މިސްރުގައި ބަންދުކޮށްފައިވާ އަލްޖަޒީރާގެ ނޫސްވެރިޔާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މިސްރުގައި ހައްޔަރުކޮށްފައިވާ އަލްޖަޒީރާގެ ނޫސްވެރިޔާ މުހައްމަދު ހުސައިން ބަންދުގައި ހުންނަތާ 500 ދުވަސް ހަމަވާން ކައިރިވެފައިވަނިކޮށް އަނެއްކާވެސް އޭނާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި އެވެ.

އެއްވެސް ހުކުމެއް ނީއްވާ އަލް ޖަޒީރާގެ ނޫސްވެރިޔާ ބަންދުގައި ބަހައްޓާފައިވަނީ މިސްރުގެ ޖަލެއްގަ އެވެ. އޭނާގެ ބަންދަށް އިއްޔެ ވަނީ 45 ދުވަސް އިތުރުކޮށްފަ އެވެ.

ގަތަރުގައި ހުންނަ އަލްޖަޒީރާގެ މައި އޮފީހުގައި މަސައްކަތް ކުރަމުންދިޔަ ހުސައިން ޗުއްޓީއެއް ހޭދަކޮށްލުމަށް މިސްރަށް ގޮސް އުޅެނިކޮށް މިސްރުގެ ސިފައިން އޭނާ ހުއްޓުވާ ސުވާލުކުރުމަށްފަހު ހައްޔަރުކުރީ 20 ޑިސެމްބަރު 2016 ގައި ވެރިރަށް ގާހިރާއިންނެވެ.

އޭނާ ހައްޔަރުކުރިތާ ފަސް ދުވަސް ފަހުން މިސްރުގެ އިންޓީރިއާ މިނިސްޓްރީން ވަނީ ހުސައިން އަކީ މިސްރުގެ އަގު ވައްޓާލުމުގެ ގޮތުން ދޮގު ހަބަރު ފެތުރުމަށް ބައިނަލްއަގްވާމީ ގޮތުން ފަންޑު ހޯދައިގެން މަސައްކަތް ކުރާ ނޫސްވެރިއެއް ކަމަށް ތުހުމަތު ކޮށްފަ އެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާގެ މައްޗަށް އެއްވެސް ތަހްގީގެއް ނުހިންގާ ޖަލުގައި ހުންނަތާ 500 ދުވަސް ހަމަވާން ކައިރިވެފައިވާއިރު ނޫސްވެރިން ހިމާޔަތް ކުރާ މަދަނީ ޖަމްއިއްޔާތަކުން ވަނީ އޭނާ ދޫކޮށްލުމަށް ގޮވާލާފަ އެވެ.

މިސްރުގެ ގާނޫނުތައް ބުނާގޮތުން ތަހްގީގަކާއި ނުލާ އެގައުމުގައި މީހަކު ހައްޔަރުކޮށްފައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ ދެ އަހަރެވެ. ނޫސްވެރިޔާ ހުސައިން ބަންދުގައި ހުންނަތާ ދެ އަހަރު ވާނީ މިއަހަރުގެ ޑިސެމްބަރަށެވެ.

ގަތަރުގެ ދޯހާގައި ހުންނަ އަލްޖަޒީރާގެ މައި އޮފީހުގައި މަސައްކަތް ކުރުމުގެ ކުރިން ހުސައިން ވަނީ މިސްރުގެ ގާހިރާގައި ހުރި އަލްޖަޒީރާގެ ބިއުރޯގައިވެސް މަސައްކަތް ކޮށްފަ އެވެ. އެހެންނަމަވެސް މިހާރު އެ ބިއުރޯ ވަނީ ބަންދުކޮށްފަ އެވެ.

ހުސައިންގެ އާއިލާއިން ބުނީ ޖަލުގައި ހުސައިން ބަންދުކޮށްފައިވާއިރު ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ހުސައިން ވަނީ ވަރަށް ބޮޑަށް ނިކަމެތިވެފައި ކަމަށެވެ.

މިސްރުން އަލްޖަޒީރާގެ ނޫސްވެރިޔާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށް އެއްވެސް ޝަރުތަކާ ނުލާ ހުސައިން ދޫކޮށްލުމަށް އަލްޖަޒީރާއިން ވަނީ މިސްރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފަ އެވެ.