“ފޭދޫ ރަށިކެޑަ ވަޑާ” އަތިރިމަތީ ސަރަހައްދު – ރައްޔިތުންގެ ސަރަޙައްދު!

މިހާރު ކުޑައާއި ގޮނޑި ޖަހަމުން އަންނަ ސަރަޙައްދު - ފޮޓޯ: ރަޝީދު

އައްޑޫ ސިޓީ ފޭދޫގެ އިރުމަތީ ފަރާތުގައި މީހުން މޫދަށް އެރި އުޅޭ ސަރަހައްދަށް ޒަމާނުއްސުރެ މީހުން ކިޔަމުން އަންނަނީ “ފޭދޫ ރަށިކެޑަ ވަޑާ” މިހެންނެވެ.

މިސަރަހައްދުގެ އަތިރިމައްޗަކީ އަބަދުވެސް ދޮންވެއްޔާއި އަކިރި ހުންނަ، އެހެނަސް ހިތްގައިމު ސަރަޙައްދަކެވެ. އެއްވެސް ފަރާތެއްގެ މިލްކެއް ކަމުގައި ނުވާ މިސަރަހައްދަކީ ރައްޔިތުންގެ ބިމެކެވެ. މިދޮންވެލި ގަނޑު ސާފުކޮށް ރީތިކޮށް ބޭއްވުމަކީ އެތަނަށް މޫދަށް އެރިއުޅޭ އެތަށް ބަޔަކަށް ފަސޭހަ ވާނެ ކަމެކެވެ.

ނަމަވެސް މިހާތަނަށް އެއްވެސް މުޢައްސަސާއަކުން މިތަން ސާފުކޮށް ބެލެހެއްޓުމުގެ ޒިއްމާ ނަގާފައި ނުވެއެވެ. މޫދަށް އެރިއުޅޭ ހުރިހާ އުމުރެއްގެ މީހުންނަށް ފަސޭހައަކަށް އެއްވެސް ކަމެއް މިވީހާތަނަށް ވެފައިވެސް ނުމެނެތެވެ.

އަޅުގަނޑު މި އާޓިކަލް މިލިޔަނީ ކޮންމެހެން އެސަރަޙައްދުގެ ރީތި ކަމާއި ހިތްފަސޭހަކަމުގެ ވާހަކަ ދައްކާކަށެއް ނޫނެވެ. މިސަރަހައްދުގައި މިހާރު ކުރިއަށްދާ މަސައްކަތެއްގެ ސަބަބުން އައްޑޫ ސިޓީ ކައުންސިލާއި ފޭދޫ ޒުވާނުންނާއި ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގެ ހަގީގަތް ހާމަ ކުރުމަށެވެ. އަޅުގަނޑު ޙިއްސާކޮށްލާނީ އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތާއި އަދި ބައެއް ބޭފުޅުން މިކަމާއި މެދު ދެކޭ ގޮތެވެ.

މޫދަށް އެރިއުޅޭ އެންމެނަށް ފަސޭހަވާނެހެން އެސަރަޙައްދުގައި ކުޑަޖަހާ ތަން ޒީނަތްތެރިކޮށް އަދި އެތަން ސާފުކޮށް ބެލެހެއްޓުމަކީ ވަރަށްވެސް ރަނގަޅު ކަމެކެވެ. އެކަމަށް ފޭދޫގެ ކުދިބޮޑު އެންމެހާ ރައްޔިތުންގެ ފުރިހަމަ ތާޢިދު ލިބޭނެކަމީ އެއްވެސް ޝައްކެއް އުފެދޭނެ ކަމެއް ނޫނެވެ.

ފޭދޫގެ ޒުވާން ކުދިންކޮޅެއް އިސްނަގައިގެން އެތަން ސާފުކޮށް ބެލެހެއްޓުމުގެ އިތުރުން މިހާރު އެސަރަޙައްދުގެ ބީޗުގައި އެޒުވާނުން އަންނަނީ ކުޑަޖެހުމުގެ މަސައްކަތް ކުރަމުންނެވެ. އެމަސައްކަތުގެ ވަކިހިސާބަކުން ކައުންސިލުން އެކަން ހުއްޓުވަން މަސައްކަތް ކުރާވާހަކަ ސޯޝަން މީޑިއާގައި ތިލަވަމުން އަންނަނީ ވަރަށް ހަލުވިކަމާއެކު ގައެވެ.

މކަމާއި ގުޅޭގޮތުން އަޙުމަދު ޖިނާޙު ކިޔާ ފޭދޫ ޒުވާނަކު އޭނަގެ ފޭސްބުކް ވޯލްގައި އެކަމުގެ ހަގީގަތް ކަމަށް ބުނެ ތަފްސީލީ ހަކަމެއް ބަޔާން ކޮށްފައި ވެއެވެ. ޖިނާޙު އެކަންކަމުގެ ތަފްސީލު ލިޔެފައިވަނީ ފޭދޫ ދާއިރާގެ ކައުންސިލަރު އެބޭފުޅާގެ ފޭސްބުކް ވޯލްގައި ލިޔެފައިވާ ލިޔުމުގެ ސްކްރީން ޝޮޓަކާއެކެ އެވެ.

ފޭދޫ ދާއިރާގެ ކައުންސިލަރު ލިޔެފައިވަނީ، “ރައްޔިތުންގެ ލާބައަށް ދަރުމަވެރިން ކުރައްވާ ޚިދުމަތަށް މަރުޙަބާ ކިޔަން. ފޭދޫ މޫދަށް އެރޭ ސަރަޙައްދުގެ އަތިރިމަތީގައި ކުޑައާއި ގޮނޑިޖަހާ ޒީނަތްތެރި ކުރުމަކީ ވަރަށް ރަނގަޅު ކަމެއް. މި މަސައްކަތް ކުރަން ފެށުމުން ދިމާވި މައްސަލަތައް ޙައްލުކުރުމަށް، ގަވާއިދުން މިކަން ކުރެވިދާނެ ތަފާތު ގޮތްގޮތުގެ ވާހަކަ މަޝްވަރާ އެރުވުފައިވޭ، ނަމަވެސް ކަން ހިނގީ އެގޮތަކަށް ނޫން. ކޮންފަރާތަކުން ކުރާ ކޮންކަމެއްކަން ނޭގިގެން ޝަކުވާ ކުރާ ފަރާތްތަކަށްވެސް ޖަވާބުދާރީ ވާންޖެހޭނެ. މަޝްވަރާގެ ދޮރު ބަންދު ނުވާނެ، ވާހަކަ ދެއްކުމުގެ ފުރުސަތު އޮންނަންވާނެ ހުޅުވިފައި.” މިހެންނެވެ.

މިލިޔުމުގެ ސްކްރީން ޝޯޓަކާއެކު ޖިނާޙު ލިޔެފައިވާ ގޮތުން އެސަރަޙައްދުގައި ފޭދޫގެ ޒުވާން ކުދިންކޮޅެއް ފުރަތަމަ ދެކުޑަ ޖަހަން ފެށުމުން ބައެއް މީހުން އެކަމާއި މައްސަލަ ޖެއްސުމުން އެޒުވާނުން ފުރަތަމަ ބައްދަލު ކޮށްފައިވަނީ ފޭދޫގައި ހުންނަ ހައުސިން ޔުނިޓާއެވެ. އޭރު އެފަދަކަންކަން ހަވާލުވެ ހުއްދަ ދިނުމުގެ ކަންކަން ކުރަމުން އަންނަނީ ހައުސިން ޔުނިޓުންނެވެ.

އެޒުވާނުންނަށް އެތަނުން ދިންޖަވާބަކީ އެމީހުން ކުރަން އުޅެނީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި އަދި ޒުވާނުން އިސްނަގައިގެން އެފަދަ ކަމެއް ކުރުމީ ވަރަށް އުފާވާކަމެއް ކަމުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އެމީހުންނަށްވެސް އެފަދަ ކަމެއް ކުރުމަށް ހުއްދަ ދިނުމުގެ އިޚްތިޔާރާއި ބާރެއް ނެތްކަމަށް ބުނެ އެކުދިން ކުރިއަށް ދާނެ މަގު ފުރަތަމަ ބަންދުވީއެވެ.

އޭގެ ފަހުން ނޮވެމްބަރ 26، 2018 ވަނަ ދުވަހު އެޒުވާނުން ބައްދަލު ކޮށްފައިވަނީ އައްޑޫސިޓީ ކައުންސިލުގެ މޭޔާ ޢަބުދުﷲ ސާދިޤު އާއެވެ. އެމަނިކުފާޏުވެސް އެޒުވާނުންނަށް އެރުވީ ހައުސިން މިނިސްޓްރީއިން އެރުވި ޒާތުގެ ޖަވާބަކެވެ. އެކަމަށް ހުއްދަ ލިބޭނެ ގޮތްހައްދަވާ ދެއްވުމަށް މޭޔަރަށް ދެންނެވުމުން މޭޔަރު ވިދާޅުވިކަމަށް ޖިނާޙުގެ ލިޔެފައިވަނީ އައްޑޫ ސިޓީ ކައުންސިލްއަށް އެއްވެސް ބާރެއް ނެތްކަމަށާއި އެބޭފުޅުންގެ އުއްމީދަކީ ވީހާވެސް އަވަހަށް ބަރުތަށް ލިބިގެން ދިއުން ކަމަށެވެ.

ބާރުތައް ސިޓީ ކައުންސިލަށް ލިބުމުން އެކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާލަ ދެއްވުމަށް މޭޔަރަށް ދެންނެވުނު ކަމަށާއި އަދި އެޒުވާނުން ފަހުން އެކަމަށް ބޭނުންވާ ޕްރޮޕޯސަލް ހުށަހަޅާނެކަމަށް ޖިނާހު ލިޔެފައި ވެއެވެ. މިހާރު މަސައްކަތް ދަނީ ކުރިއަށް ކަމަށާއި އެހެންކަމުން މަސައްކަތް ނުހުއްޓި ކުރިއަށް ދެވޭނެ އިންތިޒާމު ހަމަޖައްސަވާ ދެއްވުމަށްވެސް އެޒުވާނުން އެދުނެވެ. މިއިން އެއްވެސް ކަމަކަށް މޭޔަރު ދެކޮޅު ނަހައްދަވާ ކަމަށާއި އަދި އެކަން ނުކުރުމަށްވެސް މޭޔަރު ވިދާޅު ނުވާކަމަށެވެ. އެހެން ކަމުން އެޒުވާނުން އަނެއްކާވެސް މަސައްކަތް ކުރިއަށް ގެންދިޔައީއެވެ.

ނަމަވެސް އޭގެފަހުންވެސް މައްސަލަތައް ދިމާވަމުން އަންނާތީ އެކަމުގެ ޙައްލު ހޯދުމަށް އެޒުވާނުން ޑިސެމްބަރ 6، 2018 ވީ ބުރާސްފަތި ދުވަހު ފޯނުން ގުޅާލީ ފޭދޫ ދާއިރާގެ ކައުންސިލަރު އަލީފަހުމީ އަޙުމަދަށެވެ. ޖިނާހު ފޭސްބުކް ވޯލްގައި ލިޔެފައިވާ ގޮތުން، ކައުންސިލަރު ފަހުމީއަށް ގުޅުމުން ފުރަތަމަވެސް ވިދާޅުވީ ވަގުތުން މަސައްކަތް ހުއްޓާލުމަށެވެ. އަދި އެތަނުގައި މަސައްކަތް ކުރިނަމަވެސް ހައުސިންއިން އެކަން ހުއްޓުވާނެ ކަމަށާއި އަދި މިހާތަނަށް ޒުވާނުން ކޮށްފައިވާ މަސައްކަތް ރޫޅާވެސް ލާނެކަމަށް ފަހުމީ ވިދާޅުވިކަމަށް ޖިނާޙުގެ ފޯސްޓުގައި ލިޔެފައި ވެއެވެ.

އެހެނަސް އެޒުވާނުން ކުރަމުން އައި މަސައްކަތަށް އެއްވެސް ހުއްޓުމެއް ގެންނާކަށް އެމީހުން ބޭނުމެއް ނުވިއެވެ. ދެވަނަ ފަހަރަށްވެސް އެޒުވާނުން ފަހުމީއަށް ގުޅިއެވެ. މިފަހަރު ގުޅާފައިވަނީ ވަގުތީ ކަރަންޓް ބޯޑެއް ޖެހުމުގެ ހުއްދަ ހޯދުމަށެވެ. ނަމަވެސް ފަހުމީ ޖަވާބަކީ ކުރިންވެސް ދިން ޖަވާބެވެ. އަދި ކަންކަން ތިކުރަނީ ހުއްދަ ނުނަގާމަކަށް ފަހުމީ ވިދާޅުވިއެވެ. އެހެންކަމުން އެކުދިން ގަބޫލު ކުރީ ފަހުމީގެ އެއްވެސް އެއްބާރުލުމެއް އެއްވެސް ކަމަކަށް ނުލިބޭނެ ކަމަށެވެ.

ޖިނާޙުއާއި އަދި އެޒުވާނުންގެ ކަންބޮޑުވުމަކީ ފަހުމީގެ އެއްބާރުލުން ނުލިބުމުން އެކަންޏެއް ނޫނެވެ. ފޭދޫގަ އެކި ސަރަޙައްދުގައި އެކި މީސްމީހުން ހުއްދަނެތި ކޮށްފައި ހުރި ކަންކަން ފަހުމީއަށްވެސް އަދި އެހެން ބަޔަކަށްވެސް ނުފެންނާތީއެވެ. އެވާހަކަ އެޒުވާނުން ފަހުމީއަށް ދެންނެވިކަމަށް ޖިނާޙުގެ ޕޯސްޓަގައި ލިޔެފައި ވެއެވެ.

އެފަދަ ތަންތަން ހުރިނަމަ އެތަންތަން ތަޅާ ނެގުމަށް މައްސަލަ ޖެއްސުމަށް އެޒުވާނުންނަށް ފަހުމީ ދެންނެވިކަމަށް ޖިނާޙުގެ ޕޯސްޓުގައި ލިޔެފައި ވެއެވެ. އެޒުވާނުންގެ ބޭނުމަކީ އެއްވެސް ހާލެއްގައި އެފަދަ ތަންތަން ތަޅާ ނެގުމަށް މައްސަލަ ޖެއްސުމެއް ނޫނެވެ ހަމަ އެކަނި އެދޭ އެދުމަކީ ފޭދޫގެ ރައްޔިތުން މޫދަށް އެރިލާ ސަރަޙައްދުގައި ކުޑައާއި ގޮނޑި ޖެހޭނެ އަލިމަގެއް ކޮށާލަ ދިނުމެވެ.

މިކަމާއި ގުޅިގެން އަޅުގަނޑު ކައުސިލަރު ފަހުމީއަށް ގުޅާލީމެވެ. ފަހުމީ ވިދާޅުވަނީ އެތަނުގައި އެމަސައްކަތް ކުރުމުން ފަހުމީވެސް ހަމަ ފަރުދީގޮތުން އުފާކުރާ ކަމަށެވެ. ހަމަ އެކަނި ފަހުމީގެ ކަންބޮޑުވުމަކީ ހުއްދަ ނެތި އެކަން ކުރުމެވެ. ރަށުގެ ތަރައްގީއަށް ކުރާ އެއްވެސް ކަމަކަށް ފަހުމީ ހުރަސް ނާޅާނެ ކަމަށާއި އަދި އެފަދަ ހުރިހާ ކަމަކަށް ތާއިދު ކުރާކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

މިސަރަހައްދުގައި ކުޑައާއި ގޮނޑި ޖަހާ ތަރައްގީ ކުރުމުގެ ވާހަކަ މާބޮޑު ކޮށްގެން، މާބާރަށް ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށާއި އަދި އެކަމަށް ދޭންޖެހޭ ހުއްދަ ގަވާއިދާއި އުސޫލުގެ ތެރިން ދިނުމަށް ކައުންސިލް އޮތީ ތައްޔާރަށް ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ހަގީގަތަކީ ކައުންސިލް އިން ކުރަން ޖެހޭ ކަމެއް ޒުވާނުން ކުރުމަކީ އުފާވާކަމެއް ކަމުގައިވެސް ފަހުމީ ވިދާޅު ވިއެވެ.

ހަގީގަތުގައި މިކަމުގައި ކޮށްލަން ޖެހެނީ ހަމަ ކުޑަކުޑަ ކަމަކެވެ. އެއީ ޒުވާނުންގެ ފަރާތުން އެކަމަށް އެދި އައްޑޫ ސިޓީ ކައުންސިލަށް ސިޓީއެއް ހުށަހަޅާލަން ވީއެވެ. ޒުވާނުންގެ ފަރާތުން ޚުދު ފަހުމީވެސް ހުންނެވީ އެސީޓީ ލިޔުމަށް ތައްޔާރަށެވެ. ނަމަވެސް ވަޒީފާއާއި ކައުންސިލަރުގެ ހައްސިއްޔަތުގައި ހުރެ އެކަން ކުރެވެން ނެތެވެ.

ފަހުމީ ވިދާޅުވާ ގޮތުން މިހާރު އެޒުވާނުން ސިޓީ އެއް ފޮނުވާފައިވާ ކަމަށް އޭގެ ތެރެއިން އެއްޒުވާނަކު ފަހުމީ ގާތު ހުކުރު ދުވަހު ވަނީ ބުނެފައެވެ. އެހެން ކަމުން ސަރުކާރު ހުޅުވުމާއެކު އެކަމުގެ ކަންކަން ވީހާވެސް އަވަހަކަށް ނިންމާލަ ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.

އަޅުގަނޑާއި ވާހަކަ ދެއްކި ފޭދޫގެ އެހެން ޒުވާނަކު ބުނީ މިމަސައްކަތް ކުރުމަށް އެއްވެސް ހުއްދައެއް ކައުންސިލުން ހޯދަން ނުޖެހޭނެ ކަމަށެވެ. މިއީ އިޖްތިމާޢީ ކަމެއް ކަމަށާއި މިކަމަކީ ވަކި މީހަކަށް މަންފާ ލިބުމަށް ކުރެވޭ ކަމެއް ނޫންކަމަށެވެ. މިތަނުގެ ބޭނުން އެންމެނަށްވެސް ކުރެވޭނެ ކަމަށާއި އަދި ސަރުކާރުން ބޭނުން ވުމުން އެތަން ރޫޅާވެސް ލެވޭނެ ކަމަށެވެ.

ފޭދޫގައި ހިންގާ ގަރާޖެއްގެ ރޭމްޕް؛ އާއްމު ބިމެއްގައި – ފޮޓޯ: އިންޓަނެޓް

މިފަދަ ކިތައްމެ ތަނެއް ފޭދޫގައި ހުއްދަނެތި ކޮށްފައި އެބަހުރި ކަމަށާއި އަދި އޭގެ ތެރެއިން ގިނަކަންކަމަކީ ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް ކޮށްފައި ހުރި ކަންކަން ކަމަށެވެ. އެގޮތުން ފޭދޫގައި ގަރާޖެއްވެސް ހިންގާ ކަމަށާއި އަދި ބައެއް ރެސްޓޯރަންޓް ތަކުގެ ކުރިމަތީ އޮންނަ ސަރަޙައްދުގައި ޑެކްއަޅާފައިވާ ކަމަށެވެ. މީގެ އިތުރުން ސިޔާސީ ޕާޓީ ތަކުގެ ޖަގަހަ ކުރިމަތީ އެފަދަ ކިތައްމެ ކަމެއް ކޮށްފައި އެބަހުރި ކަމަށާއި މުޅި މުޖުތަމަޢުއަށް ފައިދާ ހުރި އިޖްތިމާޢީ ކަމެއް ކުރާނަމަ އެކަމަށް ހުރަސް އެޅިގެން ނުވާނެ ކަމަށެވެ.

ރެސްޓޯރެންޓެއްގެ ބޭރު ޑެކް އަޅާފަ / ކެފޭއެއްގެ މަގުމަތީ ޖޯލިފަތި ޖަހާފަ – ފޮޓޯ އިންޓަނެޓް

އެކި މީހުންގެ ޚިޔާލު އެކި ގޮތްގޮތަށް ހުރިނަމަވެސް މޫދަށް އެރޭ ސަރަހައްދުގައި ކުޑަޖާހާ ގޮޑި ޖެހުމަށް އެއްވެސް މީހަކު ދެކޮޅެއް ނަހަދައެވެ. ހަމައެކަނިއޮތް ނުތަނަވަސް ކަމަކީ ކޮންމެވެސް ވަރެއްގެ ޚިޔާލުތަފާތު ވުމެވެ. އެންމެންވެސް ބޭނުން ވަނީ އެއްކަމަކެވެ.

އެހެންކަމުން އެކަކު އަނެކަކަށް އަބުރު ކަތިނުލާ ރީތި ގޮތުގައި ކަންކުރުމަށް މިއަދުން ފެށިގެން އަޒުމް ކަނޑައަޅަންވީ އެވެ. ކުރީގައި ބަޔަކު ގޯސްކޮށް ކަމެއް ކުރުމުން ފަހުން އަންނަމީހުން އެބީދައިން ކުރުމުން އެމީހުންނާއި ފަހުންއަންނަ މީހުންނާއި މާބޮޑު ތަފާތެއް ނެތެއް ނޫންތޯއެވެ.

ކޮންމެ ކަމެއް ކުރިނަމަވެސް އެކަމެއް ނުރަންވާނީ އެކަމަކަށް އޮންނަ އުސޫލާއި ގަވާއިދުގެ ތެރެއިންނެވެ. މުޖުތަމަޢުގެ ހަމަޖެހުމަކީ އެއީއެވެ. އެއްވެސް ފަރާތަކުން ކަމަކާއި ގުޅިގެން މައްސލަޖައްސާނަމަ ތަފާތު ކުރުމެއްނެތި ސިޓީ ކައުންސިލުންވެސް ކަންކަން ބަލަން ޖެހޭނެއެވެ. ހަމަހަމަ ކަމާއި އެކު ހުރިހާ ކަމެއް ބަލަން ވާނެއެވެ.

ފޭދޫގަ މޫދަށް އެރޭ ސަރަޙައްދުގައި އެޖަހާ ކުޑައާއި ގޮޑި ޖަހަނީ އިޖްތިމާއީ ލާބައާއި މަންފާއެއް ނަމަވެސް ބަޔަކު މައްސަލަ ޖައްސާނަމަ އެކަމެއް ބަލަންވާނެ އެވެ. ނަމަވެސް އެކަމަށް އަވަސް ޙައްލެއް މުޢައްސަސާތަކުން ހޯދަދޭންވެސް ޖެހޭނެ އެވެ. ބައިބައި ނުވެ ކަންކަން އޮންނަ ރިވެތި އުސޫލުން ކުރަމާ ހިނގާށެވެ.

ފޭދޫ ދާއިރާގެ ކައުންސިލަރު އަލީފަހުމީ ވިދާޅުވާ ގޮތުން އެކަން ކުރުމަކުން ކައުންސިލުގެ އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް އޮންނަ އުސޫލާއި ގަވާއިދުގެ ތެރެއިން ކުރުމަށް ފަހުމީ ހުރިހާ ޒުވާނުންނަށް އިޙްތިރާމާއެކު ގޮވާލައެވެ. މީގެ ކުރިން ބަޔަކު ކަމެއް ގޯސްކޮށް ކުރުމުން އެކަން ރަނގަޅު ކަމަށް ނުދެކުމަށް ފަހުމީ ވިދާޅުވި އެވެ. އަދި އެފަދަ ކަންކަން ރަގަޅު ކުރުމަށް ހުރިހާ ފަރާތަކަށް ފަހުމީ ގޮވާލައްވައެވެ.

ގަވާއިދުން ހުއްދަ ނެތި އެފަދަ ކަންކަން ކުރަމުން އަންނަ ފަރާތްތަކަށްވެސް ފަހުމީގެ ނަސޭޙަތަކީ ގަވާއިދުން ހުއްދަ ހޯދާ ކަންކަން ތަރުތީބު ކުރުމަށެވެ. މުޖުތަމައުގެ ހަމަޖެހުމަކީ ހުރިހާ އެނެމެންވެސް ގަވާއިދަށް ޙުރުމަތްތެރިކޮށް ހިތުމެވެ. ފޭދޫގެ ތަރައްގީއަށް އަދި ޚާއްސަކޮށް އިޖްތިމާއީ މިފަދަ ކަންކަމަށް އަބަދުވެސް ފަހުމީގެ އެއްބާރުލުން ލިބޭނެކަމަށް ފަހުމީ ވިދާޅުވިއެވެ.

ފޭދޫ ރަށިކެޑަ ވަޑާ ސަރަޙައްދަކީ ފޭދޫގެ ރައްޔިތުންގެ މިލްކަކެވެ. އެތަނުގެ ބޭނުން ހަމަހަމަ ގޮތެއްގައި އެންމެނަށް ލިބެންވާނެ އެވެ. ވަކި މީހަކަށް ނުވަތަ ވަކިބަޔަކަށް ނަފާ ލިބޭގޮތަށް އެކަން އަނބުރާލުމަށް އެއްވެސް ބަޔަކު މަސައްކަތް ނުކުރައްވާށެވެ. އަދި ކައުންސިލުންވެސް ޒުވާނުންގެ އުއްމީދާއި އެއްގޮތަށް ކަންކަން ތަރުތީބު ކޮށްލަ ދެއްވާށެވެ. ތަހުޒީބީ މުޖުތަމައަކަށް ލޯހުޅުވަމާ ހިންގަވާށެވެ. މުޖުތަމަޢުގެ އެކުވެރި ކަމާއި އެއްބައިވަންތަ ކަމަށް ހުރިހާ އެންމެން މަސައްކަތް ކުރައްވާށެވެ.

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް. zu "“ފޭދޫ ރަށިކެޑަ ވަޑާ” އަތިރިމަތީ ސަރަހައްދު – ރައްޔިތުންގެ ސަރަޙައްދު!"

ކިޔުންތެރިންގެ ހިޔާލު

ދީނީ، އަޚްލާޤީ، ޤާނޫނީ މިންގަނޑަށް ފެތޭ ޚިޔާލު ފައުޅު ކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެން.


*