އައްޑޫ ސިޓީ ޓޫރިޒަމް ތަޞައްވަރު 8 (މީދޫ ކަޅިބިތެފައްނަ ގެސްޓްހައުސް)

ފޮޓޯ: ޒުހުރީ - މީދޫ މަތިކިޅި - ގެސްޓުންނަށް ވަރަށް ކަމުދާނެ ރީތި ސަރަޙައްދެއް.

މިއީ އައްޑޫ ސިޓީގެ ޓޫރިޒަމް ތަރައްގީ ކުރުމަށް އަޅުގަނޑު ލިޔަމުން އަންނަ ސިލްސިލާ ލިޔުމުގެ އަށްވަނަ ތަޞައްވަރެވެ.

އަޅުގަނޑު އޮކްޓޫބަރ 4، 2018 ވަނަދުވަހު ލިޔުނު ލިޔުމުގައި ގެނެސްދީފައިވާނީ ހިތަދޫ ނެރާދިމާލުން އިރުމަތީ ފަރާތުގައި ރަށެއް ހިއްކައިގެން ރިސޯޓެއް ތަރައްގީ ކުރާނެ އަޅުގަނޑުގެ ތަޞައްވަރެވެ.

މިއަދުގެ އަޅުގަނޑުގެ ލިޔުމުގައި ގެނެސްދޭނީ މީދޫ ‘ކަޅިބިތެ’ ފަރާތު ކޯށިފަންނަ ބީޗުން ފެށިގެން އިރަށް ގޮސް މީދޫގެ އިރުމަތީ ކަންމަތިން ދެކުނަށް، އަޅުގަނޑުގެ ޚިޔާލީ ކުރެހުމުގައި ދައްކާފައިއެވާ ހިސާބުގައި ތަރައްގީ ކުރާނެ ގެސްޓްހައުސް ތަކުގެ ތަޞައްވަރެވެ.

މީދޫގެ މިސަރަޙައްދަކީ އާއްމުން ދިރިއުޅޭ ސަރަޙައްދާއި ދުރު ހިސާބުގައި މޫދަށް ކުރިމަތިވާގޮތަށް އޮތް ސަރަޙައްދެއް ކަމުން މިހިސާބުގައި ހިތްގައިމު ގެސްޓް ހައުސްތަކެއް ތަރައްގީ ކުރެވި ހިންގިދާނެ ސަރަޙައްދަކެވެ.

އެހެން ކަމުން މިއަދު އަޅުގަނޑުގެ ތަޞައްވަރު ބިނާ މިކޮށްލަނީ އެސަރަޙައްދުގައި ފެންވަރު ރަނގަޅު ގެސްޓްހައުސް ތަކެއް ތަރައްގީ ކުރުމަށެވެ. މިގެސްޓްހައިސް ތަރައްގީ ކުރުމުގެ ކުރިން އެސަރަޙައްދުގައި ތާރުއެޅި ފެންވަރު ރަނގަޅު މަގެއް ސަރުކާރުން ގާއިމުކޮށްދީ ނަރުދަމާގެ ނިޒާމާއި ބޯފެނުގެ ނިޒާމު ލިބޭނެ އިންތިޒާމު ހަމަޖައްސަވާ ދެއްވަން ޖެހޭނެއެވެ. އަދި ސަރުކާރުގެ ކަރަންޓް ކުންފުނީގެ ފަރާތުން އެކަށޭނެ ކަރަންޓް ވިއުގައެއް ގާއިމު ކޮށްދެއްވަން ޖެހޭނެއެވެ.

މިސަރަޙައްދުގައި ގާއިމު ކުރެވޭ ގެސްޓްހައުސް ތަކުގެ އަޅުގަނޑުގެ ޚިޔާލީ ކުރެހުމެއް ތިރީގައި އެވަނީއެވެ.

މީދޫގައި ގާއިމު ކުރެވޭ ގެސްޓް ހައުސް ތަކުގެ ތަޞައްވަރު ދައްކުވައިދޭ ޚިޔާލީ ކުރެހުމެއް.

ކުރެހުމުގައި ދައްކާފައިއެވާ ގޮތަށް މަގު ހަދަންވާނީ ބަހާއުއްދީނު މަގުން ފެށިގެން މީދޫގެ ފުއްޓަރު ފަރާތުން އެދާގޮތަށް ގޮސް މަޖުދިއްދީނު މަގާ ހަމައަށެވެ. އެއީ ގާތްގަނޑަކަށް 1.8 ކިލޯމީޓަރުގެ ދެކޮޅަށް ދުއްވޭ 4 ލޭންގެ މަގެކެވެ. މަގުގެ އަތިރިމައްޗާ ވީފަޅީގައި ގެސްޓް ހައުސްތައް ތަރައްގީ ކުރެވޭއިރު އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބިނާ ކުރެވޭ ރެސްޓޯރަންޓް، ކެފޭ، ޝޮޕް، ޑައިވިން އަދި ވޯޓާސްޕޯޓްސް ތަންތަން ހުންނަން ވާނީ ގެސްޓް ހައުސް ތަކުގެ ފުރަގަހަށް ވާގޮތަށް މަގާއި ކާރީގައެވެ.

ކޮންމެ ދެގެސްޓްހައުސް ބްލޮކެއްގެ ދެމެދުގައި އެއްވެސް ފާރެއް ހުރެގެން ނުވާނެއެވެ. އަދި ކޮންމެ ދެބްލޮކެއްގެ ދޭތެރެއިން ފަސޭހައިން ބީޗަށް ދެވޭގޮތަށް ހުސްތަނެއް އޮންނަން ވާނެއެވެ.

މިސަރަޙައްދުގައި ޖުމުލަ ތަރައްގީ ކުރުމަށް ހުޅުވާލާނީ 10 ހާސް އަކަފޫޓުގެ 32 ބްލޮކެވެ. އެއީ ކޮށިފަންނަ ހިސާބުން ފެށިގެން މޫދަނޑި ޖަސްބިން (އެޅޮގަނޑަ) އާއި ހަމައަށެވެ. އެހިސާބުން ފެށިގެން ވޭރާނޑައާއި އަދި މަޖުދުއްދީނު މަގާހިސާބަށް އޮންނަ ހިސާބު ޚާއްސަ ކޮށްލާނީ ދިވެހިން ޕިކްނިކް ދާނެ ސަރަޙައްދެއްގެ ގޮތުގައެވެ. އަދި ރާފަޅަ ބީޗް ސަރަހައްދުވެސް ޚާއްސަކޮށްލާނީ ދިވެހިންނަށެވެ. ދިވެހިންނަށް ޚާއްސަ ކުރެވޭ ތަންތަނުގައި ފާޚާނާ ބްލޮކްސްތައް ހަދާ އަދި ބާބަކިއު ހެދޭނެ އިންތިޒާމުވެސް ހަމަ ޖައްސަންވާނެއެވެ.

ދިވެހިންނަށް ޚާއްސަ ތަންތަން ހިންގަންވާނީ އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުންނެވެ. ދިވެހިންނަށްވެސް އެސަރަހައްދު ބޭނުން ކުރެވޭނީ ކޮންމެ ބޮލަކަށް 5 ރުފިޔާގެ ފީއެއް ދައްކައިގެންނެވެ. އަދި ގެސްޓުން އެތަނަށް ވަންނަން ބޭނުންނަމަ އެމީހުންގެ އެންޓްރީ ފީގެ ގޮތުގައި ނަގަންވާނީ ބޮލަކަށް 5 ޑޮލަރެވެ.

މިސަރަހައްދުގެ ގެސްޓްހައުސް ކޮންމެ ބްލޮކެއްގައި ތަރައްގީ ކުރަންވާނީ 12 ކޮޓަރިއެވެ. މީގެ އެއްވެސް ގެސްޓްހައުސްއެއް ބުރިބުރިއަށް މައްޗަށް ނެގިގެން ނުވާނެއެވެ. މުޅިތަން އެއްކޮށް ޕްލޭން ކުރަންވާނީ އެކަމުގެ ގާބިލުކަން ހުރި ފަރާތަކަށް ދީގެން ސަރުކާރުންނެވެ. ޕްލޭން ކުރެވޭގޮތަށް ކޮންމެ ބްލޮކެއްގައި ގެސްޓްހައުސް ތަރައްގީ ކުރާނީ ބިޑްއުސޫލުން އެލިބޭ ފަރާތަކުންނެވެ.

މިބްލޮކްތައް ކުއްޔަށް ދިނުމުގައި އިސްކަން ދޭންވާނީ ހުޅޫމީދޫއަށް ނިސްބަތްވާ އެދެރަށުގެ ރައްޔިތުންނަށެވެ. ދެން އިސްކަންދޭންވާނީ އައްޑޫގެ އެހެނިހެން ރަށްތަކުގެ ރައްޔިތުންނަށެވެ.

މިތަން ތަރައްގީ ކުރެވޭއިރު މޫދަނޑި ޗަސްބިމުގެ އުތުރު ފަރާތުގައި ސްވިމިންޕޫލެއް ތަރައްގީ ކުރެވެންވާނެއެވެ. މިސްވިންޕޫލަކީ ވަކި ބަޔަކު ހިންގާ ތަނެއްގެ ގޮތުގައި ހަމަޖައްސަން ޖެހޭނެއެވެ. އަދި އެތަން ބޭނުން ކުރުމަށް ވަކި ކުއްޔަށް ނަގަންވާނެވެ. ސްވިމިންޕޫލަކީވެސް ވަކި ވިޔަފާއެކެވެ. އެހެން ކަމުން އެތަންވެސް ކުއްޔަށް ދޭންވާނީ ބިޑްއުސޫލުން އެހެންތަންތަން ކުއްޔަށް ދޭ އުސޫލުންނެވެ.

އަލަށް ހަދާލެވޭ މަގުގެ ގެސްޓް ހައުސްތައް ހުންނަ ހިސާބުގެ ދެކޮޅުގައި ފުލުހުންގެ ދެޗެކްޕޯސްޓް ހުންނަންވާނެއެވެ. އަދި މަގުގެ ކޮންމެ ސަތޭކަ މީޓަރަކުން ސްޕީޑް ބްރޭކާ ހަރު ކުރެވެންވާނެއެވެ.

ރެސްޓޯރެންޓް، ކެފޭ، ޝޮޕް، ޑައިވިން އަދި ވޯޓާސްޕޯޓްސް ޚިދުމަތް ދޭތަންތަން ކުއްޔަށް ދޭންވާނީ ވަކި ވިޔަފާރީ ތަކެއްގެ އުސޫލުން ގެސްޓްހައުސްތައްވެސް ކުއްޔަށް ދެވޭ ގޮތަށެވެ. މިގޮތަށް އެކިފަރާތްތަކަށް ލިބޭގޮތަށް މިހަދަނީ ގިނަ ފަރާތްތަކަށް ފަތުރުވެރި ކަމުގެ ނަފާ ލިބިދިނުމަށެވެ.

މިސަރަޙައްދުގައި ތަރައްގީ ކުރެވޭ ގެސްޓްހައުސްތައް ތަރައްގީ ކުރުމަށް ދޭންވާނީ ގިނަވެގެން 18 މަސް ދުވަހެވެ. ކުއްޔަށް ދޫކުރާނީ 15 އަހަރުގެ މުއްދަތަކަށެވެ.

ގެސްޓް ހައުސްއާއި އެހެނިހެން ޚިދުމަތްތަކުގެ ކުލި ސަރުކާރަށް ނަގަން ފަށަންވާނީ ގެސްޓްހައުސްތައް އޮޕަރޭޝަނަށް ހުޅުވޭދުވަހުން ފެށިގެންނެވެ. ފުރަތަމަ އަހަރު ސަރުކާރަށް ކުލީގެ ގޮތުގައި ނަގަންވާނީ ކަނޑައެޅޭ ކުލީގެ 50 އިންސައްތަ އެވެ. ޖެހިގެން އަންނަ ދެއަހަރު 60 އިންސައްތަ ނަގާއިރު ހަތަރުވަނަ އަހަރު ސަރުކާރަށް ނަގަން ވާނީ ކުލީގެ 70 އިންސައްތައެވެ. ފަސްވަނަ އަހަރު ކުލީގެ ގޮތުގައި ސަރުކާރަށް ނަގަންވާނީ 85 އިން ސައްތަ އެވެ. ފުރިހަމަ ކުލި ސަރުކާރަށް ނަގަން ފަށަންވާނީ 5 އަހަރު ފަހުންނެވެ.

މިގެސްޓްހައުސްތައް ތަރައްގީ ވުމުން އައްޑޫ ސިޓީގެ ފަތުރުވެރި ކަމުގެ ސިނާއަތަށް އިތުރުވެގެންދާނީ 640 އެނދެވެ. އެހެންކަމުން ކުރީގައި އުފެއްދިފައިވާ 3926 އެނދުގެ ތެރެއަށް މިއެނދުތައް އެއްކޮށްލުމުން މުޅިޖުމުލަ 4566 އެނދު އުފެއްދުނީ އެވެ.

އައްޑޫ މީދޫގައި ތަރައްގީ ކުރެވޭ ގެސްޓްހައުސްތައް ތަރައްގީ ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް މިހާރު ރައީސްކަމަށް ހޮވިވަޑައިގެންފައިވާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފުރަތަމަ އަހަރުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ. އެމަސައްކަތްތައް ފަށާގަތުމާއެކު އެތަންތަން ކުއްޔަށް ދިނުމަށް އިޢުލާން ކުރެވި ގިނަވެގެން 3 މަސްތެރޭ އެލިބޭފަރާތްތަކާއި ހަވާލު ކުރަންވާނައެވެ. އަދި އެމީހުންނާއި ހަވާލު ކުރެވޭ ދުވަހުން ފެށިގެން 18 މަސް ތެރޭ މަސައްކަތް ނިންމާ ގެސްޓް ހައުސްތައް އޮޕަރޭޝަނަށް ހުޅުވާލަން ވާނައެވެ.

އެހެން ކަމުން މިގެސްޓް ހައުސްތައް ހުޅުވިގެން ދާނީ ރައީސް އިބޫގެ ޒަޢާމަތުގެ ދެވަނަ އަހަރު ނިމޭހާ ހިސާބުގައެވެ. އަޅުގަނޑު މިތާވަލް ކުރާގޮތަށް މިގެސްޓްހައުސްތައް ހުޅުވުމަކީ އައްޑޫ ސިޓީގެ އެންމެހާ ރައްޔިތުންވެސް ދެކޭނެ އުއްމީދުން ފުރިގެންވާ ފޮނި ހުވަފެކެވެ. މިހުވަފެން ހަގީގަތަށް ހެއްދެވުމުގެ އެންމެހާ ބާރެއް މިހާރު ލިބިފައި އޮތީ ރައީސް އިބޫއަށެވެ. އައްޑޫ ރައްޔިތުންގެ މިހުވަފެން ހަގީގަތަށް ހައްދަވާ ދެއްވާށެވެ. މިއީ އެންމެހާ އައްޑޫ ރައްޔިތުންގެ ފަރާތުން އަޅުގަނޑު އާދޭހާއެކު އެދޭއެދުމެއް ކަމުގައި ގަބޫލު ކުރައްވާށެވެ.

ނުނިމޭ – ދެން އަންނާނީ ތަޞައްވަރު 9

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް. zu "އައްޑޫ ސިޓީ ޓޫރިޒަމް ތަޞައްވަރު 8 (މީދޫ ކަޅިބިތެފައްނަ ގެސްޓްހައުސް)"

ކިޔުންތެރިންގެ ހިޔާލު

ދީނީ، އަޚްލާޤީ، ޤާނޫނީ މިންގަނޑަށް ފެތޭ ޚިޔާލު ފައުޅު ކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެން.


*