ރައްޔިތުންގެ މަޖިލިސް – އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ މާދަމާ

އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ބާއްވާ އެޕާޓީގެ އެތެރޭގެ ޕްރައިމަރީ މާދަމާ (ޖަނަވަރީ 18، 2019 – ހުކުރު) މުޅިރާއްޖޭގެ ހުރިހާ ހިސާބެއްގައި އޮންނަގޮތަށް ވަނީ ހަމަޖެހިފައެވެ.

އެޕާޓީއިން ހާމަކުރާ ގޮތުގައި މާދަމާ ބާއްވާ އެތެރޭގެ ޕްރައިމަރީ އޮންނާނީ މެންދުރު 14:30 އިން ރޭގަނޑު 20:30 އަށެވެ. 86 ދާއިރާއަކުން ކެނޑިޑޭޓުން ކުރިމަތިލާފައިވާއިރު، ޕްރައިމަރީއަކާ ނުލައި 10 ދާއިރާގެ ޓިކެޓްވަނީ ކަށަވަރުވެފަ އެވެ. ޕްރައިމަރީ އޮންނަ ދާއިރާތަކަށް ވާދަ ކުރަން 279 ކެނޑިޑޭޓުން ވަނީ ކުރިމަތި ލާފައެވެ. އަދި ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓްލިސްޓުގައި ޖުމުލަ 86،091 މީހުން ވޯޓު ލުމަށް ރަޖިސްޓްރީ ވެފައި އެބަ އޮތެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ގިނަމީހުން ބައިވެރިވާނެ ޕްރައިމަރީއެވެ.

މިޕްރައިމަރީއަށް ކުރިމަތި ލާފައިވާ ހުރިހާ ކެންޑިޑޭޓުން އެމީހުންގެ އެންމެ ފަހުގެ ކެމްޕެއިން މުޅިރާއްޖޭގެ އެކި ހިސާބުތަކުގައި ފޯރިއާއެކު ކުރިއަށް އެބަގެންދަ އެވެ. ކެމްޕެއިން ކުރެވޭނެ އެންމެ ފަހުގެ ވަގުތަކީ މިއަދު ހަވީރު 18:00 އާއި ހަމައަށެވެ.

އައްޑޫ ސިޓީގެ 7 ދާއިރާއަކަށް ވާދަކުރާ 25 ކެންޑިޑޭޓުންވެސް ވަރަށް ފޯރިއާއެކު ކެމްޕެއިން ކުރަމުން އެބަދެއެވެ. ހުރިހާ އެންމެންގެވެސް އުއްމީދަކީ ޕްރައިމަރީ ކާމިޔާބު ކުރުމެވެ. އަދި އެޔަގީންކަން އެންމެނަށްވެސް އެބައޮތެވެ. ނަމަވެސް 7 ދާއިރާއިން ޓިކެޓް ލިބޭނީ އެދާއިރާއިކުން އެންމެ ގިނަ ވޯޓް ހޯދާނެ ކެންޑިޑޭޓަށެވެ.

އައްޑޫ ސިޓީގެ މީހުންނަކީ ވަރަށް ވިސްނުންތޫނު ވަރަށް ގާބިލު މީހުންކަމަށް ސިޔާސީ ހުރިހާ ބޭފުޅުންވެސް ބުނެއެވެ. ފަހަރުގައި މިއީ ސިޔާސީ ބޭނުމެއްގައި އައްޑޫ މީހުން ހައްދާލަން ދައްކާ ވާހަކައަކަށްވެސް ވެދާނެއެވެ. މިހެން ބުނަން ޖެހޭ ސަބަބުތައްވެސް ވަރަށް ގިނައެވެ. އެސަބަބުތައް ވިދާޅުވަނީވެސް ހަމަ އެސިޔާސީ ބޭފުޅުންނެވެ.

އަޅުގަނޑުގެ ނަޒަރުގައި އައްޑޫ ސިޓީ ތަމްސީލު ކުރަން ރައްޔިތުންގެ މަޖިލީހަށް ހޮވަން ޖެހޭނީ އެކަމަށް ގާބީލު މީހުންނެވެ. ކޮންމެ ފަހަރަކުވެސް މީހާގެ ފެންވަރާ އަދި ގާބިލިއްޔަތުކަމަށް ނުބަލާ އައްޑޫ ތަމްސީލު ކުރަން މިހޮވެނީ ކަމަށް ގާބިލު މީހުންނޭ ބުނެވޭކަށް ނެތެވެ. ޕާޓީގެ ހަރަކާތްތަކުގައި އަޑުގަދަ ކުރާމީހާ ހޮވިގެން ދަނީއެވެ. އައްޑޫގެ އިގްތިސާދީ މަންފާއަށް ވަކާލާތުކޮށް އެކަމަށް އެއްވެސް ކަމެއް ކޮށްދިން އެންމެ ބޭފުޅަކުވެސް މިހާތަނަށް ފެނިފައި ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

ރާއްޖޭގެ އެހެން ހިސާބު ތަކުގައި މަޖިލީސް މެމްބަރުން މަސައްކަތް ކުރަނީ އެމެންބަރަކު ހޮވިފައިވާ ދާއިރާގެ ކުރިމަގަށް ކަމަށް ހުރިހާދިމާލަކަށް ބަލާލުމުންވެސް އެބަފެނެއެވެ. ނަމަވެސް އައްޑޫ ސިޓީގެ އިގްތިސާދީ ތަރައްގީ ދަނީ މުޅިންވެސް ނުކިއްސަރު ވައްޓަފާޅިއަކަށެވެ.

މިއީ ހަމައެކަނި މިހާރު ހޮވިފައި ތިބި މެމްބަރުންގެ މައްސަލައެއް ކަމަށް އަޅުގަނޑު ގަބޫލު ކުރާހިތެއްވެސް ހަމަ ނެތެވެ. މިކަމުގައި އައްޑޫގެ ހުރިހާ ރައްޔިތުންވެސް ޝާމިލު ވެއެވެ. ދާއިރާގެ އިގްތިސާދީ ތަރައްގީއަށް ވިސްނުމެއްނެތި ތިމާގެ ފިކުރު އިސްކޮށް ތިމާ އެދޭމިހާ ނުވަތަ ތިމާއަށް މަންފާއެއް ލިބޭނެ މީހެއްގެ ފަހަތަށް އަރާ އެމީހަކު ހޮވޮމުގެ މައްސަލަ އިންތިހާއަށް ބޮޑެވެ.

ނަމަވެސް އައްޑޫސިޓީގެ މީހުން މިހާރު ވިސްނުން ބަދަލު ކޮށްލަން އެބަޖެހެއެވެ. އެއީ މުސްތަގުބަލައްޓަކައި އެޅޭނެ ވަރަށް މުހިއްމު ފިޔަވަޅަކެވެ. ދަރިންގެ ދަރިންނަށްޓަކައި ކޮށްދެވޭނެ އެންމެ އަގުބޮޑު އިންވެސްޓްމަންޓެވެ. ވިސްނަންވީ ތިމާ އަމިއްލަ މަންފާއަށް ވުރެން މުޅި މުޖުތަމަޢުގެ ލާބަޔާ ކުރިއެރުމަށެވެ. މިކަން ކުރެވޭނީ ކަންކަމަށް ގާބިލު މީހުން މަގާމުތަކަށް އިސްކޮށްގެންނެވެ.

މާދަމާގެ ޕްރައިމަރީއަކީ ދާއިރާގެ ކުރިމަގަށް ދެވޭ ވޯޓެއް ކަމުގައި ހައްދަވާށެވެ. ސޯޝަލް މީޑިއާގައި އެކްޓިވް މީހާ ނުވަތަ މުޒާހަރާތަކުގެ އެންމެ ހަރަކާތްތެރިވާ މީހާ ނުވަތަ މީޑިއާތަކުގައި އަޑުގަދަ ކުރާމީހާއަކީ، ކަމަށް އެންމެ އެކަށޭނެ މީހާކަމުގައި ނުބައްލަވާށެވެ. ތިމާގެ ދާއިރާއަށް ލިބެންޖެހޭ ޙައްޤު މިންވަރު ހޯދަދޭން މަސައްކަތް ކޮށްދޭނެ އިޚްލާސްތެރި ގާބިލު މީހަކު ހޮވާށެވެ.

މީގެ ކުރީގައި ފެނިގެންދިޔަ ކަންކަމަށް ރިއާޔަތްކޮށް، އެކަމުން ފިލާވަޅު ލިބި ތިމާގެ ވިސްނުން އިސްކޮށް ދާއިރާގެ ތަރައްގީއަށް ވޯޓު ދޭށެވެ. ތިމާ ވޯޓުދީގެން ހޮވާމީހާއަކީ ވިޔަފާރިވެރިއެއްގެ އެޖެންޓެއްކަމަށް ނުވަތަ އެހެން ފަރާތެއްގެ އެޖެންޓެއް ކަމުގައި ވެއްޖެނަމަ އެފަދަމީހެއްގެ ހުރިހާ ކަމެއް ބައްޓަންވަމުންދާނީ އޭނަގެ ވެރި މީހާގެ ކުރިމަގު އުޖާލާ ކުރުމަށެވެ. ދާއިރާގެ އެއްވެސް ކަމެއް ހަނދާނެއް ނުހުންނާނެއެވެ. ރައްޔިތުންގެ އިޙްސާސްތަކެއް ނުމެ ދަންނާނެއެވެ.

ބައެއް މީހުން ގަބޫލު ކުރާގޮތުން މިއީ މުއްސަނދި ވުމަށް އެމީހަކު ކޮށާލާ މަގެކެވެ. ނުވަތަ ތިމާގެ ވިޔަފާރި މެކްހަށް ޖަހާލަން އޮމާންކޮށްލާ ހަރުފަތްތަކެކެވެ. މިބީދައިން ދާނަމަ މުޅިރާއްޖޭގެ ކުރިމަގު ކުރިއަށްވުރެން ބަނަވާނެކަމީ ޔަގީންވެ ކަށަވަރު ވާކަމެކެވެ.

ދާއިރާގެ ކުރިމަގަށް ހުރިހާ ދިމާލަކުންވެސް ވަކާލާތު ކުރެވޭ ގާބިލު މީހަކަށް ފުރުސަތު ދޭށެވެ. އައްޑޫ ސިޓީ އަކީ އެތަނެއްގައި މީހުން ވަޒަންވެރިވުމަށް ހިތްފަސޭހަ ތަނަކަށް ހެދުމަށާއި އަދި އާއިލާއާއި އެއްކޮށް އެކީގައި އުޅެވޭނެފަދަ އިގްތިސާދީ ތަރައްގީއެއް ގެނުވާ ދެވޭނެ ކެންޑިޑޭޓަކަށް ފުރުސަތު ދެއްވާށެވެ.

ގައުމީ ފެންވަރުގައްޔާއި އަދި ބައިނަލް އަގުވާމީ ފެންވަރުގައި ދާއިރާއަށް ޙައްޤުވާ މިންވަރު ހޯދުމަށް ވަކާލާތުކުރެވޭ، އެތެރޭގެ އޮއިވަރާއި ބޭރު ދުނިޔޭގެ އޮއިވަރު ރަނގަޅަށް ދަންނަ ކެންޑިޑޭޓަކަށް ފުރުސަތު ދެއްވާށެވެ. އެކެންޑިޑޭޓަކު ހޮވުމަށް އެންމެން އެކުއެކީ ނިކުންނާށެވެ. އެއީ ދާއިރާގެ މުސްތަގުބަލުގެ ޙައްގުގައިކަން ދަންނާށެވެ. މިއީ މިއަދުގެ ކުޑަކުދިންގެ ޙައްގުގައި ތިމާއަށް ކުރެވޭނެ އެންމެ މުހިއްމުކަން ކަމުގައި ދެކޭށެވެ.

އެއްފުޅަންމަތިން ފުންމާލި ބަކަރި އަނެއް ފުޅަށްމަތިން ފުންމާލައޭ ބުނާތި އަބަދުވެސް އަޑު އިވެއެވެ. އެއީ ދިވެހިބަހުގެ ހަރު ބަހަކެވެ. އެތައް ފަހަރަކު ދާއިރާގެ ތަރައްގީއަށް ހުރަސް އަޅާފައިވާ މީހަކު އޭނަގެ ވިސްނުން ބަދަލު ކޮށްލާނެ ކަމަކަށް ދެކިގެން ނުވާނެއެވެ. މީގެ ކުރިންވެސް އަދި މިހާރުވެސް ހިނދޮކޮޅު އަންނަ މީހުން އެކަން ހުއްޓާލާނެ ކަމަށް ދެކުމަކީ ގޯހެކެވެ. ފެންނަ ފެނުމަށް ހިނިތުންވާނެއެވެ. އެހެނަސް އެތެރޭގެ ޙާލަތު ހަމަ އެގޮތެވެ. އެފަދަ މީހުންނަކީ ދާއިރާ ތަމްސީލު ކުރާބައެއްކަމުގައި ވެއްޖެނަމަ އޭގެ މާނައަކީ އެއީ ދާއިރާގެ މީހުންގެ ވިސްނުމުގެ ހާލަތެވެ. އެކެންޑިޑޭޓުގެ އެއްވެސް މައްސަލައެއް ފަހުން ޖެއްސުމުގެ ހައްގެއް ދާއިރާގެ މީހުންނަކަށް ނޯންނާނެއެވެ.

އެހެންކަމުން ދާއިރާގެ ޙައްގު މަގާމު ހޯދުމަށް، ކަންކަމަށް ގާބިލު މީހުން ހޮވުމަކީ ދާއިރާގެ ހުރިހާ ރައްޔިތުންގެ މަސްއޫލިއްޔަތަކެވެ. އެމަސްއޫލިއްޔަތު އަދާ ނުކުރެވި ފަހުން އެކަމާ ހިތާމަ ކުރުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ.

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް. zu "ރައްޔިތުންގެ މަޖިލިސް – އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ މާދަމާ"

ކިޔުންތެރިންގެ ހިޔާލު

ދީނީ، އަޚްލާޤީ، ޤާނޫނީ މިންގަނޑަށް ފެތޭ ޚިޔާލު ފައުޅު ކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެން.


*