އައްޑޫ ސިޓީ ޓޫރިޒަމް ތަޞައްވަރު 2 (ރުއްޖެހިހެރަ – ކުނިކޮށިސަރަހައްދު)

ވޭވް ސައްުންޑު - 3 އެސް މޯލްޑިވްސް

މިއީ އައްޑޫ ސިޓީގެ ޓޫރިޒަމް ތަރައްގީ ކުރުމަށް އަޅުގަނޑު ލިޔަމުން އަންނަ ސިލްސިލާ ލިޔުމުގެ ދެވަނަ ތަޞައްވަރެވެ. މިސިލްސިލާ ލިޔުންތަށް އަޅުގަނޑު ނިންމާލާނީ އައްޑޫ ސިޓީގައި 8000 ޓޫރިސްޓް އެނދު އުފައްދާނެ އަޅުގަނޑުގެ ޚިޔާލު ހިމަނައިގެންނެވެ. މިއަށްވުރެން ރަނގަޅު ތަސައްވަރެއްވެސް އޮތުމަކީ ދުރުކަމެއް ނޫނެވެ.

އަޅުގަނޑު ސެޕްޓެމްބަރ 28، 2018 ވަނަދުވަހު ލިޔުނު ލިޔުމުގައި ގެނެސްދީފައިވާނީ ގަމުގައި އުފައްދާ ޖުމުލަ 756 އެނދުގެ ތަޞައްވަރެވެ. މިލިޔުން މިހިމަނާލަނީ އައްޑޫ ސިޓީގެ ރުއްޖެހިހެރަ ހިމެނޭ ސަރަހައްދުގައި ގާއިމު ކުރެވޭ އިތުރު 600 އެނދުގެ ތަޞައްވަރުގެ މައްޗަށެވެ.

މިސަރަހައްދު ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް މީގެ ތިން އަހަރު ކުރިންވެސް އަޅުގަނޑު ލިޔުމެއް ލިޔެފައި ވާނެއެވެ. އޭރު އަޅުގަނޑު އެލިޔުން ލިޔުނު އިރު މިހާރު ޕޮލިސް އެކަޑަމީ ސްކޫލު އަޅަން ނިންމާފައިވާ ސަރަހައްދު ހިމަނާފައިވާނެ އެވެ. އެދުވަސްވަރު އެބިން ޕޮލިސް އެކަޑަމީ ސްކޫލަށް ދިނުމަށް ހަމަޖެހިގެން އައިއިރު ޚުދު އަޅުގަނޑު ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާ ބައްދަލުކޮށް އެތަން ޓުރިޒަމަށް ބޭނުން ކުރުމަށް ބާއްވާ ދިނުމަށް ވަރަށް ބޮޑަށް އެދުނީމެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ އެތަނުގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި ދެން ކޮށްދެވޭނެ އިތުރުކަމެއް ނެތްކަމަށެވެ.

ނަމަވެސް އޭރު އެތަނުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނެތުމުން އަޅުގަނޑު އެދުނީ އެތަން އައްޑޫ ސިޓީ މީދޫއަށް ބަދަލު ކޮށްދިނުމަށެވެ. ނަމަވެސް އޭރު އަޅުގަނޑު ދެއްކިވާހަކަ އަޑުއަހާނެ މީހަކު ނުވިއެވެ.

މިކަމާއި ގުޅިގެން އަޅުގަނޑު އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއިވެސް ވާހަކަ ދެއްކީމެވެ. ނަމަވެސް އެބޭފުޅާގެ ފަރާތުންވެސް އެކަށޭނެ އެއްބާރުލުމެއް އޭރު ނުލިބުނީ އެބޭފުޅާ ވިދާޅުވާ ގޮތުން އެކަމާ އަޅުގަނޑަށް އުޅެވުނު އިރު އެކަމުގެ ހުރިހާ ކަމެއް (ޕޮލިސް އެކަޑަމީ ސްކޫލް އަޅަން) ނިމިފައިވާތީ ކަމަށް ވިދާޅުވިއެވެ.

އެހެން ކަމުން މިވަގުތު އެތަނުގެ ވާހަކަ ބާއްވަމާ ހިނގާށެވެ. މިހާރު ދެން ލިބެން އޮތްތަނުގެ އަޅުގަނޑުގެ ތަސައްވަރު ޙިއްސާކޮށްލާނަމެވެ.

މިހާރު ގެ ކުނިކޮށީގެ ހުޅަނގުން ފަރާތުން ފެށިގެން ގާތްގަނޑަށް 735 މީޓަރުގެ އިރަށް އެކަށީގެންވާ ބިމެއް އެބައޮތެވެ. ނަމަވެސް އެތަނުގައި ގާއިމު ކޮށްފައިވާ ކުނިކޮށި އެތަނުން ނަގަން ޖެހެއެވެ. އެކުނި ކޮށި ބަދަލު ކުރުމަށް އަޅުގަނޑުގެ ވިސްނުމުގައި އޮތްތަނަކީ އިންޖީނުގޭ ކުރިމަތިން ހިއްކާފައިވާ ބިމެވެ. ސަބަބަކީ އެތަނުގައި ކުނިކޮށި ބިނާ ކުރުމުން އެހެން ހިސާބުތަކުން ގެންނަ ކުނިވެސް ޖަމާކުރަން ފަސޭހަ ވާނެ ތީއެވެ. އަދި މިކަމުގެ މާހިރުންނާ އަޅުގަނޑު ވާހަކަ ދައްކާ ލުމުން އެބޭފުޅުންވެސް ވިދާޅުވީ އައްޑޫ ސިޓީގެ ކުނި މެނޭޖްކުރުމަށް އެންމެ ރަނގަޅު ސަރަހައްދަކީ ހަމަ އެސަރަހައްދުކަމެވެ.

ރުއްޖެހިހެރަ ސަރަހައްދު

މިތަނުގައި ޒަމާނީ ފެންވަރުގެ 15 ގެސްޓް ހައުސް ނެގެން އެބަ އޮތެވެ. އެއީ ކޮންމެ ބްލޮކަކަށް މަދުވެގެން 10،000 އަކަފޫޓުގެ ބިމަށް ލިބޭ ގޮތަށެވެ. ކޮންމެ ބްލޮކެއްގައި ވަރަށް ފުރިހަމަޔަށް 2 ފަމްގިފިލާގެ ރަނގަޅު ފެންވަރުގެ 20 ކޮޓަރި އެޅޭނެއެވެ. އަދި އޭގެ އިތުރުން ސާވިސް ރޫމުތަކާއި އަދި އެހެނިހެން ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަ ޖެއްސިދާނެ އެވެ. މިގޮތަށް ކޮންމެ ބޮލޮކެއްގައި މަދުވެގެން 40 ގެސްޓް އެނދު އުފެއްދުމުން މުޅި އެހިސާބުގައި ޖުމުލަ 600 އެނދު އުފެއްދުނީ އެވެ.

ރުއްޖެހިހެރަ އުފައްދާ 600 އެނދުގެ ކުރުެހުމެއް

ނަމަވެސް މިބްލޮކް ތަކުގައި ކެއުމުގެ އެއްވެސް ޚިދުމަތެއް ނުލިބޭނެއެވެ. އަޅުގަނޑުގެ ޚިޔާލުގައިވާ ކުރެހުމުގައި ވާގޮތުން ކެފޭ ރެސްޓޯރެންޓް ހިންގާނީ ވަކި ބައެކެވެ. އަދި ޑައިވިން އާއި ވޯޓާ ސްޕޯރޓްސްވެސް ހިންގާނީ މުޅިން ތަފާތު ބައެކެވެ. އަދި މީގެ އިތުރުން ގެސްޓް ޝޮޕްތައް ޚާއްސަ ކުރަންވާނީ އައްޑޫގެ އަންހެން ކަނބަލުންނަށެވެ.

ކެފޭ، ރެސްޓޯރެންޓް، ޝޮޕްތައް އަދި ޑައިވިން / ވޯޓަރ ސްޕޯޓުސް ޚިދުމަތް ދެވެނީ ގެސްޓް ހައުސް ބްލޮކުގެ އުތުރު ފަރާތުން މިހާރުގެ ލިންކް ރޯޑާ ވީފަޅިންނެވެ. އެދެމެދުގައި ވަންވޭއަށް އާމަގެއް ހަދަންވާނެއެވެ. އެމަގުން ދަތުރު ކުރެވޭނީ ގެސްޓުންގެ އިތުރުން ޚާއްސަ ހުއްދަ ލިބިފައިވާ ގެސްޓް ޚިދުމަތުގައި މަސައްކަތް ކުރައްވާ ފަރާތް ތަކަށެވެ.

ކެފޭ، ރެސްޓޯރަންޓް އާއްމުން ބޭނުން ކުރާނަމަ ބޭނުން ކުރެވޭނީ ލިންކް ރޯޑު ފަޅިންނެވެ. ގެސްޓް ހައުސް ބްލޮކް ތަކުގެ ދެކޮޅުގައި ފުލުހުންގެ ސެކިއުރިޓީ ދެޕޯސްޓް ހުންނަންވާނެއެވެ. އެއީ ހުރިހާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.

މިސަރަހައްދު ތަރައްގީ ވުމާއިއެކު ގަމުގައި އުފެދިގެން އަންނަ 756 އެނދުގެ ތެރެއަށް މިތަނުގެ 600 އެނދު ހިމަނާލީމަ ޖުމުލަ 1356 އެނދު އުފެއްދުނީއެވެ.

އަޅުގަނޑު ޔަކީން ކުރާގޮތުން މިތަސައްވަރަށް އައްޑޫގެ ގިނަ ރައްޔިތުން ތާއިދު ކުރާނެއެވެ. އެހެން ކަމުން މިހާރު އިންތިޚާބުވެފައިވާ ރައީސް އޮނަރަބްލް އިބްރާހިމް މުޙައްމަދު ޞާލިޙަށް އަޅުގަނޑު ދަންނަވާނީ މަނިކުފާނުގެ ފުރަތަމަ އަހަރު މި ތަސައްވަރު އައްޑޫ ރައްޔިތުންނަށް ފުރިހަމަ ކޮށްދެއްވުމެވެ.

އަޅުގަނޑުގެ ތަޞައްވަރުގައި އައްޑޫގެ އެންމެހާ ރައްޔިތުން މޫދަށް އެރިލާ ޕިކްނިކު ދިއުމަށް ވަކިތަނެއް އޮންނާނެއެވެ. އަޅުގަނޑުގެ މިސިލްސިލާ ލިޔުންތައް ނިމޭއިރު އައްޑޫގެ ހުރިހާ ހިސާބަކުން ގިނަ ގެސްޓް ހައުސް އުފެދިގެން ދާނެއެވެ.

އެހެން ކަމުން އަޅުގަނޑުގެ ދެންހުރި ތަޞައްވަރަށް އިންތިޒާރު ކޮށްލައްވާށެވެ. ރައީސް ކަމަށް މިހާރު އިންތިޚާބުވެ ވަޑައިގެންފައިވާ އިބޫ ނޮވެމްބަރު 17 ވަނަ ދުވަހު ހުވާ ކުރުމުގެ ކުރިން، އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ތަޞައްވަރު ހުރިހާ ކިޔުން ތެރިންނަށް ގެނެސް ދޭނަމަވެ. އަޅުގަނޑު އެދެނީ އަބަދުވެސް އައްޑޫގެ އިގްތިސާދީ ތަރައްކީ ދުވަހުން ދުވަހަށް ކުރިއަރާ ތަރައްގީވެގެން ދިއުމެވެ.

ނުނިމޭ – ދެން އަންނާނީ ތަޞައްވަރު 3