އައްޑޫ ސިޓީ ޓޫރިޒަމް ތަޞައްވަރު 3 (ހަންކެޑަ)

ފޮޓޯ: ހަންކެޑަ ފުއްޓަރުފަރާތް

މިއީ އައްޑޫ ސިޓީގެ ޓޫރިޒަމް ތަރައްގީ ކުރުމަށް އަޅުގަނޑު ލިޔަމުން އަންނަ ސިލްސިލާ ލިޔުމުގެ ތިންވަނަ ތަޞައްވަރެވެ.

އަޅުގަނޑު ސެޕްޓެމްބަރ 29، 2018 ވަނަދުވަހު ލިޔުނު ލިޔުމުގައި ގެނެސްދީފައިވާނީ ރުއްޖެހި ހެރަ ސަރަހައްދުގައި ގާއިމު ކުރާ ގެސްޓް ހައުސް ތަކުގެ ތަޞައްވަރެވެ.

އެލިޔުމުގައި ގެސްޓްހައުސްގެ ވިޔަފާރިއަށް ސަރުކާރުގެ ފަރާތުން އެތަން ތަރައްގީކުރާ ފަރާތްތަކަށް ދޭންވާނެ ލުއިތަކެއް ހިމަނާފައި ނުވާނެއެވެ. ނަމަވެސް މިލިޔުމުގައި ފުރަތަމަ ހިމަލާނީ އެކަމުގައި އަޅުގަނޑުގެ ޚިޔާލުގައި އޮތް ކަންތައްތަކެވެ.

އެތަނުގައި ތަރައްގީ ކުރެވޭ ގެސްޓް ހައުސް ބިމުކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ކުލި ނަގަން ފަށަންވާނީ އެތަނުގެ ގެސްޓް ހައުސް ހަދާ ނިމި ހިންގަން ފަށާ ދުވަހުން ފެށިގެންނެވެ. ބިން ހަވާލު ކުރާތާ ގިނަވެގެން 8 މަސްތެރޭ އެތަން ތަރައްގީކޮށް ހިންގަން ފަށަން ޖެހޭނެއެވެ. ބިން ހަވާލު ކުރާ ދުވަހުން ފެށިގެން ފުރަތަމަ 2 މަސްދުވަހުގެ ތެރޭ މަސައްކަތް ނުކުރާނަމަ އެފަރާތަކުން އެބިމެއް ނަގާ އެހެން ބަޔަކަށް ދޭން ޖެހޭނެއެވެ. ކޮންމެ ބިމެއްވެސް ދޭންވާނީ 30 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ތަންހިންގާ ދުވަހުން ފެށިގެން ބިމުކުލި ނަގަން ފަށާއިރު ފުރަތަމަ 2 އަހަރު ތެރޭ ސަރުކާރަށް ނަގަންވާނީ ކަނޑައަޅާ ކުލީގެ 30 އިންސައްތަ އެވެ. ޖެހިގެން އަންނަ 1 އަހަރު ތެރޭ ނަގަންވާނީ ކުލީގެ 50 އިންސައްތަ އެވެ. ދެން އަންނަ 2 އަހަރު ސަރުކާރަށް ނަގަންވާނީ ކުލީގެ 75 އިންސައްތަ އެވެ. ފަސްއަހަރު ހަމަ ވުމުން ފުރިހަމަ ކުލި ސަރުކާރަށް ނަގަން ފަށަންވާނެއެވެ. ނަމަވެސް ގެސްޓް ހައުސްގެ އޮކިއުޕެންސީ 40 އިންސައްތަ ދަށުގައި އޮންނަނަމަ ސަރުކާރަށް އެމަހެއްގެ ބިމު ކުލި ނަގަންވާނީ 10 އިންސައްތައިގެ ޑިސްކައުޓަށް ތަންހިންގާ ފަރާތަށް ދިނުމަށް ފަހުގައެވެ.

މިއަދުގެ ލިޔުމުގައި އަޅުގަޑު ގެނެސްދޭނީ ހަންކެޑަ ރިސޯޓަކަށް ބަދަލު ކުރުމަށް އަޅުގަނޑުގެ ތަޞައްވަރެވެ. ފުރަތަމަ ކަމަކީ ހަންކެޑަ ރިސޯޓަކަށް ހަދަން ބަޔަކަށް ކުއްޔަށް ދިނުމުގެ ކުރިން ސަރުކާރުން ކޮށްދޭން ޖެހޭނެ ކަންކަމެވެ. އެއީ ހަންކެޑަ އުތުރު ފަރާތް 50 މީޓަރު ފުޅާކޮށް ހިއްކާ ދިނުމާއި ހަނކެޑައިގެ ދެކުނު އިރުމަތީ ފަރާތުގަ އޮތް ގޮނިގަނޑުވެސް ހިއްކާފަ ބީޗް ހަދާ ދިނުމެވެ. އެއަށްފަހު ވޯޓާ ބްރޭކްވެސް ލާ އަދި ހިއްކާ ބިމުގެ ވެލިގނަޑު ގިރިގެން ނުދާނެ ހެން ހުޅަނގު ކޮޅުގައި ތޮށްޓެއް ލައި ދިނުމެވެ. މީގެ އަޅުގަނޑުގެ ޚިޔާލީ ކުރެހުން ތިރީގައި އެވަނީއެވެ.

ހަންކެޑަ ރިސޯޓް ތަރައްގީ ކުރުމުގެ އަޅުގަނޑުގެ ތަޞައްވަރު

ހަންކެޑަ ރިސޯޓަކަށް ބަދަލުވެގެން ދާއިރު އެތަނުގައި ޖުމުލަ 250 ކޮޓަރި އަޅަން ޖެހޭނެއެވެ. އޭރުން ހަނކެޑައިން އެކަނިވެސް 500 އެނދު ލިބުނީ އެވެ. މިތަން 50 އަހަރަށް ކުއްޔަށް ދޭންވާނީ މަޝްހޫރު ހޮޓެލް ޗެއިން އަކަށެވެ. އެމީހުން ރިސޯޓު ތަރައްގީކޮށް 18 މަސްދުވަސް ތެރޭ ހިންގަންފަށަން ޖެހޭނެއެވެ. އަދި ފުރަތަމަ 3 އަހަރު އެމީހުން އަތުން ކުލީގެ ގޮތުގައި ނަގަންވާނީ ކުލީގެ 80 އިންސައްތަ އެވެ.

އެތަނުގައި މިހާރު އޮތް ލިންކް ރޯޑް އެހެން ދިމާލަކަށް ބަދަލު ކުރުމުގެ ބޭނުމެއް އަޅުގަނޑަކަށް ނުފެނެއެވެ. ސަބަބަކީ އެކަން ކުރާނަމަ އިތުރު ޚަރަދު ހިނގާ އަދި އެތަކެއް ދުވަހެއް ބޭކާރު ވެގެން ދިއުމެވެ. އެހިސާބުގައި ދުއްވޭނެ އެންމެ ބާރު ސްޕީޑަކީ 25 ކިލޯމީޓަރު ކަމުގައި ކަނޑައަޅާ އަދި އެމަގު ހުރަސް ކުރަން ތިން ދިމާލަކުން ޒެބްރާ ކްރޮސް ހަދާ، ޒެބްރާކްރޮސްގެ ދެފަރާތުގައި ސްޕީޑް ބްރޭކަރު ހަރު ކުރާނީއެވެ.

ހަންކެޑައިގެ އުތުރާ އަދި ދެކުނު ފަރާތުގައި ތަފާތު ގިންތީގެ ބަންގަލޯ އަޅާ ފުރިހަމަ އެންމެ ޒަމާނީ ލްގަޒަރީ ފެންވަރުގެ ރިސޯޓެއް ތަރައްގީ ކުރުމުން އެތަނަށް މަތީ ގިންތީގެ ފަތުރުވެރިން އަންނާނެއެވެ. ހަންކެޑައިގެ ތެރޭ އޮންނަ ލިންކް ރޯޑަށް ވަންނަ ދެކޮޅުގައިވެސް ފުލުހުންގެ ޗެކްޕޯސްޓެއް ގާއިމު ކުރަންވާނެއެވެ.

މިރިސޯޓު ހަދާ ނިމުމުން އައްޑޫ ސިޓީގައި އެއުފެދިގެން ދިޔައީ ކުރީގެ 1356 އެނދުގެ އިތުރަށް 500 އެނދެވެ. އެހެން ކަމުން ޖުމުލަ 1856 އެނދު އުފެއްދުނީ އެވެ.

މިފަދަ ތަޞައްވަރަކަށް މިހާރު ރައީސް ކަމަށް ހޮވިވަޑައިގެންފައިވާ އޮނަރަބްލް އިބްރާހިމް މުޙައްމަދު ޞާލިޙު ފުރުސަދު ދެއްވާނެ ކަމަށް އުއްމީދު ކުރަމަވެ.

ނުނިމޭ – ދެން އަންނާނީ ތަޞައްވަރު 4