އައްޑޫ ސިޓީ ޓޫރިޒަމް ތަޞައްވަރު 6 (މުލިކެޑަ)

މުލިކެޑަ - ފޮޓޯނަގާފައިވަނީ އިންޓާނެޓުން

މިއީ އައްޑޫ ސިޓީގެ ޓޫރިޒަމް ތަރައްގީ ކުރުމަށް އަޅުގަނޑު ލިޔަމުން އަންނަ ސިލްސިލާ ލިޔުމުގެ ހަވަނަ ތަޞައްވަރެވެ.

އަޅުގަނޑު އޮކްޓޫބަރ 2، 2018 ވަނަދުވަހު ލިޔުނު ލިޔުމުގައި ގެނެސްދީފައިވާނީ ސަވާހިލި ރިސޯޓުގެ ތަޞައްވަރެވެ.

މިއަދުގެ އަޅުގަނޑުގެ ލިޔުމުގައި ގެނެސްދޭނީ ޝަންގްރިއްލާ އާއި އަދި ހެރެތެރަ ދެމެދުގައި އެވާ މުލިކެޑަ ރިސޯޓަކަށް ތަރައްގީ ކުރާނެ އަޅުގަނޑުގެ ތަޞައްވަރެވެ. މިތަނުގައި ގާއިމު ކުރެވިގެންދާނީ ތިންތަރީގެ ހިތްގައިމު ވަރަށް ތަފާތު ރިސޯޓަކެވެ.

މުލިކެޑަ ރިސޯޓަކަށް ތަރައްގީ ކުރުމުގެ ކުރިން އެރަށުގެ ވަށައިގެން ބީޗް ހަދާ އަދި އެވެލިގަނޑު ގިރިގެން ނުދާނެހެން ރިވެޓްމަންޓް ޖަހަން ޖެހޭތަންތަނުގައި ޖަހާ އަދި ވޯޓާބްރޭކްސްތައް ލާން ޖެހޭނެއެވެ. ހިއްކުމާއި ރިވެޓްމަންޓް ޖެހުމާއި އަދި ވޯޓާ ބްރޭކްތައް ލުމުގެ މަސައްކަތް ކުރަންވާނީ ދިވެހި ސަރުކާރުގެ ޚަރަދުގައެވެ.

ދޮންދީނާ ނަލަ ބީޗް ރިސޯޓް – މުލިކެޑަ

އައްޑޫ ސިޓީގައި ތަރައްގީ ކުރެވޭ އެންމެ ތަފާތު އެއް ރިސޯޓަކީ ދޮންދީނާ ނަލަ ބީޗް ރިސޯޓު ކަމުގައި ހަދަންވާނެ އެވެ. ތިންތަރީގެ މިރިސޯޓުގެ ބައްޓަން ހުންނަންވާނީ އައްޑޫއަށް ޚާއްސަ ދޮންދީނާގެ ބައްޓަމަށެވެ. އަޅުގަނޑުގެ ޚިޔާލީ ކުރެހުމުގައި ނަގާފައިވާނީ އައްޑޫ ސިޓީ ކައުންސިލްގެ ލޯގޯގެ ބައްޓަމެވެ. ސަބަބަކީ މީގެއިން އައްޑޫ ސިޓީގެ ރަމްޒު ވަރަށް ފުރިހަމައަށް ދައްކާކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭތީއެވެ. އަޅުގަނޑުގެ ޚިޔާލީ ކުރެހުން ތިރީގައި އެވަނީއެވެ.

މުލިކެޑައިގާ ތަރައްގީ ކުރާނެ ރިސޯޓުގެ ޚިޔާލީ ކުރެހުމެއް

މިރިސޯޓުގައި ޖުމުލަ 350 ކޮޓަރި ތަރައްގީ ކުރަން ޖެހޭނެއެވެ. އަދި ހަމަ އެއާއި އެކު ތަފާތު ދެ ހިސާބެއްގައި ސްވިމިން ޕޫލްވެސް ހަދަން ޖެހޭނެއެވެ. އެއް ސްވިމިންޕޫލް ހަދަންވާނީ ދޫނީގެ ލޯހުންނަ ދިމާލަށް، ކުރެހުމުގައި ދައްކާފައިވާ ހިސާބުގައެވެ. މިރިސޯޓަކީ އައްޑޫގެ ރަމްޒު ކަމުގައިވާ ދޮންދޫނި ބައްޓަމަށް ތަރައްގީ ކުރެވޭ ރިސޯޓެއް ކަމުން މިޕްރޮޖެކްޓް ވެގެންދާނީ ބިޔަ ޕްރޮޖެކްޓެއްގެ ގޮތުގައެވެ.

މިރިސޯޓު ކުއްޔަށް ހިފާފަރާތަކަށް 75 އަހަރު ދޭންވާނެ އެވެ. އަދި މުޅި ރިސޯޓު ފުރިހަކޮށް ހުޅުވުމަށް އެންމެ ގިނަވެގެން ދޭންޖެހޭނީ 4 އަހަރު ދުވަހުގެ މުއްދަތަކެވެ. މިމުއްދަތުގައި ރިސޯޓު އެންމެ ފުރިހަމަޔަށް ތައްޔާރު ކުރެވި ފަސްވަނަ އަހަރުގެ ތެރޭ ހުޅުވެން ޖެހޭނެ އެވެ.

މިރިސޯޓުގެ ކުލި ހިގަން ފަށަންވާނީ ރިސޯޓް އޮޕަރޭޝަނަށް ހުޅުވޭދުވަހުން ފެށިގެންނެވެ. ފުރަތަމަ އަހަރު ސަރުކާރަށް ކުލީގެ ގޮތުގައި ނަގަންވާނީ ކަނޑައެޅޭ ކުލީގެ 50 އިންސައްތަ އެވެ. ދެވަނަ އަހަރު 60 އިންސައްތަ ނަގާއިރު ތިންވަނަ އަހަރު ސަރުކާރަށް ނަގަން ވާނީ ކުލީގެ 70 އިންސައްތައެވެ. ހަތަރު ވަނަ އަހަރު 80 އިން ސައްތަ ނަގާ ފަސްވަނަ އަހަރު ކުލީގެ ގޮތުގައި ސަރުކާރަށް ނަގަންވާނީ 90 އިން ސައްތަ އެވެ. ފުރިހަމަ ކުލި ސަރުކާރަށް ނަގަން ފަށަންވާނީ 5 އަހަރު ފަހުންނެވެ.

ދޮންދީނާ ނަލަ ބީޗް ރިސޯޓް ހުޅުވުމުން އައްޑޫ ސިޓީގެ ފަތުރުވެރި ކަމުގެ ސިނާއަތަށް އިތުރުވެގެންދާނީ 700 އެނދެވެ. އެހެންކަމުން ކުރީގައި އުފެއދިފައިވާ 3106 އެނދުގެ ތެރެއަށް މިއެނދުތައް އެއްކޮށްލުމުން މުޅިޖުމުލަ 3806 އެނދު އުފެއްދުނީއެވެ.

މިރިސޯޓު ހުޅުވަންޖެހޭނެ އެންމެ ފަހުގަ ތާރީޚަކަށް ވާންވާނީ މިހާރު ރައީސްކަމަށް އިންތިޚާބު ވެފައިވާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ޒަޢާމަތުގެ އެންމެ ފަހު އަހަރުގެ ތެރޭގައެވެ. އައްޑޫ ސިޓީގެ ރައްޔިތުން މިދެކޭ ފޮނި ހުވަފެން ހަގީގަތަކަށް ވެގެން ދިއުމަކީ އައްޑޫގަ ކުދި ބޮޑު ހުރިހާ ރައްޔިތުން ނުހަނު އުފާވާނެ ކަމެކެވެ. އޭރުން އައްޑޫގެ އިގްތިސާދީ ތަރައްގީ މިއިން ޒަމާނެއްގައި ކުރިނާރާ މިންވަރަށް މައްޗަށް ޖެހިލާނެއެވެ. މިހުވަފެން ހަގީގަތަކަށް ހެދުމަށް ރައީސް އިބޫގެ ފުރިހަމަ އެއްބާރުލުން ނިހާޔަތަށް ބޭނުމެވެ. އެއުއްމީދުގައި އަޅުގަނޑުގެ 6 ވަނަ ތަސައްވަރު މިހާހިސާބުން ނިންމާލާނަމެވެ.

ނުނިމޭ – ދެން އަންނާނީ ތަޞައްވަރު 7

2 Kommentare zu "އައްޑޫ ސިޓީ ޓޫރިޒަމް ތަޞައްވަރު 6 (މުލިކެޑަ)"

  1. މުލިކެޑަ އެއް ނޫން އިނގޭތޯ. ރަނގަޅު ގޮތަކީ މުލިކެޑެ / ކުރީ ދުވަހު ހަންކެޑަ ވެސް ލިޔެފައި އޮތް. އޭގެވެސް ރަނގަޅު ގޮތަކީ ހަންކެޑެ .

  2. މިރަށަކީ ނިސްބަތުން ބޮނޑަ ރަށަށް… މަގޭ ހިޔާލަކީ މިރަށް އިންޓަރގްރޭޓެޑް ކޮންސެޕްޓަށް ތަރައްގީ ކެރުން. 25 ވަރަކަށް ކޮޓރީގެ ގެސްޓް ހައުސް ބްލޮކްތަކަށް (3 ފަންގިފިލާށް ވޭލެކަށް) ހަދަފައި، ޔުޓިލިޓިސް / އެފް އެންޑް ބީ އައުޓުލެޓްސް / އަދި އެހެނިހެން ހިދުމައްތައްކަސް އެކއެކި ފަރާއްތަކަށް ވިޔަފާރި އުސޫލުން ދިނުން… ޕޮލިސް ޕޯސަޓަކަސް ހިށުން މުހިއްމު…. މަގޭ އެސްޓިމޭޓަކީ މިރަށި 1500 ވަރަކަށް އެނދެ އުފެއްދުން… ގެސްޓް ހައުސް ތަކަސް އެކި އެކި ފަރާއްތަކަށް ޑިވެލޮޕ ކެރާއް ނުންފެހޭ ހަދަފައި މެނޭޖް ކެރާށް ދެރެފޭނެއި… މިކޮންސެޕްޓަށް ހެދިމެއި ކުދު / މެދަ ފަނތީގެ ވިޔަފާރިތަކަށަސް އޮންނަހެއް ފުރުސަތެ… ވަކި ރަށަށް ވީމެއި ބާރ ތަކަސް ހެދޭހެއް… އެއަރޕޯރޓް ޓްރާންސްފާގެ ހިދުމަތަސް ދޭނެއި ވަކި ޕާރޓީއަކުން..

ކިޔުންތެރިންގެ ހިޔާލު

ދީނީ، އަޚްލާޤީ، ޤާނޫނީ މިންގަނޑަށް ފެތޭ ޚިޔާލު ފައުޅު ކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެން.


*