ކޮޕާޑެލްރޭ: ބޮޑު ތަފާތަކުން ސެވިއްޔާ ބަލިކޮށް ބާސާ ޗެމްޕިއަންކަން ހޯދައިފި

ބޮޑު ތަފާތަކުން ސެވިއްޔާ ބަލިކޮށް ބާސާ އިން ކޮޕާޑެލްރޭގެ ތަށި އުފުލާލައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ސެވިއްޔާއާ ވާދަކޮށް ބާސާ އިން މެޗު ކާމިޔާބުކުރީ 0-5ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅުނީ ބާސާ އެވެ. އެގޮތުން 14 ވަނަ މިނެޓުގައި ފިލިޕޭ ކުޓީނިއޯގެ އެހީތެރިކަމާއެކު ލުއިސް ސުއަރޭޒް ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ.

މި ލަނޑަށްފަހުވެސް ބާސާއިން ދިޔައީ މޮޅަށް ކުޅެމުންނެވެ. އެގޮތުން 31 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯޑީ އަލްބާގެ އެހީތެރިކަމާއެކު ލިއޮނެލް މެސީ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސާ އިން ވަނީ ތިންވަނަ ލަނޑު ޖަހާފަ އެވެ. މި ލަނޑު މެސީގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ސުއަރޭޒް އެވެ. ސުއަރޭޒް ވަނީ ބާސާއާއެކު އޭނާ ކުޅުނު ހުރިހާ ފައިނަލެއްގައި ލަނޑު ޖަހާފަ އެވެ. އޭނާ ވަނީ ބާސާއާއެކު ފަސް ފައިނަލެއްގައި ކުޅެފަ އެވެ.

ފުރަތަމަ ހާފް ނިމުނީ 0-3 ގެ ނަތީޖާއިން ސެވިއްޔާގެ މައްޗަށް ބާސާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ބާސާއިންނެވެ. އެގޮތުން އެޓީމުން ވަނީ 52 ވަނަ މިނެޓުގައި ހަތަރުވަނަ ލަނޑު ޖަހާފަ އެވެ. މި ލަނޑު މެސީގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އަންދްރޭސް އިނިއެސްޓާ އެވެ.

ބާސާގެ ފަސްވަނަ ލަނޑު 71 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ފިލިޕޭ ކުޓީނިއޯ އެވެ. މި ލަނޑަށްފަހުވެސް ބާސާ އަށް ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެެއް ލިބި ބޭކާރުވެފަ އެވެ.

މިއީ ބާސާ އިން ކޮޕާޑެލްރޭ ޖައްސަ ޖައްސައިގެން ކާމިޔާބުކުރި ހަތަރުވަނަ ފަހަރަށްވާއިރު، މިއީ ބާސާގެ ތާރީހުގައި ހަތަރު ފަހަރު ޖައްސަ ޖައްސައިގެން ކޮޕާޑެލްރޭ ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މީގެއިތުރުން ބާސާ ވެގެންގޮސްފައިވަނީ 1933 ވަނަ އަހަރު ފަހުން ކޮޕާޑެލްރޭ ހަތަރު ފަހަރު ޖައްސަ ޖައްސައިގެން ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ. މީގެކުރިން އެތްލެޓިކް ކްލަބް ވަނީ ޖައްސަ ޖައްސައިގެން ހަތަރު ފަހަރު ކޮޕާޑެލްރޭ ކާމިޔާބުކޮށްފަ އެވެ.

ބާސާ އިން ވަނީ ކޮޕާޑެލްރޭ 30 ފަހަރު ކާމިޔާބުކޮށްފަ އެވެ. އެންމެ ގިނައިން މި މުބާރާތް ހޯދާފައިވަނީވެސް އެޓީމުންނެވެ. ބާސާގެ ފަހަތުން އެންމެ ގިނައިން ކޮޕާޑެލްރޭ ހޯދާފައިވަނީ އެތްލެޓިކް ކްލަބުންނެވެ. އެޓީމުން ވަނީ ކޮޕާޑެލްރޭ 23 ފަހަރު ކާމިޔާބުކޮށްފަ އެވެ.