އައްޑޫ ސިޓީގައި 8000 އެނދު އުފައްދާނެ ތަޞައްވަރު 1

ފޮޓޯ: އީކުއޭޓަރ ވިލެޖް

ރާއްޖޭގެ ވެރިކަމަށް ދިވެހިރައްޔިތުން މިހާރު އިންތިޚާބު ކޮށްފައިވާ އިބްރާހިމް މުޙައްމަދު ޞާލިޙް އައްޑޫގެ އިޤްތިސާދީ ތަރައްކީއަށް ކޮށްދެއްވަން ވަޢުދު ވެފައިވާ އެންމެ މުހިއްމު ސިނާއަތަކީ ފަތުރުވެރި ކަމުގެ ސިނާޢަތެވެ. އެގޮތުން އައްޑޫ ސިޓީގައި ޓޫރިސްޓު 8000 އެނދު އުފައްދަވާނަ ކަމަށް އިބޫ ވަޢުދުވެފައި ވުމާއެކު މިކަމުގައި އަޅުގަނޑުގެ ތަސައްވަރު ޙިއްސާކޮށްލުން އެއީ މުހިއްމު ކަމެއް ކަމުގައި ދެކެމެވެ.

އެގޮތުން މިލިޔުމުގައި މިގެނެސްދެނީ އަޅުގަނޑުގެ ޚިޔާލުގައިވާ ތަޞައްވަރުގެ ތެރެއިން ފުރަތަމަ ތަޞައްވަރެވެ. އެއީ އައްޑޫ ސިޓީ ގަމުގައި އުފައްދާ 600 އެނދުގެ ތަސައްވަރެވެ. އެއީ މިހާރު އީކުއޭޓަރ ވިލެޖުގައި ހުރި 156 އެނދުގެ އިތުރަށް އުފައްދާ އެނދުތަކެވެ.

ގަމުގައި ތަރައްގީ ކުރެވޭ ގެސްޓް ހޮޓާ ސަރަހައްދު ދައްކާ ކުރެހުމެއް

އީކުއޭޓަރ ވިލެޖް

އީކުއޭޓަރ ވިލެޖްގައި މިހާރު ހުރީ 78 ކޮޓަރިއެވެ. އެއީ ޖުމުލަ 156 އެނދެވެ. އެތަނުގައި އިތުރު 25 ކޮޓަރި އެޅޭނެ ޖާގަ އެބައޮތެވެ. މޫދަށް ކުރިމަތި ވާގޮތަށް 25 ކޮޓަރި އިތުރު ކޮށްލުމުން އެތަނުގެ ޖުމުލަ އެނދުގެ އަދަދު 206 އަކަށް ބަދަލު ވިއޭވެ.

ދޫގަސް

ދޫގަހަކީ ރައީސް މައުމޫނުގެ ޒަޢާމަތުގައި ސަރުކާރުގެ ގެސްޓްހައުސް އެއްގެ ގޮތުގައި ހިންގާފައިވާ ތަނެކެވެ. ނަމަވެސް ރައީސް ނަޝީދުގެ ޒަޢާމަތުގައި އެތަން ގެސްޓް ހޮޓެލްއަކަށް ބަދަލުކުރެވުނެވެ. ނަމަވެސް އެތަން ހިންގަން ހަވާލުވި އެމްވީކޭއިން އެތަނުގެ އޮޕަރޭޝަން، ދިމާވި ސަބަބުތަކާއި ހުރެ ކުރިއަށް ނުގެންދެވުނެވެ. އަޅުގަނޑުގެ ތަސައްވަރަކީ އެތަން އަލުން ޑިޒައިންކޮށް އަދި ސްވިންމިންޕޫލެއްވެސް ހިމެނޭގޮތަށް 75 ކޮޓަރި ޒަމާނީ ފެންވަރަށް އަޅާ، ސިޓީ ހޮޓެލެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމެވެ. އެތަނުގައި އޭރުން އުފެދިގެން ދާނީ 150 ގެސްޓް އެނދެވެ.

ޒުވާނުންގެ މަރުކަޒު މިހާރު ހުރި ސަރަޙައްދު (ނިއު ގެސްޓް ހައުސް)

ގަމުގެ ޒުވާނުންގެ މަރުކަޒު ހުރި ތަނަކީވެސް ގެސްޓް ހޮޓަލެއް އަޅާ ޒަމާނީ ގެސްޓް ހައުސް އެއްގެ ގޮތުގައި ތަރައްގީކޮށް ހިންގިދާނެ ތަނެކެވެ. އެތަނުގައި މިހާރު ގާއިމު ކޮށްފައިވާ ކުޅިވަރު މަރުކަޒު ފޭދޫއަށް ބަދަލުކޮށް، އެތަނުގައި 50 ކޮޓަރީގެ ގެސްޓް ހައުސްއެއް ތަރައްގީ ކުރަންވީއެވެ. އެތަނުގައި ސަންޑެކަކާ އެކު ކުރީގެ އިނގިރޭސިންގެ ދުވަސްވަރު ބޭނުން ކުރެވުނު ސްވިމިންޕޫލް އަލުން މަރާމާތުކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަންވީއެވެ. އެތަނުގައި ތަރައްގީ ކުރެވޭ 50 ކޮޓަރިން އެލިބިގެން ދަނީ ޖުމުލަ 100 ގެސްޓް އެނދެވެ.

ކަސްޓަމް އޮފީސް ހުރި ސަރަހައްދު (ނިއު ހޮޓެލް 1)

ގަމުގެ ބޮޑުފާލަމުން ފެށިގެން ކަސްޓަމް އޮފީސް ހުންނަ ފަރާތަށް އިރަށް އެއޮތް ބިމަކީ ގެސްޓް ހޮޓަލެއް ތަރައްގީކުރަން ވަރަށް ކަމުދާ ސަރަހައްދެކެވެ. އެތަނުގެ ބީޗަކީވެސް އެހާމެ ހިތްގައިމު ތަނެކެވެ. އެހެން ކަމުން ކަސްޓަމް އޮފީހާ ދެންވެސް އެތާހުރި އިމާރާތްތައް އެހެން ސަރަހައްދު ތަކަށް ބަދަލުކޮށް އެސްޓީއޯ ތެޔޮ ތާނގީތަށް ހުންނަ ހިސާބަށް، އިންވަކިކޮށް ގެސްޓް ހޮޓަލެއް އަޅަން ބަޔަކަށް ދިގުމުއްދަތަށް ކުއްޔަށް ދޭންވީއެވެ. އެތަނުގައި މިހާރު ހުރި ބޭނުން ކުރެވޭ އިމާރާތްތައް އެހެން ސަރަހައްދަކަށް ބަދަލު ކުރަން ޖެހޭނީ އެތަން ތަރައްގީ ކުރުމަށް ލިބޭ ފަރާތަކުންނެވެ.

އެތަން ކުއްޔަށް ހިފާފަރާތަށް ފުރަތަމަ 5 އަހަރު ތެރޭ ކުލީގެ ގޮތުގައި ސަރުކާރަށް  ނަގަންވާނީ ކަނޑަ އެޅޭ ކުލީގެ 15 އިންސައްތައެވެ. އެއީ އެތަނުގައި ހުރި އިމާރާތްތަކާއި އޮފީސްތައް އެހެން ދިމާލަކަށް ބަދަލު ކުރުމަށް އެތަން ކުއްޔަށް ހިފާފަރާތުން ކުރާ ޚަރަދު ފޫބެއްދުމަށެވެ. މިތަނުގައި ތަރައްގީ ކުރަން ވާނީ ޒަމާނީ ފެންވަރުގެ ސިންގަލް ބަންގަލޯ ސްޓައިލުގެ 75 ކޮޓަރިއާއި އަދި ސްވިމިންޕޫލް އެކެވެ. އެއީ ޖުމުލަ 150 އެނދެވެ.

ފްލައިން ސްކޫލު ހުރި ސަރަޙައްދު (ނިއު ހޮޓެލް 2)

އެސްޓީއޯ ތެޔޮ ތާނގީގެ އިރަށް އެއޮތް، މިހާރު ފްލައިން ސްކޫލު ހިންގާ ތަނުން ފެށިގެން ހެލިކޮޕްޓަރު ދުއްވާ މީހުން ތިބޭ އެކޮމޮޑޭޝަން ބޮލްކާ ހަމަޔަށް އޮތް ބިމުގައި ދެވަނަ ގެސްޓް ހޮޓަލެއް ތަރައްގީ ކުރަން ވީއެވެ. އެތަނުގައި ހުރި އިމާރާތްތަކާއި އެހެނިހެން ތަންތަންވެސް އެހެން ދިމާލަކަށް ބަދަލުކޮށް ސިންގަލް ބަންގަލޯ ސްޓައިލަށް 75 ބަންގަލޯ ތަރައްގާ ކުރަންވީއެވެ.

މިހާރު އެތަނުގައި ހިނގަމުންދާ ފްލައިން ސްކޫލާއި އަދި އެހެނިހެން ތަންތަން އެހެން ދިމާލަކަށް ބަދަލު ކުރަންވާނީ އެތަން ދިގުމުއްދަތަކަށް ކުއްޔަށް ނަގާ ފަރާތުންނެވެ. އެމީހުން އެކުރާ ޚަރަދު ފޫބެއްދުމަށް ފުރަތަމަ 5 އަހަރު ތަނުގެ ކުލީގެ ގޮތުގައި ކަނޑައެޅޭ ކުލީގެ 10 އިންސައްތަ ސަރުކާރަށް ކުލީގެ ގޮތުގައި ދައްކާނީއެވެ. މިގޮތަށް އެތަނުގައި ގެސްޓް ހޮޓަލެއް ތަރައްގީ ކުރުމުން އެތަނުގައި އެގާއިމު ވެގެން ދާނީ 150 ގެސްޓް އެނދެވެ.

މިހުރިހާ ގެސްޓް ހޮޓާތައް ތަރައްގީވެ ހިންގަން ފެށުމުން ގަމުން އެކަނިވެސް 756 އެނދު އުފެއްދުނީއެވެ. އައްޑޫ ރައްޔިތުންގެ މިއުއްމީދު ތަކުގައި އިބޫ ކުލަޖައްސަވާ ދެއްވާނެ ކަމާއިމެދު އައްޑޫގެ އެއްވެސް ރައްޔިތަކު ޝައްކެއް ނުކުރައެވެ. ސަބަބަކީ އެއީ އެމަނިކުފާނުގެ ރިޔާސީ ވަޢުދަކެވެ. އެހެން ކަމުން އެމަނިކުފާނުގެ ފުރަތަމަ އަހަރުގެ ތެރޭގައި ގަމުގައި އިތުރު 600 އެނދު އުފައްދަވާނެ ކަމަށް އައްޑޫ ހުރިހާ ރައްޔިތުން އުއްމީދު ކުރައެވެ.

ނުނިމޭ .. (ދެން އަންނާނީ ތަޞައްވަރު 2)