މާލޭ ލީގު: އީގަލްސް ބަލިކޮށް މާޒިޔާ ދެވަނައަށް ޖެހިލައިފި

އެސްޓީއޯ މާލޭ ލީގުގައި ކޮނޭލިއަސް ސްޓެވާޓް ކާމިޔާބުކުރި ދެ ލަނޑުން އީގަލްސް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޕޮއިންޓް ތާވަލުގެ ދެވަނަ އަށް ޖެހިލައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މި މެޗު އީގަލްސްއާ ވާދަކޮށް މާޒިޔާ އިން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ކުރީކޮޅު ލަނޑު ޖަހާ މާޒިޔާ އިން ވަނީ ލީޑު ނަގާފަ އެވެ. މި ލަނޑު ހަތަރުވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓެވާޓް އެވެ. އެހެންނަމަވެސް މި ލަނޑާއެކު އީގަލްސް އިން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް އީގަލްސް ކުޅުނުއިރު، ލަނޑު ޖެހުމަށްވެސް ހުސް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

ދެވަނަ ހާފް ފެށިގެން މާޒިޔާ އިން ރަނގަޅަށް ކުޅުނެވެ. އަދި ލަނޑު ޖެހުމަށްވެސް ގިނަ ފުރުސަތު އެޓީމުން ތަނަވަސްކުރި އެވެ.

މާޒިޔާ އިން ލީޑު ފުޅާކުރީ އިތުރު ވަގުތުގަ އެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓެވާޓް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އޭނާ އެވެ.

ލީގުގެ އެއްވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ދެވަނައިގައި އޮތް މާޒިޔާ އަދި ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އާއި ޓީސީ އަށް ފުރަތަމަ ބުރު ނިމިފައިވާއިރު، ނިއު އަތުގައި އަދި މެޗެއް އެބައޮތެވެ.

މި މެޗުން މޮޅުވެގެން ލީގުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އީގަލްސް އަށް އޮތްއިރު އެ ޓީމު ބަލިވުމުން ވަނީ ފަސްވަނަ އަށް ވެއްޓިފަ އެވެ. އީގަލްސް ފުރަތަމަ ބުރު ނިންމާލީ ހަތް މެޗުން 11 ޕޮއިންޓާ އެކު އެވެ. ލީގުގެ ހަތަރު ވަނައިގައި އޮތީ ހުކުރު ދުވަހުގެރޭ ނިއު އަތުން މޮޅުވި ވިކްޓަރީ އެވެ. އެ ޓީމަށް ހަތް މެޗުން ލިބުނީ 12 ޕޮއިންޓެވެ.