ދަރިން ރުޅިގަދަ ނަމަ ކަންތައް ކުރާނީ ކިހިނެއް؟

މިހާރަކަށް އައިސް މައިންބަފައިން ކުރިމަތީ ދަރިން ރުޅިގަދަވެ، އެރުޅި ކޮންޓްރޯލް ނުވެ ކަންކަން ގޯހުން ގޯހަށް ދާކަމީ ގަބޫލު ކުރަން ޖެހޭ ހަގީގަތަކެވެ. ދަރިންގެ އަޚުލާގަށް ބަދަލު އަންނަނީ ކީއްވެކަން ނޭގި މައިންބަފައިން އެކަމުގައި ބޯހާސްވާ ހިސާބަށް މިހާރު ކަންތައް އެބަދެއެވެ. ބައެއް މީހުން ގަބޫލު ކުރާގޮތުގައި މިކަން މިގޮތަށް މެދުވެރި ވަނީ މިހާރަކަށް އައިސް ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުގެ ސަބަބުން ނެވެ.

ފަހަރުގައި އެއީ މައިންބަފައިންގެ އިހްމާލުން މެދުވެރިވާ ކަންތައްތަކެއްގެ ސަބަބުން އަންނަ ބަދަލު ކަމަށްވެސް ވެދާނެއެވެ. ގިނަ މައިންބަފައިން ދަރިންނަށް ކުރެވޭ ގޯސް ކަންތައްތަކަށް، ގިނަފަހަރު ރައްދު ދެވެނީ ރުޅިވެރިކަމުގެ ތެރެއިންނެވެ. ކަމެއް މެދުވެރި ވުމުން އެކަމުގެ އަސްލު ހޯދުމެއް ނެތި ރުޅިވެރިކ ަމާއެކު މުޚާތަބު ކުރެވި އަދި ބައެއްފަހަރު އަތްވެސް އިސްކުރެ ވެއެވެ.

ކުދިންނަށް އަންނަ އެއްވެސް ބަދަލެއް އަންނާނީ އެކުދިން އުޅޭ މާހައުލުގެ ތެރެއިން މެދުވެރިވާ ކަންތައްތަކެއްގެ ސަބަބުންކަން ގިނަ މައިންބަފައިންނަކަށް ނޭގެއެވެ. ނުވަތަ އެކަން އިޙްސާސް ނުކުރެ ވެއެވެ. ޅަފަތުގައި ކުދިން އަބަދުވެސް ކޮޕީ ކުރާނީ މައިންބަފައިންގެ ފަރާތުން ފެންނަ ކަންތައްތަކެވެ. ދަރިން ރުޅިގަދަވެ ކަންކަން ކުރާނަމަ މައިންބަފައިންވެސް ހަމަ އަންނަނީ ރުޅިއެވެ. ނުވަތަ ތަޅައިން ގަންނަނީއެވެ. ދަރިންގެ ސުލޫކާއި އަޚްލާގު ރަނގަޅު ކުރެވޭނީ އެބީދައިން އަމަލުކުރުމުން ކަމަށް މައިން ބަފައިންނަށް ގަބޫލު ކުރެވި އެފަދައިން އަމަލު ކުރެވެނީ އެވެ.

ރުޅިއަކީ ކޮންމެ އިންސާނެއްގައިވެސް ތަބީއީ ގޮތުން ހުންނަ ސިފައެކެވެ. ނަމަވެސް އެރުޅި ވެރިކަން ކޮންޓްރޯލް ކުރަން ދަސްކުރަން ޖެހެއެވެ. ދަރިންނަށް މިކަން ދަސްވާން ޖެހޭ އެންމެ ފުރަތަމަ މާޙައުލަކީ ގޭތެރެއިންނެވެ. ގޭތެރޭގައި މަންބަފައިންގެ ރުޅިވެރިކަން ހުންނަ މިންގަނޑަށް ދަރިންވެސް އެމީހުންގެ ރުޅިވެރި ކަމުގެ މިންގަނޑު ޖައްސާލާނެ އެވެ. ގޭތެރޭގެ މާޙައުލަކީ މަޑުމައިތިރި މާޙައުލެއް ނަމަ ދަރިންގެ ރުޅިވެރިކަން މައިތިރި ވާނެކަމީ ގަބޫލު ކުރަންޖެހޭ ހަގީގަތެވެ.

ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމާއެކު އެވެރިންގެ ރުޅި މައިތިރި ކުރަމަށް ކުރެވިދާނެ ކަންތައްތަކަށް ބަލާލަމާ ހިނގާށެވެ.

ކީރިތި މާތް ނަބިއްޔާ ޢަމަލުފުޅުތައް ބެހެއްޓެވި ގޮތް ދަސްކުރާށެވެ.

ކޮންމެ މުސްލިމަކީވެސް މާތް ނަބިއްޔާގެ ދިރިއުޅުމުން ފިލާވަޅު އުނގެނިގެން، އެއާއި އެއްގޮތަށް ދިރިއުޅުން ބައްޓަން ކުރަންޖެހޭ މީހެކެވެ. އިތުރު އެކަލޭގެ ފާނު ދުވަހަކުވެސް އެކަލޭގެ ފާނުގެ އަނބިކަނބަލެއްގެ ގައިގައި ނުޖައްސަވައެވެ. އަދި ކީއްކުރަންތޯ ދަރިއެއްގެ ގައިގަވެސް އާދި ޚާދިމެއްގެ ގައިގަވެސް ޖައްސަވާފައި ނެތެވެ. އެއީ ކޮންމެ ހާލަތެއް މެދުވެރިވި ނަމަވެސް މެއެވެ. މީގެއިން އުނގެނެންޖެހޭ ފިލާވަޅަކީ އަތްއިސްކޮށް ދަރިންގައިގައި ތަޅާއިގަނެގެން އެވެރިންގެ ސުލޫކާއި އަޚުލާގު ރަނގަޅު ނުވާނެ ކަމެވެ.

ހަގީގީ މައްސަލަ ހޯދާބަލާށެވެ.

ދަރިން ރުޅިގަދަވެ، ނޭދެވޭ ކަންތައްތައް ކުރާނަމަ އެކަން މެދުވެރިވާ ސަބަބު ނުވަތަ އެކަމުގެ ހަގީގީ މައްސަލަ ހޯދާ ބަލަންޖެހެއެވެ. އެންމެ ފުރަތަމަ މައިންބަފައިން ރުޅިއިސްކޮށް ހަޅޭލަވައިގަނެ އަތް އިސްކުރުމަކީ އެއްވެސް ހާލެއްގައި އެކަމުގެ ރަނގަޅު ނަތީޖާއަށް ވާސިލު ވެވޭނެ ގޮތެއް ނޫނެވެ.

އަމިއްލަނަފްސުގެ ހާލަތައް ރިއާޔަތް ކުރާށެވެ.

ތިމާގެ އަމިއްލަ ނަފްސް ރަނގަޅު ނުވެ އެހެން އެއްވެސް މީހެއްގެ ފަރާތުން ރަނގަޅު ކަމެއް ފެނިދާނެ ކަމަށް ގަބޫލު ކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ. ދަރިންގެ ކަންތައް ރަނގަޅު ކުރުމަށް އެންމެ ފުރަތަމަ އަމިއްލަ ނަފްސުގެ ސުލޫކަށް ރިއާޔަތްކޮށް އެކަމާއި މެދު ފުރަތަމަ ފިކުރު ކުރާށެވެ. ދަރިންނަށް މަޑުމައިތިރި ކަމާއި އަދި ރަނގަޅު ސުލޫކެއްގައި އުޅުމަށް ދަސްކޮށް ދިނުމަކީ މައިންބަފައިންގެ ޒިއްމާއެކެވެ. އެޒިއްމާ އަދާކުރެވޭނީ އަމިއްލަ ނަފްސު ފުރަތަމަ އިސްލާހު ކޮށްގެންނެވެ. އަބަދު ރުޅިއައިސް މުޚާތަބު ކުރާނަމަ ދަރިންނަށް އެދެވެނީ ނުރަނގަޅު ފިލާވަޅެކެވެ. އެދަރިންގެ އަޚްލާގު އެހާހިސާބުން އެދަނީ ނުރަނގަޅު ދިމާލަކަށެވެ.

ދަރިންނަށް މިސާލު ދައްކާ ބަޔަކަށް ވާށެވެ.

ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ސާފު ތާހިރުކަން މަތީ ކަމީ ހަގީގަތެވެ. އެހެން ކަމުން އެކުދިން ބޮޑުކުރުމުގައި މައިންބަފައިން މިސާލު ދެއްކުމަކީ ވަރަށް މުހިއްމު ކަމަކެވެ. ނުރަނގަޅު އާދަތަކާއި ބޭއަދަބީ އަޚްލާގު އެކުދިންނަށް ދައްކާނަމަ އެކުދިން ބޮޑުވަނީ ސުލޫކެއް ނެތް އަޚްލާގީ ފެންވަރު ދަށް ބައެއްގެ ގޮތުގައެވެ. މައިންބަފައިންނަކީ އަބަދުވެސް ދަރިންނަށް ރީތި އުޅުން ދައްކާ އަދި އެކަން އެކުދިންނަށް ދަސްކޮށްދޭން ޖެހޭ މީހުންނެވެ. މިކަމަށް އިހުމާލު ނުވާށެވެ.

އަމިއްލަ ބަސްމަގަށް ސަމާލުވާށެވެ.

ދަރިންނަކީ އަބަދުވެސް މައިންބަފައިން ކޮޕީކުރާ ބައެކެވެ. އެކުދިންގެ ބަސްމަގުވެސް ހުންނާނީ މައިންބަފައިންގެ ބަސްމަގު ހުންނަގޮތަށެވެ. އެއީ ހަގީގަތެވެ. އެހެންކަމުން ދަރިންނާއި މުޚާތަބު ކުރާއިރު ބަސްމަގު ރީތިކޮށް ބެހެއްޓުމަކީ އެކުދިންގެ އަޚްލާގު ރަނގަޅު ކުރުމަށް މައިންބަފައިން ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. އޭގެ ބަދަލުގައި ދަރިންނަށް އަބަދު ހަޅޭލަވާ ބޭއަދަބީ ބަހުރުވައިން މުޚާތަބުކޮށް އަދި ނުވިތާކަށް ރުޅިވެރިކަން ދެއްކުމާއެކު، އަތްއިސްކުރުމަކީ ދަރިންގެ މުސްތަގުބަލް އެނގިހުރެ ހަލާކުގެ ތެރެއަށް އެއްލާލުމެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި އެއްވެސް ހާލެއްގައި އެބައިމީހުންގެ އަގުވެއްޓޭގޮތަށް އަމަލުތައް ނުބަހައްޓާށެވެ. އެހެންމީހުން ކުރިމަތީ ދަރިންގެ އަގުވެއްޓުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. ދަރިން ކުރާ ރަނގަޅު ކަންކަމަށް ހިތްވަރުދީ އަދި ނުރަނގަޅު ކަންކަމަށް ނަސޭހަތް ތެރިވާން ޖެހެއެވެ. ނަސޭހަތްތެރިވާން ޖެހޭނީ އެހެންމީހުން ކުރިމަތީ އެކުދިން ދެރަވާ ފަދަ ގޮތަކަށް ނޫނެވެ. އެކަމަށް ވަގުތު ހުސްކޮށް އެކުދިންނާއި ވަކިން ވާހަކަ ދައްކާ ނަސޭހަތް ތެރިވެގެންނެވެ. ނުރަނގަޅު ކަމެއް ކުރެވުނަސް އެކަމުގެ ބަދުނާމު ނާޅުވާ އެކަމުގެ ހުރި ގެއްލުން ބުނެދީ ނަސޭހަތްތެރިވާށެވެ. މިވެނިކަމެއް މިހެންވީ ކަލެޔާހެދިއޭ ބުނެ، އެފަދަގޮތަށް ވާހަކަ ނުދައްކާށެވެ.

ދަރިން ކުރިމަތީ ކެތްތެރިކަން އިސްކުރާށެވެ.

މާގަސްތަކަށް ފެންދީ އެގަހުގައި މާއަޅާތަން ބަލަން ހުންނަ ބީދައިން ދަރިން ތަރުބިއްޔަތު ކުރުމަކީ ވާނެ ކަމެއް ނޫނެވެ. އެއީ ވަރަށް ބޮޑު ޒިއްމާއެކެވެ. ބުރަމަސައްކަތަކެވެ. މީހާ ވަރުބަލި ކޮށްލާ ކަމެކެވެ. އެހެނަސް ކެތްތެރިވާން ޖެހެއެވެ. މިއީ ދުނިޔެމަތީ ތިމާ ޓެސްޓްކޮށްލެވޭ ވަގުތެވެ. ހަވާލު ކުރެވުނު އަމާނާތަށް ރައްކާތެރިވެވޭތޯ ކުރެވޭ ޓެސްޓަކެވެ. ދަރިންގެ މުސްތަގުބަލު އެބައިމީހުން ބައްޓަންކުރާނީ މައިންބަފައިންގެ ފަރާތުން ލިބޭ ތަރުބިއްޔަތުގެ މައްޗަށެވެ. އެދަރިންނަށް ދެވޭނެ އެންމެ އަގުހުރި ޚަޒާނާއަކީ އެބައިމީހުންނަށް ކެތްތެރިކަން ދަސްކޮށް ދިނުމެވެ. ކެތްތެރި ވުމަކީ ހަޔާތް ބާއްޖަވެރި ކުރުމަށް ކޮންމެ މީހެއްގެވެސް ހުންނަންޖެހޭ އެންމެ އަސާސީ ސިފައެވެ. ކެތްތެރިކަން ނެތްނަމަ އެއްވެސް ކަމަކުން އެމީހަކަށް ކުރިއަށް ނުދެވޭނެއެވެ. އެހެން ކަމުން ދަރިންނަށް ކެތްތެރިވުމަށް ދަސްކޮށްދޭށެވެ.

ރުޅި ކޮންޓްރޯލް ކުރަން ދަރިންނަށް އެހީތެރިވާށެވެ.

ރުޅިއަންނަ ކޮންމެ ވަގުތެއްގައި އެރުޅިވެރިކަމާއި ބައްދަލު ކުރާނެ ގޮތް ބުނެދީ ދަރިންނަށް އެކަމުގައި އެހީތެރިވާށެވެ. ރުޅި ފިލާދާނެ ކުދިކުދި ކަންތައްތައް ކިޔާލަ ދޭށެވެ. ރުޅިއަންނަ ކޮންމެ ވަގުތަކު ވުޟޫ ކުރުމަށް ދަރިންނަށް ހިތްވަރު ދޭށެވެ. އޭރުން ރުޅި ކޮންޓްރޯލް ކުރަން ވަރަށް ފަސޭހަވާނެއެވެ. ކޮޅަށް ހުންނަ ވަގުތު ދަރިން ރުޅިއަންނަ ނަމަ އިށީދުމަށް ބާރުއަޅާށެވެ. އެހެންނޫންނަމަ އިރުކޮޅަކަށް މަޑުން ހުރުމަށް ބުނެ ފުންނޭވާއެއް ލުމަށް ބުނާށެވެ. އަދި މިފަދަ ކަންކަން ދަރިންގެ ކިބައިގައި ހަރުލައްވާށެވެ. އެހާހިސާބުން އެވެރިންނަށް ރުޅި ކޮންޓްރޯލްކޮށް މަޑުމައިތިރިވާން ދަސްވާނެއެވެ. ދަރިންނަކީ އަބަދުވެސް މައިންބަފައިން އެބައިމީހުންނާމެދު އުފާވާ އަދި ފަޚުރުވެރިވާ ބައެއްކަމުގަ އިހުސާސް ކޮށްލަދޭށެވެ. އަދި އެވެރިންނަކީ ހަޔާތުގެ ވަރަށް މުހިއްމު ބައެއް ކަމުގައި ބުނަދޭށެވެ. އެކަން އަމަލުންވެސް ދައްކާށެވެ.

ކޮންމެ އިންސާނަކީ ތަބީގޮތުން ރުޅިއަންނާނެ މީހެކެވެ. އެކަން އެއްވެސް މީހަކަށް ނުހުއްޓުވޭނެ އެވެ. ނަމަވެސް ރުޅިވެރި ކަމުގެ ތެރެއިން ކުރެވޭ ކަންކަން ހުއްޓުވޭނެ އެވެ. ކޮންމެ މުސްލިމެއްގެ ކިބައިގެ ހުންނަން ޖެހޭ އެންމެ ރީތި ސިފައަކީ ރުޅިއަންނަ ވަގުތު އެރުޅީގެ މައްޗަށް ބާރު ހިންގާ އެރުޅިވެރިކަން ކޮންޓްރޯލު ކުރުމުގެ ސިފައެވެ.

“އެންމެ ބާރުގަދަ މީހަކީ ތިމާގެ ބާރުވެރިކަން އެހެންމީހުންގެ މައްޗަށް ގަދަކޮށްލާ މީހާއެއް ނޫނެވެ. އެހެނަސް ތިމާ ރުޅިއަންނަ ވަގުތު އެރުޅީގެ މައްޗަށް ބާރު ހިންގާ އެރުޅި ކޮންޓްރޯލް ކުރާމީހާ އަކީ އެންމެ ބާރުގަދަ މީހާއެވެ.” ސަޙީހު އަލްބުޚާރީ، ވޮލިއުމް 8، ހަދީސް 6114

އެހެންކަމުން އަހަރުމެންގެ ތަބީއަތުގައި ހުންނަ ރުޅީގެ މައްޗަށް ބާރު ހިންގޭ ބަޔަކަށް ފުރަތަމަ އަހަރުމެން ވާށެވެ. އަދި އޭގެ ފަހުން އެސިފަ ދަރިންނަށް ދަސްކޮށްދީ އެބައިމީހުންގެ އަމަލުތަކުގައި އެކަން ހަރުލައްވާށެވެ. ކެތްތެރިވާށެވެ. ލޯބިވާކަން ދައްކާށެވެ. އަމިއްލަ ނަފްސް ގޯސްކަންކަމުން ރައްކާތެރި ކުރާށެވެ. ދަރިންނަށް ނަމޫނާ ބައަކަށް ވާށެވެ.