އައްޑޫ ސިޓީ ޓޫރިޒަމް ތަޞައްވަރު 10 (ކެޑަވާހެރަ ބީޗް އެންޑް ސްޕާ)

ފޮޓޯ: ހެރެތެރެ -

މިއީ އައްޑޫ ސިޓީގެ ޓޫރިޒަމް ތަރައްގީ ކުރުމަށް އަޅުގަނޑު ލިޔަމުން އަންނަ ސިލްސިލާ ލިޔުމުގެ ދިހަވަނަ ތަޞައްވަރެވެ.

އަޅުގަނޑު ޑިސެމްބަރ 28، 2018 ވަނަދުވަހު ލިޔުނު ލިޔުމުގައި ގެނެސްދީފައިވާނީ ހުޅުދޫ ދެކުނު ފަރާތު (ހެރެތެރެއަށް ދިއުމަށް އޮންނަ ބްރިޗް ކައިރި) އެއޮތް ހުސްބިން ސަރަހައްދުގައި ގާއިމު ކުރާ ގެސްޓް ހައުސް އޭރިއާގެ އަޅުގަނޑުގެ ތަޞައްވަރެވެ.

މިއަދުގެ އަޅުގަނޑުގެ ލިޔުމުގައި ގެނެސްދޭނީ އައްޑޫ ސިޓީގެ ކެޑަވާހެރަ އެއޮތް ތަނުގައި 7.1 ހެކްޓަރުގެ ބިންހިއްކައިގެން ތަރައްގީ ކުރާނެ އަޅުގަނޑުގެ ޚިޔާލީ ތިންތަރީގެ ރިސޯޓުގެ ތަޞައްވަރެވެ.

އިސްމެހެލާ ހެރާގެ ހުޅަނގުގައި އެއޮތް ކެޑަވާ ހެރަ ހިމަނައިގެން އެސަރަޙައްދުގައި އަޅުގަނޑުގެ ޚިޔާލީ ކުރެހުމުގައި އެވާފަދަ ހިތްގައިމު ރިސޯޓެއް ތަރައްގީ ކުރުމަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް ލިބިގެންދާނެ އުޖާލާ ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ..

އެހެން ކަމުން މިއަދު އަޅުގަނޑުގެ ތަޞައްވަރު ބިނާ މިކޮށްލަނީ ކެޑަވާ ހެރަ ބީޗް އެންޑް ސްޕާ ރިސޯޓަށެވެ. ސަރުކާރުގެ ޚަރަދުގައި ކެޑަވާހެރަ ހިމަނައިގެން 7.1 ހެކްޓަރުގެ ބިން އެސަރަހައްދުގައި ހިއްކައި ދޭންޖެހޭނެއެވެ. ޒަމާނީ ފެންވަރުގެ ފިސާރި ހިތްގައިމު ރިސޯޓެއް މިތަނުގައި ވަރަށް ފުރިހަމައަށް ބިނާ ކުރެވޭނެއެވެ.

ތިރީގައި އެވަނީ ކެޑަވާހެރަ ރިސޯޓަކަށް ހެދުމަށް އަޅުގަނޑުގެ ޚިޔާލީ ތަޞައްވަރުގެ ކުރެހުމެކެވެ.

ކެޑަވާހެރަ ރިސޯޓު ތަރައްގީ ކުރުމަށް އަޅުގަނޑުގެ ތަޞައްވަރުގެ ޚިޔާލީ ކުރެހުމެއް

ކުރެހުމުގައި ދައްކާފައިއެވާ ގޮތަށް ނުވަތަ އެއައްވުރެން ފުރިހަމަ ގޮތަކަށް އެތަނުގެ ބިން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސަރުކާރުން ހިއްކާދޭން ވާނެއެވެ. އަދި ވެލިގަނޑު ގިރިގެން ނުދާނެ ގޮތަކަށް އެތަނުގައި އެކަށީގެންވާ ރިވެޓްމަންޓް ޖަހަންވާނެއެވެ. މިކަންކަން ފުރިހަމަ ކުރަންވާނީ ގަވާއިދުން އީއައިއޭ ހެދުމަށްފަހު ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަވާގޮތަކަށެވެ.

މާލޭ ސަރަޙައްދުގެ އެނބޫދޫ ފަޅުގައިވެސް ރިސޯޓުތައް ތަރައްގީ އެކުރަނީ މިފަދަ ގޮތަކަށް ބިންހިއްކައިގެން ނެވެ. އެހެން ކަމުން ރައީސް ޞޯލިޙުގެ ރިޔާސީ ވަޢުދުގައި އެވާ އައްޑޫގެ 8000 އެނދު އުފެއްދުމަށް ވީހާވެސް އަވަހަށް އައްޑޫގެ ފަތުރުވެރިކަން ފަށައިގަންނަން އެބަޖެހެއެވެ.

މިރިސޯޓުގައި ވޯޓާ ވިލާ އާއި ބީޗް ވިލާގެ އިތުރުން ގާޑަން ވިލާ ސްޓައިލުގެ ޖުމުލަ 350 ކޮޓަރި ގާއިމު ކުރަންވާނެއެވެ. މިތަން ތަރައްގީ ކުރުމަށް އެންމެ ރަނގަޅުވާނީ ދުނިޔޭގެ ހޮޓެލް ޗެއިންއަކަށް ދިނުމެވެ. ނަމަވެސް އެތަނުގެ ފަހެއް އިންސައްތައިގެ ޙިއްސާއެއް އައްޑޫ ސިޓީ ކައުންސިލަށް ދޭންވާނެއެވެ.

ރާއްޖޭގެ އެހެން އަތޮޅުތަކާއި ޚިލާފަށް އައްޑޫގައި ފަތުރުވެރިކަން ތަރައްގީ ކުރެވޭނީ ބިންހިއްކައިގެންނާއި އަދި ދޮންވެލި ބީޗް ނުވަތަ ގޮނުދޮށް އުފައްދައިގެންނެވެ. އައްޑު ސިޓީގެ ޖިއޮގްރަފީއަށް ބޮޑެތި ބަދަލުތައް ގެނެސްގެންނެވެ. ހަމަޔަގީނުންވެސް މިފަދަ ބަދަލު ގެނައުމަކީ މިހާރުގެ ސަރުކާރަށް މާއުނދަގޫ ކަމަކަށް ނުވާނެއެވެ.

މިރިސޯޓުގެ ދަތުރު ފަތުރުގެ ޚިދުމަތް ދޭންވާނީ އައުޓް ސޯސް ކޮށްގެންނެވެ. މީގެ ބޭނުމަކީ ވަޒީފާގެ ފުރުސަތު އިތުރު ކުރުމާއެކު ގެސްޓުންނަށް އުނދަގޫ ނުވާގޮތަކަށް ޓްރާންސްފާ ޚިދުމަތް ދިނުމެވެ.

މިރިސޯޓު ބިޑް އުސޫލުން ވަރުގަދަ ހޮޓެލް ޗެއިންއަކަށް ދޫކޮށްލާނީ އައްޑޫ ސިޓީ ކައުންސިލްގެ ފަހެއް އިންސަތަ ޙިއްސާއާއެކު 50 އަހަރުގެ މުއްދަތަކަށެވެ.

މިރިސޯޓުގެ ކުލި ސަރުކާރަށް ނަގަން ފަށަންވާނީ ރިސޯޓު އޮޕަރޭޝަނަށް ހުޅުވި، ބަރާބަރަށް ޚިދުމަތް ދޭންފަށާތާ 6 މަސް ފަހުންނެވެ. ފުރަތަމަ އަހަރު ސަރުކާރަށް ކުލީގެ ގޮތުގައި ނަގަންވާނީ ކަނޑައެޅޭ ކުލީގެ 70 އިންސައްތަ އެވެ. ޖެހިގެން އަންނަ ދެއަހަރު 80 އިންސައްތަ ނަގާއިރު ހަތަރުވަނަ އަހަރު ސަރުކާރަށް ނަގަން ވާނީ ކުލީގެ 90 އިންސައްތައެވެ. ފަސްވަނަ އަހަރު ކުލީގެ ގޮތުގައި ސަރުކާރަށް ނަގަންވާނީ 95 އިން ސައްތަ އެވެ. ފުރިހަމަ ކުލި ސަރުކާރަށް ނަގަން ފަށަންވާނީ 5 އަހަރު ފަހުންނެވެ.

މިރިސޯޓު ތަރައްގީ ވުމުން އައްޑޫ ސިޓީގެ ފަތުރުވެރި ކަމުގެ ސިނާއަތަށް އިތުރުވެގެންދާނީ 700 އެނދެވެ. އެހެންކަމުން ކުރީގައި އުފެއްދިފައިވާ 5526 އެނދުގެ ތެރެއަށް މިއެނދުތައް އެއްކޮށްލުމުން މުޅިޖުމުލަ 6226 އެނދު އުފެއްދުނީ އެވެ.

އައްޑޫ ސިޓީގައި ތަރައްގީ ކުރެވޭ މިރިސޯޓު ތަރައްގީ ކުރުމަށް ބިންހިއްކުމާއި ރިވެޓްމަންޓް ޖެހުމާއި އަދި ވޯޓާ ބްރޭކްސް ލުމުގެ އެންމެހާ މަސައްކަތެއް މިހާރުގެ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 330 ދުވަސް ތެރޭގައި ނިންމަވާ ދެއްވަން ޖެހޭނެއެވެ.

އެމަސައްކަތްތައް ފަށާގަތުމާއެކު އެތަންތަން ކުއްޔަށް ދިނުމަށް އިޢުލާން ކުރެވި ގިނަވެގެން 2 މަސްތެރޭ އެލިބޭފަރާތްތަކާއި ހަވާލު ކުރަންވާނައެވެ. އަދި އެމީހުންނާއި ހަވާލު ކުރެވޭ ދުވަހުން ފެށިގެން 24 މަސް ތެރޭ މަސައްކަތް ނިންމާ 2021 ވަނަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭ ހުޅުވަންވާނަ އެވެ.

އަޅުގަނޑު މިތާވަލް ކުރާގޮތަށް އައްޑޫގެ ފަތުރުވެރިކަން ތަރައްގީވެ އެނދުތައް އިތުރު ވުމަކީ އައްޑޫ ސިޓީގެ އެންމެހާ ރައްޔިތުންވެސް ދެކޭނެ އުއްމީދުން ފުރިގެންވާ ފޮނި ހުވަފެކެވެ. މިހުވަފެން ހަގީގަތަށް ހެއްދެވުމުގެ އެންމެހާ ބާރެއް މިހާރު ލިބިފައި އޮތީ ރައީސް ޞޯލިޙަށެވެ. އައްޑޫ ރައްޔިތުންގެ މިހުވަފެން ހަގީގަތަށް ހައްދަވާ ދެއްވާށެވެ. މިއީ އެންމެހާ އައްޑޫ ރައްޔިތުންގެ ފަރާތުން އަޅުގަނޑު އާދޭހާއެކު އެދޭއެދުމެއް ކަމުގައި ގަބޫލު ކުރައްވާށެވެ.

ނުނިމޭ – ދެން އަންނާނީ ތަޞައްވަރު 11

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް. zu "އައްޑޫ ސިޓީ ޓޫރިޒަމް ތަޞައްވަރު 10 (ކެޑަވާހެރަ ބީޗް އެންޑް ސްޕާ)"

ކިޔުންތެރިންގެ ހިޔާލު

ދީނީ، އަޚްލާޤީ، ޤާނޫނީ މިންގަނޑަށް ފެތޭ ޚިޔާލު ފައުޅު ކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެން.


*