ހަނދާނާއި ތާރީޚްގެ ތެރެއިން އިސްމެހެލާހެރަ

މީދޫގެ ހުޅަނގުއުތުރު ފަޅުތެރޭގައި ކުރީޒަމާނުގައި އޮތް ރަށްފަތީގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އަދި އެންމެ މުހިއްމު ރަށަކީ އިސްމެހެލާހެރައެވެ. އިސްމެހެލާހެރަ އާއި އެކު އެރަށްފަތީގައި ، ބާރަ ފަޅުރަށެއް އޮތް ކަމަށް ތާރީޚީ ފަށްފުށްތަކުން އެނގިފައިވެއެވެ. މީދޫއާއި އެންމެ ކައިރިން ފެށިގެން ނުވަތަ އިރުން ހުނޅަނގަށް ތަރުތީބު ކުރެވޭ އިރު އެރަށްތަކަކީ ، ހިރިއަދާހެރަ ، މާކަނާހެރަ، ކުދުހެރަ(ވަށޮހެރަ/ފޭލިހިއްކި) ، ހިކަހެރަ(މަހާލައްކެޑެހެރަ) ، އިސްމެހެލާހެރަ ، ކޯހެރަ، އުސްހެރަ، ކެޑެވާހެރަ، މާހެރަ ، ކުދުމާހެރަ، ބޮނޑޮހެރަގަނޑޮ އަދި އެއްގެސްހެރައެވެ.

އެރަށްތަކުގެ ތެރެއިން ގިނަ ރަށްތައް މުޅީން ނެތިގެން ގޮސްފައިވާއިރު މިހާރު އޮތީ ހިކަހެރާއި އިސްމެހެލާހެރާއި ކެޑެވަހެރައެވެ. ކުދުހެރަ އޮތް ތާނގައި މިހާރު އޮތީ ކުޑަ އަކިރި ހުރާ ކޮޅެކެވެ. މީގެ އަހަރެއްހާ ދުވަސް ކުރީން އެތަނުގައި އެންމެ ކުރެދި ގަހެއް ހުއްޓާ ފެނިފައިވެއެވެ. އެހެންކަމުން ކުދުހެރަ އަކީވެސް މިހާރު އޮތް ރަށެކޭ ބުނެވޭކަށް ނެތެވެ. މިދެންނެވި ތިންރަށުގެ ތެރެއިން މިހާރު ރިސޯޓެއް ތަރައްގީ ކުރަމުން އަންނަ ރަށަކީ އިސްމެހެލާހެރައެވެ. ވީމާ މިލިޔުމުގައި ބަލައިލާން ގަސްތުކުރަނީ ތާރީޚީ ގޮތުން އިސްމެހެލާހެރައަކީ ކޮބައިތޯއާއި މިހައިއިރު އޮތް އިސްމެހެލާހެރަ ޖިއޮގްރަފީ ގޮތުން އެކުލެވިގެންވާ ގޮތުގެ މައްޗަށެވެ.

 

އަދި އެއާއެކު މީދޫގެ ރަށްވެހީންގެ ބައެއް ހަނދާންތަކާއި އިސްމެހެލާހެރަ އާއި ގުޅިފައިވާ މިންވަރުގެ މައްޗަށެވެ. ނެތިގެން ގޮސްފައިވާ ރަށްތަކާ ގުޅޭ ތަފްސީލީ ލިޔުމެއް މީދޫ ޑޮޓްކޮމްގައި މީގެ ކުރީން ޝާޢިއު ކުރެވިފައިވާނެއެވެ. އެލިޔުން ފުރިހަމަ ކޮށްފައިވަނީ މީދޫޑޮޓްކޮމްގެ ޓީމުންނެވެ. އެހެންކަމުން މިލިޔުމުގައި އެރަށްތަކުގެ ތަފްސީލަކަށް ދާކަށް ނެތީމެވެ.

މިހާރު ރިސޯޓެއް ތަރައްގީ ކުރަމުން އަންނަ، އިސްމެހެލާހެރައަކީ އެރަށުގެ ކައިރީގައި ކުރީން ވަކީން އޮތް ކޯހެރަ ކިޔާ ކުޑަ ހުރާއަކާއި އުސްހެރަ ކިޔާ ހުރާއެއް އެކުވެ، ތަންކޮޅެއް ބޮޑު އެއްރަށަކަށް ބަދަލުވެފައިވާ ރަށެކެވެ. ކޯހެރައާއި އަސްލު އިސްމެހެލާހެރަ ގުޅުނު ދިމާލުގައި ހެދުނު ކުޅި ނުވަތަ މަށިގޮނޑު ރިސޯޓް ހަދަން ފެށިއިރުވެސް އޮތެވެ. ކޯހެރާއާއި އިސްމެހެލާހެރަ ގުޅުނު ހިސާބަށް ދެހެރަ ދޭތެރެއޭވެސް ކިޔައި އުޅުނެވެ.
މިދެންނެވި ތިންހުރާއެއް އެކުވެގެން އުފެދިފައިވާ އިސްމެހެލާހެރައިގެ ބިމުގެ ބޮޑުމިނަކީ ގާތްގަޑަކަށް 8 ހެކްޓަރެވެ. ދިގުމިނުގައި އެއްކިލޯމީޓަރ ހުރި އިރު ، ޖުމުލަ ގޮތެއްގައި ވަރަށް ހަނިރަށެކެވެ.

އިސްމެހެލާހެރައިގެ އެންމެ ހުޅަނގު ކޮޅަކީ ކުރީގައި އެތާ އޮތް އުސްހެރަ އެވެ. އެރަށް އޮތް ސަރަހައްދަށް ވަރަށް ފަހަކާ ޖެހެންދެންވެސް ކިޔައި އުޅުނީ އުސްހެރަ ސަރަހައްދެވެ. އެއީ ކުރީގައި ފާހަގަ ކުރި ކޯހެރައިން ފެށިގެން ހުޅަނގަށް އޮންނަ ބައެވެ. އެސަރަހައްދަކީ އެކި ބާވަތްތަކުގެ ގަސްތައް ބޯކޮށް ހެދިފައިވާ ތިމާވެށީގެ ގޮތުން މުއްސަނދި ސަރަހައްދެކެވެ. އުސްހެރައޭ ކިޔަން ފެށުނީވެސް ގަސްތައް ބޯވެފައި ރަށްފަތީގެ ތެރެއިން އެންމެ އުސްކޮށް ފެންނާން އޮންނަ ރަށަށް ވުމުން ކަމަށް ލަފާ ކުރެވެއެވެ. އައްޑު އަތޮޅުގައި ރަނޑޫގަސްފަދަ މެންގްރޫވްސްގެ ބާވަތްތައް ހެދިފައި ހުންނަ މަދު ސަރަހައްދުތަކުގެ ތެރޭގައި އުސްހެރަ ހިމެނެއެވެ.

އިސްމެހެލާހެރައިގެ އުސްހެރަ ސަރަހައްދުގެ ހުޅަނގުގައި ވަކީން އޮންނަ ކެޑެވާހެރައަކީ ތަބީޢީގޮތުން އިސްމެހެލާހެރައިގެ ބަޔެއް ނޫނެވެ. އެހެންނަމަވެސް މިމަޒުމޫނުގައި ކެޑެވަހެރައާއި ބެހޭގޮތުންވެސް އެއްޗެއް ދަންނަވާލަން ޖެހެއެވެ. ގިނަބަޔަކަށް އަރާފައި އޮންނަ އޮޅުމެއް ސާފުކޮށް ދިނުމަށްޓަކައެވެ. އާއްމުގޮތަކަށް ހީވެފައި އޮންނަނީ ކެޑެވަހެރައަކީ އިސްމެހެލާހެރައިގެ ހިމަކޮޅުން ބުރިވެގެން މާފަހުން ވަކި ހުރާއެއްގެ ގޮތުގައި އުފެދުނު ތަނެއް ކަމަށެވެ. އެހެންނަމަވެސް އެއީ ކުރީންވެސް ވަކި ހުރާއެއްގެ ގޮތުގައި އެތާގައި އޮންނަ ހުރާއެކެވެ. ވޮޑުމާއި ގިރުމުގެ ތެރެއިން ތަންކޮޅެއް ކުރީން ބައެއް ދުވަސްވަރު އުސްހެރައާ ކޮންމެވެސް ވަރަކަށް ގުޅިފައިވީ ނަމަވެސް މިހާރުވެސް އެއީ ވަކި ހުރާއެކެވެ.

އައްޑޫ އަތޮޅުގެ އެންމެ ކުރީގެ ޗާޓުތަކާއި ލިޔުންތަކުގައި އިސްމެހެލާހެރަ މިނަން ލިޔެފައި ވަނިކޮށް ނުފެނެއެވެ. ބޭރުގެ ލިޔުންތެރިންނާއި ޗާޓު ކުރެހުންތެރިންގެ އެންމެ ކުރީގެ ޗާޓުތަކުން ފެންނަނީ އިސްމަހެލާހެރައާ ދިމާލަށް މާހެރަ ލިޔެފައިވާ ތަނެވެ. އެހެންނަމަވެސް މާހެރައޭ ކިޔާ ވަކި އެހެން ރަށެއް ކެޑެވާހެރައިގެ ބޭރު ކޮޅުގައިވެސް އޮތެވެ. އެންމެކުރީގެ ޗާޓުތަކުގައިވެސް ހިކަހެރަ ވަކިރަށެއްގެ ގޮތުގައި ފާހަގަ ކޮށްފައިވެއެވެ. ވީމާ އިސްމެހެލާހެރައިން ފެށިގެން ހުޅަނގަށް، އެެއްގެސްހެރައާއި ހަމައަށް އޮތް ރަށްފައްޗަށް އިހުޒަމާނުގައި މާހެރަ ކިޔާފައި ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އެހެންކަމުން އިސްމެހެލާހެރައިގެ ގަދީމީ ނަމަކީ އިސްމެހެލާ ހެރަ ނޫން ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވެއެވެ. އިސްމެހެލި ހެރަ، އެއިގެ ފަހުން އިސްމެހެލާހެރައިގެ ނަމަށް އެރަށުގެ ނަން ބަދަލުވެފައި ވާނީ، ފަހުން އެރަށް ބަލަހައްޓަމުން އައިސްފައިވާ މީހެއްގެ ނަމަށް ނިސްބަތްކޮށް ކަމަށް ލަފާކުރެވެއެވެ. އިސްމެހެލި ނުވަތަ އިސްމެހެލާއަކީ އިސްމާއީލޭ ކިޔާ މީހުންނަށް ނިސްބަތްކުރެވޭ ނަމެކެވެ. މީދޫގެ ބައެއް ގޭގެއަށާއި ކައިރީގައިވާ ރަށްރަށަށްވެސް އިސްމެހެލާގެ ނަން ދެވިފައިވެއެވެ. އިސްމެހެލާގެ، އިސްމެހެލިކަލޭގެ، އިސްމެހެލިމަނިކާރަށް އަދި އިސްމެހެލާހެރައަކީ ވެސް މިފަދަ ނަމެކެވެ.

އިސްމެހެލާހެރަ ވެފައިވަނީ އަބަދުވެސް މީހުންގެ ބޭނުންތަކާ އެންމެ ބޮޑަށް ގުޅިފައި އޮންނަ ރަށް ކަމުގައެވެ. ރުއް އިންދައިގެން ބަލަހައްޓާއިގެން ކާށި ހޯދުމާއި ކުކުޅު ގެންގުޅުން އޮވެއެވެ. މެދުވައްޗަށް ލާން ވެލި ނެގުމާއި އުވަދެވުމަށް އަކިރި ނެގުމާއި އުވަދެވުން އޮވެއެވެ. ކުރީ ޒަމާނުގައި ފޭރާންކުރާ މީހުން އެވެރިންގެ ފޭރާންހަރުތައް ހަދައިގެން އެރަށުގައި ފޭރާން ވިޔެ އުޅުނު ކަމުގައިވެސްވެއެވެ. އިސްމެހެލާހެރައިގައި ދެކުޅިއެއް ނުވަތަ ގޮނޑެއް އޮވެއެެވެ. މިތަނުން ރަށުގެ ހުޅަނގު ކޮޅުގައި އޮންނަ މަށި ގޮނޑޭ ކިޔުނު ކުޅިޔަކީ ވަރަށް މަޝްހޫރު ކުޅިއެކެވެ. އެތަނުން ނެގޭ މަށީގެ ސާފުކަމާއި ހުދުކަމުންނެވެ. ވޮށުފިލައިން ކިޔެވި ޒަމާނުގައި އިސްމެހެލާހެރައިގެ މަށިގޮނޑުން މަށި ނެގުމަކީ ކުދިވެރިން ވަރަށް އާއްމުކޮށް ކޮށް އުޅުނު ކަމެކެވެ.

މިރަށް ވަރުވާއަށް ލިޔުއްވައިގެން އެކިދުވަސްވަރު އެކިމީހުން ބަލަހައްޓަމުން އައިސްފައިވެއެވެ. މިގޮތުން މިރަށް ވެފައި އޮންނަނީ ވަރުވާއަށް ލިޔުއްވައިގެން ނެގުމުގައި އައްޑޫ އަތޮޅުގައި އެންމެ ޑިމާންޑް ބޮޑު އެއް ފަޅުރަށުގެ ގޮތުގައެވެ. ވަރުވާއަށް ދައްކަން ޖެހެނީ ދާދި ކުޑަ އެއްޗަކަށްވެފައި ރަނގަޅު މަންފާއެއް ލިބޭ ރަށަކަށް ވާތީއެވެ. ރުއްފަޅަގަނޑެއް އޮވެފައި ކާށި ތިޔާގި ރަށެއްވެސް މެއެވެ. މިރުއްފަޅަގަނޑަށް ދިގި ފަޅަގަނޑޮ މިހެންވެސް ކިޔައި އުޅުނެވެ. ކާށީގެ އިތުރުން ގިނައަދަދަކަށް ކުރެދި ގަސް ހެދިފައި އޮވެއެވެ. ލަކުޑިން އޮޑިދޯނި ބަން ދުވަސްވަރު އައްޑޫ އަތޮޅުގައި އެންމެ ގިނައިން ކުރެދި ލިބޭ އެއްރަށަކީވެސް އިސްމެހެލާހެރައެވެ.

މީދޫގެ ނާއިބު ކަމުގައި އެޅެގޭ އިބްރާހިމްދީދީގެ އަބްދުއްލާހި ދީދީ ހުންނެވި ދުވަސްވަރުގައި އިސްމެހެލާހެރަ ވަރުވާއަށް ލިޔުއްވާފައި އޮތީ އެދީދީގެ ނަމުގައެވެ. އަބްދުއްލާހި ދީދީ އަކީ އޮޑި ދޯނިފަހަރު ގެންގުޅުއްވި ބޭފުޅެއް ކަމުން އެދީދީގެ ދޯނިފަހަރު އެރަށަށް އެހެލައިގެން ބެލެހެއްޓުން ފަދަ ކަންތައް ކުރުން އޮވެއެވެ. އަބުދުއްލާހި ދީދީގެ ދޯނިފަހަރުގެ ތެރެއިން އެންމެ ފަހަކަށް އިސްމެހެލާހެރައަށް އެހެލާފައި ބެހެއްޓި ދޯނި ނުބާލައި އެހުރި ގޮތައް ހުއްޓައި ފީވެ ހަލާކުވެގެން ދިޔައީވެސް އެރަށަށެވެ. އެދުވަސްވަރުގައި އެރަށުގައި ބޮޑު އަނބުވައް ގަހެއް ހުރެއެވެ. މިއަނބުވައް ގަހުން އަނބުވައް ބިންނަން ދިޔުމަކީ އެދުވަސްވަރުގެ ކުދިވެރިން އާއްމުކޮށް ކުރާ ކަމެކެވެ.

ފެންނާމަނިކުފާނުގެ ނައިބުކަން ފެށިގެން އައި ދުވަސްވަރުގައި މިރަށް ސަރުކާރުން ދޫކޮށްފައި އޮންނަނީ ރަށު ރައްޔިތަށެވެ. މީހުން އުޅޭ ރަށްރަށާއި ކައިރީގައި ހުންނަ ފަޅުރަށްތައް މިގޮތައް ދޫކުރުމަކީވެސް އެޒަމާނުގައި އޮންނަ އުސޫލެކެވެ. އެދުވަސްވަރު އެކި މީހުންނާ ހަވާލުކޮށްގެން ރަށް ބަލަހައްޓަމުން އައިސްފައިވަނީ ފެންނާމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. މިގޮތުން ސަބްލީސްގެ އުސޫލުން ފުރަތަމައަށް ރަށް ނަންގަވައިގެން އުޅުއްވީ އެދުވަސްވަރު އައްޑޫ އަތޮޅުގެ މުންސަދި ވިޔަފާރިވެރިއެއް ކަމަށްވާ ހިތަދޫ ދޮންރަހާގެ އަބްދުއްލާހި ދީދީއެވެ. މީދޫ އޮފީހަށް ކޮންމެވެސް ކުއްޔެއް ދީފައި އަދި ދައުލަތައް ދައްކަންޖެހޭ ވަރުވާއެއް ވެސް ދައްކާ ގޮތަށެވެ. އެއަށްފަހު މީހަކު ބަހައްޓައިގެން ރަށް ބަލަހައްޓަމުން އައީވެސް އަބްދުއްލާހި ދީދީއެވެ.

މިދެންނެވި ގޮތައް ދޮންރަހާގެ އަބްދުއްލާހި ދީދީ ހަވާލުވެގެން ބަލަހައްޓަމުން އައި ދުވަސްވަރަށް ފަހުގައިވެސް މީދޫ އޮފީހުގެ ފަރާތުން އެކި ދުވަސްވަރު އެކިމީހުންނާ ރަށް ހަވާލުކޮށްގެން ބަލަހައްޓަމުން އައިސްފައިވެއެވެ. މިގޮތުން ރަށް ބަލަހައްޓާފައިވާ މީހުންގެ ތެރޭގައި ބޮނޑޮ ދޮންކަލޯ (ބޮނޑޮދޮންބޭ) އާއި އެޅެބެޔާގެ މުހައްމަދުފުތާ (ކުދުބެއްޔާ) ހިމެނެއެވެ. މިދެންނެވި އުސޫލުން މީދޫ ރައްޔިތަށް ރަށް އޮންނަތާ އަހަރުތަކެއްވީ ފަހުން ދެން އިސްމެހެލާހެރަ ވަރުވާއަށް ލިޔުއްވީ ހުޅުދޫ އިބިރިހިމްތައްޚާނުގެ މުހައްމަދު ދިީދީއެވެ. މިދުވަސްވަރުގައިވެސް ރަށް ބެލެހެއްޓުން ހަވާލު ކޮށްފައި ވަނީ ކުދުބެއްޔާއާއެވެ. މުހައްމަދު ދީދީއަށް ފަހު ރަށް ލިޔުއްވާފައި އޮތީ އެދީދީގެ ދަރިކަލަުން އިބްރާހީމް މުހައްމަދު ދީދީ ނުވަތަ މިހާރުގެ ނަމުން ނަމަ ސިމްޑީ ކޮމްޕެނީގެ ވެރިޔާ ،ޑީޑީއަށެވެ. މިދުވަސްވަރުގައި ރަށް ބެލެހުއްޓުން ހަވާލުވެފައި އޮތީ އީސާފުޅުގެ މުހައްމަދު ދީދީއާއެވެ. މިމުއްދަތު ހަމަވުމަށްފަހު ދެން ރަށް ވަރުވާ އަށް ނަގާފައިވަނީ މީދޫގެ ކުރީގެ ބޮޑުކަތީބު އަބްދުއްލާ ހާނީއެވެ. ބަލަހައްޓަން ހަވާލު ކޮށްފައި އޮތީ އީސާފުޅުގެ އަބްދުއްލާ ދީދީއާއެވެ. އިސްމެހެލާހެރައަށް ފަހުގެ ތާރީޚުގައި އެންމެ ޗާރާކަން އައީ މިދުވަސްވަރުގައެވެ. މުޅި އައްޑޫ އަތޮޅުގައި އެދުވަސްވަރު ޕިކުނިކު ރަށެއްގެ ގޮތުގައި އެންމެ ފުރިހަމައަށް ތަރައްގީ ކުރެވިފައި އޮތީ އިސްމެހެލާހެރަ ކަމުގައި ވެގެން ދިޔައެވެ.

ރަށުގެ ކުޅިއާއި މަށި ގޮނޑާއި ދެމެދުގައި، ޕިކްނިކުދާ މީހުންނަށް ފަސޭހަވާނޭހެން އަސާސީ ޚިދުމަތްތައް ގާއިމުކުރެވިފައިވެއެވެ. ހިޔާވާނެ ގެއަކާއި ބަދިގެއެއް ހަދާފައިވެއެވެ. ގެއާއި ބަދިގެއާއި ދެމެދު ޖޯލިފައްޗާއި ހޮޅުއަށި ހަދާފައި ހުއްޓެވެ. ފެންނަގާނެ ވަޅަކާއި ބުއިމަށް ބޭނުން ކުރުމަށް ވާރޭފެން ތާނގީއެއް ބެހެއްޓިފައި ހުއްޓެވެ. އަންހެން ކަނބަލުން ފެންވަރާ ހެދުން ބަދަލުކޮށް ހެދުމަށް ފުޅައް އަޅާ ނިވާވާ ގޮތައް ހަދާފައިވާ ބައެއްވެސް ހުއްޓެވެ. ޕިކްނިކު ގޮސް އުޅޭމީހުން ނަމާދު ކުރުމަށް ކުޑަ މިސްކިތެއް ވެސް ގާއިމު ކުރެވުނެވެ. މިމިސްކިތް ބިނާކޮށްފައިވަނީ އަލްމަރުހޫމް އިބްރާހީމް ނާޖީގެ ދީލަތި އެހީގައެވެ. ރިސޯޓް ހެދުމުގެ މަސައްކަތް ފެށުމަށް ރަށަށް އެރިއިރު ރަށުގައި ހުރި ހަމައެކަނި ބޯހިޔަލަކީވެސް މިދެންނެވި މިސްކިތެވެ. މިގޮތައް ފުރިހަމަ ޕިކްނިކު ރަށެއްގެ ގޮތުގައި އޮތް ދުވަސްވަރު ހުޅުދުއާއި މީދޫގެ މީހުން ގިނަ އަދަދަކަށް ޕިކުނިކު ދަތުރު ގޮސް އުޅުނެވެ. މީގެ އިތުރުން އައްޑޫ އަތޮޅުގެ އެހެން ރަށްރަށުގެ ސްކޫލްތަކުން އިންތިޒާމުކުރާ ޕިކުނިކު ދަތުރުތަކުގައިވެސް އިސްމެހެލާހެރައަށް އައިސްފައިވެއެވެ.

އިސްމެހެލަ ރިސޯޓަކަށް ތަރައްގީ ކުރުމުގެ ވާހަކަ އެންމެފުރަތަމަ ދައްކަން ފެށުނީ 2007 މ. ވަނަ އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް އެފަދަ މަޝްރޫއެއް ފެށޭނެ ގޮތެއްނުވެ ގިނައަހަރު ތަަކަކަށްފަހު ދެހާސް ތޭރަވަނަ އަހަރުގެ ތެރޭގައި އިސްމެހެލާހެރަ ޓޫރިޒަމް މިނިސްޓަރީގެ ދަށަށް ނެގިއެވެ. އެއިގެ ފަހުން ރިސޯޓް ތަރައްގީ ކުރާނެ ފަރާތެއް ހޯދުމަށް ދެފަހަރެއްގެ މަތީން އިއުލާންވެސް ކޮށްފައިވެއެވެ. އެހެންނަމަވެސް އެދެފަހަރު ކުރި އިއުލާނާއި ގުޅިގެން ކުރިމަތިލީ އެއްވެސް ފަރާތަކާއި އެކު މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރިކަމެއް އެނގިފައިނެތެވެ. އެހެންނަމަވެސް ފަހުން އެހެން ކުންފުންޏަކަށް ދީގެން، ދެހާސް ސޯޅަވަނަ އަހަރުގެ ތެރޭގައި އިސްމެހެލާހެރައިގައި ރިސޯޓެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވެއެވެ.

އިސްމެހެލާހެރަޔާއި ގުޅިފައި އޮންނަ އެންމެ މަޝްހޫރު ފޯކްލޯރއަކީ ފަންނިޔަރިކަލޭގެ ވާހަކައެވެ. އެއީ އިސްމެހެލާހެރައިގައި ފޭރާންކުރި މީހެކެވެ. ވައިމަޑު ހޫނު ދުވަހެއްގައި ފޭރާންކުރާން ފަންނިޔަރިކަލޭގެ ހުއްޓައި ވަރަށް ފިނިރޯޅިއެއްގެ އިހްސާސް ވެއްޖެއެވެ. އެވަގުތު ފަންނިޔަރިކަލޭގެ އަށް އިހްސާސް ކުރެވުނު ފަސޭހައެއްގެ ސަބަބުން އޭނާއަށް ބުނެވުނީ އަދި މިކަހަލަ ފިނި އެއްރޯޅި އަންނާނޭނަމައެވެ. އެހެން ބުނެވުމާއެކު އައި ވަރުގަދަ ރޯޅިއެއްގައި ފަންނިޔަރިކަލޭގެ ބިމުން ހިއްލާލައިގެންގޮސް ރަށުން ބޭރުވީއެވެ. ސަލާމަތުން ހިކިފަސްތަނެއްގައި ފައިޖެހިއްޖެނަމަ އެޖެހުނު ތަނެއްގައި ފެންގަނޑެއް ގާއިމު ކުރާން ނަދުރެއް ގަނެފިއެވެ. މިހައިއިރުން މީދޫ މާއެޅެއޭ ކިޔުނު ހިސާބުގައި ފަންނިޔަރިކަލޭގެ ފައި ޖެހުނެވެ. އެވަގުތު އެތާގައި ގާއިމުކުރި ކަމަށް ބުނާ ފެންގަނޑުގައި ފަހުން ރަށުމީހުން ބަހައްޓާފައި ހުރި ހިރިގަލު ވަޅެއް ވަރަށް ފަހަކާ ޖެހެންދެންވެސް ހުއްޓެވެ.

އިސްމެހެލާހެރަ ރިސޯޓަކަށް ތަރައްގީ ކުރާއިރު އެރަށުގެ އެކިސަރަހައްދުތަކަށް ތާރީޚީގޮތުން ކިޔަމުން އައިސްފައިވާ ނަންތައް ގެއްލިގެން ނުދާނޭހެން ބޭނުންކުރުން ކީއްހެއްޔެވެ. އަދި ހަމައެހެންމެ ރަށާއި ކައިރީގައި ހުރިކަމަަށް ތާރީޚީ ގޮތުން އެނގެންހުރި ތަންތަނުގެ ނަންތައް ވެސް ގެއްލިގެން ނުދާނޭހެން ބޭނުން ކުރުން ކީއްތޯއެވެ. ރިސޯޓުގެ ރެސްޓޯރަންޓް ތަކާއި ބާރާއި ސްޕަރ ފަދަ އައުޓްލެޓް ތަކަށް ނަންދޭ އިރު ތާރީޚީގޮތުން ރަށާއި ރަށުގެ މާހައުލާ ގުޅުންހުރި ނަންތަކަށް ހެދިދާނެއެވެ. މިސާލަކަށް މާހެރަ ރެސްޓޯރަންޓް، މާކަނާހެރަ ކޮފީޝޮޕް، ކޯހެރަ ސްޕަރ ، އުސްހެރަބަރ، ކުދުމާހެރަ ވޯޓަރ ވިލާސް އަދި އެއްގެސްހެރަ ވޯޓަރ ވިލާސް ފަދަ ނަންތައް ދިނުން ކީއްހެއްޔެވެ. ރާއްޖޭގައި އަލަށް ހަދާ ބައެއް އެހެން ރިސޯޓްތަކުގައިވެސް މިފަދަ ގޮތަކަށް އެރަށްރަށުގެ މާހައުލަށް ނިސްބަތްކޮށް، ނަންތައް ކިޔާފައިވާކަން ފާހަގަ ކުރެވެއެވެ.

ހަވާލާ ދެވިފައިވާ މަސްދަރުތައް
1. ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު – މުހައްމަދު ލުތުފީ
2. އަޓޯލް ރިސަރޗް ބްލެޓިން ، ނަމްބަރ.116 / ރީފް ސްޓަޑީސް އެޓް އައްޑޫ އަޓޯލް މޯލްޑިވްސް.
3 . މަހްމޫދު ރަންފުތު ފަނޑިޔާރު މިސްކިތު (މީދޫ ލޮނޑިކެޑެ މިސްކިތް) ގެ ބޯގަ ފަތްކޮޅު
4. ޕްރޮފެސަރ ޖޯން ސްޓަންލީ ލިޔުއްވާފައިވާ ދަ ފޮއުނާ އެންޑް ޖިއޮގްރަފީ އޮފް ދަ މޯލްޑިވް އެންޑް ލަކަޑިވް އަރކިޕެލަގޯސް.
5. މީދޫގެ އުމުރުން ދުވަސްވީ ބައެއްމީހުންގެ ފަރާތުން އަހައިގެން ހޯދުނު މަޢުލޫމާތު .

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް. zu "ހަނދާނާއި ތާރީޚްގެ ތެރެއިން އިސްމެހެލާހެރަ"

ކިޔުންތެރިންގެ ހިޔާލު

ދީނީ، އަޚްލާޤީ، ޤާނޫނީ މިންގަނޑަށް ފެތޭ ޚިޔާލު ފައުޅު ކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެން.


*