އައްޑޫ ސިޓީ ޓޫރިޒަމް ތަޞައްވަރު 5 (ސަވާހިލި)

ސަވާލި - ފޮޓޯ ނަގާފައިވަނީ އިންޓާނެޓުން

މިއީ އައްޑޫ ސިޓީގެ ޓޫރިޒަމް ތަރައްގީ ކުރުމަށް އަޅުގަނޑު ލިޔަމުން އަންނަ ސިލްސިލާ ލިޔުމުގެ ފަސްވަނަ ތަޞައްވަރެވެ.

އަޅުގަނޑު އޮކްޓޫބަރ 1، 2018 ވަނަދުވަހު ލިޔުނު ލިޔުމުގައި ގެނެސްދީފައިވާނީ ރުއްޖެހިހެރަ އަދި އަބޫހެރަ ބީޗް ރިސޯޓުގެ ތަޞައްވަރެވެ.

މިއަދުގެ އަޅުގަނޑުގެ ލިޔުމުގައި ގެނެސްދޭނީ ފޭދޫ ހުޅަނގު ދެކުނު ފަރާތުގައި އެއޮތް ސަވާހިލި ރިސޯޓަކަށް ތަރައްގީ ކުރާނެ އަޅުގަނޑުގެ ތަޞައްވަރެވެ. މިތަނުގައި ގާއިމު ކުރެވިގެންދާނީ ތިން ތަރީގެ ހިތްގައިމު ރިސޯޓަކެވެ.

ސަވާހިލި ރިސޯޓަކަށް ތަރައްގީ ކުރުމުގެ ކުރިން އެރަށުގެ ވަށައިގެން ބީޗް ހަދާ އަދި އެވެލިގަނޑު ގިރިގެން ނުދާނެހެން ރިވެޓްމަންޓް ޖަހަން ޖެހޭތަންތަނުގައި ޖަހާ އަދި ވޯޓާބްރޭކްސްތައް ލާން ޖެހޭނެއެވެ. އައްޑޫ ސިޓީގެ ފަތުރުވެރިކަން ތަރައްގީ ކުރެވޭއިރު މުޅި ސިޓީގެ ހުރިހާ ދިމާލެއްގެ ތަރައްގީ ކުރެވޭ ފަތުރުވެރިކަމުގެ އެންމެހާ ސަރަހައްދެއްގެވެސް ބީޗް ހެދުމުގެ މަސައްކަތް ކޮށްދޭންވާނީ ސަރުކާރުގެ ފަރާތުންނެވެ. ދިވެހި ސަރުކާރުގައި މިހާރު އެކެޕޭސިޓީ ހުރުމުން އެކަން ނުކުރެވޭނެ އެއްވެސް އުޒުރެއް ދެއްކިގެން ނުވާނެއެވެ.

ސަވާހިލި ރިސޯޓް

ސަވާހިލި އަކީ ފޭދުއާއި ގާތްގަނޑަކަށް ޖެހިގެން ވަރަށް ކައިރީގައި އޮތް ރަށެއްކަމުން މިރަށް ރިސޯޓަކަށް ތަރައްގީ ކުރެވޭއިރު ކަރަންޓާއި ފެނާއި އަދި ނަރުދަމާ ގުޅާލަންވާނީ ސަރުކާރުގެ ވިއުގައިގަ އެވެ. އެއީ އެރަށަކީ އެހާ ބޮޑު ރަށަކަށް ނުވާތީ އެރަށުގައި ބޭނުންވާ މިންވަރަށް ކޮޓަރި ނޭޅޭނެތީއެވެ. ސަވާހިލި ރިސޯޓަށް ގެސްޓުންނާއި އަދި މުވައްޒަފުން ދާނީ ފޭދޫއާއި ގުޅާލެވިފައިވާ ކުޑަކުޑަ ބުރިޖަކުންނެވެ. ސަވާހިލިއަށް އެންޓްރީވާ ކޮޅު ސިކިއުރިޓީ ބަލަހައްޓަންވާނީ ފޭދޫގެ ފަޅިންނެވެ. އަޅުގަނޑުގެ ޚިޔާލީ ކުރެހުމުގައި ބްރިޖްވެސް ފާހަގަ ކުރެވިފައިވާނެ އެވެ.

ސަވާހިލި ރިސޯޓަކަށް ތަރައްގީ ކުރުމުގެ ޚިޔާލީ ކުރެހުން

މިރިސޯޓުގައި ޖުމުލަ އަޅަންވާނީ 75 ކޮޓަރިއެވެ. އެއީ ބީޗް ފްރޮންޓް 40 ކޮޓަރިއާއި އަދި ގާޑަން ވިއު 35 ކޮޓަރިއެވެ. އޭރުން ސަވާހިލި ރިސޯޓުގައި އުފެދިގެން ދަނީ ޖުމުލަ 150 އެނދެ. މިރަށުގައި އެކަށޭނެ ބޮޑު ސްވިންޕޫލަކާއި އަދި އެޔާއި ގުޅުވައިގެން ސަންޑެކެއްވެސް އަޅަންވާނެއެވެ. ރެސްޓޯރަންޓާއި އަދި ޕޫލު އޭރިއާ އޮންނަންވާނީ ފޭދޫއާއި ވީފަޅީގައެވެ. އަޅުގަނޑުގެ ޚިޔާލީ ކުރެހުމުގައި ސްވިންޕޫލް ސަރަހައްދުވެސް ފާހަގަ ވާނެއެވެ. ޕޫލާ ޖެހިގެން އުތުރު ފަރާތަށް ވީފަޅީގައި ގާއިމު ކުރަންވާނީ މެއިން ރެސްޓޯރެންޓާއި އަދި ހައުސްކީޕިން ސާވިސް އޮފީހެވެ. އަދި ރިސެޕްޝަންވެސް ހުންނަންވާނީ އަޅާލެވޭ ބުރިޖާ ދިމާލުގަ ފޭދޫއާއި ދިމާލަށެވެ.

ސަވާހިލިވެސް ކުއްޔަށް ދޭންވާނީ 50 އަހަރުގެ މުއްދަތަކަށެވެ. ކުއްޔަށް ހިފާފަރާތާ ތަންހަވާލު ކުރާ ދުވަހުންފެށިގެން ގިނަވެގެން 18 މަސްދުވަސް ތެރޭ ރިސޯޓް ހުޅުވަން ޖެހޭނެއެވެ. ރިސޯޓު ހުޅުވުމުގެ ކުރިން ސަރުކާރަށް އެއްވެސް ކުއްޔަށް ނަގައިގެން ނުވާނެ އެވެ.

ކުލީގެ ގޮތުގައި ފުރަތަމަ އަހަރު ސަރުކާރަށް ނަގަންވާނީ ކަނޑައެޅޭ ކުލީގެ 65 އިންސައްތައެވެ. ޖެހިގެން އަންނަ ދެއަހަރު ނަގަންވާނީ ކަނޑައެޅޭ ކުލީގެ 75 އިންސައްތައެވެ. ހަތަރުވަނަ އަހަރު ނަގަންވާނީ ކަނޑައެޅޭ ކުލީގެ 85 އިންސައްތައެވެ. އަދި ފަސް ވަނަ އަހަރު ނަގަން ވާނީ ކަނޑައެޅޭ ކުލީގެ 90 އިންސައްތައެވެ. ފުރިހަމަ ކުލި ސަރުކާރަށް ނަގަންވާނީ 5 އަހަރު ހަމަވުމުންނެވެ.

ސަވާހިލީގައި ތަރައްގީ ކުރެވޭ 150 އެނދުގެ ތެރެއަށް މީގެ ކުރިން އަޅުގަނޑުގެ ތަޞައްވަރު ތަކުގައި އުފައްދާފައިވާ 2956 އެނދު އެއްކޮށްލީމަ، މިހާތަނަށް މިއުފެދިގެން އަންނާނީ ޖުމުލަ 3106 އެނދެވެ.

މި އިގްތިސާދީ ތަރައްގީ އައްޑޫ ރައްޔިތުންނަށް ޙާސިލުވާން ޖެހޭނީ މިހާރު ވެރިކަމަށް ހޮވިވަޑައިގެންފައިވާ އޮނަރަބްލް އިބްރާހިމު މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ ދެއަހަރުގެ ތެރޭގައެވެ. އެމަނިކުފާނުގެ ވެރިކަމުގެ ތިންވަނަ އަހަރަށް އިރުއަރަންވާނީ ސަވާހިލި ރިސޯޓު ހުޅުވި އެތަނުގެ ޚިދުމަތް ލިބުމާއެކުއެވެ. މިއީ މުޅިންވެސް އައްޑޫ ރައްޔިތުން ދެކޭ ފޮނި ހުވަފެންތައް ކަމަށްވާއިރު މިހުވަފެންތައް ރައީސް އިބޫ ފުރިހަމަ ކޮށްދެއްވާނެ ކަމަށް އައްޑޫ އެއްވެސް ރައްޔިތަކު ޝައްކެއް ނުކުރާނެއެވެ.

ނުނިމޭ – ދެން އަންނާނީ ތަޞައްވަރު 6

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް. zu "އައްޑޫ ސިޓީ ޓޫރިޒަމް ތަޞައްވަރު 5 (ސަވާހިލި)"

ކިޔުންތެރިންގެ ހިޔާލު

ދީނީ، އަޚްލާޤީ، ޤާނޫނީ މިންގަނޑަށް ފެތޭ ޚިޔާލު ފައުޅު ކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެން.


*