އެންމެ ބޮޑު ތާއީދެއް އިބޫ އަށް ލިބުނީ އައްޑޫ އިން!

ފޭސްބުކް ފޮޓޯއެއް

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އަތޮޅުތަކުން، ނިސްބަތުން އެންމެ ބޮޑު ތާއީދެއް އިބްރާހިމް މުޙައްމަދު ޞާލިޙު އަށް ލިބިވަޑައިގެންނެވީ އައްޑޫ އިންނެވެ. މުޅިއައްޑޫގެ ނަތީޖާއަށް ބަލާއިރު އިބޫ ކުރިހޯއްދަވާފައިވާ އިންސައްތަ އަކީ %68 އެވެ.

މުޅި އައްޑޫ ސިޓީގެ ވޯޓު ހައްޤުވާ އާބާދީގެ ބޮޑުބައެއް މިހާރުގެ ސަރުކާރަށް ހަރު އަޑުން ނޫނެކޭ ބުނަން މިޖެހުނީ ހަގީގަތުގައިވެސް އައްޑުއަށް އިޙްމާލު ވެފައިވާތީ އެވެ. މިކަމުގެ ހަގީގަތް ރައީސް ޔާމިނަށް ނޭގޭނެ ކަމަކަށް ގަބޫލު ކުރަން ވަރަށް އުނދަގުލެވެ. އެމަނިކުފާނަށްވެސް ހަމަ އެނގިލައްވާނެ ކަމަށް ގަބޫލު ކުރަން ޖެހެއެވެ.

ރައީސް ޔާމީނުގެ ޒަޢާމަތުގައި އައްޑޫއަށް ވަރަށް ގިނަ ތަރައްގީގެ މަސައްކަތް ކޮށްދެވިފައިވާ ވާހަކަ ޚުދު އެމަނިކުފާނުވެސް ވިދާޅުވިއެވެ. ނަމަވެސް އެވިދާޅުވި ތަރައްގީގެ މަސައްކަތް ރައްޔިތުން ބަލައި ނުގަތެވެ. އެންމެ ގިނަ ކަންކަން ކޮށްދެވިފައިވަނީ ފޭދޫ ދާއިރާއަށެވެ.

ފޭދޫގެ ބިން ހިއްކާފަ އެއޮތީ ފެންނާށެވެ. އެއީ މިހާތަނަށް އައްޑޫގައި ހިންގި އެންމެ އަގުބޮޑު ޕްރޮޖެކްޓްވެސް މެއެވެ. ނަމަވެސް އެބިން ހިއްކާ، އަހަރުތަކެއް ފާއިތުވެ ދިޔައިރުވެސް އެބިމުގެ ހަގީގީ ލޭންޔޫޒް ޕްލޭނެއްވެސް އަދި މިހާތަނަށް ފެންނާކަށް ނެތެވެ. އެބިމުގެ ބޭނުން ހިފޭނެ އެއްވެސް އިތުރުކަމެއް ސަރުކާރުން ކުރިތަން ނުފެނުނެވެ. ރައްޔިތުންނާ ރައީސް ޔާމީނު ސަރުކާރުގެ އެކިފެންވަރުގެ އިސް ބޭފުޅުން ބައްދަލު ކުރައްވާ އަބަދުވެސް ދެއްކެވީ ހުވެފެނީ ވާހަކަ ތަކަކެވެ.

އައްޑޫގެ ފެނާއި ނަރުދަމާގެ މަސައްކަތްވެސް ކުރިއަށް ދިޔައެވެ. ނަމަވެސް އެކަންކަން ކުރިއަށް ދިޔައީ ވަރަށް ވަނދުކޮށް އެހާމަ ލަސްމިނެއްގައެވެ. ޚިދުމަތް ލިބުމަށް އެދިއެދި ތިބި މީހުން މާޔޫސްވެ، އެޚިދުމަތް ލިބުމުން އުފާކުރި ހަމަ އެކުވެސް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

އައްޑޫގައި ކުރިއަށް ދިޔަ ތަރައްގީގެ ހުރިހާ މަސައްކަތެއްވެސް ކުރިއަށް ދިޔައީ މީހުން މާޔޫސް ކުރުވާ ރާގަކަށެވެ. އެހެނަސް ތަރައްގީގެ މަސައްކަތުގެ ތެރެއިން ކޮންމެވެސް ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބިގެން ދިޔައެވެ. އެއީ ހަމަ ރަނގަޅު ކަމަކެވެ.

ނަމަވެސް އައްޑޫ މީހުން ބޭނުންވާ ހަގީގީ ތަރައްގީ، ރައީސް ޔާމީނަކަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. އައްޑޫ މީހުން އަބަދުވެސް ދެކޭ ހުވަފެނަކީ ގެސްޓްހައުސް ވިޔަފާރި ފުޅާވެގެން ދިއުމެވެ. އެކަން ކުރެވޭނެ އެއްވެސް އަލިމަގެއް ރައީސް ޔާމީނުގެ ސަރުކާރުން ކޮށެއް ނުދެއްވިއެވެ.

އޭގެ ނަތީޖާއަކީ އައްޑޫ މީހުން ރައީސް ޔާމީނަށް ބޮޑުތަނުން ނޫނެކޭ ބުނުމެވެ. ރައީސް ކަމަށް މިހާރު އިންތިޚާބު ވެފައިވާ އިބޫ ވަނީ އައްޑޫގައި 8000 އެނދުގެ ޓޫރިޒަމް ސިނާއަތެއް އުފައްދަވާނެ ކަމަގެ ވަޢުދު ވެފައެވެ. އެކަމުގެ ޔަގީންކަންވެސް އިބޫ ވަނީ އައްޑޫ ރައްޔިތުންނަށް އަރުވާފައެވެ.

ފޭދޫގަ ހިއްކާފަ އޮތް ބިންވެސް ހަމަ އޯކޭ އެވެ. އީއީސީގައި ގާއިމުކުރާ ހޮސްޕިޓަލްވެސް އޯކޭ އެވެ. ފެނާ ނަރުދަމާގެ މަސައްކަތް ލަސްނަމަވެސް އޯކޭއޭ ބުނެލާނަމެވެ. މިހުރިހާ ކަމަކީ ކުރަން ޖެހޭ ކަންތައްތަކެވެ. ނަމަވެސް ކޮންމެ މީހަކުވެސް ބޭނުންވަނީ ފުދުން ތެރި މީހަކަށް ވާށެވެ. އެފަދަ މަގަކަށް މީހުންނަށް ދެވޭނީ އިގްތިސާދީ ތަރައްގީ ގެނެވިގެންނެވެ. އައްޑޫއަށް އިގްތިސާދީ ތަރައްގީ ގެނެވޭނެ ހަމައެކަނި ގޮތަކީ ގެސްޓްހައުސް ސިނާއަތެވެ.

ރައީސް ޔާމީނުގެ ވެރިކަމުގެ ކުރީކޮޅު އައްޑޫގައި 5000 ޓޫރިސްޓް އެނދު އުފައްދާނެ ވާހަކަ ވިދާޅުވި އެވެ. އިސްމެހެލާ ހެރަ އިންޓަގްރޭޓެޑް ޕްރޮޖެކްޓް އިފްތިތާޙުވެސް ކުރެއްވިއެވެ. ނަމަވެސް ފަސްއަހަރު ނިމިގެން ދިޔައީ އެންމެ އެނދެއްވެސް އުފެއްދޭނެ މަގެއް ރައްޔިތުންނަށް ހޯދާ ނުދެވިއެވެ.

ޓޫރިޒަމް މިނސްޓަރ މޫސާޒަމީރު ދިޔައީ އައްޑޫ މީހުންނަށް ހުވަފެން ދައްކަމުންނެވެ. އެމަނިކުފާނަށް ހީފުޅު ކުރެއްވިފަ އޮތީ އައްޑޫ މީހުންބޮލަށް މިގޮތަށް ޗިޕްޖަހާ ލެވޭނެ ކަމަށެވެ. ނަމަވެސް އެއީ އަމަނިކުފާނަށް ކުރެވުނު ކުށް ހީއެކެވެ.

އައްޑޫ މީހުން މިފަހަރު އިބޫ އަށް މިހާބޮޑު ތާއީދެއް ދިނީ އެމަނިކުފާނުގެ ފަރާތުން އައްޑޫގެ ގެސްޓް ހައުސް ސިނާއަތަށް އަލިމަގެއް ހޯދާށެވެ. އެމަނިކުފާނުގެ ރިޔާސީ ވައުދުގެ ތެރޭ 8000 ޓޫރިސްޓް އެނދު އައްޑޫގައި އުފެއްދުން ހިމެނެއެވެ.

މިހާރު އިންތިޚާބުވެފައިވާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފަރާތުން އައްޑޫ މީހުން އެންމެ އުމީދުކުރާ ކަމަކީ 8000 ޓޫރިސްޓް އެނދު އައްޑޫގައި އުފެއްދުމެވެ. މިކަމަށް ހުރިހާ ރައްޔިތުން މިތިބީ އެދިގެން ކެތްމަދުވެފަ އެވެ. އައްޑޫ މީހުންގެ މިއުއްމީދު ބޮލާލާ ނުޖައްސަވާށެވެ. އެހެން ނޫންނަމަ މަނިކުފާނަށްވެސް ހަމަ ބޮޑުތަނުން ނޫނެކޭ ބުނާނެއެވެ.