އައްޑޫގެ ފަތުރުވެރިކަމުގެ މުސްތަގުބަލަކީ ދޮންވެލި ތުނޑި ހެދުންބާ؟

ރުއްޖެހިހެރަ އަދި އަބޫހެރަ ސަރަހައްދު ތަރައްގީ ކުރެވިދާނެ ޚިޔާލީ ކުރެހުމެއް -

އައްޑޫ ސިޓީގެ ފަތުރުވެރިކަން ތަރައްގީ ކުރުމަށް އެންމެ މުހިއްމު ކަމަކީ ދޮންވެލި ތުނޑިއެއް ހެދުންކަމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމާ، އަދި އެކަމުގައި ރައްޔިތުންގެ ޚިޔާލުވެސް ހޯދުމަށްފަހު އައްޑޫ ސިޓީ ކައުންސިލުން އެކަން ކުރުމަށް ނިންމާފިއެވެ.

އޮގޮތަށް އެބޭފުޅުން ނިންމެވީ އެކަމުގެ އެކަށީގެންވާ ދިރާސާއެއް ކުރުމަށް ފަހުގައި ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. އައްޑޫއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ހަމަ އެކަނި މަދުވަނީ ދޮންވެލި ތުނޑިއެއް ކަމަށް ކައުންސިލުން ގަބޫލު ކުރައެވެ. ސަބަބަކީ އަމިއްލަ މީހުންގެ ގެސްޓް ހައުސްތަކުގައި ތިބޭމީހުން މޫދަށް އެރިލާ، މަޖާކޮށްލުމަށް އެފަދަ ތަނެއް އައްޑޫ ސިޓީގައި ނެތުމުންނެވެ.

އަޅުގަނޑުގެ ސުވާލަކީ އައްޑޫ ސިޓީގައި މިނޫން ގޮތަކަށް ފަތުރުވެރިކަން ތަރައްގީ ނުކުރެވޭނެ ތޯއެވެ؟ އަމިއްލަ މީހުންގެ ގޯތީގައި ގެސްޓްހައުސް ހެދުމަކީވެސް މައްސަލައެއް ނޫނެވެ. ނަމަވެސް އައްޑޫގެ ފަތުރުވެރި ކަމުގެ ތަސައްވަރު މިއަށް ވުރެން ތަނަވަސްވާން އެބަޖެހެއެވެ. އެހުނަރާއި ގާބީލުކަން ރާއްޖޭގައި މިހާރު އެބަހުއްޓެވެ. ވަކިވަކި ސަރަހައްދުތައް ކަނޑައަޅާ އަދި ފަޅު ހިއްކައިގެން ފަތުރުވެރިކަމަށް ތަރައްގީ ކުރުމަކީ މުސްތަގުބަލަށް ކުރެވޭނެ އެންމެ އަގުހުރި އިންވެސްޓްމެންޓް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެއެވެ. އެހެނަސް އަޅުގަނޑުގެ ޚިޔާލަކީ އެންމެ މޮޅު ޚިޔާލު ކަމުގައި ނުވެދާނެ އެވެ. ކަންކަން ކުރަންވާނީ މުސްތަގުބަލަށް ވިސްނާ ދެމެހެއްޓެނިވި ގޮތެއްގައި އަދި މުޅި މުޖުތަމަޢުއަށް އޭގެ ފައިދާ ލިބުމާއެކުއެކީ އެކަމުގެ ނޭދެވޭ އަސަރު މުޖުތަމައުގެ ތެރެއަށް ނުދާނެ ގޮތަކަށް ވިސްނައިގެންނެވެ.

ރާއްޖޭގެ މިހާރުގެ ރައީސުލްޖުމުހޫރިއްޔާ އޮނަރަބްލް މުޙައްމަދު ޞޯލިޙުގެ ތަސައްވަރަކީ އައްޑޫގައި 8000 އެނދުގެ ފަތުރވެރިކަމެއް ގާއިމު ކުރުމެވެ. އެއީ ނުވާނެ ކަމެއް ނޫނެވެ. މިސަރުކާރަކީ އެކަން ކުރެވޭނެ ގާބިލުކަންހުރި ސަރުކާރެކެވެ. އައްޑޫގެ ފަތުރުވެރިކަން ތަރައްގީ ކުރުމާމެދު އަޅުގަނޑުދެކޭ ތަސައްވަރެއް “އައްޑޫ އޮބްޒާވަރ” ގައި ސިލްސިލާ އާޓިކަލް ތަކެއްގެ ގޮތުގައި މިއަންނަނީ ޝާއިޢު ކުރަމުންނެވެ. އޭގެ އެންމެ ފަހުގެ ބައިތައްވެސް ވަރަށް އަވަހަށް ޝާއިޢު ކުރާނަމެވެ.

ގަމުގައި ސިޓީ ހޮޓާތައް ތަރައްގީ ކުރެވިދާނެ ތަންތަނުގެ ޚިޔާލީ ކުރެހުމެއް –

އައްޑޫ މީހުންނަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވަރަށް ގާބިލު މީހުންކަމަށް މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހާ މީހުން ގަބޫލު ކުރައެވެ. އެހެންކަމުން އައްޑޫ ކައުންސިލުން ނިންމާ މިފަދަ އިގްތިސާދީ ތަރައްގީ، ޚާއްސަކޮށް ފަތުރުވެރިކަމުގެ ތަރައްގީގެ ނިންމުން ވަރަށް ފުރިހަމަ ވާން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. އައްޑޫ މީހުންނަކީ މިދާއިރާގެ އެންމެ ފުންނާބުއުސް މީހުންކަމަށް ލޭބަލް ވެފައިވާތީއެވެ.

ނަމަވެސް އަޅުގަނޑުމެންގެ ވިސްނުން މިހިރީ ފުރަތަމަވެސް ތުނޑިއެއް ހެދުމާ ހަމައަށެވެ. އައްޑޫގެ ފަތުރުވެރިކަމަށް އެންމެ މުހިއްމީ ތުނޑިއެއް ހެދުން ކަމަށް މުޅި އައްޑޫ ރައްޔިތުން މިހާރު ގަބޫލު ކުރެއެވެ. އެކަން ސޯޝަލް މީޑިއާއަށް ނަޒަރު ހިންގާލުމުން އެނގެއެވެ. މިއީ ހަމަ އައްޑޫ މީހުންގެ ވިސްނުމުގެ ފެންވަރުތޯއޭ އަޅުގަނޑަށް ހިތާހިތާ ސުވާލު އެބަކުރެވެއެވެ.

އައްޑޫ ސިޓީގެ އެކި ހިސާބު ތަކުގައި ދޮންވެލި ގޮނުދޮށް ހަދައިގެން ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް ވިސްނުން ބަދަލުކޮށްލަން ނުވޭތޯއެވެ؟ ދިވެހި ސަރުކާރުގައި މިފަދަ ކަމެއް މިހާރު ކޮށްލުމަކީ މެޓަލެއް ކާލުންހާ ފަސޭހަ ކަމަކެވެ. ދިރާސާކޮށް ބަލަންވީ ތުނޑި ހެދޭނެ ގޮތެއް ހޯދުމަށްތޯއެވެ. ނުވަތަ އެހެން ހަރުފަތަކަށް އައްޑޫގެ ފަތުރުވެރިކަން ޖައްސާލުމަށްތޯއެވެ. ހަމަ ޔަގީނުންވެސް އެފަދަ ހަރުދަނާ ވިސްނުން ތިބި މީހުން އައްޑޫގައި މަދެއް ނުވާނެއެވެ.

އައްޑޫ މީހުންނަށް ލިބެންޖެހޭ ހަގީގީ މަގާމު ނުލިބޭ އެންމެ ބޮޑު ސަބަބަކީ ކަންކަން ހިންގުމަށް ރައްޔިތުން ހޮވާ ބޭފުޅުންގެ ގާބިލުކަން ނެތިގެންތޯ މިހާރު އެބަ ސުވާލު އުފެދެއެވެ. އައްޑޫގެ ޖިއޮގްރެފިކަލް އޭރިއާއަށް ބަދަލު ގެނަސް ފަތުރުވެރިކަން ތަރައްގީ ކުރުމަށް ވިސްނަމާ ހިންގަވާށެވެ.

އައްޑޫ ސިޓީގެ ފަޅު ހިއްކައިގެންނާއި، އަދި ދިރާސާކޮށް ކަނޑައެޅޭ ސަރަޙައްދުތަކުގެ ގޮނުދޮށްތައް ވެލިން މުއްސަނދި ކުރުމުގެ އިތުރުން ގަމުގައި ސިޓީ ހޮޓާ ތަކެއް ތަރައްގީ ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ރައީސް ޞޯލިޙުގެ މިޒަޢާމަތުގެ ފުރަތަމަ އަހަރު ނިންމުމަށް  މަސައްކަތް ކުރަންވީ ނޫންތޯއެވެ. ހަމަޔަގީނުންވެސް އެގޮތަށް މަސައްކަތްކޮށްފިނަމަ ކުރިއަށް މިއޮތް ތިންއަހަރު ތެރޭ އައްޑޫގެ ފަތުރުވެރިކަން އިންތިހާއަށް ފުޅާވެގެން ދާނެއެވެ. ތަފާތު ހަރުފަތަކަށް ފަތުރުވެރިކަން ފުޅާވެގެންދާނެއެވެ.

ސަވާހިލި ރިސޯޓަކަށް ތަރައްގީ ކުރުމަށް ބީޗްތަރައްގީ ކުރެވިދާނެ ޚިޔާލީ ކުރެހުން

ރާއްޖޭގެ ފަތުރުވެރިކަމުގެ ހުރިހާ ސަރަހައްދެއް މިހާރު މާކެޓް މިކުރަނީ އެންމެ މަތީފަންތީގެ ގެސްޓުންނަށެވެ. އެހެނަސް މެދުފަންތީގެ އެތައް ފަތުރުވެރިންނެއް ރާއްޖެ އަންނަން ބޭނުންވެ، އެހެނަސް ރާއްޖޭގެ ރިސޯޓްތައް އަގުބޮޑުކަމުން ނާދެވި އެބަތިބި ކަމީ ގަބޫލުކުރަންޖެހޭ ހަގީގަތަކެވެ. އައްޑޫ ސިޓީގަވެސް މަތީފަންތީގެ ރިސޯޓެއް މިހާރުވެސް އެބައޮތެވެ. ނަމަވެސް އެފެންވަރުގެ ރިސޯޓްތަކެއް އިތުރަކަށް އައްޑޫގައި ތަރައްގީ ކުރުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ.

އައްޑޫގެ ފަތުރުވެރިކަން ބޮޑަށް މާކެޓް ކުރަންވީ މެދުފަންތީގެ ގެސްޓުންނަށެވެ. ނަމަވެސް އެމީހުންނަށްވެސް ހިތްހަމަޖެހޭ ޚިދުމަތެއް ފޯރޮކޮށްދެވޭނީ ފަތުރުވެރިކަމަށް ސަރަޙައްދުތަކެއް ކަނޑައަޅާ އެތަންތަން ތަރައްގީ ކޮށްގެންނެވެ. އަމިއްލަ ގޭތެރޭގައި ތިނެއް ނުވަތަ ފަސް ކޮޓަރީގެ ގެސްޓްހައުސް ތަކެއް އުފެއްދުމަށް ޚިޔާލުކޮށް، އެފަތުރުވެރިންނަށް ބޭނުންވާ ތުނޑި ހަދައިގެން ނޫނެވެ. އެކަންވެސް ކުރަންވީއެވެ. ނަމަވެސް ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީއެއް ގާއިމު ކުރުމަށާއި ގިނަވަޒީފާގެ ފުރުސަތު އިތުރުކުރުމަށް ތުނޑި ހެދުމަށްވުރެ ތަންކޮޅެއް ވިސްނުން ރަނގަޅު ކުރަން އެބަޖެހެއެވެ.

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް. zu "އައްޑޫގެ ފަތުރުވެރިކަމުގެ މުސްތަގުބަލަކީ ދޮންވެލި ތުނޑި ހެދުންބާ؟"

ކިޔުންތެރިންގެ ހިޔާލު

ދީނީ، އަޚްލާޤީ، ޤާނޫނީ މިންގަނޑަށް ފެތޭ ޚިޔާލު ފައުޅު ކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެން.


*