މި ސީޒަނަށްފަހު އާސެނަލް ދޫކޮށްލަން ވެންގާ ނިންމައިފި

އާސެނަލްގެ ކޯޗު އާސެން ވެންގާ ---

މި ސީޒަން ނިންމުމަށްފަހު އާސެނަލް ދޫކޮށްލާނެ ކަމަށް އެޓީމުގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

މި ސީޒަނަކީ ވެންގާ އާސެނަލްގައި ހޭދަކުރާ 22 ވަނަ ސީޒަނެވެ. އުމުރުން 68 އަހަރުގެ ވެންގާ ވަނީ އާސެނަލްއާއެކު ތިން ފަހަރަށް ލީގު އުފުލާލައި، ހަތް ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ.

އާސެނަލް ދޫކޮށްލާނެކަން ވެންގާ މިއަދު އިއުލާން ކޮށްފައިވާ އިރު، އާސެނަލްއާއެކު މިދިޔަ އަހަރު އޭނާ އާކުރި ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރުގެ ނިޔަލަށެވެ.

ވެންގާ އާސެނަލްގައި ހޭދަކުރި ފުރަތަމަ ދުވަސްކޮޅު ގިނަ ކާމިޔާބީތަކެއް ކްލަބުން ހޯދައިަފައިވެއެވެ. އެގޮތުން 2004-2003 ވަނަ އަހަރުގެ ލީގު އާސެނަލުން ނެގީ އެއްވެސް މެޗަކުން ބަލިނުވެއެވެ. ޕްރިމިއާ ލީގުގެ މި އެރާގައި އާސެނަލަކީ ބަލިނުވެ ލީގު ނެގި ހަމައެކަނި ޓީމެވެ.

ވެންގާ އާސެނަލާއެކު ހޭދަކުރި ރަންް ދުވަސްތައް މަޑުޖެހިލީ އެހާ ހިސާބުންނެވެ. އެގޮތުން 2005 ވަނަ އަހަރުގެ އެފްއޭ ކަޕް އުފުލާލި ފަހުން އެޓީމަށް ދެން ތަށްޓެއް ލިބުނީ ނުވަ އަހަރު ފަހުންނެވެ. އަދި 2004 ވަނަ އަހަރަށްފަހު ވެންގާއާއެކު އާސެނަލަށް ލީގުވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މިދިޔަ ސީޒަނަކީ ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލަށް ޗެމްޕިއަންސް ލީގުގެ ފުރުސަތު ގެއްލުނު ފުރަތަމަ ސީޒަނެވެ. މި ސީޒަންގެ ލީގުގެ ހަވަނައިގައި އާސެނަލް އޮތް އިރު، އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް އާސެނަލަށް އޮތް އުންމީދަކީ ޔޫރޮޕާ ލީގެވެ. ލީގު ތާވަލުގެ ހަތަރު ވަނަ މަގާމު އާސެނަލަށް ހަނިވެފައިވާ އިރު، ޔޫރޮޕާ ލީގުގެ ތަށި ހޯދައިގެން ނޫނީ އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް އާސެނަލް ކޮލިފައިވުން ދުރެވެ.

މިދިޔަ އާދީއްތަ ދުވަހު ނިއުކާސަލް އަތުން އާސެނަލް ބަލިވެފައިވާ އިރު، އެއީ މި ސީޒަންގެ ލީގުގައި އާސެނަލް ބަލިވި 11 ވަނަ މެޗެވެ.

މަސްދަރު: ސަން.އެމްވީ