އައްޑޫ ސިޓީ ޓޫރިޒަމް ތަޞައްވަރު 4 (ރުއްޖެހިހެރަ އަދި އަބޫހެރަ)

ގައުކެނޑި ބުރިޖް ސަރަހައްދު - ފޮޓޯ: އިންޓަނެޓް

މިއީ އައްޑޫ ސިޓީގެ ޓޫރިޒަމް ތަރައްގީ ކުރުމަށް އަޅުގަނޑު ލިޔަމުން އަންނަ ސިލްސިލާ ލިޔުމުގެ ހަތަރުވަނަ ތަޞައްވަރެވެ.

އަޅުގަނޑު ސެޕްޓެމްބަރ 30، 2018 ވަނަދުވަހު ލިޔުނު ލިޔުމުގައި ގެނެސްދީފައިވާނީ ހަންކެޑަ ލަކްޒަރީ ރިސޯޓުގެ ތަޞައްވަރެވެ.

މިއަދުގެ އަޅުގަނޑުގެ ލިޔުމުގައި ގެނެސްދޭނީ ގައުކެނޑި، ރުއްޖެހިހެރަ އަދި އަބޫހެރަ ހިމެނޭ ސަރަހައްދު (އުތުރު ފަޅި) ތަރައްގީ ކުރާނެ އަޅުގަނޑުގެ ތަޞައްވަރެވެ. މިތަނުގައި ދިވެހިންނަށް ޚާއްސަ ޕިކްނިކް ސަރަހައްދެއް އެކުލެވިގެން ވާނެއެވެ.

ގައުކެނޑި، ރުއްޖެހިހެރަ އަދި އަބޫހެރައިގެ އުތުރުފަރާތު ބީޗް ސަރަހައްދުގެ ދިގުމިނުގައި ގާތްގަނޑަކަށް 2.5 ކިލޯމީޓަރު އެބަހުއްޓެވެ. އެފަރާތުން (ބީޗްސަރަހައްދުން) 100 މީޓަރުގެ ފުޅާމިނުގައި އެއްކޮޅުން އަނެއްކޮޅަށް ހިއްކާލާނީއެވެ. އަދި ހިއްކާލެވޭ ވެލިގަނޑުގެ ދެކޮޅުގައި ރިވެޓްމަންޓް ޖަހާ ވެލިގަނޑު ގިރިގެން ނުދާނެހެން ހަދަން ޖެހޭނެއެވެ. ހަމަ މިއާއިއެކު ތިރީގައި އެވާ ޚިޔާލީ ކުރެހުމުގައި ވާގޮތަށް ވޯޓާބްރޭކްތައްވެސް ލާން ޖެހޭނެއެވެ.

ގައުކެނޑި – ރުއްޖެހިހެރަ – އަބޫހެރަ ތަރައްގީ ތަސައްވަރު ޚިޔާލީ ކުރެހުން

ގައުކެނޑި

މިސަރަހައްދު އަޅުގަނޑު ޚާއްސަކޮށްލާނީ ހަމަ އެކަނި ދިވެހިންނަށެވެ. އައްޑޫގައި ޓުރިޒަމް ފުޅާވެގެން ދާއިރު ދިވެހިން ނުވަތަ ޚާއްސަކޮށް އައްޑޫ ރައްޔިތުން ދަތުރުދާނެ ފެންވަރު ރަނަގަޅު ތަނެއް އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. އެހެން ކަމުން ގައުކެނޑި ސަރަހަދު މިޚާއްސަކޮށްލަނީ ދިވެހިންނަށެވެ. އައްޑޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށެވެ.

ގައުކެނޑި ސަރަޙައްދު ތަރައްގީ ކުރަންވާނީ އައްޑޫ ސިޓީ ކައުންސިލުން ޚަރަދު ކޮށްގެންނެވެ. އެއްވެސް ފަރާތަކަށް ކުއްޔަށް ނުދީ އެތަން ތަރައްގީ ކުރަންވާނީ ބާބަ ކިއުސަރަހައްދާއި ފާޚާނާ ބްލޮކްތައްވެސް ހިމަނައިގެންނެވެ. ކޮންމެ މީހަކަށްވެސް އެތަނަށް ވަދެވެން ޖެހޭނީ އެންޓްރީ ފީއެއް ދެއްކުމުންނެވެ. އެންޓްރީ ފީގެ ގޮތުގައި ބޮލަކަށް ނަގަންވާނީ 5 ރުފިޔާއެވެ. ގެސްޓުން މިސަރަހައްދަށް ވަންނަން ބޭނުން ނަމަ ނަގަން ވާނީ 5 ޑޮލަރެވެ.

އެސަރަހައްދުގައި ފުލުހުން މީގެ ކުރިން ގާއިމު ކޮށްފައިވާ ޗެކްޕޯސްޓް ކުއްޔަށް ދޫކޮށްލާނީ ވޯޓާ ސްޕޯޓްސް ޚިދުމަތް ދޭ ފަރާތަކަށެވެ. އެތަނުގެ ކުއްޔަކަށް ވާންވާނީ އެތަނަށް ލިބޭ އާމްދަނީގެ 35 އިންސައްތައެވެ. މިކުލި ސީދާ ދައްކަން ޖެހޭނީ ސިޓީކައުންސިލަށެވެ. ކުއްޔަށް ދޭންޖެހޭނެ އެންމެ ދިގުމުއްދަތަކީ 10 އަހަރެވެ. މިސަރަޙައްދުގައި ގާއިމު ކުރެވޭ ހުރިހާ ތަނެއް އޮންނަންވާނީ ސިޓީ ކައުންސިލްގެ ފުރިހަމަ ބެލުމުގެ ދަށުގައެވެ. މުސްތަގުބަލުގައި މިސަރަހައްދުގައި ސްވިންޕޫލެއްސް ހެދިގެން ދާނެއެވެ. އެއީ ގައުކެނޑީގެ ދެކުނުފަރާތުން އެއޮތް ހުސްބިމުގައެވެ. އަޅުގަނޑުގެ ޚިޔާލީ ކުރެހުމުގައި އެތަންވެސް ފާހަގަ ކުރެވިފައި އެވަނީއެވެ.

ރުއްޖެހިހެރަ (ބީޗް ރިސޯޓް)

ރުއްޖެހި ހެރަ އުތުރު ފަރާތުގެ ބީޗް ގައި ގާއިމު ކުރަންވާނީ އެންމެ ޒަމީނީ ފެންވަރުގެ ރިސޯޓަކެވެ. އެތަނުގައި ވޯޓާ ބަންގަލޯވެސް ހުންނަންވާނެ އެވެ. އަޅުގަނޑުގެ ޚިޔާލީ ކުރެހުމުގައި ވޯޓާބަންގަލޯވެސް ދައްކާފަ ހުންނާނެއެވެ. ނަމަވެސް އެއަށްވުރަ ފުރިހަމައަށް ޑިޒައިން ކުރެވެން ޖެހޭނެއެވެ. އެއީ ހަމަ ރަމްޒީގޮތުން ދައްކާލާފަ ހުރީއެވެ. ޖުމުލަ 300 ކޮޓަރި މިބިޗް ރިސޯޓުގައި އަޅަންވާނެއެވެ، އޭރުން އެތަނުގައި އުފެދިގެން އަނާނާނީ 600 ގެސްޓް އެނދެވެ.

މިތަން ކުއްޔަށް ދޭންވާނީ 50 އަހަރުގެ މުއްތަދަކަށެވެ. ތަންކުއްޔަށް ލިބޭފަރާތުން އެމީހުންނަށް އެތަންލިބޭ ދުވަހުންފެށިގެން ގިނަވެގެން 18 މަސްދުވަސް ތެރޭ އެއްކޮށް ނިންމާ ޚިދުމަތަށް ހުޅުވަން ޖެހޭނެއެވެ. ކުލިހިނގަން ފަށަން ޖެހޭނީ ހުޅުވާދުވަހުން ފެށިގެންގެނެވެ. މިރިސޯޓުގެ ކުލީގެ ގޮތުގައި ކަނޑައެޅޭ މިންވަރުގެ ތެރެއިން ފުރަތަމަ އަހަރު ސަރުކާރަށް ނަގަންވާނީ ކުލީގެ 65 އިންސައްތައެވެ. ދެވަނަ އަހަރުން ފެށިގެން ޖެހިގެން އަންނަ ދެއަހަރު ކުލީގެ ގޮތުގައި ސަރުކާރަށް ނަގަން ވާނީ ކުލީގެ 80 އިންސައްތައެވެ. ދެންޖެހިގެން އަންނަ ދެ އަހަރު ސަރުކާރަށް ނަގަންވާނީ ކުލީގެ 90 އިންސައްތައެވެ. ފުރިހަމަ ކުލި ސަރުކާރަށް ނަގަން ވާނީ ފަސް އަހަރު ހަމަވާ ދުވަހުން ފެށިގެންނެވެ.

އަބޫހެރަ (ބީޗް ރިސޯޓް)

އަބޫހެރަ ބީޗް ރިސޯޓުވެސް ތަރައްގީ ކުރާނީ ރުއްޖެހިހެރަ ބީޗް ރިސޯޓު ތަރައްގީ ކުރާ ގޮތަށެވެ. ނަމަވެސް އެތަނުގައި ޖުމުލަ އަޅަންވާނީ 250 ކޮޓަރިއެވެ. އެއީ 500 ގެސްޓް އެނދެވެ.

މިރިސޯޓު ތަރައްގީ ކުރުމުގެ މުއްދަތާއި ކުއްޔަށް ދެވޭ މުއްދަތު އަދި ކުލި ނަގާނެ އުސޫލަކީ ރުއްޖެހިހެރަ ބީޗް ރިސޯޓަށްވެސް ހަމަ ޖެހިފައި އޮންނަ އުސޫލުންނެވެ. އެއީ ތަރައްގީ ކުރަން 18 މަސްދުވަސް އެވެ. ފުރަތަމަ އަހަރު ސަރުކާރަށް ނަގަންވާނީ ކުލީގެ 65 އިންސައްތައެވެ. ދެވަނަ އަހަރުން ފެށިގެން ޖެހިގެން އަންނަ ދެއަހަރު ކުލީގެ ގޮތުގައި ސަރުކާރަށް ނަގަން ވާނީ ކުލީގެ 80 އިންސައްތައެވެ. ދެންޖެހިގެން އަންނަ ދެ އަހަރު ސަރުކާރަށް ނަގަންވާނީ ކުލީގެ 90 އިންސައްތައެވެ. ފުރިހަމަ ކުލި ސަރުކާރަށް ނަގަން ވާނީ ފަސް އަހަރު ހަމަވާ ދުވަހުން ފެށިގެންނެވެ.

މިސަރަހައްދު ފަތުރުވެރިކަމުގެ ސިނާއަތަށް ތަރައްގީވުމުން މިތަނުގައި ޖުމުލަ 1100 އެނދު އުފެދިގެން އަންނާނެއެވެ. އޭރުން ކުރީގައި އުފެއްދި 1856 އެނދުގެ ތެރެއަށް މިއެއްކޮށްލުމުން ޖުމުލަ 2956 އެނދު އުފެއްދުނީއެވެ.

މިއިގްތިސާދީ ތަރައްގީ އައްޑޫއަށް ލިބެންވާނީ މިހާރު ރައީސްކަމަށް އިންތިޚާބު ވެފައިވާ އޮނަރަބްލް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައެވެ. އެމަނިކުފާނުގެ ވެރިކަމުގެ ހަތަރުވަނަ އަހަރު ފެށޭއިރު މިރިސޯޓުތައް ފުރިހަމަޔަށް ހިނގަން ވާނެއެވެ. މިއީ އައްޑޫގެ އެންމެހާ ރައްޔިތުން ދެކޭ އުފާވެރި ހުވަފެނެވެ. އެހެން ކަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އައްޑޫ މީހުންގެ މިހުވަފެން ހަގީގަތަކަށް ހައްދަވާ ދެއްވާނެ ކަމަށް އުއްމީދު ކުރަމެވެ.

ނުނިމޭ – ދެން އަންނާނީ ތަޞައްވަރު 5