އުރީދޫގެ އަހަރީ އާންމު ޖަލްސާ މެއި ހަވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބާއްވަން ނިންމައިިފި އެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހައެއްވާ އާދީއްތަ ދުވަހުގެ ރޭ 8:30 ގައި، ހޮޓެލް ޖެންގެ ބޯލްރޫމްގަ އެވެ.

މިޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، މިދިޔަ އަހަރުގެ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި، މިދިޔަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް އަހަރަށް އުރީދޫ މޯލްޑިވްސްއަށް އޮޑިޓަރެއް އައްޔަނުކުރުމާއި، ކުރިއަށް އޮތް އަހަރަށް ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ އުޖޫރަ ހަމަޖެއްސުމާ މެދު ގޮތެއް ނިންމުމަށްވެސް މިޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

އުރީދޫގެ 90.5 އިންސައްތަ ހިއްސާ ކުރާ ވަތަނިއްޔާ އިންޓަނޭޝަނަލްއަށް ޑިރެކްޓަރުންގެ ބޯޑަށް ހަތް މެންބަރުން އައްޔަންކުރުމުގެ ބާރު ލިބިފައިވެ އެވެ. އަދި ކުރިއަށް އޮތް އަހަރަށް އުރީދޫގެ އޮޑިޓަރުކަމަށް ކުރިމަތިލާފައިވަނީ މިދިޔަ އަހަރުވެސް އެ ކުންފުނި އޮޑިޓް ކުރި ކޭޕީއެމްޖީއާއި، ޕްރައިސްވޯޓާހައުސްކޫޕާސް މޯލްޑިވްސްގެ އިތުރަށް އާންސްޓް އެންޑް ޔަންގެވެ. އަހަރީ އާންމު ޖަލްސާގައި އެ ކުންފުނި އޮޑިޓް ކުރާނެ އޮޑިޓަރަކު ވެސް ކަނޑައަޅާނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.20 ރުފިޔާ ބެހުމަށެވެ. އަހަރީ އާންމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުގެ މި ނިންމުމަށް ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ވޯޓަށް އަހާނެ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 26ވާ ބުރާސްފަތި ދުވަހުގެ ރޭ 8:00 ޖެހުމުގެ ކުރިން ކުންފުނީގައި ރަޖިސްޓްރީވެފައިވާ ހިއްސާދާރުންނަށް ކަމަށެވެ. އަދި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މެއި ތިނެއްވާ އަންގާރަ ދުވަހުގެ ހަވީރު 4:30ގެ ކުރިން ޕްރީރަޖިސްޓްރޭޝަން ފޯމު ފުރައި، އުރީދޫއަށް ހުށަހަޅަން ޖެހެ އެވެ.
ޖަލްސާ ފެށުމުގެ ކުރިން ރަޖިސްޓަ ނުކުރާ ފަރާތްތަކަށް އަހަރީ އާންމު ޖަލްސާގައި ބައިވެރި ނުވެވޭނެ ކަމަށްވެސް އުރީދޫއިން މައުލުމާތުދެ އެވެ.

ޖަލްސާއަށް ހާޒިރުވާން ޕްރީ ރަޖިސްޓްރޭޝަން ފޯމު ހުށަހެޅި ފަރާތްތަކުން ޖަލްސާއަށް ރަޖިސްޓްރީވުން ކުރިއަށް ދާނީ އަހަރީ އާންމު ޖަލްސާ އޮންނަ ރޭ، 7:30 އިން 8:30 އަށް ހޮޓެލް ޖެންގަ އެވެ. އުރީދޫއިން ބުނީ އަމިއްލަ ނަމުގައި ނުވަތަ ޕްރޮކްސީ ހިފައިގެންދާ ފަރާތްތަކަށް، ކޮންމެ ހިއްސާދާރަކަށް ކޮންމެ އެޖެންޑާ އައިޓަމަކަށް އެއް ވޯޓު ލެވޭނެ ކަމަށެވެ.

މިފަހަރުގެ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ޑައިރެކްޓަރަކު އައްޔަންކުރުމަށް ހަމަޖެހިފައެއް ނުވެ އެވެ. ސަބަބަކީ މިވަގުތު އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު އެމަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކަމަށްވާތީ އެވެ. އެހެންކަމުން އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އޭނާއަށް އެ މަގާމުގައި ދެމިހުރެވޭނެ އެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކޮށްފައިވަނީ ކުރީގެ މިނިސްޓަރު އަދި ސްޓެލްކޯގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޒުހޫރެވެ.