އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް – އަދިވެސް ހުރިހާ ޚިދުމަތެއް ނުލިބޭ؟

ސައުތު އެފްރިކަން އެއާލައިންގެ ގަމުގެ އެއާޕޯޓުގައި - ފޮޓޯ: އިންޓަނެޓް

އައްޑޫ ސިޓީ ރައްޔިތުންގެ އެންމެ އުއްމީދު ކުރާ އަދި އައްޑޫގެ އިގްތިސާދީ ތަރައްގީގެ އެންމެ މުހިއްމު ނާރެހަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، 1941 ވަނަ އަހަރުގެ ތެރޭގައި އިނގިރޭސިން އައްޑޫ ގަމުގައި ގާއިމުކުރި މިލިޓަރީ ބޭސްއާއެކު އެމީހުންގެ ރޯޔަލް ނޭވީގެ ބޭނުމަށް އެތަނުގައި، ހަމަ އެހަރު އެއާސްޓްރިޕް ގާއިމުކުރި އެވެ. މިއެއާޕޯޓަކީ މިހާރު އިންޓަނޭޝަނަލް އެއާޕޯޓަކެވެ. ރައީސް މައުމޫނުގެ ޒައާމަތުގައި އެތަނުގައި ޓާމިނަލް ހަދާ އިންޓަނޭޝަނަލް ކުރިއެވެ. ނަމަވެސް އިންޓަނޭޝަނަލް އޮޕަރޭޝަނެއް އެއާޕޯޓުގައި ފެއްޓިފައި ނުވެއެވެ.

އަދި ރައީސް ވަޙީދުގެ ޒަޢާމަތުގައި ރަންވޭ ދިގު ކުރުމުގެ މަސައްކަތް ކުރެވުނެވެ. އޭގެ ފަހުން ރައީސް ޔާމީނުގެ ޒަޢާމަތުގައި މަސައްކަތް ނިމި މިހާރު އެތަން ވަނީ އިންޓަނޭޝަނަލް ފެންވަރަށް ބޯޑާ ކޮންޓްރޯލާއެކު ޚިދުމަތް ދޭން ފަށާފައެވެ. ނަމަވެސް ދުނިޔޭގެ އެހެނިހެން އިންޓަނޭޝަނަލް އެއާޕޯޓުތަކުން ލިބޭ ހުރިހާ ޚިދުމަތެއް އަދިވެސް އައްޑޫ އެއާޕޯޓަކުން ނުލިބެއެވެ.

ރައީސް ޔާމީނުގެ ޒައާމަތުގައި ސްރީލަންކަން އެއާލައިންސުން ޝެޑިއުލް ފްލައިޓް ފެއްޓުމާއެކު އައްޑޫގެ އިގްތިސާދީ ދުވެލި ހަލުވި ވުމުގެ މަލަމަތި ފެނުނެވެ. ނަމަވެސް އެއެއާޕޯޓުގައި ލިބެންޖެހޭ މުހިއްމު ޚިދުމަތްތައް ނުލިބުމުގެ ސަބަބުން އައްޑޫގެ ވިޔަފާރިވެރިން އެކަމުގެ ޝަކުވާ އޭރުވަނީ އުފުލާފައެވެ.

އިމިގްރޭޝަންގެ އުސޫލާއި އަދި އެމުއައްސަސާގެ ގަވާއިދުގެ ތެރެއިން އޮންލައިންކޮށް ވޯކްވިސާ އަލަށް ހައްދާ އެއްވެސް ބޭރު މަސައްކަތު މީހަކަށް ފުރަތަމަ ފަހަރަށް ރާއްޖެ  އެތެރެވާއިރު އައްޑޫ އެއާޕޯޓުގެ ތެރެއިން އެމީހުންނަކަށް ރާއްޖެ އެތެރެނުވެ އެވެ. އެމީހުން ފުރަތަމަ އަންނަން ޖެހެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އޭގެ ފަހުން ދެން  ޑޮމެސްޓިކް ފްލައިޓެއްގައި އައްޑުއަށް ދަނީއެވެ.

އައްޑޫ އިން ބިދޭސިންގެ ވޯކް ވިސާގެ ހުރިހާ ކަންތައްތަކެއް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ އިރު އެމީހުންނަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް އެތެރެވެވޭނެ ގޮތެއް ހަމަޖެހިފައި ނެތުމަކީ އެއްވެސް މީހަކަށް ބަލައިގަންނަން އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. ގިނަ މީހުން ގަބޫލު ކުރާގޮތުން އެކަމުގައި އޮތް ހަމައެކަނި ހުރުހަކީ އިދާރީ ގޮތުން ހަމަޖައްސަން ޖެހޭ ކަންތައްތަކަކެވެ.

ރައީސް ޔާމީނުގެ ޒަޢާމަތުގައި އެކަމަށް ޙައްލެއް ލިބިގެން ނުދިއުމުން އޭރުގެ އިދިކޮޅު މައިޕާޓީ، އެމްޑީޕީ އިންވެސް ފާޑުކިއުންތައް އޭރުގެ ސަރުކާރަށް ކުރިމަތި ކުރުވިއެވެ. ނަމަވެސް އެއްވެސް އަލިމަގެއް ލިބިގެން ނުދިޔައެވެ.

މިހާރު އޮތީ، ގާނޫނީ ގޮތުން އެމްޑީޕީގެ ސަރުކާރަކެވެ. ނަމަވެސް ސަރުކާރަކީ އޭރުގެ އިދިކޮޅު ހުރިހާ ފަރާތްތަކުން އެކުވެ، ކޯލީޝަނެއްގެ ތެރެއިން ގެނައި ސަރުކާރެއް ކަމުން ރައީސް ސޯލިޙުގެ ސަރުކާރަށް ކިޔަން މިޖެހެނީ ކޯލީޝަން ސަރުކާރެކެވެ. ބިޔަބޮޑު ކޯލީޝަނަކުން ސަރުކާރަށް އައިނަމަވެސް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ދިވާވެފައިވާ މައްސަލައަށް މިހާރު އެއްވެސް ބަޔަކު އެއްޗެއް ބުނެލާ އަޑެއް ނީވެއެވެ. އެކަން ހައްލުކުރުމަށް ވާހަކަ ދެކެވޭ އަޑެއްވެސް ނީވެއެވެ. އުސޫލުތައް އޮތީ ހަމަ ކުރިންވެސް އޮތް ގޮތަށެވެ.

އިމިގްރޭޝަން ހިންގަނީ ރާއްޖޭގެ ދިފާޢީ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. އެމުޢައްސަސާ ހިންގެވުމަށް ހުންނެވީ އެމްޑީޕީގެ އިސްސަފުގަ އެންމެ  ނުފޫޒު ގަދަ ކަމާނާއެވެ. އަލްއުސްތާޒާ މާރިޔާ އަޙުމަދު ދީދީ އެވެ. ޔާމީނު ސަރުކާރުން ރައްޔިތުންނަށް ފަސޭހައަކަށް އެއްކަމެއްވެސް ކޮށްނުދޭކަމަށް އެންމެ ހަރުއަޑުން ވަކާލާތު ކުރެއްވި އެއްބޭފުޅަކީ އެކަމަނާ ކަމީ އެއްވެސް މީހަކު ދެބަސް ވާނެ ކަމެއް ނޫނެވެ.

ނަމަވެސް އެކަމަނާގެ ވުޒަރާގެ ދަށުން ހިންގާ މޯލްޑިވްސް އިމިގްރޭޝަންއިން ބިދޭސީ މަސައްކަތު މީހުން ރާއްޖެއަށް ފުރަތަމަ އަންނައިރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް އެތެރެ ވުމަކަށް އަދިވެސް ހުއްދައެއް ނުލިބެއެވެ.

ދުނިޔޭގެ އެއްވެސް ގައުމަކަށް އެގައުމަކަށް އެތެރެވުމަށް ވިސާނެގުމަށްފަހު އެގައުމެއްގެ ކޮންމެ އިންޓަނޭޝަނަލް އެއާޕޯޓަކަށް އެތެރެ ވެއެވެ. ރާއްޖެއަށް އަންނަ ބިދޭސީމީހާވެސް ގަބޫލު ކުރަނީ ކަންއޮންނަނީ އެއުސޫލުން ކަމަށެވެ. ރާއްޖެއަށް ވިސާލިބުމާއެކު ރާއްޖެ އަންނަން ޓިކެޓް ނަގައިގެން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް އެތެރެވާން އަތުވެއްޖެ ނަމަ އެމީހާ މިޖެހެނީ ހަމަ އެއައި ފްލައިޓުން އެނބުރިދާށެވެ. އެމީހާ އަތުގައި ރާއްޖެ އެތެރެވޭވޭނެ، އިމިގްރޭޝަނުން ދީފައިވާ ސައްޙަ ވިސާ ބަރާބަރަށް އެބައޮތެވެ. ނަމަވެސް ހަމަ އެމީހާ ރާއްޖެއިން ބޭރު ކޮށްލައެވެ.

މިޙާލަތުގައި އެމީހާއަށާއި އަދި އެއާލައިނަށް އެތަކެއް ތަކުލީފެއް އުފުއްލަން ޖެހެއެވެ. އެބިދޭސީ މީހާއަތުން އެތަކެއް ޚަރަދެއް ދެއެވެ. އެމީހާގެ ކަންތައް ހަމައަކަށް ނޭޅިގެން އެއާލައިނުގެ ފުރުން ލަސްވެ އެތަކެއް އުނދަގޫތަކަކާ ކުރިމަތި ވެއެވެ. މިއީ އަދިވެސް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހާލަތެވެ.

ޕީޕީއެމްއަށް ސަޕޯޓު ކުރާ މީހުން ބުނަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވި، ޚިދުމަތް ލިބެން ފެށީ ރައީސް ޔާމީނުގެ ހެޔޮފުޅުން ކަމުން ކަމަށެވެ. ނަމަވެސް އޭރު އިދިކޮޅު ފަރާތްތަކުން ބުނަމުން އައީ އައްޑޫ އެއާޕޯޓު ހުޅުވާފަ އޮތީ އަމާބުނީތީ ފަރަށްދާ ބީދައިން ކަމަށެވެ. މިފަދަ އަތަކެއް ކަމަކާ ހުރެ، ރައީސް ޔާމީނުގެ ސަރުކާރަށް ދިވެހިން ނޫނެކޭ ބުނީ ކަންކަން ހަމަ މަގަށް އެޅުވުމުގެ ހެޔޮނިޔަތުގަ އެވެ.

ރައީސް ސޯލިޙުގެ ފުރަތަމަ 100 ދުވަސް ދެރޭ ފުއްދުމަށް ނިންމާފައިވާ ވަޢުދު ތަކުގެ ލިސްޓުގައި އައްޑޫ އެއާޕޯޓަށް އެތެރެވާ ބިދޭސީ މައްސައްކަތު މީހުންގެ މައްސަލަ ޙައްލު ކުރުމުގެ ވާހަކަ ނެތެވެ. އެހެންކަމަށްވާނަމަ ހަމަ އޭރެކޭ މިހާރެކޭ އައްޑޫ މީހުންނަށް ފަސޭހަތަކެއް ލިބޭބާއެވެ؟ އަދިވެސް ކަންއޮތީ ހަމަ އަމާބުނީތީ ފަރަށްދާ ބީދައިން ނޫންބާވަ އެވެ.

އައްޑޫ ރައްޔިތުންނަށް އެމީހުންނަށް ޙައްގުވާ މިންވަރު ލިބޭނީ ކޮން ދުވަހަކުން ހެއްޔެވެ؟

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް. zu "އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް – އަދިވެސް ހުރިހާ ޚިދުމަތެއް ނުލިބޭ؟"

ކިޔުންތެރިންގެ ހިޔާލު

ދީނީ، އަޚްލާޤީ، ޤާނޫނީ މިންގަނޑަށް ފެތޭ ޚިޔާލު ފައުޅު ކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެން.


*