ހަތެއް ސުމެއްގެ ނަތީޖާއިން އައްޑޫ ސިޓީ ތަރައްގީ ޔަގީން ؟؟

އައްޑޫ ސިޓީގެ ތަރައްގީއަށް އަބަދުވެސް އެޅިފަ އޮންނަ އެންމެ ބޮޑު ހުރަހަކީ ރައްޔިތުން އިންތިޚާބު ކުރާ ފަރާތްތައް އެއްމިސްރާބަކަށް މަސައްކަތް ނުކުރުމުގެ ޝަކުވާއެވެ. އެއީ ރައީސުލްޖުމުހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީސް މެމްބަރުންގެ އިތުރުން ކައުންސިލް މެމްބަރުން އެއްގަލަކަށް ނޭރި ތަރައްގީ ނުވެގެން އުޅޭ ބޮޑު ޝަކުވާއެވެ.

މިފަހަރުގެ ރައްޔިތުންގެ މަޖިލީސް އިންތިޚާބާއެކު، އައްޑޫ ސިޓީގެ ހަތެއް ސުމެއްގެ ނަތީޖާއިން މިނުތަނަވަސް ކަން ފަލައި ދިޔައީ އެވެ. މީގެއިން ދޭހަވާ ހަގީގަތަކީ އައްޑޫ ސިޓީގެ ރައްޔިތުން އިއްތިފާގު މިވަނީ ސިޓީގެ ތަރައްގީ އެއްވެސް ތަފާތު ކުރުމެއް ނެތި ބޭނުންވާ ކަމެވެ. މިހާރުގެ ސަރުކާރަށް އެކަން ކުރުމަށް ހަމަޔަގީނުންވެސް އެއްވެސް ހުރަހެއް ކުރިމައްޗެއް ނުވާނެ އެވެ.

ސަރުކާރުން ކުރަން ނިންމާ ތަރައްގީގެ ކަމަކަށް ނޫނެކޭ ބުނާނެ އެހެން ފަރާތެއް މިހާރަކު ނެތެވެ. ކައުންސިލުން ގެންނަން ބޭނުންވާ ތަރައްގީ ކުރުމަށް ކެބިނެޓް މިނިސްޓަރުންގެ އަރިހަށް އާދޭސް ކުރަން ދާކަށް ނުޖެހޭނެ އެވެ. ތަރައްގީއަށް ބޭނުންވާ ޤާނޫނު ފަރުމާކުރުމަށް ހުރަސް އަޅާނެ މަޖިލީސް މެމްބަރަކު ހަމަގައިމު ނެތެވެ. އައްޑޫ ސިޓީއަށް ކަނޑައެޅިފަ އޮންނަ ނުވަތަ ސަރުކާރުން އައްޑުއަށް ކުރަން ނިންމާފަ އޮންނަ ތަރައްގީގެ މަޝްރޫޢުއެއް އެހެން ދިމާލަކަށް ފޮނުވާލުމަށް ވޯޓު ދޭނެ މެމްބަރަކު ނުހުންނާނެ އެވެ.

އައްޑޫ ސިޓީގައި މީގެ ކުރިން އަޅަން ނިންމާފައޮތް ހައުސިން ޕްރޮޖެކްޓްތައް އޭރު މަޖިލީސް ތެރެއިން ގެންދިޔަކަމުގަ ވިޔަސް މިހާރަކު އެކަމެއް ކުރާނެ އެއްވެސް މެމްބަރަކު ގައިމު ނުހުންނާނެ އެވެ. ހޮސްޕިޓަލް އަޅަން ނުވަތަ އެހެން އިޖްތިމާއީ ޚިދުމަތެއް ދިނުމަށް ބޭނުންވާ އިމާރާތެއް ކުރުމަށް ބިންހަމަ ނުޖެހިގެން އުޅޭކަށް ނުޖެހޭނެ އެވެ. ކައުންސިލުން އެކަމަށް ހޭވައްލާ އެއްބާރުލުން ދޭނެ އެވެ.

ގެސްޓް ހައުސް ވިޔަފާރި ކުރުމަށް ކައުންސިލުން ބިން ހަމަޖެއްސާއިރަށް ސަރުކާރުން އެކަމެއް ނުހުއްޓުވާނެ ކަން ރޭގަނޑާ ދުވާލު ވަކިވާ ހުރިހާ އެންމެނަށް މިހާރު ޔަގީން ވާނެއެވެ. ހުރިހާ ކަމެއް ކުރުމަށް މިއޮތީ ރަނުގެ ފުރުސަތެއް ކަށަވަރުވެ ޔަގީން ވެފައެވެ. އެހެން ކަމުން ހަތެއް ސުމެއްގެ ނަތީޖާއާއެކު އަވަހަށް ތަރައްގީ މެކުހަށް ޖަހާލަންވީ އެވެ. ހުރިހާ އެންމެނަށް ތަރައްގީގެ ފޮނިމީރުކަމާއި ތާހިރު ދިރިއުޅުމެއް އުޅެވޭނެ ކަމުގެ ފުރިހަމަ ޖަގީންކަން ލިބުނީ އެވެ.

ނޫއިޤްތިސާދުގެ ދަށުން އިގްތިސާދީ ތަރައްގީގެ ދުވެލި އަވަސް ކޮށްލަންވީ އެވެ. ކޮންމެ ރައްޔިތު މީހަކަށް އާމްދަނީ ލިބޭނެ ހުރިހާ ފުރުސަތެއް ހުޅުވާލަން ދެކޮޅު ހަދާނެ އެއްވެސް މަޚްލޫގަކު ހަމަޔަގީނުން އައްޑޫ ސިޓީއަކު މިހާރަކު ނުހުންނާނެ އެވެ.

ޖަޒީރާވަންތަ ތަރައްޤީގެ މާބަގީޗާގެ މާތައް ފޮޅެލުމަށް ހިޔާވަހިކަން މިއޮތީ ކަށަވަރުވެ ޔަގީންވެފަ އެވެ. މިއީ އައްޑޫ ސިޓީގެ ކޮންމެ ރައްޔިތަކު ދެކޭ އެންމެ އުފާވެރި ފޮނި ހުވަފެނެވެ. މިހުވަފެން އެކީއެކަށް އެއްވެސް ތަފާތު ކުރުމެއް ނެތި އެމްޑީޕީގެ ސަރުކާރުން ހަގީގަތަކަށް ހައްދަވާ ދެއްވާނެ ކަމީ އައްޑޫގެ ކުދިބޮޑު އެންމެން ގަބޫލު ކުރާ ގޮތްކަމާއެދު ދެބަސްވާނެ މީހަކު ނެތެވެ.

އައްޑޫ ސިޓީގެ ތަރައްގީގެ އެންމެ ފުރަތަމަ މަސައްކަތަކަށް މުޅި ސިޓީގެ ހުރިހާ ރައްޔިތުން އެދޭކަމަކީ، ފެނާނަރުދަމާގެ ވިއުގަ ވީހާވެސް އަވަހަކަށް ނިންމަވާ ދެއްވާ ހުރިހާ ގޭބިސީއަކަށް އެޚިދުމަތް ލިބިގެން ދިއުމެވެ. އަދި މިހާރު ކުރިމަތި ވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުވެގެން ދިއުމެވެ. ހަމަ މިއާއި އެކު އައްޑޫ ސިޓީގެ ހުރިހާ މަގެއްގައި ތާރު އެޅި ފެންވަރު ރަނގަޅު މަގުތައް ހެދިގެން ދިއުމެވެ. އެއަށްފަހު އިގްތިސާދީ ތަރައްގީގެ ޕްލޭންތައް ކުރިއަށް ގެންދިއުމެވެ.

ފެނާއި ނަރުދަމާގެ އިތުރުން މަގުތަކުގެ ތާރު މަސައްކަތް ނިމޭއިރު ފޭދޫގައި މިހާރު ހިއްކާފައިވާ ބިމުގެ ލޭންޑް ޔޫސް ޕްލޭން ހެދި އެސަރަހައްދުގައިވެސް ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާ މަގުތަކުގައި ތާރު އެޅެންވާނެއެވެ. ހަތެއް ސުމެއްގެ ނަތީޖާއިން ހަރުއަޑުން މިގޮވަނީ މިކަން ކުރިއަށް އޮތް ހައެއްކަމަސް ތެރޭ ނިމިގެން ދިއުމަށެވެ.

ރައީސް ޞޯލިޙުއެވެ. އައްޑޫ ރައްޔިތުން މިތިބީ މަނިކުފާނާ އެކު އެކީގައެވެ. މަނިކުފާނަށް ހުރިހާ ގޮތަކުން އެއްބާރުލުން ދެއްވާށެވެ. މަޖިލީސް އިންތީޚާބުގެ ނަތީޖާއިން މަނިކުފާނަށް އެކަން ޔަގީން ވާނެއެވެ. އެހެން ކަމުން އައްޑޫ ސިޓީގެ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހައްދަވާ ދެއްވާށެވެ. ސަރުކާރާ ދެކޮޅު އެއްވެސް ބަޔަކު މިހާރަކު އައްޑޫ ސިޓީއަކު ނެތެވެ. އައްޑޫގެ ތަރައްގީއަށް މަނިކުފާނު އަޅުއްވާ ކުޑަ ގާކޮޅެއްވެސް އެއްލާލާ އެކަމަށް ދެކޮޅު ހަދާނެ އެއްވެސް މީހަކު ނުހުންނާނެ ކަމީ ކަށަވަރުވެ ޔަގީންވާ ކަމަކެވެ. ހަތެއް ސުމެއްގެ ނަތީޖާއިން އައްޑޫ ސިޓީގެ ތަރައްގީ ޔަގީންކޮށްލަ ދެއްވާށެވެ.

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް. zu "ހަތެއް ސުމެއްގެ ނަތީޖާއިން އައްޑޫ ސިޓީ ތަރައްގީ ޔަގީން ؟؟"

ކިޔުންތެރިންގެ ހިޔާލު

ދީނީ، އަޚްލާޤީ، ޤާނޫނީ މިންގަނޑަށް ފެތޭ ޚިޔާލު ފައުޅު ކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެން.


*