އައްޑޫ ސިޓީ ޓޫރިޒަމް ތަޞައްވަރު 9 (ހުޅުދޫ ސައުތު ވިންގް ގެސްޓްހައުސް)

ފޮޓޯ: އާދަމް ނަސީރު - ހެރެތެރެ ރިސޯޓައި ހުޅުދޫ ގުޅޭ ހިސާބު ..

މިއީ އައްޑޫ ސިޓީގެ ޓޫރިޒަމް ތަރައްގީ ކުރުމަށް އަޅުގަނޑު ލިޔަމުން އަންނަ ސިލްސިލާ ލިޔުމުގެ ނުވަވަނަ ތަޞައްވަރެވެ.

އަޅުގަނޑު އޮކްޓޫބަރ 5، 2018 ވަނަދުވަހު ލިޔުނު ލިޔުމުގައި ގެނެސްދީފައިވާނީ މީދޫ ‘ކަޅިބިތެ’ ފަރާތު ކޯށިފަންނަ ބީޗުން ފެށިގެން އިރަށް ގޮސް މީދޫގެ އިރުމަތީ ކަންމަތިން ދެކުނަށް ތަރައްގީ ކުރާނެ ގެސްޓް ހައުސް ތަކުގެ އަޅުގަނޑުގެ ތަޞައްވަރެވެ.

މިއަދުގެ އަޅުގަނޑުގެ ލިޔުމުގައި ގެނެސްދޭނީ ހުޅުދޫ ދެކުނު ފަރާތު (ހެރެތެރެއަށް ދިއުމަށް އޮންނަ ބްރިޗް ކައިރި) އެއޮތް ހުސްބިން ސަރަހައްދުގައި، އަޅުގަނޑުގެ ޚިޔާލީ ކުރެހުމުގައި ދައްކާފައިއެވާ ހިސާބުގައި ތަރައްގީ ކުރާނެ ގެސްޓްހައުސް ތަކުގެ ތަޞައްވަރެވެ.

ހުޅުދޫގެ މިސަރަޙައްދަކީ މިހާރު ފްލެޓްތައް އަޅާފައި އެވާ ސަރަހައްދުގެ އިރާއި އަދި ހުޅަނގު ފަރާތުގެ މޫދާކައިރި ދެސަރަޙައްދެވެ. މިއީ ގެސްޓްހައުސް ތަރައްގީ ކުރުމަށް ވަރަށް ކަމުދާނެ ސަރަހެއްދެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ މިސަރަޙައްދަކީ ހެރެތެރެ ރިސޯޓާވެސް ޖެހިގެން އޮތް ސަރަހައްދެއް ކަމުގައި ވާތީއެވެ.

އެހެން ކަމުން މިއަދު އަޅުގަނޑުގެ ތަޞައްވަރު ބިނާ މިކޮށްލަނީ އެސަރަޙައްދުގައި ފެންވަރު ރަނގަޅު ގެސްޓްހައުސް ތަކެއް ތަރައްގީ ކުރުމަށެވެ. މިގެސްޓްހައިސް ތަރައްގީ ކުރުމުގެ ކުރިން އެސަރަޙައްދުގައި ސަރުކާރުން ނަރުދަމާގެ ނިޒާމާއި ބޯފެނުގެ ނިޒާމު ލިބޭނެ އިންތިޒާމު ހަމަޖައްސަވާ ދެއްވަން ޖެހޭނެއެވެ. އަދި ސަރުކާރުގެ ކަރަންޓް ކުންފުނީގެ ފަރާތުން އެކަށޭނެ ކަރަންޓް ވިއުގައެއް ގާއިމު ކޮށްދެއްވަން ޖެހޭނެއެވެ.

މިސަރަޙައްދުގައި ގާއިމު ކުރެވޭ ގެސްޓްހައުސް ތަކުގެ އަޅުގަނޑުގެ ޚިޔާލީ ކުރެހުމެއް ތިރީގައި އެވަނީއެވެ.

ހެރެތެރެ ރިސޯޓުއާއި ދިމާލުން ހުޅުދޫގެ ދެކުނު ފަރާތު ސަރަޙައްދުގައި ގާއިމު ކުރެވޭ ގެސްޓް ހައުސް ބްލޮކްތައް ދައްކާ ޚިޔާލީ ކުރެހުމެއް –

ކުރެހުމުގައި ދައްކާފައިއެވާ ގޮތަށް އިރުމަތީ ފަރާތުގައާއި އަދި ހުޅަނގު ބިތުގައި ގާތްގަނޑަކަށް 15 މީޓަރުގެ ފުޅާ ބީޗެއް ސަރުކާރުން ހައްދަވާ ދެއްވަން ޖެހޭނެއެވެ. ދިވެހި ސަރުކާރުގައި އެކެޕޭސިޓީ ވަރަށް ފުރިހަމައަށް އެބަހުއްޓެވެ. އެކަމަށް ބޭނުންވާ އީއައިއޭ ހެދުމަށްފަހު ބީޗްގެ މަސައްކަތް ސަރުކާރުން ގިނަވެގެން ހަމަސްދުވަސް ތެރޭ ނިއްމާ އަންނަ އަހަރު، 2019 ވަނައަހަރުގެ ޖުލައި މަހުގެ ތެރޭ އެތަނުގެ ބިންތައް ބިޑް އުސޫލުން ކުއްޔަށްދޫކޮށް ތަރައްގީ ކުރުމަށް ހުޅުވާލަން ވާނެއެވެ.

އެސަރަޙައްދުގެ ބިންބިމަކީ މިހާރު އަމިއްލަ ފަރާތްތަކުގެ މިލްކެއް ކަމުގައި ވާނަމަ އެފަރާތްތަކާއި ވާހަކަ ދައްކާ އެމީހުންނަށް ދޭންޖެހޭ ޙައްގު ބަދަލު ދިނުމަށްފަހު އަދި އެމީހުންނަށް އެހެންސަރަހައްދަކުން ހަމަ އެބޮޑުމިނުގެ ބިންދޭންވާނެ އެވެ.

މިސަރަޙައްދުގައި ގާއިމުކުރާ ކޮންމެ ދެގެސްޓްހައުސް ބްލޮކެއްގެ ދެމެދުގައި އެއްވެސް ފާރެއް ހުރެގެން ނުވާނެއެވެ. އަދި ކޮންމެ ދެބްލޮކެއްގެ ދޭތެރެއިން ފަސޭހައިން ބީޗަށް ދެވޭގޮތަށް ހުސްތަނެއް އޮންނަން ވާނެއެވެ.

މިސަރަޙައްދުގައި ޖުމުލަ ތަރައްގީ ކުރުމަށް ހުޅުވާލާނީ 8 ހާސް އަކަފޫޓުގެ 8 ބްލޮކާއި 16 ހާސް އަކަފޫޓުގެ 26 ބްލޮކެވެ. އަދި ހެރެތެރެ ރިސޯޓު އޮތްފަޅީގައި ބޮޑު ދެރެސްޓޯރެންޓް ހިންގޭނެ 16 ހާސް އަކަފޫޓުގެ 2 ބިން ދޫކުރަންވާނެއެވެ.

މިސަރަހައްދުގެ ގެސްޓްހައުސް 8 ހާސް އަކަފޫޓުގެ ބްލޮކެއްގައި ތަރައްގީ ކުރަންވާނީ 10 ކޮޓަރިއެވެ. އަދި 16 ހާސް އަކަފޫޓުގެ ބްލޮކެއްގައި 20 ކޮޓަރިއެވެ. މީގެ އެއްވެސް ގެސްޓްހައުސްއެއް ބުރިބުރިއަށް މައްޗަށް ނެގިގެން ނުވާނެއެވެ. މުޅިތަން އެއްކޮށް ޕްލޭން ކުރަންވާނީ އެކަމުގެ ގާބިލުކަން ހުރި ފަރާތަކަށް ދީގެން ސަރުކާރުންނެވެ. ޕްލޭން ކުރެވޭގޮތަށް ކޮންމެ ބްލޮކެއްގައި ގެސްޓްހައުސް ތަރައްގީ ކުރާނީ ބިޑްއުސޫލުން އެލިބޭ ފަރާތަކުންނެވެ.

މިބްލޮކްތައް ކުއްޔަށް ދިނުމުގައި އިސްކަން ދޭންވާނީ ހުޅުދުއަށް ނިސްބަތްވާ ރައްޔިތުންނަށެވެ. ދެން އިސްކަންދޭންވާނީ އައްޑޫގެ އެހެނިހެން ރަށްތަކުގެ ރައްޔިތުންނަށެވެ.

މިތަން ތަރައްގީ ކުރެވޭއިރު މާފިށި ޗަސްބިން ހިމާޔަތްކޮށް ގެސްޓުންނަށް ޚާއްސަ ތަނެއްގެ ގޮތުގައި ތަރައްގީ ކުރެވިދާނެއެވެ.

މިގެސްޓް ހައުސްތައް ހިމެނޭ ސަރަހައްދުގައި ފުލުހުންގެ އެކަށޭނެ ސިކިއުރިޓީ ޕޮއިންޓްތަކެއް ގާއިމު ކުރަންވާނެއެވެ. އަދި ރެސްޓޯރެންޓް ބްލޮކްތައް ކުއްޔަށް ދޭންވާނީ ވަކި ވިޔަފާރީތަކެއްގެ އުސޫލުން ގެސްޓްހައުސް ވިޔަފާރީގައި ނުހިމެނޭ އައްޑޫއަށް ނިސްބަތްވާ ޒުވާން ވިޔަފާރި ވެރިންނަށެވެ.

މިސަރަޙައްދުގައި ތަރައްގީ ކުރެވޭ ގެސްޓްހައުސްތައް ތަރައްގީ ކުރުމަށް ދޭންވާނީ ގިނަވެގެން 18 މަސް ދުވަހެވެ. ކުއްޔަށް ދޫކުރާނީ 20 އަހަރުގެ މުއްދަތަކަށެވެ. އަދި ގެސްޓްހައުސް ތަރައްގީ ކުރުމަށް ބިންލިބޭ ފަރާތްތަކަށް، އެފަރާތްތަކުން ބޭނުންވެއްޖެ ހިނދެއްގައި ދިވެހިންގެ ބޭންކުން ފަސޭހަކަމާއެކު ލޯން ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވާ ދެއްވަންވާނެއެވެ.

ގެސްޓް ހައުސްއާއި އެހެނިހެން ޚިދުމަތްތަކުގެ ކުލި ސަރުކާރަށް ނަގަން ފަށަންވާނީ ގެސްޓްހައުސްތައް އޮޕަރޭޝަނަށް ހުޅުވި، ބަރާބަރަށް ޚިދުމަތް ދޭންފަށާތާ 6 މަސް ފަހުންނެވެ. ފުރަތަމަ އަހަރު ސަރުކާރަށް ކުލީގެ ގޮތުގައި ނަގަންވާނީ ކަނޑައެޅޭ ކުލީގެ 50 އިންސައްތަ އެވެ. ޖެހިގެން އަންނަ ދެއަހަރު 60 އިންސައްތަ ނަގާއިރު ހަތަރުވަނަ އަހަރު ސަރުކާރަށް ނަގަން ވާނީ ކުލީގެ 70 އިންސައްތައެވެ. ފަސްވަނަ އަހަރު ކުލީގެ ގޮތުގައި ސަރުކާރަށް ނަގަންވާނީ 85 އިން ސައްތަ އެވެ. ފުރިހަމަ ކުލި ސަރުކާރަށް ނަގަން ފަށަންވާނީ 5 އަހަރު ފަހުންނެވެ.

މިގެސްޓްހައުސްތައް ތަރައްގީ ވުމުން އައްޑޫ ސިޓީގެ ފަތުރުވެރި ކަމުގެ ސިނާއަތަށް އިތުރުވެގެންދާނީ 1200 އެނދެވެ. އެހެންކަމުން ކުރީގައި އުފެއްދިފައިވާ 4566 އެނދުގެ ތެރެއަށް މިއެނދުތައް އެއްކޮށްލުމުން މުޅިޖުމުލަ 5766 އެނދު އުފެއްދުނީ އެވެ.

އައްޑޫ ސިޓީ ހުޅުދޫގައި ތަރައްގީ ކުރެވޭ މިގެސްޓްހައުސްތައް ތަރައްގީ ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް މިހާރުގެ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފުރަތަމަ 240 ދުވަސް ތެރޭގައި ނިންމަވާ ދެއްވަން ޖެހޭނެއެވެ. އެމަސައްކަތްތައް ފަށާގަތުމާއެކު އެތަންތަން ކުއްޔަށް ދިނުމަށް އިޢުލާން ކުރެވި ގިނަވެގެން 3 މަސްތެރޭ އެލިބޭފަރާތްތަކާއި ހަވާލު ކުރަންވާނައެވެ. އަދި އެމީހުންނާއި ހަވާލު ކުރެވޭ ދުވަހުން ފެށިގެން 18 މަސް ތެރޭ މަސައްކަތް ނިންމާ ގެސްޓް ހައުސްތައް އޮޕަރޭޝަނަށް ހުޅުވާލަން ވާނައެވެ.

އެހެން ކަމުން މިގެސްޓް ހައުސްތައް ހުޅުވިގެން ދާނީ ރައީސް އިބޫގެ ޒަޢާމަތުގެ ދެވަނަ އަހަރު ނިމޭހާ ހިސާބުގައެވެ. އަޅުގަނޑު މިތާވަލް ކުރާގޮތަށް މިގެސްޓްހައުސްތައް ހުޅުވުމަކީ އައްޑޫ ސިޓީގެ އެންމެހާ ރައްޔިތުންވެސް ދެކޭނެ އުއްމީދުން ފުރިގެންވާ ފޮނި ހުވަފެކެވެ. މިހުވަފެން ހަގީގަތަށް ހެއްދެވުމުގެ އެންމެހާ ބާރެއް މިހާރު ލިބިފައި އޮތީ ރައީސް އިބޫއަށެވެ. އައްޑޫ ރައްޔިތުންގެ މިހުވަފެން ހަގީގަތަށް ހައްދަވާ ދެއްވާށެވެ. މިއީ އެންމެހާ އައްޑޫ ރައްޔިތުންގެ ފަރާތުން އަޅުގަނޑު އާދޭހާއެކު އެދޭއެދުމެއް ކަމުގައި ގަބޫލު ކުރައްވާށެވެ.

ނުނިމޭ – ދެން އަންނާނީ ތަޞައްވަރު 10

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް. zu "އައްޑޫ ސިޓީ ޓޫރިޒަމް ތަޞައްވަރު 9 (ހުޅުދޫ ސައުތު ވިންގް ގެސްޓްހައުސް)"

ކިޔުންތެރިންގެ ހިޔާލު

ދީނީ، އަޚްލާޤީ، ޤާނޫނީ މިންގަނޑަށް ފެތޭ ޚިޔާލު ފައުޅު ކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެން.


*