިން ތިމަންނައަށް ކުރާނެ އަސަރަކީ ކޮބައިތޯއެވެ. ހަގީގަތުގައިވެސް ވަރަށް ދެރަވާނެއެވެ. އަސަރު ކުރާނެއެވެ. އަދި ރުޅިވެސް އަންނާނެއެވެ. މިއީ ހަމަ ކޮންމެ މީހަކަށްވެސް އެފަދަ ޙާލަތެއްގައި އިޙްސާސް ކުރެވޭނެ ކަންތަކެވެ. އެހެންކަމުން ތިމާގެ އަމިއްލަ ނަފްސަށް ނޭދޭ ކަންކަން އެހެންމީހުނަށް އެދިގެން އެކަން ކުރުމަށް ނުއުޅޭށެވެ. އަދި އެފަދަ ކަންކަމަށް ހިތްވަރުވެސް ނުދޭށެވެ. މުޖުތަމަޢުގެ ހަމަޖެހުމާއި އެއްބައިވަންތަކަން ދާއިމަށް ހިފެހެއްޓޭނެ އެންމެ މުހިއްމު ކަމަކީ ޣީބަ ބުނުމާއި ނެތިމޮށުމާއި އަދި ސާބިތު ނުހިފޭ ވާހަކަ ތަކުން ދުރުހެލިވެގެންކަން ދަންނާށެވެ. އެއީ ބޮޑުވެގެންވާ ފާފައަކަށް އަރައި ގަތުމެކެވެ. ދުރުހެލިވާށެވެ.