ލީގުގެ ދެ ވަނަ މަގާމްގައި ޔުނައިޓެޑަށް ހަތަރު ޕޮއިންޓުގެ ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމްގައި މެންޗެސްޓާ ޔުނައިޓެޑުން ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލީގުގެ ދެ ވަނަ މަގާމްގައި ޔުނައިޓެޑުން ހަތަރު ޕޮއިންޓުގެ ލީޑެއް ނެގީ ރޭ ރަށުންބޭރުގައި ބޯންމައުތުއާ ދެކޮޅަށް ކުޅުނު މެޗް 2-0 ލަނޑުން ކާމިޔާބު ކޮށްގެންނެވެ.

ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު 28 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އިނގިރޭސި ޑިފެންޑަރު ކްރިސް ސްމޯލިން އެވެ. އަދި ޔުނައިޓެޑްގެ ދެ ވަނަ ލަނޑު 70 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ.

ރޭގެ މޮޅާއެކު ލީގް ތާވަލްގެ ދެ ވަނަ މަގާމްގައި ޔުނައިޓެޑް އޮތީ މިހާތަނަށް ކުޅުނު 34 މެޗުން ލިބުނު 74 ޕޮއިންޓާއެކު އެވެ. އަދި ލީގުގެ ތިން ވަނައިގައި އޮތް ލިވަޕޫލަށް 34 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ލީގުގެ ހަތަރު ވަނަ މަގާމްގައި އޮތް ޓޮޓެންހަމްއަށް ލިބިފައި އޮތީ 34 މެޗުން 68 ޕޮއިންޓެވެ.

ރޭގެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ރޭ މެޗުގައި ކުޅުންތެރިންގެ ފަރާތުން ވަރަށް ޕްރޮފެޝަނަލް ސިފަތަކެއް ފެނިއްޖެ ކަމަށާއި މިނަތީޖާއާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު ޓޮޓެންހަމާ ދެކޮޅަށް ކުޅޭ އެފްއޭ ކަޕް ސެމީ ފައިނަލް މެޗުގައި ކުޅޭ ހިތުން ތިބިކަން ހުރިހާ ކުޅުންތެރިން ވެސް މި މެޗުން ދައްކުވައިދީފި ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.