އައްޑޫ އަތޮޅުގައި ރާޅާއެޅުމަށް ހުރި ފުރުސަތުތަކަށް ބަލައިލުމެއް

މެދު ފަންތީގެ ފަތުރުވެރިކަމަށް އައްޑޫ އަތޮޅު އަމާޒު ހިފާ ނަމަ އެފަދަ މަންޒިލެއްގެ ގޮތުގައި އައްޑޫ އަތޮޅު މަޝްހޫރުކޮށް އިޝްތިހާރު ކުރާނެ ޚާއްސަ ކަންތައްތަކަކީ ކޮބައިކަން ދެނެގަނެ އެކަން ތައްތަކަށް ބަލައިލުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން ބަލައިލާ އިރު އައްޑޫ އަތޮޅަކީ ޑީޕް ޑައިވިން އަށް ވަރަށް ހާއްސަ ހިސާބެއް ކަމުގައި ބުނެވެއެވެ. އެހެން ނަމަވެސް އައްޑޫ އަތޮޅުގައި ރާޅާއެޅުމަށް ވެސް ރަނގަޅު ސަރަހައްދު ތަކެއް ނުވަތަ ސަރފިން ސްޕޮޓް ތަކެއް ހުރި ކަމާއި އެކަމަށް ރަނގަޅު ފުރުސަތުތަކެއް އޮތް ކަމުގެ ވާހަކަ ދައްކާ އަޑެއް ނީވެއެވެ. އެހެންކަމުން އައްޑޫ އަތޮޅުގައި ހުރި ރާޅާއެޅުމަށް ރަނގަޅު ސަރަހައްދުތަކާއި ގުޅޭ މަޢުލޫމާތު ކޮޅެއް އެކުލަވައިލުމަށް ގަސްތު ކުރަމެވެ.

ރާޅާއެޅުމުގެ ފަތުރުވެރިކަމަކީ ދުނިޔޭގައި ވަރަށް ބޮޑު އަދި މިހާރުވެސް ފުޅާވަމުން އަންނަ އިންޑަސްޓްރީ އެކެވެ. ތަފާތު ހިސާބުތައް ދައްކާ ގޮތުގައި ދުނިޔޭގެ ރާޅާއެޅުމުގެ ފަތުރުވެރިކަމުގެ ވިޔަފާރީގެ މިންވަރަކީ ގާތްގަޑަކަށް އަހަރަކު 50 ބިލިއަން އެމެރިކާ ޑޮލަރެވެ. އެއީ ރާޅާއެޅުމުގެ އެކިކުޅިވަރު ތަކާއި އެކުޅިވަރުތަކުގައި ބޭނުންކުރާ އާލާތްތަކުގެ ވިޔަފާރިވެސް ހިމެނިގެންނެވެ.

މިހައި ހިސާބުން ދެން މިބަލާލަނީ އައްޑޫ އަތޮޅުގައި ފާހަނގަ ކޮށްލެވޭ ސަރފިން ޕޮއިންޓް ތަކާއި އެތަންތަނުގެ ޚާއްސަ ސިފަ ތަކަކީ ކޮބައިކަމެވެ. އައްޑޫ އަތޮޅުގައި ރާޅާއެޅުމަށް ރަނގަޅު ކަމަށް، ފުންނާބު އުސް ރާޅާއެޅުންތެރިންނާއި މިދާއިރާގެ ތަޖްރިބާކާރުން ފާހަނގަ ކޮށްފައިވާ ތަފާތު 7 ސަރަހައްދެ ނުވަތަ ޕޮއިންޓެއް ވެއެވެ.

1. އެއަރ އީކްއޭޓަރ ލެފްޓްސް

މިޕޮއިންޓަކީ މީދޫގެ އިރުއުތުރު ދިމާލުން ފުއްޓަރު ފަރާތުގެ ސަރަހައްދެކެވެ. “އެއަރ އީކްއޭޓަރ ލެފްޓްސް”ގެ ނަމުން މިޕޮއިންޓަށް ނަން ދެވިފައިވަނީ އެންމެ ފުރަތަމަ މިޕޮއިންޓް ފާހަނގަ ކޮށްފައިވަނީ އެއަރ އީކްއޭޓަރގެ ނަމުގައި ގަމަށް އޮޕަރޭޓް ކުރި އެއަރލައިންގައި 2004 މ. ން 2005 މ. މަސައްކަތް ކުރި އަންޑީ ބަރުރު ނަމަކަށް ކިޔާ ޕައިލެޓެއް ކަމަށްވާތީއެވެ. އެއަރ އީކްއޭޓަރގެ ފަހަތައް “ލެފްޓްސް” އަންނަނީ މިތަނުގައި ނަގާ ރާޅު ބާނީގެ ޕެޓަރން އަށް ބަލާ އިރު މިއީ ވައަތު ސަރފިން ޕޮއިންޓެކެވެ.

ކޮންމެ ސަރފިން ޕޮއިންޓެއްގައި ވެސް ރާޅު އުފެދިގެން އަންނަ ގޮތާއި ރާޅު ބިންދާ ޚާއްސަ ސިފަ ތަކެއް ވާކަމަށް ރާޅާއެޅުމުގެ ދާއިރާގެ މާހިރުން ފާހަނގަ ކޮށްފައި ވެއެވެ. މިތާގައި ރާޅު އުފެދޭ ގޮތައް ބަލާ އިރު އެއް ރާޅުގެ ބޮޑު މިނަށް ވުރެން ބޮޑު ސަރަހައްދެއް ގާތްގަޑަކަށް 2 ފޫޓު އުސް މިނަށް އުފުލެއެވެ. އަދި ކުޑަ އިރުކޮޅެއް ފަހުން ރާޅެއްގެ ހުޅި ލައި  ގާތް ގަޑަކަށް 6 ފޫޓަށް އުފުލިގެން ދެއެވެ. މިތާނގައި ނަގާ ރާޅަކީ ހަލުވި ބާރު މިނުގައި އައިސް ގޮނޑު ދޮށަށް ބީއްސާލާ ރާޅެވެ. މިވައްތަރުގެ ރާޅަށް ސަރފިން ދާއިރާގައި ކިޔަނީ ފާސްޓް ބެރެލް ވޭވްސް އޮންޝޯ ބްރޭކް އެވެ. މިތާގައި ހުރިހާ ދިޔަވަރެއްގައިވެސް ދެފޫޓާއި ހަފޫޓާއި ދެމެދުގެ އުސް މިނެއްގައި ރާޅު ހުންނަ ކަން ފާހަނގަ ކުރެވެއެވެ. ރާޅު ދަތުރު ކުރަނީ އިރު ދެކުނުން ހުޅަނގު ދެކުނަށެވެ. މިތާގައި ރާޅާއަޅުމަށް އެންމެ ރަނގަޅީ މެދުމިންގަޑަށް ރާޅާއެޅުމުގެ ގާބިލް ކަން ލިބިފައިވާ ރާޅާއެޅުންތެރީންނެވެ. މިސަރފިން ޕޮއިންޓްގެ ސްޓަރ ރޭންކިން ނުވަތަ ތަރީގެ ދަރަޖަ އަކީ ތްރީ ސްޓަރ (ތިންތަރި) އެވެ.

2. ޝަންގްރިއްލާ ޕޮއިންޓް

ޝަންގްރިއްލާ ރިސޯޓް ވިލިނގިލީގެ އިރުމަތީ ބިތުގެ ފަރުމައްޗަށް ރާޅު އަރާ ސަރަހައްދަކީ ވަރަށް ކުރީއްސުރެންވެސް ސާރފިން ބޯޑު ދުއްވައި އުޅުނު ސަރަހައްދެކެވެ. ގަމުގައި އިނގިރޭސި ސިފައިން އުޅުނު ދުވަސްވަރު އެމީހުންގެ ރިކްރިއޭޝަން ހަރަކާތް ތަކުގައިވެސް ކޮންމެވެސް ވަރަކަށް ސަރފިން ބޯޑު ޒާތުގެ އެއްޗެހި ދުއްވައި އުޅުނީ ގަމުގެ ރަންވޭގެ ކޮޅާއި ދިމާލުން ފުއްޓަރާއި ވިލިގިނލި ކައިރީގައެވެ. މިތާގައި އުފެދޭ ރާޅުގެ އެވެރެޖް އުސް މިނަކީ ދެ ފޫޓާއި  ފަސް ފޫޓާއި ދެމެދުގެ އުސް މިނެކެވެ. ރާޅު ދަތުރު ކުރަނީ އިރުން ދެކުނު ހުޅަނގަށެވެ. ހުރިހާ ދިޔަވަރެއްގައި ވެސް ރާޅު ހުންނަ މިޕޮއިންޓަކީ ކަނާއަތު ސަރފިން ޕޮއިންޓެކެވެ. މިތާގައި ރާޅާއެޅުމަށް ރަނގަޅީ މެދުމިންގަޑަށް ރާޅާއެޅުމުގެ ތަޖްރިބާ އާއި ގާބިލް ކަން ލިބިފައިވާ ރާޅާއެޅުންތެރީންނެވެ. މިޕޮއިންގެ ދަރަޖަ އަކީ 2 ތަރިއެވެ.

3. މަޑިހެރަ

މިއީ ޝަންގްރިލާ ވިލިނގިލީގެ ދެކުނު ފަޅީގައި އޮންނަ ކުޑަ ހުރާ ގަނޑެކެވެ. މިހުރާގަނޑުގެ އިރު ދެކުނު ކޮޅުން އަތޮޅުގެ އެތެރެވަރިއަށް ވާ ގޮތައް  ދެތިން ފަރެއް ހިމެނެއެވެ. އައްޑު އަތޮޅުގެ ކަނޑުފަޅުގެ އަހުލުވެރިންގެ މެދުގައި މަޝްހޫރު ކަނަންދޫ ކަލޭގެ ގަލާ ކިޔާ ބޮޑު ގާ އޮންނަނީ މިފަރުގައެވެ. މިއީ އައްޑޫ އަތޮޅުގައި އެންމެ އުސްމިނަށް ރާޅު ނަގާ ދެޕޮއިންޓުން އެއް ޕޮއިންޓެވެ. އަދި އެންމެ ދިގު ރާޅު އުފެދޭ ސަރފިން ޕޮއިންޓް ވެސް މެއެވެ. ދެ ފޫޓުން ފެށިގެން ދިހަ ފޫޓާއި ދެމެދުގެ އުސްމިނަށް މިސަރަހައްދުގައި ރާޅު ނަގާ ދުވަސްވަރު އާދެއެވެ. ވައިޖެހޭ  މިސްރާބާއި ބާރު މިނާއި ގުޅިގެން މިސަރަހައްދުގައި ނަގާ ރާޅަށް ކުއްލި ކުއްލިއަށް އާދަޔާއި ޚިލާފު ބަދަލުތައް އާދެއެވެ.

މިތާގައި އުފެދޭ ރާޅުތައް އާއްމު ގޮތެއްގައި ދަތުރު ކުރަނީ އިރުދެކުނުން ހުޅަނގުދެކުނަށެވެ. ހުރިހާ ދިޔަވަރެއްގައި ވެސް ރާޅު އަރާ މިޕޮއިންޓަކީ ވާއަތު ސަރފިން ޕޮއިންޓެކެވެ. މިތާގައި ރާޅާއެޅުމަށް ރަނގަޅީ މެދުމިންގަޑަށް ރާޅާއެޅުމުގެ ތަޖްރިބާ އާއި ގާބިލް ކަން ލިބިފައިވާ ރާޅާއެޅުންތެރީންނެވެ. މިޕޮއިންގެ ދަރަޖަ އަކީ 2 ތަރިއެވެ.

4. ގޭން އެޕްރޯޗް ލައިޓް

ގަމުގެ ރަންވޭގެ އެޕްރޯޗިން ލައިޓާއި ދިމާލުން ގަމުގެ އިރު ދެކުނުގައި އޮންނަ ރާޅު އަރާ ޕޮއިންޓަކީ ވެސް އައްޑޫ އަތޮޅުގައި އެންމެ އުސްކޮށް ރާޅު އުފެދޭ ދެތަނުން އެއް ތަނެވެ. ރާޅު އުފެދޭ އުސްމިނަކީ ދެފޫޓުން ފެށިގެން ދިހަ ފޫޓުގެ އުސް މިނެވެ. މިތަނަކީވެސް މަޑިހެރަ ޕޮއިންޓާއި ދާދި އެއްގޮތަކަށް ދިގު ރާޅު އުފެދޭ ޕޮއިންޓެކެވެ. ހުރިހާ ދިޔަވަރެއްގައިވެސް ރާޅު ހުންނަ މިޕޮއިންޓްގައި އާއްމު ގޮތަކަށް ރާޅު ދަތުރު ކުރަނީ އިރުދެކުނުން ހުޅަނގުދެކުނަށެވެ. ސަރފު ކުރަން އެންމެ ރަނގަޅީ ހުޅަނގު އުތުރުން ވައި ޖެހޭ އިރުއެވެ. އަދި ސަރފިން އަށް ބޮޑަށް ރައްކާތެރި ކަމަށް ވަނީ ބޮޑު ދިޔައިގައެވެ.  މިތާގައި ރާޅާއެޅުމަށް ރަނގަޅީ އެޑްވާންސް ލެވެލް ނުވަތަ މަތީ ހަރުފަތުގެ ރާޅާއެޅުންތެރީންނެވެ. މިއީ ކަނާތު ސަރފިންގެ 3 ވަނަ ދަރަޖައިގެ ސަރފް ޕޮއިންޓެކެވެ.

5. މުލިކެޑެ

ޝަންގްރިއްލާ ވިލިނގިލީގެ އިރުން މުލިކެޑެގެ ހުޅަނގުދެކުނު ކަންމަތީގައި އޮންނަ ފަރަކީވެސް އާދަޔާ ޚިލާފަށް ރާޅު އަރާ ސަރަހައްދެކެވެ. ރާޅާއެޅުމުގެ ދާއިރާގެ ތަޖްރިބާކާރުން މިސަރަހައްދު ސިފަ ކުރަނީ އައްޑޫ އަތޮޅުގެ “ސްވެލް މެގްނެޓް” ގެ ގޮތުގައެވެ. އާދެ އެތައް ރާޅެއް އައިސް ފުނި ޖެހޭ ތަނެއްގެ ގޮތުގައެވެ. މިސަރަހައްދުގައި ނަގާ ރާޅު ދިގުވެފައި އެއް ހުޅިއަށް ވުރެ ގިނަ ހުޅި އުފެދެއެވެ. ރާޅު އުފެދޭ އުސްމިނަކީ ދެފޫޓުން ފެށިގެން ހަތަރު ފޫޓާއި ދެމެދުގެ އުސް މިނެވެ. މިތާގައި ރާޅާއަޅަން ރަނގަޅީ މެދު ދިޔަވަރާއި ބޮޑު ދިޔަވަރުގައެވެ. ރާޅާއަޅަން އެންމެ ރަނގަޅީ އިރުދެކުނުން ހުޅނގުދެކުނަށް ރާޅު އަރާ އިރުގައެވެ. މިތާގައި ރާޅާއަޅަން ރަނގަޅީ މީޑިއަމް ލެވެލް އަށް ތަމްރީނުވެފައިވާ ރާޅާއެޅުންތެރީންނެވެ. މިއީ ވާއަތު ސަރފިންގެ 3 ތަރި ދަރަޖައިގެ ސަރފް ޕޮއިންޓެކެވެ.

6. ގައުކެނޑި

ގައުކެނޑި ބުރިޖުގެ މެދާ ހަމައިން ފުއްޓަރު ފަރާތުން ދެކުނަށް އޮންނަ ރާޅު ނަގާ ޕޮއިންޓަކީވެސް ކުރު ދުއްވުމުގެ ރާޅާއެޅުމަށް ރަނގަޅު ޕޮއިންޓެކެވެ. ރާޅު އުފެދޭ އުސްމިނަކީ ދެފޫޓުން ފެށިގެން ފަސް ފޫޓާއި ދެމެދުގެ އުސް މިނެވެ. މިތާގައި ރާޅާއެޅުމަށް ރަނގަޅީ ކުޑަ ރާޅު ނަގާ ދުވަސްވަރު މެދުދިޔަ އާއި ބޮޑުދިޔައިގައެވެ.

ރާޅާއެޅުމަށް އެންމެ ރަނގަޅީ އިރުދެކުނުން ހުޅނގުދެކުނަށް ރާޅު އަރާ އިރުގައެވެ. މިތާގައި ރާޅާއެޅުމަށް ރަނގަޅީ މީޑިއަމް ލެވެލް އަށް ތަމްރީނުވެފައިވާ ރާޅާއެޅުންތެރީންނެވެ. މިއީ ވާއަތު ސަރފިންގެ 1 ތަރީގެ ސަރފް ޕޮއިންޓެކެވެ.

7. ކޯއްޓޭ

އައްޑޫ އަތޮޅުގެ އެންމެ ހުޅަނގު އުތުރުގައި އޮންނަ ހިތަދޫ ކޯއްޓޭ ބޭރަކީ އައްޑޫ އަތޮޅުގައި އެންމެ ބޮޑެތި ރާޅު ނަގާ ތަންތަނުގެ ތެރެއިންވެސް ޚާއްސަ ތަނެކެވެ. މިއީ އިންޑިއާ ކަނޑުގައި ދެމޭ އޮއިވަރާ ބައްދަލުވާ ގޮތައް ސީދާ މާކަނޑަށް ހުޅުވިފައި އޮންނަ ޕޮއިންޓެކެވެ. އެހެންކަމުން މިތަނަކީ މެދުކެނޑުމެއްނެތި ބާރުގަދަ ރާޅު އުސްކޮށް ނަގާ ޕޮއިންޓެއްގެ ގޮތުގައި ފާހަނގަ ކުރެވެއެވެ. ރާޅު އުފެދޭ އުސްމިނަކީ ދެފޫޓުން ފެށިގެން އަށް ފޫޓާއި ދެމެދުގެ އުސް މިނެވެ. މިއީ ހުރިހާ ދިޔަވަރެއްގައިވެސް ރާޅާ އަޅަން ރަނގަޅު ޕޮއިންޓެކެވެ. އާއްމު ގޮތެއްގައި މިސަރަހައްދުގައި ރާޅު ދަތުރު ކުރަނީ ދެކުނުން ހުނޅަނގުއުތުރަށެވެ. މިތާގައި ރާޅާއެޅުމަށް ރަނގަޅީ އެޑްވާންސް ލެވެލް އަށް ތަމްރީނުވެފައިވާ ރާޅާއެޅުންތެރީންނެވެ. މިއީ ކަނާއަތު ސަރފިންގެ 3 ތަރި ދަރަޖައިގެ ސަރފް ޕޮއިންޓެކެވެ.

ހަވާލާ ދެވިފައިވާ ލިޔުންތައް:  
https://magicseaweed.com/Madihera-Surf-Guide/3432
http://www.surfatoll.com/maldives-waves/madihera

1 Kommentar zu "އައްޑޫ އަތޮޅުގައި ރާޅާއެޅުމަށް ހުރި ފުރުސަތުތަކަށް ބަލައިލުމެއް"

  1. ޖާދުއްލާ ޔޫސުފު | 8 އޮކްޓޫބަރު, 2018 um 9:28 م | رد

    ޓޫރިޒަމް ޕްރޮޑަކްޓްތަކަށް ބޭނުންކުރެވޭނެ މިފަދަ ހުރިހާ ދާއިރާއެއް ފާހަނގަ ކުރުން މުހިއްމު. މިލިޔުމަކީވެސް ރަނގަޅު މަޢުލޫމާތު އެއްކުރެވިފައިވާ ލިޔުމެކޭ ބުނެވޭނީ

ކިޔުންތެރިންގެ ހިޔާލު

ދީނީ، އަޚްލާޤީ، ޤާނޫނީ މިންގަނޑަށް ފެތޭ ޚިޔާލު ފައުޅު ކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެން.


*