އައްޑޫ ސިޓީ ޓޫރިޒަމް ތަޞައްވަރު 7 (ފަޅުހިއްކައިގެން ހަދާރަށެއް)

ފޮޓޯ: އީކުއޭޓާ ވިލެޖް - އައްޑޫ އެތެރެވަރީ ތިލަހިސާބުގައި ދެފަތުރުވެރިޔަކު ސްނޯކްލިން ކުރަނީ

މިއީ އައްޑޫ ސިޓީގެ ޓޫރިޒަމް ތަރައްގީ ކުރުމަށް އަޅުގަނޑު ލިޔަމުން އަންނަ ސިލްސިލާ ލިޔުމުގެ ހަތްވަނަ ތަޞައްވަރެވެ.

އަޅުގަނޑު އޮކްޓޫބަރ 3، 2018 ވަނަދުވަހު ލިޔުނު ލިޔުމުގައި ގެނެސްދީފައިވާނީ ދޮންދީނާ ނަލަ ބީޗް ރިސޯޓު (މުލިކެޑަ)ގެ ތަޞައްވަރެވެ.

މިއަދުގެ އަޅުގަނޑުގެ ލިޔުމުގައި ގެނެސްދޭނީ ހިދަތޫ ހާބަރަށް ވަންނަ ނެރާދިމާލުން އިރުމަތީ ފަރާތުގައި އެއޮތް ތިލަ ހިސާބު ހިއްކައިގެން އަލަށް ހަދާލެވޭ ރަށް، ރިސޯޓަކަށް ތަރައްގީ ކުރާނެ އަޅުގަނޑުގެ ތަޞައްވަރެވެ. މިތަނުގައި ގާއިމު ކުރެވިގެންދާނީ ތިންތަރީގެ ލޯބިވެރިންނަށް ޚާއްސަ ރިސޯޓެކެވެ.

އައްޑޫ ސިޓީ އަކީ ރާއްޖޭގެ އެހެނިހެން އަތޮޅުތަކާއި މުޅިން ތަފާތު އަތޮޅެއް ކަމުން އައްޑޫގައި އެހާ ގިނަ ރަށްތަކެއް ނެތެވެ. އެހެން ކަމުން އައްޑޫ ގައި ފަތުރުވެރިކަން ފުޅާކުރެވޭނީ އެތެރެވަރީގެ ތިލަ ތަންތަން ހިއްކައިގެން އަލަށް ރަށްތައް އުފައްދައިގެންނެވެ. މިގޮތަށް އުފައްދާ ރަށްތަކާއި އަދި ރިސޯޓު ތަރައްގީ ކުރުމަށް ހިއްކާ އެންމެހާ ތަންތަން ހިއްކާ، ރިވެޓްމަންޓް ޖަހާ އަދި ވޯޓާ ބްރޭކް ލުމަކީ ސަރުކާރުން ކޮށްދެއްވަން ޖެހޭނެ ކަންކަން ކަމުގައި އައްޑޫގެ ގިނަ ރައްޔިތުން ހިތާހިތުން ގަބޫލު ކުރައެވެ.

މިތަޞައްވަރުތައް އަޅުގަނޑު ލިޔާއިރު މިއަށްވުރެން މާ ތަނަސްޚިޔާލުގެ ބޭފުޅުންވެސް އައްޑޫގައި ތިއްބަވާނަ ކަމަށް އަޅުގަނޑު ހިތާހިތުން ގަބޫލު ކުރަމެވެ. އަދި މިގޮތަށް ފަޅުތައް ހިއްގައިގެން ރަށްތަށް ހަދާއިރު ތިމާވެއްޓަށް ބަދަލު އަންނާނެ ކަމަށްވެސް ގަބޫލު ކުރަމެވެ. ނަމަވެސް އައްޑޫގެ އިގްތިސާދީ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި އެންމެހާ ރައްޔިތުންނަށް ފަހިވެގެންދާނީ ފަތުރުވެރިކަމުން ކަމަށް ވީހިނދު މިކަން ކުރެވެން އެބަޖެހެއެވެ. މިކަންކަން ކުރުމުގެ ކުރިން ހަދަން ޖެހޭ އެސެސްމަންޓް ހަދަންވާނެއެވެ. އަދި މިފަދަ ކޮންމެ ކަމެއްވެސް ކުރުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ގޮތަކަށް ކުރުމަށް ވިސްނަންވާނެއެވެ.

ލަވާސް ޕެރަޑައިސް – (އަލަށް އުފައްދާ ރަށެއް)

އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީ ވާއިރު އެކަން ކުރެވެންވާނީ ރާއްޖޭގެ އެހެނިހެން ހިސާބާއި މުޅިން ތަފާތު ވައްޓަފާޅިއަކަށެވެ. އެއީ ފަތުރުވެރިން އައްޑުއަށް އައުމަށް ޝައުގުވެރި ކުރުމުގެ ބޭނުމުގައެވެ. އެހެން ކަމުން މިއަދު މިގެނެސްދެނީ މުޅިން ތަފާތު ޚިޔާލެއްގެ ރިސޯޓެއްގެ ތަޞައްވަރަކެވެ. ތިރީގައެވަނީ އަޅުގަނޑުގެ ތަޞައްވަރުގެ ޚިޔާލީ ކުރެހުމެކެވެ.

ލަވާސް ޕެރަޑައިސްގެ އަޅުގަނޑުގެ ޚިޔާލީ ކުރެހުން

މިރިސޯޓު ޚާއްސަ ވެގެންދާނީ ލޯބިވެރިންގެ ރިސޯޓަކަށެވެ. ޚާއްސްކޮށް ހަނީމޫނު ހޭދަކޮށްލަން އަންނަ ފަތުރުވެރިންނަށެވެ. އެމީހުންގެ ޕްރައިވަސީ އާއެކު ހަމަޖެހިލައިގެން އުފަލުގައި އުޅެވޭފަދަ މާޙައުލަކަށް މިރަށް ތަރައްގީ ކުރެވެންވާނެއެވެ. އެގޮތުން މިރަށުގެ ބައްޓަންވެސް އެވަނީ ހިތެއްގެ ބައްޓަމަކަށް ހަދާފައެވެ.

މިރިސޯޓުގައި ޖުމުލަ 60 ކޮޓަރި ތަރައްގީ ކުރަން ޖެހޭނެއެވެ. ރިސޯޓުގެ މެދުގައި ސްވިމިން ޕޫލެއް ތަރައްގީ ކުރެވޭއިރު ސަންޑެކަށްވެސް އަޅަންވާނެއެވެ. މިރަށުގައި މުޅިންވެސް ތަރައްގީ ކުރަންވާނީ ވޯޓާ ބަންގަލޯތަކެވެ.

މިރިސޯޓު ކުއްޔަށް ހިފާފަރާތަކަށް 75 އަހަރު ދޭންވާނެ އެވެ. އަދި މުޅި ރިސޯޓު ފުރިހަކޮށް ހުޅުވުމަށް އެންމެ ގިނަވެގެން ދޭންޖެހޭނީ 3 އަހަރު ދުވަހުގެ މުއްދަތަކެވެ. މިމުއްދަތުގައި ރިސޯޓު އެންމެ ފުރިހަމަޔަށް ތައްޔާރު ކުރެވި ހަތަރުވަނަ އަހަރުގެ ތެރޭ ހުޅުވެން ޖެހޭނެ އެވެ.

އައްޑޫގައި ތަރައްގީ ކުރެވޭ އެހެނިހެން ރިސޯޓެއް ފަދައިން މިރިސޯޓުގެ ކުލިވެސް ހިގަން ފަށަންވާނީ ރިސޯޓް އޮޕަރޭޝަނަށް ހުޅުވޭދުވަހުން ފެށިގެންނެވެ. ފުރަތަމަ އަހަރު ސަރުކާރަށް ކުލީގެ ގޮތުގައި ނަގަންވާނީ ކަނޑައެޅޭ ކުލީގެ 60 އިންސައްތަ އެވެ. ދެވަނަ އަހަރު 70 އިންސައްތަ ނަގާއިރު ތިންވަނަ އަހަރު ސަރުކާރަށް ނަގަން ވާނީ ކުލީގެ 80 އިންސައްތައެވެ. ހަތަރު ވަނަ އަހަރު 90 އިން ސައްތަ ނަގާ ފަސްވަނަ އަހަރު ކުލީގެ ގޮތުގައި ސަރުކާރަށް ނަގަންވާނީ 95 އިން ސައްތަ އެވެ. ފުރިހަމަ ކުލި ސަރުކާރަށް ނަގަން ފަށަންވާނީ 5 އަހަރު ފަހުންނެވެ.

ލަވާސް ޕެރަޑައިސް ރިސޯޓް ހުޅުވުމުން އައްޑޫ ސިޓީގެ ފަތުރުވެރި ކަމުގެ ސިނާއަތަށް އިތުރުވެގެންދާނީ 120 އެނދެވެ. އެހެންކަމުން ކުރީގައި އުފެއދިފައިވާ 3806 އެނދުގެ ތެރެއަށް މިއެނދުތައް އެއްކޮށްލުމުން މުޅިޖުމުލަ 3926 އެނދު އުފެއްދުނީއެވެ.

އަޅުގަނޑު މިތަޞައްވަރުތައް ލިޔަމުންދާއިރު ބައެއް ރައްޓެހިން ގުޅާފަ އަޅުގަނޑަށް އެވޯޑު ދެނީ ލިޔެކިޔުމުން އެންމެ ގިނަ ރިސޯޓު އައްޑޫގައި އުފެއްދި ކަމުގެ އެވޯޑެވެ. އެގޮތަށް ރައްޓެހިން އެބުނަނީ ސަބަބު ތަކެއް އޮވެގެންނެވެ. އެއީ އަޅުގަނޑަށް މުޚާތަބު ކުރި ވާހަކައެއް ނަމަވެސް އެހުރިހާ އެންމެންގެވެސް ކަންބޮޑުވުމަކީ މިފަދަ އިގްތިސާދީ ތަރައްގީ އެއްވެސް ސަރުކާރަކުން އައްޑުއަށް ގެނެސްދޭކަމުގެ ކަންބޮޑުވުމެވެ. ހުރިހާ އައްޑޫ ރައްޔިތުންގެ ހުވަފެނަކީ އިގްތިސާދީ ގޮތުން އައްޑޫގެ ތަރައްގީ އާއުސްމިންތަކަކަށް ގެންދިއުމެވެ.

އެހެން ކަމުން މިހާރު ރައީސްކަމަށް އިންތިޚާބު ވެފައިވާ އޮނަރަބްލް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހުން އަޅުގަނޑު އެދޭ އެދުމަކީ މަނިކުފާނުގެ ޒަޢާމަތުގައި އައްޑޫ ރައްޔިތުން މާޔޫސް ނުކުރެއްވުމެވެ. މަނިކުފާނުގެ ސަރުކާރަށް މިހާރުވެސް އެންމެ ބޮޑު ތާޢީދެއް ލިބިފައިވާނީ އައްޑޫ ސިޓީއިން ކަމުގައި ހަނދުމަނެތި ކޮށްނުލެއްވުމެވެ. އައްޑޫ ރައްޔިތުންގެ މި ފޮނި ހުވަފެންތައް ހަގީގަތަށް ހައްދަވާ ދެއްވާށެވެ. އަޅުގަނޑުމެން ހުރިހާ އައްޑޫ ރައްޔިތުން ބޭނުންވަނީ ޖަޒީރާ ވަންތަ ދިރިއުޅުމެއް އަމިއްލަ ވަޒަނުގައި ދިރިއުޅޭށެވެ. މިކަމަށް އޮތް ހަމަ އެކަނި ޙައްލަގީ އިގްތިސާދީ ތަރައްގީ އައްޑުއަށް ގެނެސްގަން ކަށަވަރެވެ. މަނިކުފާނު މިތަރައްގީ އައްޑޫއަށް ގެނެސް ދެއްވާނެކަމަށް އައްޑޫގެ އެއްވެސް ރައްޔިތަކު ޝައްކެއް ނުކުރެއެވެ.

ނުނިމޭ – ދެން އަންނާނީ ތަޞައްވަރު 8

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް. zu "އައްޑޫ ސިޓީ ޓޫރިޒަމް ތަޞައްވަރު 7 (ފަޅުހިއްކައިގެން ހަދާރަށެއް)"

ކިޔުންތެރިންގެ ހިޔާލު

ދީނީ، އަޚްލާޤީ، ޤާނޫނީ މިންގަނޑަށް ފެތޭ ޚިޔާލު ފައުޅު ކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެން.


*